ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ޔޫރަޕިއަން ޔޫނިއަންއާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީ.ޔޫ. އިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާ އީ.ޔޫ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1983 ވަނަ އަހަރުއެވެ.

އީ.ޔޫ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އީ.ޔޫ ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯ ސިޓީގައެވެ.