ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ ޢިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރިޔާސީ އިންތިޚާބު ޞުއްޙަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގެން އެއީ ސްރީލަންކާގެ ތަރައްޤީއާ ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.