بســم اللّـه الرّحمـن الرّحيــم
އާދެ، އެންމެ ފުރަތަމަވެސް ސަރުކާރު މުވައްޒަފުންގެ ނާދީގެ މެންބަރުންގެ މެދުގައި ހިންގުނު ފުރަތަމަ ކުޅިވަރު މުބާރާތުން، އޭގެ އެކި ކުޅިވަރުތަކުން 1 ވަނަ ހޯއްދެވި ފަރާތްތަކަށް އުފަލާއެކު ތަހުނިޔާ ދެންނެވުމަކީ، މިރޭ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން. މި މުބާރާތަކީ ވަރަށް ކުއްލިގޮތެއްގައި ސަރުކާރު މުވައްޒަފުންގެ ނާދީގެ ފަރާތުން އިންތިޒާމު ކުރެއްވި މުބާރާތެއް. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ މުބާރާތް ހިނގާފައި ވަނީ ވަރަށް ފުރިހަމަކޮށޭ. މުބާރާތް އިންތިޒާމު ކުރައްވަން، ކަމާބެހޭ ބޭފުޅުންނަށް ލިބިވަޑައިގަތީ ކިތަންމެކުޑަ ވަގުތުކޮޅެއް ކަމުގައިވިޔަސް، ވަރަށް ރަނގަޅަށް ހުރިހާ ކަމެއް އިންތިޒާމު ކުރައްވައި، ވަރަށް އެކަށީގެންވާ ގޮތެއްގައި މުބާރާތް ހިނގައި ނިމިދިޔައީ.
އެހެންވީމާ، އެކަމަށްޓަކައި، ނާދީ ހިންގަވާ ފަރާތްތަކަށް، ޚާއްޞަކޮށް، އަލްފާޟިލް ޢުމަރު ޒާހިރަށާއި، ނާދީގެ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހީމް މުޙައްމަދު މަނިކަށާއި އަދި މި މުބާރާތް ހިންގެވުމުގައި އިސްވެ އުޅުއްވި އަލްފާޟިލް މައިޒާން ޢަލިމަނިކަށާއި އަދި އެނޫންވެސް ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި މުބާރާތަށް ތިޔަބޭފުޅުންގެ ފަރާތްޕުޅުން އާދެ، ނާދީގެ މެންބަރުންގެ ފަރާތްޕުޅުން ލިބުނު ހޫނު ތަރުޙީބަށްޓަކައި ތިޔަބޭފުޅުންނަށްވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ މި ނާދީގެ އެންމެބޮޑު އެއް ބޭނުމަކީ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުން. މެންބަރުންގެ މެދުގައި ރަޙްމަތްތެރިކަން ބަދަހިކުރުން. ޝައްކެއްނެތް، މި ކަންތައްތައް ޙާޞިލްކުރުމަށްޓަކައި މިފަދަ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް.
އާދެ، ދިވެހި ސަރުކާރުގެ ފަރާތުން، ސަރުކާރު މުވައްޒަފުންނަށް ނާދީއެއް ހުޅުވައިދިނީ ވަރަށްބޮޑު ބޭނުމެއްގައި. މި ނާދީ ހުޅުވުނީ މިދިޔަ އަހަރު ޖުލައި 26 ގައި. އެހެންނަމަވެސް، ނާދީގެ ކަންތައްތައް އިންތިޒާމު ކުރެއްވި މެންބަރުންނަށް ނާދީއަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ އަދި ނާދީގައި ހަމަޖެހިފައިވާ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ އެއަށްވުރެ ތަންކޮޅެއް ފަހުން. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، ސަރުކާރު މުވައްޒަފުންގެ ވަރަށް ގިނަ ބައެއްގެ ޝައުޤުވެރިކަން، މި ނާދީއާ ދޭތެރޭގައި އުފެދިފައިވެއޭ. އެހެންކަމާއެކު، ސަރުކާރުން ޤަޞްދުކުރަނީ ވެވުނުވަރަކުން ނާދީގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދަން. އެހެންނަމަވެސް، މިފަދަ ނާދީއެއް ކުރިއަށްދާނީ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިގެން ކަމަށްވާތީ، އަޅުގަނޑު އެދެނީ، ހުރިހާ މެންބަރުންވެސް ނާދީގެ އިދާރާއަށް އެއްބާރުލައްވައިގެން، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުތަކެއް ހުށަހަޅުއްވައިގެން، ނާދީގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވުން.
އާދެ، މުވައްޒަފުންނަކީ ސަރުކާރުގެ މެޝިނަރީގެ ވަރަށްބޮޑު ބައެއް. އަޅުގަނޑަށް ދަންނަވަންޖެހެނީ އެއީ، ސަރުކާރުގެ މެޝިނަރީގެ އެންމެ މުހިންމު ބައޭ. ސަރުކާރެއް ހިންގޭނީ އަދި ސަރުކާރެއް ނޫނަސް އެހެން ތަނެއް ހިންގޭނީވެސް އެތާނގައި ތިބޭ މުވައްޒަފުންގެ ޙަރަކާތްތެރިކަން ހުރި މިންވަރަކުން. މުވައްޒަފުންގެ އިޚްލާޞްތެރިކަމާއި، މުވައްޒަފުންގެ ހިންމަތްތެރިކަމާއި، މުވައްޒަފުން މަސައްކަތަށް ބަހައްޓާ ފަރުވާއާއި، މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން، އެތަނަކީ ސަރުކާރެއް ކަމުގައިވިޔަސް، އަމިއްލަ ކުންފުންޏެއް ކަމުގައިވިޔަސް، ނުވަތަ އެހެން ޖަމާޢަތެއް ކަމުގައިވިޔަސް، އެތަނެއް ފުރިހަމަޔަށް ހިނގަމުންދާނީ.
އެހެންވީމާ، އެގޮތުން ބަލާއިރު، ސަރުކާރުގެ މުވައްޒަފުންނަކީ އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރުގެ ވަރަށް މުހިންމު ބައެއް. އެ މުވައްޒަފުން އަދާކުރައްވާ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރަންޖެހޭނެ. އަދި އަޅުގަނޑަށް ދެންނެވެން އަންނަނީ މިހާރުވެސް އަންނަނީ ވަޒަންކުރަމުންނޭ. މުވައްޒަފުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް. ބައެއް އޮފީސްތަކުގައި މެންދުރުފަހާއި ރޭގަނޑުވެސް މަސައްކަތް ކުރައްވާ. އަދި ބައެއް ތަންތާނގައި ޑިއުޓީ ބަހައިގެން، ރޭގަނޑު ދަންވަރުވެސް އަދި ރެޔަކާ ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް މަސައްކަތްކުރޭ. އެހެންވީމާ، އެ މަސައްކަތުގައި އުޅުނީމާ އެ މުވައްޒަފުންނަށް ލިބިފައިވާ ވަރުބަލިކަމާއި ނުތަނަވަސްކަން، އެހެން ސިފައެއްގައި އެއީ، އުފަލަކަށް ނުވަތަ އަރާމު ލިބޭ ކަމަކަށް ބަދަލުވެގެންދާނީ ކޮންމެވެސް ކަހަލަ ކަންތައްތަކެއް ހަމަޖެހިފައި އޮވެގެން.
އެހެންވީމާ، އެ މަޤްޞަދުގައި ސަރުކާރުން މި ނާދީ ހުޅުވީ. އެންމެ ފުރަތަމަ ބޭނުމަކީ މުވައްޒަފުން އަރާމުކޮށްލާނެ، އެ މީހުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ތަނެއް ހަމަޖައްސައިދިނުން. ހަމައެކަނި އެ މަޤްޞަދު ޙާޞިލްވިޔަސް، އަޅުގަނޑު ހިތުން ސަރުކާރުން މިފަދަ ނާދީއެއް ހުޅުވައި އިންތިޒާމުކޮށް ހިންގުމުގެ މަޤްޞަދުގެ އެންމެބޮޑު ބައި އޮންނާނީ ޙާޞިލްވެފައި. މީގެ އިތުރުން، ކުރިން ދެންނެވިހެން ސަރުކާރު މުވައްޒަފުންގެ މެދުގައި ރަޙްމަތްތެރިކަން އާލާކުރުމާއި، އެމީހުންގެ މެދުގައި އޮންނަންޖެހޭ ގާތް ގުޅުން ބަދަހިކުރުން އެއީވެސް މިކަހަލަ ތަނެއްގައި ވަރަށް މުހިންމު މަޤްޞަދަކަށް ވާނެ. އަޅުގަނޑަށް ހީވަނީ އެ މަޤްޞަދު މިހާރު މިދަނީ ޙާޞިލްވަމުންހެން.
ކޮންމެއަކަސް، އަޅުގަނޑަށް މިތަނަށް އާދެވޭ ރޭރޭ، އަޅުގަނޑު ކުރިން ނުދަންނަ ބައެއް ބޭކަލުންނާ އެބަ ބައްދަލުވޭ. އެކަމުން އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސްވޭ. އަޅުގަނޑު ބޭނުން، ވީހާ ގިނަ ބަޔަކާ ބައްދަލުވެ، އެމީހުން އެއީ ކޮންބައެއްތޯ އޮޅުންފިލުވައި، ސަރުކާރުގެ ކޮންކޮން އޮފީހެއްގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންތޯ، މި ކަންތައްތައް އޮޅުންފިލުވައި، އެބޭފުޅުންނާ އެކުގައިވެސް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުން. އެހެންވީމާ، އަޅުގަނޑުވެސް ވަގުތު ތަންދިން މިންވަރަކުން ބައެއް ރޭރޭ މިތަނަށް ޒިޔާރަތްކުރަމުން މިގެންދަނީ. އަޅުގަނޑުގެ ބޭނުމަކީ މި ދެންނެވީ.
އާދެ، މިރޭ މިއީ ސަރުކާރު މުވައްޒަފުންގެ ނާދީގައި ބޭއްވުނު ފުރަތަމަ ކުޅިވަރު މުބާރާތުގެ ނަތީޖާ ފާޅުކޮށް، އިނާމުތައް ދެވުނު ރޭ. އެހެންވީމާ، ދެން އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ފަހަރެއްގައި މި މުނާސަބަތާ މާ ގުޅޭ ވާހަކައަކަށް ނުވާނެ. އެހެންނަމަވެސް، ނާދީގެ މެންބަރުން ތިއްބެވި ވަގުތެއްވީމާ، އަޅުގަނޑު ހިތަށްއެރީ ދަންނަވާލާނަމޭ. އާދެ، މިތަނަށް އަޅުގަނޑަށް އާދެވޭ ރޭރޭ، އަޅުގަނޑު ތިޔައިން ކޮންމެ ބޭފުޅަކާ ބައްދަލުކޮށްލަންވެސް ހުންނާނީ ތައްޔާރަށް. ބައެއްފަހަރަށް، ބައެއް ބޭފުޅުންނަށް ދިމާވާ އަމިއްލަ ކަންތައްތަކުގައި، އަމިއްލަ ގޮތުން އަޅުގަނޑާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވެފައި އޮވެދާނެ. އަދި ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި އުޅުއްވާ ބޭފުޅުން، އޮފީސް އޮފީހުގެ ވެރިންވެސް ބައެއް ކަންތައްތަކުގައި އަޅުގަނޑާ ބައްދަލުކޮށްލައްވައި، ޚިޔާލު ބަދަލުކޮށްލައްވަން ބޭނުންފުޅުވެފައި އޮވެދާނެ. ރަސްމީގޮތުން އެޕޮއިންޓްމަންޓެއް ހޯއްދަވައިގެން ބައްދަލުކުރެއްވުމަކީ ތަންކޮޅެއް ދަތިގޮތަކަށް އޮންނަ ކަމަކަށް ވެދާނެ. އެއީ އަޅުގަނޑުގެވެސް ވަގުތު އޮންނަ ގޮތުންނާ އެކީގައި. މާ އަވަހަށް ބޭބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ނުލިބޭތީ. އެހެންވީމާ، އަޅުގަނޑު މިތަނަށް އަންނަ ރޭރޭ، އެއްވެސް ބޭފުޅަކު އަޅުގަނޑާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވެއްޖެނަމަ، އަޅުގަނޑު އެބޭފުޅަކާ ބައްދަލުކޮށްލާނީ، ވަރަށް ޚާއްޞަ އުފަލަކާއެކު. އާދެ، މިތާނގައި ކުޑަ ކޮޓަރިއެއްވެސް ތައްޔާރުވެފައި އެބަހުރި. އެހެންވީމާ، އެއްވެސް ބޭފުޅަކު ބޭނުންފުޅުވަންޏާ، އެ ކޮޓަރީގައިވެސް ބައްދަލުކޮށްލައި ހެދިދާނެ.
އާދެ، އަޅުގަނޑުގެ އެދުމަކީ، ސަރުކާރުގެ މުވައްޒަފުންގެ ނާދީގެ މެންބަރުން، ވީހާ ގިނައެއްކޮށް ނާދީގެ ޢިމާރާތް ބޭނުންކުރެއްވުން. ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ވަޑައިގެން، ތިޔަބޭފުޅުން އުފާވެރި ވަގުތުކޮޅެއް މިތާނގައި ހޭދަކުރެއްވުން. އެ ހޭދަކުރައްވާ ހޭދަކުރެއްވުމުގެ ތެރޭގައި، ކުޅިވަރު ކުޅުއްވައި ނުވަތަ ރަޙްމަތްތެރިކަމުގެ ގޮތުން މެންބަރުންގެ މެދުގައި ޚިޔާލު ބަދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވައި ހެއްދެވުން. އެބޭފުޅުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމުގެ ގުޅުން، އެއްދުވަހުން އަނެއް ދުވަހަށް ބަދަހިކުރެއްވުމުގައި މި ނާދީގެ ބޭނުން ހިއްޕެވުން. ކޮންމެ ކަމެއްވެސް ފުރަތަމަ ފެށޭއިރު ފެށޭނީ ތަންކޮޅެއް ކުޑަގޮތަކަށް. ފަހުން އެކަމެއް ތަރައްޤީވެގެން މަތީ ފެންވަރަކަށް ބަދަލުވެގެންދާނީ.
އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، މިހާރު ކިތަންމެ ކުޑަގޮތެއްގައި މި ނާދީ އުފެދިފައިވީ ކަމުގައިވިޔަސް، މުސްތަޤްބަލްގައި ތިޔަބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީއާ އެކީގައި، މި ނާދީ ތަރައްޤީވަމުންދާނެ ކަމަށް. އަދި ނާދީން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ މަޤްޞަދުތައް ޙާޞިލްވަމުންދާނެ ކަމަށް.
އާދެ، ދެން މާދިގު ވާހަކައެއް ދައްކާކަށް އަޅުގަނޑު ނެތިން. އަދިވެސް އެއްފަހަރު، މިރޭގެ އެކިއެކި މުބާރާތްތަކުން އެކި އިނާމު ހޯއްދެވި ފަރާތްތަކަށް، އާދެ، ފިރިހެން ބޭފުޅުންނަށާއި، އަންހެން ބޭފުޅުންނަށް އިޙްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ސަރުކާރުގެ ވަޒީފާގައި ވަރަށްބުރަ މަސައްކަތް ކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާ ފަދައިން، ކުޅިވަރުގެ ރޮނގުގައިވެސް ކުރިއަށް ވަޑައިގަތުން.
އާދެ، ކުޅިވަރަކީ ވަރަށް މުހިންމު އެއްޗެއް. ކުޅިވަރަކީ ހަމައެކަނި ޒުވާނުންނަށް އޮތް ކަމެއްނޫން. ޒުވާނުންނާއި ހަރުމީހުންނާއި މުސްކުޅިންވެސް ކުޅިވަރު ކުޅޭނެ. ކުޅެންޖެހޭނެ. އެހެންވީމާ، މި ނާދީ މިއޮތީ ހުރިހާ މެންބަރުންނަށް ހުޅުވައިލެވިފައި. މުބާރާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިންވެސް އަޅުގަނޑު މި ދެންނެވި ކަހަލަ އެކިއެކި ފެންވަރުގެ ބޭފުޅުން އެބަ ތިއްބެވި. ޢުމުރުގެ ގޮތުން ބެލި ނަމަވެސް. އެހެންވީމާ، އެއީވެސް ވަރަށް ރަނގަޅު ކަމެއް.
ކޮންމެއަކަސް އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު، އެއްދުވަހުން އަނެއް ދުވަހަށް. ތިޔަބޭފުޅުންގެ މަސައްކަތްޕުޅާއި، އެނޫން ކަންތައްތައްވެސް ކުރިއަށްދިޔުން. އަދި މި ނާދީގެ ކަންތައްތައްވެސް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވެ، އިތުރަށް ކާމިޔާބުވަމުން ދިޔުން. ޝުކުރިއްޔާ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ.