މިއަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާކަމަށާއި އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖީދިއްޔާ ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއްކަމުގައިވާ ދާރުލް އުލޫމާ ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ނިންމާފައިވާކަމުގައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ الله ސުބްޙާނަހޫވަތަޢާލާ އަންގަވާފައިވާގޮތަށް އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަކުން ހިއްމަތާއެކު މަސައްކަތްކޮށް ކާމިޔާބީ ދެއްވުން އެދި ވަކީލުކުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި ދިރިއުޅުމުގައި ކުރުމަށް ކަނޑައަޅާ ކަންކަމުގައި ފަހަތަށް ނުޖެހި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކަށްވެސް ކުރިމަތިލައިގެން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ހަޔާތުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދުވަސްވަރުގެ ހަޤީޤީ ބޭނުމަކީ ޤައުމަށް ޚިދުމަތްތަކެއް ކުރުމަށާއި އަމިއްލަ ހަޔާތް ބިނާކުރުމާއި މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތަޢުލީމު ހާސިލްކޮށް ތަމްރީނުވެގެން ނުކުތުންކަމުގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ ބޭނުމަކީ ތިމާގެ ފަރާތުން ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ފިކުރުކޮށް އެކަމެއް ކޮށްދިނުމަށް ތައްޔާރުވުން ކަމުގައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ "ސައްތަވީ ބިނާ" ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.