ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަށް މައިގަނޑު ގޮތެއްގައި އިޞްލާޙު ގެނެސްފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ ގުޅިގެންނެވެ. އެގޮތުން ވިޔަފާރި ރަޖިސްޓަރީކުރުމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅިދާނެކަމަށާއި، މިގޮތަށް މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ގޮތްތައް ކަނޑައެޅުމަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.) ގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅައިފައެވެ. އަދި ސްޓޮކް އެކްސްޗޭންޖްގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގަނީ ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް މޮނިޓަރިންގ އަދި ކޮމްޕްލަޔަންސް މެކޭނިޒަމެއް ޤާއިމުކުރުމަށް ވެސް ސީ.އެމް.ޑީ.އޭ. ގެ މައްޗަށް މި ބިލުން ލާޒިމުކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ބިލުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދެއް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އެ ގަވާއިދަށް ޢަމަލުކުރަން ލާޒިމުކޮށްފައިވެއެވެ.
މި ގަވާއިދުގައި ހިމެނުމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އިންވެސްޓްކުރެވޭނެ ބާވަތުގެ ސެކިއުރިޓީޒްއާއި، އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ސްޓްކް އެކްސްޗޭންޖުގައި ސެކިއުރިޓީޒް ގަނެވިއްކުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުން ހިމެނެއެވެ.

ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުގައެވެ.