ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން ޤާނޫނަށް ގެނެވުނު މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވައި، އަދި މި އެންގެވުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަންވާނެ ކަމުގައި ވަނީ ކަނޑައަޅުއްވައިފައެވެ. އެހެންނަމަވެސް، އިސްވެދެންނެވުނު މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމުނޫންކަމުގައި ބާޔާންކޮށްފައިވެއެވެ. އަދި އަތޮޅު ކައުންސިލުގެ ނައިބުރައީސާއި، ރަށު ކައުންސިލްގެ ނައިބުރައީސާއި، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެނަމަ، ޢަމަލުކުރަންވާނެގޮތަށް ގެނެވުނު އިޞްލާޙުތައްވެސް މި ބިލުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެފަދަ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޤާނޫނުގައި މިހާރުވެސް ބަޔާންކޮށްފައިވާގޮތުގެމަތީން އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ކައުންސިލުގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތް ހާލަތެއްގައި، އެފަދައިން މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވައި މެންބަރުން އިންތިޚާބު ކުރުމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.