ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އީރާނުގެ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިރާނުގެ ނުވަވަނަ ރައީސް ޑޮކްޓަރ ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަޤާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އަދި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އީރާނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާ އަދި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.