بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އުއްތަމަ ފަނޑިޔާރު، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި އިސްވެރިން، މިރޭ މިތަނުން ފަޚުރުވެރިކަމާ އެކުގައި އިނާމުތައް ހޯއްދެވި އެންމެހައި ޚިދުމަތްތެރިން، އަދި އެންމެހައި ޖަލީސުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އެންމެ ފުރަތަމަވެސް ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ހެޔޮދުޢާ ތަހުނިޔާ، އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން. ވަރަށް ބޮޑަށް މަރުޙަބާ.
އާދެ، މިއަދު އަޅުގަނޑުމެންނަށް މި މިނިވަންކަން މިހިސާބަށް އައިސްފައި މިވަނީ ވަރަށް ގިނަ ބައެއްގެ ޤުރުބާނީގެ ސަބަބުން. ވަރަށްގިނަ އަޖުދާދުން ކުރި ޖިހާދުތަކެއްގެ ސަބަބުން. ދިވެހި ލޮބުވެތި ވަރަށްގިނަ ރައްޔިތުންގެ ހިންމަތާއި މަސައްކަތުން. އެހެންވީމާ، އަޅުގަނޑުމެން އެންމެންގެވެސް ފުރަތަމަ ވާޖިބަކަށްވާންވާނީ، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ހެޔޮދުޢާކޮށް، އެ ޒިކުރާތައް ހަނދާން ކުރުން.
އާދެ، އެއަށްފަހު، އަޅުގަނޑު އަވަސްވެގަންނާނީ މިރޭ މިތަނުން އިނާމު ލިބިވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް. އާދެ، ވަރަށް ގިނަ ދުވަސް ވަންދެން ދިވެހި ދައުލަތަށް އެ ބޭފުޅުން އެ ޚިދުމަތް ކުރެއްވީ. 47 އަހަރު، 46 އަހަރު. މިހެންގޮސް ވަރަށް ގިނަ ދުވަސް އެއީ. އަޅުގަނޑު ދުނިޔެއަށް ނާންނަނީސް، ބައެއް ބޭފުޅުން ޚިދުމަތް ކުރައްވަން ފަށްޓަވައިފި. އަދިވެސް ޚިދުމަތް ކުރައްވަނީ. ލައްކަ ދުވަހެއް އެއީ. ލައްކަ ދުވަސް އެއީ. ނޫނީވިއްޔާ ދެން އޮތް ގޮތަކީ، އަދިވެސް އަޅުގަނޑު ވަރަށް ޒުވާނީ. ކޮންމެގޮތެއްވިޔަސް، އަޅުގަނޑު ގަބޫލުކުރަނީ، ވަރަށްގިނަ ދުވަހު ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ގޮތުގައި.
އެހާ ގިނަ ދުވަހު ޚިދުމަތް ކުރެއްވެވޭނީ، ވަރަށް މަތިވެރި އަޚްލާޤެއްގެ ވެރި ބަޔަކަށް. ޤައުމަށް ތެދުވެރިވެ، ހަވާލުވި ކޮންމެ ޒިންމާއެއް، ތެދުވެރިކަމާ އެކީގައި، އަމާނާތްތެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، ހިންމަތާ އެކީގައި އަދާކުރުމުގެ ވަރުގަދަ ޢަޒުމުގައި، ނުގުޑާފަދަ ޢަޒުމުގައި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިއަދު އެ ބޭފުޅުންނަށް، އެ ޝަރަފް އެ ލިބިވަޑައިގެންނެވީ.
ވަރަށް ގިނަ ދަތި އުނދަގޫތައް، އެ ދިގު ރާސްތާގައި އެއިން ކޮންމެ ބޭފުޅަކު ވާނީ ކަޑައްތު ކުރައްވާފައި. އަދި އެއިން ކޮންމެ ބޭފުޅެއްގެ ޢާއިލާއިންވެސް ވާނީ ތަޙައްމަލް ކުރައްވާފައި. އެހެންވީމާ، މި ތަނުގައި 138 ބޭފުޅަކު އިނާމު ގެންދެވި ނަމަވެސް، އެއިން ކޮންމެ ބޭފުޅަކީ، ބޮޑު ޢާއިލާއެއް. އެއިން ކޮންމެ ޢާއިލާއަކުން އެ ދިގު މާޒީގައި ވާނީ ވަރަށްގިނަ ކަންކަން ތަޙައްމަލް ކުރައްވާފައި. ޤައުމަށްޓަކައި ގިނަ ޤުރްބާނީތަކެއް ވެވަޑައިގެންފައި.
އެހެންވީމާ، އަޅުގަނޑު ހަމައެކަނި އެ އިނާމު ހޯއްދެވި ބޭފުޅުންނަކަށް ނޫން މަރުޙަބާއާއި ޝުކުރު މި އަރިސް ކުރަނީ. އެއިން ކޮންމެ ބޭފުޅެއްގެ އެ މަތިވެރި ފަޚުރުވެރި ހުރިހާ ޢާއިލާތަކަށްވެސް މަރުޙަބާއާއި ޝުކުރު އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އެފަދަ ހިންމަތާއި މިންނަތުން ކުރެވޭ މަސައްކަތުން އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ޤައުމުގެ މި މިނިވަންކަން ފަޚުރުވެރިކަމާ އެކީގައި މިހާ ދުވަހަށް މިއައީ. މިނިވަންކަން ޤައުމަކަށް މި ލިބެނީ، މައިގަނޑު ތިން ކަމެއް ހާސިލުވީމަ. އެއީ، އިޤްތިޞާދީ ސޮވެރިނިޓީ ޔަޤީންވެގެން. އަމިއްލަވަންތަކަމުގެ ސިޔާދަތު، އަދި ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތު އެ ޤައުމަކަށް ޔަޤީންވެގެން. މި ތިން ސިޔާދަތު ޔަޤީންނުވާ ހާލެއްގައި، އެ ޤައުމެއްގައި ޙަޤީޤީ މާނައިގައި މިނިވަންކަމެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން މި ޤައުމުގައި މިއަދު މިނިވަންކަން އިޙްސާސްވާނަމަ، އަޅުގަނޑުމެންގެ މި ޤައުމުގައި، މި ދެންނެވި ތިން ދާއިރާއިން ޤައުމުގެ ސޮވެރިނިޓީ އޮތްކަން ޔަޤީންވާންޖެހޭނެ. އޮތީމަ މިހިސާބަށް މި އާދެވުނީ.
އާދެ، އަޅުގަނޑު މިރޭ ވާހަކަ ދައްކަން ގަސްދުކުރަނީ، މި ދެންނެވި ތިން ދާއިރާއިން. އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު މިއަދާ ހަމަޔަށް އައިއިރުގައި، ކިހާވަރަކަށްތޯ ޔަޤީން ކުރެވިފައި މިވަނީ. ކޮން ހާލެއްގައިތޯ؟ އަޅުގަނޑުމެން މި ސަރުކާރު ހަވާލުވިއިރުގައި، ޤައުމުގެ އިޤްތިޞާދު އޮތީ، އަޅުގަނޑުމެންނަށް ކޮން ކަމެއްތޯ މި ކުރެވުނީ، ކުރަމުން މިދަނީ، ކުރަން ރާވާފައިވަނީ، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި. ފަރުދުންގެ ފުދުންތެރިކަމާއި، ޢާއިލާތަކުގެ ފުދުންތެރިކަމާއި، ޖަމާޢަތުގެ ފުދުންތެރިކަމާއި، ޤައުމުގެ ފުދުންތެރިކަން ޔަޤީންކުރުމަށްޓަކައި ކުރެވިފައި ވަނީ ކޮން ކަމެއްތޯ، ކުރަމުންދަނީ ކޮން ކަމެއްތޯ، ކުރަންޖެހޭނީ ކޮންކަމެއްތޯ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޔަޤީންކުރަން ބޭނުންވާނަމަ.
އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ޙިމާޔަތް ކުރެވިފައި މިވަނީ. ހިމާޔަތްކުރަން ކުރެވޭ ކަމަކީ ކޮބައިތޯ. އެ އަމިއްލަވަންތަ ކަމުގެ ސިޔާދަތު ޔަޤީންކުރުމަށްޓަކައި އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރެވޭތޯ. އަޅުގަނޑުމެންގެ ދިފާޢީ ނޫނީ ސަލާމަތީ ސިޔާދަތު، އަޅުގަނޑުމެންނާ މި ވެރިކަން ހަވާލުވިއިރުގައި އޮތީ ކިހާ ހިސާބެއްގައިތޯ. އަދި މިއަދާ ހަމަޔަށް އައިއިރު، ކުރެވުނީ ކޮން ކަމެއްތޯ. ކުރަން ރާވާފައި ވަނީ ކޮން ކަމެއްތޯ. މި ވާހަކަތައް ނުދައްކައި، މިނިވަންކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.
އާދެ، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވެގެން، ވަރަށްބުރަ މަސައްކަތްތަކެއް އިރާދަކުރެއްވީތީ ފަށައިގެން މިދަނީ މި މަސައްކަތްތައް ކުރުމަށްޓަކައި ކެބިނެޓުގެ ހުރިހާ ވަޒީރުންނާއި، އެ ވަޒީރުންގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އަދި އެ ބޭފުޅުންނާއެކީ މަސައްކަތްކުރާ މުޅި ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ ވެރިންނާއި، ކުންފުނިތަކުގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، މިހެންގޮސް ޚިދުމަތްތެރިން ވަރަށްގިނަ މަސައްކަތް ކުރަމުން މިދަނީ. ދައުލަތުގެ އެކިއެކި މުއައްސަސާތަކުން، މިނިވަން މުއައްސަސާތަކުން، އެކިއެކި ބޮޑީސްތަކުން ސްޓެޓިއުޓަރީ ބޮޑީސްތަކުން މުޅި ދައުލަތުގައި މި ކުރެވެނީ ވަރަށް ގިނަ މިންނެތް މަސައްކަތް.
އާދެ، މިއަދާ ހަމަޔަށް އައިއިރުގައި، މި ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބޭއްވި، 225 ނިންމުމެއް ވާނީ ނިންމާފައި. އާދެ، 225 ނިންމުމެއް ނިންމި ވާހަކަ ދަންނަވާއިރުގައި، އެއީ، ވަރަށް ގިނަ މަޝްވަރާތައް. ވަރަށް ގިނަ ކަންކަން، މި ދެންނެވި ތިން ދާއިރާއިން، މި ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތް. ހަމަ ކޮމްޕެއަރ ކޮށްލުމަށްޓަކައި، އޭގެ ކުރީގެ ދެ ދައުރުގައި ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގައި މަސައްކަތް ކުރެވިފައި ހުރި ގޮތަށް ބަލާއިރުގައި، މިދިޔަ ދައުރުގައި ބޭއްވިފައި ވަނީ، ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 14 ބައްދަލުވުން. 34 ނިންމުމެއް ނިންމިފައި ވަނީ. އޭގެކުރިން، 2013 އިން 2018 އަށް އޮތް ވެރިކަމުގައި، ފުރަތަމަ 8 މަސް ދުވަހު ބޭއްވުނީ، ކެބިނެޓުގެ 7 ބައްދަލުވުން. ނިންމިފައި ވަނީ 8 ނިންމުން. އަދި އޭގެއިތުރަށް، އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވައި، 176 ނިންމުމެއް ނިންމާފައި ވަނީ، މި ދެންނެވި އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމުގެ ގޮތުން. ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވައި، 48 ނިންމުމެއް ވާނީ ނިންމައި ތަންފީޒު ކުރަން ފަށާފައި.
މި ދެންނެވި ހުރިހާ ކަމެއްވެސް މި ކުރަނީ، ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި. ޤައުމުގެ މިނިވަންކަން ކަށަވަރު ކުރުމަކީ، އަޅުގަނޑުގެ އެންމެމަތީ ޒިންމާ ކަމުގައި 17 ނޮވެންބަރު 2023 ގައި ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ވާހަކަ ދެއްކި ދުވަހު އަޅުގަނޑު ދެންނެވިން. އެއީ، އެކަން ކަށަވަރުކުރުމަށްޓަކައި، އެ ނަތީޖާ ނެރުމަށްޓަކައި ކުރެވުނު މަސައްކަތް. އެކަމަށްޓަކައި ކުރެވުނު މަސައްކަތުގައި، މިއަދާ ހަމަޔަށް އާދެވުނުއިރުގައި، ރެޔާއިދުވާލު، ލަފްޒީ މާނައިގައި ދަންނަވާނަމަ، ރެޔާއިދުވާލު ސަރުކާރުން މިދަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންނާ އެކީގައި މަސައްކަތް ކުރަމުން.
އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި، އިޤުތިޞާދު އޮތް ޙާލަތަކީ، އަޅުގަނޑުމެންގެ މި ދެންނެވި އިޤްތިޞާދީ ސިޔާދަތު ޔަޤީންވާ ހިސާބުގައި އޮތް ޙާލަތެއް ނޫން. ޔަޤީންވާ ހިސާބަކު ނޫން އޮތީކީ. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު. ވަރަށް ގިނައިން އެ ވާހަކަ ވާނީ ދެއްކިފައި. އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒު ކުރަން ފަށައި، ފައިސާ ޗާޕްނުކޮށް ތަންފީޒު ކުރަމުންމިދާ ކުރުމުގެ ތެރެއިން މިއަދުގެ ޙާލަތު، މިއަދު 26 ޖުލައި، މި ދެންނެވި ދެ މިލިއަން ޑޮލަރު ހުރި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިއަން ޑޮލަރު. މިއީ، އަޅުގަނޑުމެން ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާ.
އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާއެއް މިއޮތީ، އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި ރޭވިފައި. މިދިޔަ ޖޫން މަހުގެ ނިޔަލަށް ކުރެވުނު އެކި މަސައްކަތްތަކުން ޖުމްލަ ގޮތެއްގައި 18.6 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދިއްޖެ. 18.6 ބިލިއަން ރުފިޔާ ހޯދިއްޖެ. އޭގެތެރެއިން ބޮޑު އަދަދެއް ދައުލަތް ހިންގުމަށްޓަކައި ރިކަރެންޓް ޚަރަދުގެ ގޮތުގައި މިވަނީ ޚަރަދު ކުރެވިފައި. އެހެން ނަމަވެސް، ހޯދުނު އެއްޗަކުން އެކަން ކުރީ. ފައިސާ ޗާޕްނުކޮށް. މި ދެންނެވި 18.6 ބިލިއަންގެ ތެރެއިން 16.7 ބިލިއަން މިދިޔައީ، މި ދެންނެވި ގޮތަށް ސަރުކާރު ހިންގުމަށް، ދައުލަތް ހިންގުމަށްޓަކައި ކުރެވުނު ރިކަރެންޓް ޚަރަދުގެ ގޮތުގައި. ކައުންސިލްތަކާއި، މިނިސްޓްރީތަކާއި، ކުންފުނިތަކާއި، މިނިވަން މުއައްސަސާތަކާ. ފިނޭންސް މިނިސްޓްރީން ދައުލަތް ހިންގުމަށްޓަކައި ކުރި ޚަރަދު. ރިކަރެންޓް ޚަރަދު. އަޅުގަނޑުމެން ލިބުނު އެއްޗަކުން ޚަރަދުކުރީ. ލިބުނު އެއްޗަކުން ޚަރަދުކޮށްގެން މިއަދާ ހަމަޔަށް މި އާދެވުނީ. އަދި އޭގެއިތުރަށް، އޭގެ ކުރީ ސަރުކާރުން އެކި ނަން ނަމުގައި ބަދަލުގެ ގޮތުގައި، 2.4 ބިލިއަން ރުފިޔާ ދިން ގޮތަކަށް އަޅުގަނޑުމެންނެއް، މި ސަރުކާރުން އަލަށް، މި ސަރުކާރު އައިފަހުން މިއަދާ ހަމަޔަށް މިވީ 8 މަސްތެރޭގައި، އެންމެ ރުފިޔާއެއްވެސް ބަދަލުގެ ގޮތުގައެއް ނުދެން. އެއީ، ސިޔާސީ ބޭނުމުގައި ކުރި މަސައްކަތެއް އޭރުގައި. އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެއަށްވުރެ، އަޅުގަނޑުމެން ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރަން ބޭނުން އިޚްލާޞްތެރިކަމާ އެކީގައި. ހަމައެކަނި ދެވިފައި ވާނީ، ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، އެކި ގޮތްގޮތުން ކޯޓަށް ގޮސްގެން އަޅުގަނޑުމެންނާ ހަވާލުވި ފަހުން އަމުރު އައި، ޙުކުމް އައި ދެތިން ކަމަކާ ގުޅިގެން ދޭންޖެހުން. ޙުކުމް ތަންފީޒު ކުރުމަށްޓަކައި ދޫކުރި 119.7 މިލިއަން ރުފިޔާ. އެއީ، މި ސަރުކާރުގެ ދުވަސްވަރު ދިޔަ މައްސަލަތަކެއް ނޫން.
އާދެ، އަޅުގަނޑުމެންގެ ދަރަނި ދެއްކުމަށްޓަކައި، ބޭރުގެ ދަރަނި ދެއްކުމުގައި އެންމެ ބޮޑު އެއްޗެއް، އަޅުގަނޑުމެންނަށް އެހީގެ ގޮތުގައި އަބަދުވެސް ދެއްވާ ދެ ޤައުމުން، ޗައިނާއާއި އިންޑިއާއިން އަޅުގަނޑުމެންނަށް އެހީ ދެއްވާފައި ވަނީ. އެ ދެ ޤައުމުން، އެ ދެ ޤައުމުގެ ސަރުކާރުން މި ޤައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް އެހީތެރިކަން ވަރަށް އެބަ ދެއްވާ. އެހެންވީމާ، އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަކައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި މި ކުރެވޭ މަސައްކަތުގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި، އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތަށް އެއްބާރުލެއްވުން ދެއްވާ ކަމަށްޓަކައި ޗައިނާ ސަރުކާރަށާއި، އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން.
އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ އަޅުގަނޑުމެން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރުވެސް ރޯލްއޯވަރ ކޮށްދެއްވާފައި. އަދި ބޭސިކް ކޮމޯޑިޓީސް، ކާބޯތަކެތީގެ ކޯޓާވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވައި، މިފަދަ ކަންތައްތައްވެސް ކޮށްދެއްވައި، ލައިން އޮފް ކްރެޑިޓްގައި ބާކީހުރި ފައިސާވެސް ބޭނުންކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާފައި. ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކާއި، އެ ލޯނުގެ އިންޓްރެސްޓް ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި. އެކަމުގެ ފަންނީ މަސައްކަތް މިހާރު އެ ހިނގަނީ. މިއީ ނޫންތޯ، ޤައުމެއްގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި ޚާރިޖީ ސިޔާސަތު ބައްޓަން ކުރަންޖެހޭނެ ގޮތަކީ އަޅުގަނޑު ހިތުން. ހަމަ އެއާއެކީގައި، އަޅުގަނޑުމެންނަށް ޔޫ.އޭ.އީ.ގެ ސަރުކާރުންވެސް ވަރަށް ހެޔޮފުޅު. ޔޫ.އޭ.އީ.އަށް ދައްކަން އޮތް ލޯނުވެސް ހަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ލަސްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި.
އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުމެން އެކި ކަންކަމުގައި ނަގާފައި ހުރި ލޯނުތައް ލުއިގޮތަކަށް ބަހާލައިގެން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އިޤްތިޞާދު މެނޭޖް ކުރުމަށްޓަކައި، މި ދެންނެވި އިޤްތިޞާދީ ސިޔާދަތު ޔަޤީން ކުރުމަށްޓަކައި، ރޭވިފައި އޮތް ގޮތަށް ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން.
މިކަން ކުރަމުންދާއިރުގައިވެސް އަޅުގަނޑުމެން މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި، ބޭރުގެ ދަރަންޏާއި، ދަރަނީގެ އިންޓްރެސްޓް ދެއްކުމަށްޓަކައި ލިބުނު ފައިސާއިން، ފައިސާ ޗާޕްކުރުމަކާ ނުލައި، 3.8 ބިލިއަން ރުފިޔާ ދައްކައިފިން. އެއްވެސް ލޯނެއް ޑިފޯލްޓެއްނުވެ 3.8 މިލިއަން ރުފިޔާ ދައްކައިފިން. 8 ބިލިއަން ރުފިޔާ ދައްކައިފިން.
އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ރިފޯމް އެޖެންޑާއެއް އަޅުގަނޑުމެން ތަންފީޒު ކުރަން ފަށާފައި މިވަނީ. އެއީ، ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ޔަޤީންކުރުމަށްޓަކައި. ފަރުދީ ގޮތެއްގައި ފުދުންތެރިކަން އިޙްސާސް ނުވާނަމަ، ޤައުމުގެ މިނިވަންކަން އެ ފަރުދަކަށް އިޙްސާސެއް ނުވާނެ. ތިމަންނާގެ ޢާއިލާއަށް މިއަދު ކާންބޯން ދޭނެ ފައިސާ އަތުގައި ހުރިތޯ، މާދަމާ އެކަން ކުރެވޭނެ ގޮތް އެބައޮތްތޯ، ދެން އޮތް ހަފްތާގައި، ދެން އޮތް މަހު ކިހިނެއްތޯ ކަން ކުރާނީ ޔަޤީންނުވާ ގޮތަށް ކަންކަން ބައްޓަންވެފައި ސަރުކާރެއް އެތެރޭގައި އޮތްނަމަ، އެ ފަރުދަކަށް މިނިވަންކަން އިޙްސާސެއް ނުވާނެ. އެހެންވީމާ، އެ އިޙްސާސްވުން އިޙްސާސްކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތް މި ކުރަނީ.
އާދެ، އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި، މި ދެންނެވި އިޤްތިޞާދީ ސިޔާދަތު އޮތް ހިސާބުގެ ސަބަބުން ސަރުކާރުގެ އެކިއެކި ކުންފުނިތައް ވަނީ ބަނގުރޫޓުވާ ހިސާބަށް ގޮސްފައި. ނަމެއްގައި ކުންފުނިތައް މިހިރީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރަން ފަށައި، އެ ޕްލޭންގެ ތެރެއިން މިއަދާ ހަމަޔަށް އައިއިރު، ވަރަށްގިނަ މަސައްކަތްތައް، މި އެސް.އޯ.އީ.ތައް ރިފޯމް ކުރުމަށްޓަކައި މިވަނީ ފެށިފައި. އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިއަދާ ހަމަޔަށް މި ކުރެވުނީ، މި އެސް.އޯ.އީ.ތަކުގެ ތެރެއިން މިފްކޯގައި. މިފްކޯ ވަކިން ހިންގާ ކުންފުންޏަކަށް ބަދަލުވުމުގެ އިތުރަށް ވަރަށްގިނަ މަސައްކަތް ކުރެވިއްޖެ. އެންމެ ބޮޑު ކަމަކަށް މިހާރު ކުރެވޭ ކަމަކީ، މިފްކޯ ދެން ނަގައި ކޮޅަށްޖެހޭނީ، ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެންކަން. އެކަމަށްޓަކައި މިހާރު މަސައްކަތް މި ކުރަނީ. ދިވެއްސަކަށް ނުކުރެވޭނެ ވާހަކައެއް ނޫން. މިދިޔަ ދުވަސްތަކުގައި ހިނގައިދިޔަ ކަންކަމުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ބޭނުންވަނީ މިފްކޯއާ ހަވާލުވާން. އެއީ، ދިވެހިންގެ މަސްވެރިކަމުގެ އެންމެ މުހިންމު ކުންފުނި. އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދަންޏާ، މަސްވެރިކަން ވަރުގަދަކުރަންޏާ، މިފްކޯ އެބަޖެހޭ ރަނގަޅު މަގުން ދާން. އެހެންވީމާ، މިފްކޯއާ އަޅުގަނޑުމެން ހަވާލުވާން ބޭނުންވަނީ، މި ދެންނެވި ފަދަ، ބޭރުން ތަޖުރިބާކާރެއް ގެނެސްގެން، މި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރޭގައި އެއްވެސް ފަރާތަކާ ގުޅިފައި ނެތް. އަޅުގަނޑުމެންނަށް އެބަ އެނގޭ މިފްކޯ ދަރަނިވާގޮތް ވަރަށް ރަނގަޅަށް. އެއިން އެއްވެސް ނުފޫޒެއްގައި ނުޖެހޭނެ މިނިވަން މީހަކު ގެނެސް އެތަނާ ހަވާލުކުރަން މި މަސައްކަތް މި ކުރަނީ.
އެހެންވީމާ، މިފަދަ އެތައް ކަމެއް އެސް.އޯ.އީ.ތައް ރިފޯމް ކުރުމަށްޓަކައި އެބަ ކުރެވޭ. އިރާދަކުރެއްވިއްޔާ ސަރުކާރުގެ މި ކުންފުނިތައް ހަރުދަނާކޮށް، ސްޓްރީމް ލައިންކޮށް، އެފިޝަންޓްކޮށް، އިފެކްޓިވްކޮށް ހިންގަން ފެށީމަ، އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގެންދާނެ.
އަދި ހަމަ އެއާ އެކީގައި، މި ޤައުމުގައި އިންވެސްޓް ކުރުމަށްޓަކައި މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި، އިންވެސްޓަރުންނަށް ކޮންފިޑެންސް ގެނެސްދިނުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް ވަނީ މީގެއިތުރުންވެސް ކުރެވިފައި. މިގޮތުން ކުރެވެމުންދާ ބައެއް ކަންކަމަށް ބަލައިލާއިރުގައި، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓަށް ޚާއްޞަ ކުރެވިގެން ޤާނޫނެއް ތަޢާރުފް ކުރުމަށްޓަކައި މިހާރު ވަނީ ބިލެއް ހުށަހެޅިފައި. މި ޖުލައި މަހުގެ 4 ވަނަ ދުވަހު ވާނީ އެ ބިލު ހުށަހަޅާފައި. އަދި ހަމަ އެއާއެކީގައި، ޓްރޭޑް މާރކާ ބެހޭ ބިލެއްވެސް ހަމަ މި މަހުގެ 18 ވަނަ ދުވަހު ވާނީ ހުށަހަޅާފައި. އިންވެސްޓަރުންނަށް ވަރަށް މުހިންމުވާ ކަންކަން މި ހުންނަނީ. އަދި ކޮޕީރައިޓާ ބެހޭ ޤާނޫނަށް އިޞްލާޙުތަކެއް ގެނައުމުގެ މަސައްކަތްވެސް ވަނީ މިހާރު ފެށިފައި. މަޖިލީހުގައި އެކަން އެބަ ހިނގާ. އޭގެއިތުރަށް، ޕޭޓެންޓް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އެބަ ހިނގާ. މުޅިން އަލަށް ފިސްކަލް ރެސްޕޮންސިބިލިޓީ ބިލެއްގެ ޑްރާފްޓްގެ މަސައްކަތް އެބަ ކުރަން. ވަރަށް އަވަހަށް ހުށަހަޅާނެ. އަދި މުޅިން އަލަށް ޑެބްޓް މެނޭޖް ބިލެއްވެސް އިރާދަކުރެއްވިއްޔާ ދުނިޔޭގެ އެންމެ ބެސްޓް ޕްރެކްޓިސް ފޮލޯކުރާ ތަންތާނގައި އޮންނަ މިންގަނޑަށް ތައްޔާރުކޮށް ހުށަހަޅާނަން. މިކަންކަން މި ކުރަނީ، އަޅުގަނޑުމެންގެ ޤައުމަށް އެހީތެރިކަން ދޭ ފަރާތްތަކުގެވެސް ޔަޤީންކަން ޤައުމަށް ހޯދުމަށްޓަކައި. އިޤްތިޞާދު ހަރުދަނާ ކުރުމާއި، އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިޤްތިޞާދެއް ޤައުމުގައި ބިނާކުރުމުގެ ބޭނުމުގައި ހިންގާ މަސައްކަތްތަކުގެ ތެރޭގައި މިކަންކަން ހިމެނެނީ.
އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ހަމައެކަނި ޓޫރިޒަމަށް ބަރޯސާވާ ޤައުމެއްގެ ގޮތުގައި މިއޮތީ. މިއޮތްހާ ދުވަހު އޮތް މަސްވެރިކަން އެބައޮތް. އެހެން ނަމަވެސް، 70، 80 ޕަސެންޓް އިންކަމް ބަރޯސާވެފައި ވަނީ ޓޫރިޒަމަށް. އެކަން ނިމުމަކަށް ގެނައުމަކީ އަބަދުވެސް ދެކެވޭ ވާހަކައެއް. ޙަޤީޤީ މާނައިގައި އިކޮނޮމީ ޑައިވަރސިފައި ފުޅައެއްނުކުރެވޭ. އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އިޤްތިޞާދީ ސިޔާދަތުގެ ޔަޤީންކަން، އިޤްތިޞާދީ ސޮވެރިނިޓީ ޔަޤީންކުރެވޭކަން އަޅުގަނޑުމެންނަށް އިޙްސާސް ވާނީ، އިކޮނޮމީ ޑައިވަރސިފައި ކުރެވިގެން. އެހެންވީމާ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެ ޖަހައިގެން ޢަމަލީ މަސައްކަތް ފަށާފައި މިވަނީ ފުރަތަމަ ފަހަރަށް މި ރާއްޖޭގައި.
ތަފާތު ގިނަ އިކޮނޮމީތައް، އިޤްތިޞާދީ ކަންތައްތައް ކުރުމަށްޓަކައި މަސައްކަތް ފެށިފައި ވަނީ. އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް އޮތޯރިޓީއެއް، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް އޮތޯރިޓީ އެވަނީ އުފައްދާފައި. އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރު ރާއްޖޭގައި ޤާއިމުކުރުމަށްޓަކައި. ގަވަރނިންގ ބޯޑު އެކުލަވައިލެވި، ބާރު ސްޕީޑްގައި އެދަނީ މަސައްކަތް. މި ދެންނެވި "އިފްސާ" އަށް ބޭނުންވާ ބިލުވެސް އިރާދަކުރެއްވިއްޔާ ޑްރާފްޓްކޮށް ހުށަހެޅުމުގެ މަސައްކަތް މިވަނީ ފެށިފައި.
ފުރަތަމަ ފަހަރަށް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް މިހާރު ވަނީ އުފައްދާފައި. މި ޑިވެލޮޕްމަންޓް ބޭންކުގައި ތިބޭނީކީ އެކަމުގެ ތަޖުރިބާ ނެތް މީހުންނެއް ނޫން. ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން ކޮށްފައި ތިބި، ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ޔަޤީންކަން، އެ ބޯޑުގައި ތިބި މީހުންނަށް ބަލައިލީމަ ލިބޭނެ ފެންވަރުގެ މީހުން އަޅުގަނޑުމެން މި ހޯދަނީ. އެހެންވީމާ، އެ ބޯޑުގައި ތިބޭނީ އެފަދަ މީހުން. މި ބޭންކްގެ ސީ.އީ.އޯ.އަކަށްވެސް އެފަދަ މީހަކު މި ހޯދަނީ. އެ މަސައްކަތް މިހާރު މި ހިނގަނީ. އަޅުގަނޑުމެން ބަލަންވީކީއެއް މިހިސާބަކަށް ނޫން. ބަލަންވީ އެހިސާބަށް. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޔަޤީންކުރަންޏާ އުދަރެހުގެ އެންމެކޮޅަށް ބަލަންވީ. އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި. އޭރުން އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ގޮތުގައި، ސިޔާދަތީ މިނިވަންކަން އިޙްސާސްވާ ހިސާބަށް ގެންދެވޭނީ.
ހަމަ އެއާއެކީގައި، އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ޑައިވައިސިފައި ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް މި ކުރެވެނީ. ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ބަންކަރިންގ ސަރވިސްގެ ވިޔަފާރި އެ ފެށެނީ. އިރާދަކުރެއްވިއްޔާ، މި އަންނަ މަހު ޢަމަލީގޮތުން އެ މަސައްކަތް ރާއްޖޭގައި ފެށޭނެ. އަބަދު ދައްކާ ވާހަކައެއްގެ ގޮތުގައި އެކަން ނޯވެ، މި އަންނަ މަހު އިރާދަކުރެއްވިއްޔާ ފެށޭނެ. ފެށުނީމަ މިވަނީ ކޮން ކަމެއްތޯ؟ ފެށުނީމަ މިވާގޮތަކީ، ފުރަތަމަ އަހަރު ނިމޭއިރުވެސް، ފުރަތަމަ 12 މަސް ނިމޭއިރުގައިވެސް ޖީ.ޑީ.ޕީ. އަށް އިތުރުކޮށްދޭނެ އިރާދަކުރެއްވިއްޔާ، އިތުރަށް 400 މިލިއަން ޑޮލަރު، އެއް އަހަރުގެ ތެރޭގައި، އެއް އަހަރުގެ ތެރޭގައި. އޭރުން ދަރަނި އެބަ ކުޑަވެގެންދޭ. ޑެބްޓް ޖީ.ޑީ.ޕީ. ދަށްވޭ އެބަ. ދަރަނި ދަށްވޭ އެބަ. އޭގެއިތުރަށްވެސް ގިނަ ފައިދާތައް އެބަ ކުރޭ. ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީ. އިން ލިބޭ ފައިދާ އެބަ ލިބޭ. ވަޒީފާތައް އެބަ އުފެދޭ. އުތުރުގައި، މިކަން ކުރާ ސަރަޙައްދުގައި ޚާއްޞަކޮށް އުފެދޭނެ. އަދި އެމް.ޕީ.އެލް. އިން ބޭނުންވާނަމަ، ހަމަ ކޮންމެ ސަރަޙައްދަކުންވެސް ރައްޔިތުންނަށް ވަޒީފާ ދެވޭނެ. އެމް.ޕީ.އެލް. އެބަ ފުޅާވެ، ހަރުދަނާވެގެން އެބަދޭ. ސަރުކާރުގެ ކުންފުންޏެއް އެއީ. އޭގެ ފައިދާ ކުރާނެ ރައްޔިތުންނަށް. އެހެންވީމާ، މިއީ ވަރަށް ފައިދާހުރި ކަމެއް.
ދައުލަތުގެ ރިޒަރވަށް މި އަސަރު ކުރަނީ މައިގަނޑު ދެ ކަމަކުން. އެއްކަމަކީ ދަރަނި. ދަރަނީގެ ޢަދަދު. މި ދެންނެވި ބަންކަރިންގގެ ސަރވިސް އިން ދަރަނި އެބަ ދަށްވޭ. އޭގެއިތުރަށް، ދެން މި އަސަރުކުރަނީ ތެލަށް ކުރާ ޚަރަދުން. ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރަންޏާ. ތެލަށް ކުރާ ޚަރަދު ކުޑަކުރަން ބަލާއިރުގައި، އަހަރަކު 500 ނޫނީ 600 މިލިއަން ޑޮލަރު އެބަ ޚަރަދު ކުރަންޖެހޭ ތެޔޮ ގަންނަން. އެހެންވީމާ، އަޅުގަނޑުމެން މި ކުރި ކަމަކީ، ސްޕެޝަލް އިކޮނޮމިކް ޒޯންތަކަށް ހުޅުވާލީ ފުރަތަމަ ފަހަރަށް. އެ ބިލު ތަޞްދީޤުކޮށް، ޤާނޫނު ތަޞްދީޤުކޮށް ހުޅުވާލީމާ، ފުރަތަމަވެސް ލިބިފައިވާ ޕްރޮޕޯޒަލަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލަރ ސިޓީއެއް ޤާއިމުކުރުމުގެ ޕްރޮޕޯޒަލް. މާލެ ސަރަޙައްދުގައި، ބަނޑޮސް ކައިރީ ފަޅެއް އެވަނީ އެކަމަށް ހަމަޖައްސައި، އެފަރާތާ އެކީގައި އެއްބަސްވުމަކާ ހަމަޔަށް ދެވިފައި. ފުރަތަމަ ހުއްދަ ދެވިފައި އެވަނީ. އޭގެ ދަށުން 100 މެގަވޮޓްގެ ކަރަންޓް އެބަ އުފެއްދޭ. މި ސަރަޙައްދަށް، މާލޭ ސަރަޙައްދަށް، ހުޅުމާލެ، ހުޅުލެ، ހުޅުމާލެ، މާލެ، ވިލިމާލެ، ގުޅިފަޅު، ގިރާވަރުފަޅު، މުޅި ސަރަޙައްދަށްވެސް މި ބޭނުންވަނީ ގާތްގަނޑަކަށް 150، 160 މެގަވޮޓް އެންމެ ގިނަވިޔަސް.
އެހެންވީމާ، މި ދެންނެވި އެސް.އީ.ޒެޑް ސޯލަރ ސިޓީއެއްގެ ތެރެއިން ތިނެއް، ނޫނީ ހަތަރު އަހަރުގެ ތެރޭގައި މަޝްރޫޢު އެކީގައި ނިމޭނެ. އެއިން އެ ގުޅުވައިލާނެ، އަޑިން ގުޅިގެންދާނެ ސްޓެލްކޯއާ. ސްޓެލްކޯ ގްރިޑަށް 100 މެގަވޮޓް އެ ލިބެނީ. ނަތީޖާއަކަށް ވަނީ މިހާރު ތެލަށް ކުރާ ޚަރަދު އިރާދަކުރެއްވިއްޔާ، މި ފަސް އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެ. މި ސަރަޙައްދުގައި، އާބާދީގެ ދެބައިކުޅަ އެއްބައި ގާތްގަނޑަކަށް އުޅެނީ. އަދި އެކަން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް ފުޅާކުރެވިގެންދާނެ.
އެހެންވީމާ، ދަރަނި ކުޑަކުރުމާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ ރިޒަރވަށް ހެޔޮ އަސަރު ކުރުން. މިތާ ކައިރީގައި މި އޮތް ފުނަދޫގައި މިހިރަ ތެޔޮ ރައްކާކުރާ ފެސިލިޓީ އަޅުގަނޑުމެން މި ބަދަލުކުރަނީ މާގިރިފަޅަށް. އެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޢަމަލީގޮތުން ނިމޭނެ. ނިމުނީމަ ފުނަދޫގައި އަޅުގަނޑު ކުރިން އިޝާރާތްކުރި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރ މި ޤާއިމުވެގެން މިދަނީ. "އިފްސާ"ގެ ބެލުމުގެ ދަށުން. ގާއިމުވެގެން ދިޔައިމަ، އަދި އެކަމާ ގުޅޭ ޤާނޫނުތައް އަޅުގަނޑުމެން ހަދައި، މާރކެންޓައިލް ކޯޓް ތަޢާރުފްކޮށް، އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާ އެކީގައި އެތަން ޤާއިމުކުރުމުގެ އެމްބިޝަސް، އެކަމުން ހާސިލުކުރެވޭނެ ކަންކަން ހާސިލުކުރުމުގެ މަސައްކަތް މި ފަށަނީ. ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާވެގެންދިޔުން. ޑައިވައިސިފައި ވަނީ. އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންވުމަށް އިތުރު ފިޔަވަޅެއް އެޅިގެންދަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކާމިޔާބުކުރާނަން.
ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އެކުވެރި ދައުލަތްތަކާ އެކީގައި މި ކުރެވޭ މަސައްކަތުން އިންޑިވިޖުއަލް ވިޔަފާރިތަކަށްވެސް ފައިދާވާނެ ގިނަ ކަންތައްތަކެއް މި ކުރެވެނީ. އެގޮތުން ބަލާއިރުގައި، ޗައިނާގެ އެފް.ޓީ.އޭ. އިރާދަކުރެއްވިއްޔާ، މިހާރު އެ ހިނގާ ޤާނޫނީ މަރުޙަލާ ނިމިގެން ގޮސް، ސެޕްޓެންބަރު މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ، އެފް.ޓީ.އޭ. ތަންފީޒު ކުރަން ފެށޭނެ. އޭގެ ނަތީޖާއަކަށް ވަނީ މަސްވެރިކަމުގައި 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދިޔުން. އަދި ވެލިއު އެޑެޑް އެކިއެކި ބާވަތްތައް، ޖުމްލަ 7897 އައިޓަމެއް، 9 ސެކްޓަރއަކުން އެބަ ޑިއުޓީ ފްރީވެގެންދޭ. ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއަށް މި ތަކެތި ވިޔަފާރި ކުރުމަށްޓަކައި. މިއީ ފަރުދީ ލެވެލްއެއްގައި ކުންފުނިތަކަށް ލިބޭ ވަރަށްބޮޑު ފުރުޞަތެއް.
ހަމަ އެއާއެކީގައި، ތުރުކީއާ އެކީގައިވެސް އެފް.ޓީ.އޭ.އެއްގައި ސޮއިކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ވަރަށް އެޑްވާންސް ސްޓޭޖެއްގައި މިއޮތީ. އަޅުގަނޑު ތުރުކީއަށް ކުރި ދަތުރުގައި، އެ ވާހަކަތައް ފެށި، މިއަދާ ހަމަޔަށް މިއައީ. ތުރުކީއަށް ދިޔައީ ސްޓްރެޓީޖިކަލީ ރާއްޖެއަށް ބޭނުންތެރި ކަންތައްތަކެއް ކުރުމުގެ ބޭނުމުގައި. ގޮސްގެން އިރާދަކުރެއްވީތީ އޭގެ ނަތީޖާ ވަރަށް ރަނގަޅު. 53 އައިޓަމަކުން އިރާދަކުރެއްވިއްޔާ، ތުރުކީގެ އެފް.ޓީ.އޭ.ގައި ސޮއިކުރެވޭނެ. އޭގެތެރޭގައި، މަހުގެ ބާވަތްތައްވެސް ހިމެނިގެންދާނެ. ގިނަ ބާވަތްތަކަށް ޒީރޯ ޑިއުޓީ ލިބިގެންދާނެ. ނަތީޖާއަކަށްވާނީ ތުރުކީއާ އެކީގައިވެސް ވިޔަފާރި ފުޅާކުރެވިގެން ދިޔުން.
އިނގިރޭސިވިލާތާ އެކީގައިވެސް އެފް.ޓީ.އޭ.ގެ މަސައްކަތް އެބަ ކުރެވޭ. އަދި އަޅުގަނޑު އުންމީދު ކުރަން، އިންޑިއާއާ އެކީގައިވެސް އަޅުގަނޑުމެންނަށް އެފް.ޓީ.އޭ.ގައި ސޮއިކުރެވޭ ހިސާބަށް ދާނެ ކަމަށް.
އެހެންވީމާ، ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މިފަދަ ގިނަ ކަންތައްތަކެއް ރޭވިގެން މިދަނީ. އަދި ޗައިނާއާއި އިންޑިއާއާ އެކީގައި ކަރަންސީ ސްވޮޕް އެއްބަސްވުންތަކަކަށް ދެވޭތޯ މަސައްކަތް މި ކުރަނީ. އޭރުން ދެ ޤައުމުގެ ވިޔަފާރިތަކަށްވެސް ޑޮލަރުގައި ނުޖެހި، ޑޮލަރު ބޭނުންކުރަން ނުޖެހި، ވިޔަފާރި ކުރެވި، ޑޮލަރުގެ މި އޮތް ދަތިކަން ކުޑަވެގެންދިޔުމުގެ މަގު ފަހިވެގެންދާނެ. އިޤްތިޞާދީ ސިޔާދަތު ޔަޤީންވެގެންދާނެ. އެހެން ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، އިޤްތިޞާދެއް ބިނާކުރެވިގެން އެދަނީ އިރާދަކުރެއްވިއްޔާ. އެހެންވީމާ، މި މަސައްކަތްތައް މި ކުރެވެނީ.
އާދެ، ހަމަ އެއާއެކީގައި، ޒުވާނުންނާއި، އެކިއެކި ފަންނުވެރިން އެ ކުރާ މަސައްކަތް ވިއްކައިގެން، އެ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ މަގުފަހިކޮށްދިނުމަށް ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމުކުރުމަކީ، އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު. އެކަމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އެ މަސައްކަތުގެ ނަތީޖާއަކަށް ވާނީ، އިންޓަރނޭޝަނަލީ އެ މީހުންނަށް އެކިކަހަލަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓްތައް ކްރިއޭޓް ކުރެވޭނެ މަގު، ޤާނޫނީ ގޮތުންނާއި ފަންނީގޮތުން އިރާދަކުރެއްވިއްޔާ ފަހިކުރެވިގެން ދިޔުން. ވަރަށް ބާރަށް އެކަން އެދަނީ.
އަޅުގަނޑު ކުރީ ރޭ ދިޔައިން، އާޓިސްޓުންގެ ވަރަށް ހިތްގައިމު ކުރެހުންތައް ބަލައިލަން. އެފަދަ ފަރާތްތަކަށްވެސް އޮންލައިންކޮށް އެފަރާތްތަކުގެ ކުރެހުންތައް، ދުނިޔޭގެ މާކެޓްގައި ވިއްކޭނެގޮތްވުމަކީ، އެ ފަރާތްތަކުންވެސް ކުރާނެ އުންމީދު. ގޭގޭގައި މަސައްކަތްކުރާ ކަނބަލުން އެ އުފައްދާ ތަކެތިވެސް، ހަމައެކަނި ޖެހިގެން ހުރި ފިހާރަޔަކަށް ނޫން ވިއްކަން ބޭނުންވާނީ. އިންޓަރނޭޝަނަލީ ވިއްކަން ބޭނުންވާނީ އެކިކަހަލަ ފަންނު ވިއްކަން ބޭނުންވާނެ.
އެހެންވީމާ، މި ކްރިއޭޓަރ އިކޮނޮމީ ޤާއިމުކުރުމަކީ، ވަރަށް މުހިންމު މަސައްކަތެއް. ފަރުދީ މިނިވަންކަން އިޙްސާސް ކޮށްދިނުމަށްޓަކައި. އަމިއްލަ ފައިމައްޗަށް ކޮންމެ ޢާއިލާއެއް ތެދުވުމަށްޓަކައި. ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް. އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. ވީ ޗެޓް ޕޭގެ ޚިދުމަތް ފެށިއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެމެރިކާއާ އެކީގައި ވާހަކަ ދައްކައިގެން ޕޭޕެލް މި ޤައުމަށް ހުޅުވައިލެވޭނެ ގޮތެއްވެސް ވޭތޯ. އަޅުގަނޑުމެންގެ މާކެޓް ތަންކޮޅެއް ކުޑައީ. އެހެން ނަމަވެސް، އެމެރިކާ ސަރުކާރުގެ ވަރަށް ބޮޑު ސަޕޯޓް އެބަ ދެއްވާ. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. އޭރުން ޕޭޕެލް ހުޅުވިގެން ދިޔައިމަ، އެ ލިބިގެންދަނީ ވަރަށްބޮޑު ފުރުޞަތެއް. އަދި އޭގެއިތުރަށްވެސް އެކިކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތްވެސް. ސެޕްޓެންބަރު މަހު އިރާދަކުރެއްވިއްޔާ، އެސް.ޑީ.އެފް.ސީ. އިން ފަށާނެ. އެއީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް. ޒުވާނުންނަށް، އެކި އުމުރުފުރާގެ މަސައްކަތްތެރިންނަށް ލޯނު ދޫކުރަން ފަށާނެ. އޭގެ ނަތީޖާއަކަށް ވާނީ، ވިޔަފާރިތައް އުފެދިގެން ދިޔުން. އަމިއްލަ ފައިމައްޗަށް ތެދުވެވޭގޮތްވުން. އެހެންވީމާ، އެންމެ ކުޑަ ސައިޒުން މެކްރޯ ލެވެލްއަށް މުޅި ޤައުމުގެ އިޤްތިޞާދު ފުޅާކުރެވި، އިޤްތިޞާދު ޔަޤީންކުރެވި، އިޤްތިޞާދީ ސިޔާދަތު ޔަޤީން ކުރެވިގެން އިރާދަކުރެއްވިއްޔާ ދާނެ.
މިނިވަންކަމުގެ ވާހަކަ ދައްކާނަމަ، އެންމެ މުހިންމީ އިޤްތިޞާދުގެ ވާހަކަ ދެއްކުން. އެންމެ މުހިންމީ އިޤްތިޞާދުގެ ވާހަކަ ދެއްކުން. އެއަރޕޯޓް، ފިނިހަކަ ދުވެލީގައި ހިނގަމުންދިޔައީ. ޓަރމިނަލްގެ މަސައްކަތް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް އެދަނީ ވަރަށް ބާރަށް މިހާރު. އެކަމަށް ފަންޑުކުރާ ހުރިހާ ފަރާތްތަކާއެކު، ސަޢޫދީ، ޗައިނާ، ކުވައިތު، އަދި ޔޫ.އޭ.އީ. މި ހުރިހާ ޤައުމެއްގެ ސަރުކާރުތަކާއެކީ ކުރެވޭ މަސައްކަތުން، އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހި، އަދި ދައްކަންހުރި ލޯނުތައްވެސް ޑިފަރ ކުރެވޭނެ ގޮތްތައް އެދަނީ ހަމަޖެހެމުން. އެކަން ކުރަމުން، މަސައްކަތް އަވަސްކުރުމުގެ މަސައްކަތް މި ކުރަނީ. މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ގިނަ އެއިރޯ ބުރިޖްތައް ބޭނުންކުރަން ފެށުން އަޅުގަނޑުމެންގެ އަމާޒަކީ. އިރާދަކުރެއްވިއްޔާ އެކަން ވާނެ. އަދި ދެން އަންނަ އަހަރު މެދަކާ ހަމަޔަށްދާއިރު، އެކީގައި ނިންމާލެވޭނެ. ނިންމާލެވުނީމަ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ ބޮޑު މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އިރާދަކުރެއްވިއްޔާ ހުޅުވިގެން އެދިޔައީ. އޭގެ ނަތީޖާއަކަށްވާނީ، ފަތުރުވެރިކަމާއި އަދި އެކިއެކި ބޭނުންތަކަށް ރާއްޖެއަށް އިންވެސްޓަރުންނާއި، ވިޔަފާރިވެރިން އައުމުގައި ކުރިއެރުން ލިބި، އަޅުގަނޑުމެންގެ އާމްދަނީ އެތައް ގުނައަކުން މަތިވެގެން ދިޔުން. އެހެންވީމާ، އެ މަސައްކަތްވެސް އެދަނީ އިރާދަކުރެއްވީތީ ވަރަށް ބާރަށް.
ހަމައެއާއެކީގައި، ގިނަ މަންޒިލްތަކަކަށް ސީދާ ފްލައިޓް އެޅުމުގެ މަސައްކަތް ފެށިފައި ވަނީ. މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި، ޗައިނާގެ އެތައް ޑެސްޓިނޭޝަނަކަށް ޑައިރެކްޓް ފްލައިޓް އެވަނީ ފެށިފައި. ޗައިނާ ސަރުކާރަށް އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އަޅުގަނޑުމެން މި ސޮއިކުރީ އެއަރބަސްއާ އެކީގައި. A330 ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ހޯދީ. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔެފައި އޮތް އެންމެބޮޑު އެއް ކަންތައް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި. އޭރުން ނޮންސްޓޮޕް ޑައިރެކްޓް ފްލައިޓްތައް ޗައިނާގެ، އެތައް ޑެސްޓިނޭޝަނަކަށް އަދި ދުރު އެހެން ދިމަދިމާއަށްވެސް ޓޫރިޒަމް ފުޅާކުރެވިގެންދާނެ. މިއަހަރުގެ ނޮވެންބަރު މަހު އިރާދަކުރެއްވިއްޔާ ވައިޓްބޮޑީގެ އެއަރ ކްރާފްޓްގެ ފުރަތަމަ ފްލައިޓުގެ ޚިދުމަތް ދޭން ފަށާނަން. އޭގެ ނަތީޖާއަކަށް ވާނީ ހައި ސީޒަންގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަށްވުރެވެސް މާމައްޗަށް ގެންދިޔުން. އެއީ، އަމާޒަކީ. މިއަހަރުގެ ޓާގެޓަކީ ދެ މިލިއަން ޓޫރިސްޓުން.
އާދެ. މިހެން މި ކުރެވޭ ހުރިހާ އިޤްތިޞާދީ މަސައްކަތަކުން އިންޑިކޭޓަރއެއް ހަމަ ދަންނަވާލަންޏާ، އަޅުގަނޑުމެންނަށް ވެރިކަން ހަވާލުވިއިރުގައި ބޮލަކަށްޖެހޭ ނިސްބަތް ހުރީ 13,000 އެމެރިކާ ޑޮލަރުގައި. ޖީ.ޑީ.ޕީ. ޕާރ ކެޕިޓާ، އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަޤީންކަމާއެކީގައި ދަންނަވާލާނަން، 2028 އަންނައިރުގައި، އިރާދަކުރެއްވިއްޔާ 17,000 އެމެރިކާ ޑޮލަރަށް އިތުރުވެގެންދާނެ. ބޮލަކަށްޖެހޭ އަދަދު އެއީ، މި ދެންނެވި ހުރިހާ މަސައްކަތެއް ކޮށްގެން އިރާދަކުރެއްވިއްޔާ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރެވި، އިޤްތިޞާދު ހަރުދަނާކުރެވި، ޤައުމު މުއްސަނދިކުރެވި، ފަރުދުން މުއްސަނދި ވެގެންދާނެ. ފައިސާ ޗާޕުނުކޮށް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މަސްވެރިކަމުގެ ޞިނާޢަތުވެސް އިރާދަކުރެއްވިއްޔާ ފުޅާކުރުމުގެ މަސައްކަތް މި ކުރަނީ ހަމަ އެ ނިޔަތުގައި. މަސްވެރިކަމުގައި، މަސްވެރިކަން ކުރާ މަސްވެރިންނަށް އެންމެބޮޑަށް ބޭނުންވީ، ބޭންކިންގ ނިޒާމުގެ ތެރޭގައިވެސް އެކި ފުރުޞަތުތައް ލިބޭގޮތް ފަހިވެގެންދާން. މަސްވެރިކަމުގެ ދަފުތަރެއް އަޅުގަނޑުމެން ތަޢާރުފް ކުރާނެކަމަށް ވަޢުދުވީ. އެ ވަޢުދާ އެއްގޮތަށް އެ މަސައްކަތް ފެށި، މިހާރުވެސް 109 ވެސަލްއެއް އެވަނީ ރަޖިސްޓަރ ވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ، މި އަހަރުގެ މަސްވެރިންގެ ދުވަސް އަންނަންވާއިރަށް ހުރިހާ މަސްދޯނިތައްވެސް އޭގައި ދަފްތަރުކުރެވިގެން ދިޔުން.
ހަމަ އެއާއެކީގައި، ފަރުމަހުގެ މަސައްކަތަށް އެސް.ޑީ.އެފް.ސީ.އިން 27 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނަން. އަދި ދެވަނަ ފިޔަވައްސެއްގައި އިރާދަކުރެއްވިއްޔާ 16 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ މަސައްކަތްވެސް ފަށާނަން. ހަމަ އެއާއެކީގައި، މަސްވެރިންނަށް ދިމާވާ މި އިމަރޖެންސީތަކުގެ ރެސްކިއު ޑައިވިންގއަކީ ވަރަށް މުހިންމު ކަމަކަށްވާތީ އަޅުގަނޑުމެން އެކަމަށްޓަކައިވެސް ޕްރޮގްރާމެއް ފަށައި، މިހާރުވާނީ 56 ޑައިވަރުން ތަމްރީނުކޮށްފައި. މަސްވެރިކަމުގެ ޞިނާޢަތުގައި ކޯލްޑް ސްޓޯރޭޖްތައް ހެދުމާއި، މަސް ފެކްޓަރީތައް ހެދުމާއި، އައިސް ޕްލާންޓްތައް އިތުރުކުރުމަކީ، އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ވަރަށް ބާރަށް ޢަމަލީ މަސައްކަތްތައް ހިނގަމުންދާ ތަން، ދާދި އަވަހަށް ފެންނާނެ ކަންތައް.
ހަމަ އެއާއެކީގައި، ލޯނު ދޫކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ، ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމްތައް ދޯނިތަކުގައި ގާއިމުކުރުމަށްޓަކައި. މިއަދާ ހަމައަށް އައިއިރުގައި މަސްވެރިންނަށް ދޭންޖެހޭ އެއް ބިލިއަން، 1000 މިލިއަން ރުފިޔާ ދީ ނިންމައިފިން. އެއް ބިލިއަން ރުފިޔާ. ފައިސާ ޗާޕުނުކޮށް. އެއް ބިލިޔަން ރުފިޔާގެ ތެރޭގައި، ތެލުގެ ސަބްސިޑީއާއި، އައިސްގެ ސަބްސިޑީއާއި، މިފްކޯއިން ދިން ފައިސާއާއި، ސީދާ ފިނޭންސް މިނިސްޓްރީން ދިން ފައިސާއާއެކީ، އެއް ބިލިއަން ރުފިޔާ ދީފިން. މިހާރު ބެކްލޮގެއް ނޯންނާނެ. ދޭންޖެހޭ ފައިސާއެއް ނޯންނާނެ އެގޮތަކަށް. މިހާރު އެއޮތީ މާކެޓުގެ ރޭޓަށް މަސްވެރިންގެ މަހުގެ ރޭޓު ދޫކޮށްލާފައި. ބައެއްފަހަރު 20 ރުފިޔާއަށްވުރެ މައްޗަށްވެސް އެބަދޭ، 28 ރުފިޔާއާ ހަމައަށް. އަނެއްބައިފަހަރު އެއަށްވުރެ ތިރިޔަށްވެސް، 16 އާ ހަމައަށްވެސް ހިނގައިދާނެ. އެކަމަކު ދެ ހަފުތާއިން ފައިސާދީ ނިންމާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަޢުދުވީ ހިސާބަށް. އެއީ، ކޮން އަދަދެއްތޯ؟ ދެ ދުވަސް. 48 ގަޑިއިރު. މިހާރު ދެ ހަފުތާ. އިރާދަކުރެއްވިއްޔާ، އެ 48 ގަޑިއިރުތެރޭގައި ފައިސާ ދެވޭ ހިސާބަށް އަޅުގަނޑުމެން މިކަން ކުރިއަށް ޖައްސައިދޭނަން.
އާދެ، ހަމަ އެއާއެކީގައި، ތެލުގެ އަގު، މަސްވެރިންނަށް ބޭނުންވާ ތެޔޮ، މާލެ ސަރަޙައްދުގައި މިހާރު އަގުހެޔޮކޮށް ލިބޭނެ. އިރާދަކުރެއްވިއްޔާ ވަޢުދުވެފައި އޮތްގޮތަށް ކޮންމެ އަތޮޅެއްގައިވެސް ތެޔޮ އަގުހެޔޮކޮށް ލިބޭނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެ. އާދެ، އެހެންވީމާ، މި ހުރިހާ މަސައްކަތެއްގެ ތެރެއިން، އަޅުގަނޑުމެންނަށް އިޤްތިޞާދު ފުޅާކުރެވި، އަޅުގަނޑުމެންގެ އިޤްތިޞާދަށް ހަރުދަނާކަން ގެނެވި، އިރާދަކުރެއްވިއްޔާ މިނިވަންކަމުގެ އިޙްސާސް ޙަޤީޤީ މާނައިގައި އަޅުގަނޑުމެންނަށް ކުރެވިގެންދާނެ.
މީގެ އިތުރަށްވެސް، މީގެކުރީ ސަރުކާރުން އަތްނުލާހުރި ކަންކަމުގައި އަތްލަން އެބަޖެހޭ. ކޮންމެވެސް ސަބަބަކާހުރެ ފަސޭހަގޮތް ޚިޔާރުކުރެވި، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި، މިދިޔަ ސަރުކާރުތަކުން ދޫކޮށްލާފައި މިހިރީ. މިއީ ޤާނޫނީގޮތުން ލިބެންޖެހޭ ފައިސާ. ޤާނޫނުތަކުގެ ތެރެއިން ލިބެންޖެހޭ ފައިސާ. މިގޮތުން ބަލާއިރުގައި، ލޭންޑް ރެންޓުގެ ގޮތުގައި، ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ، އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގައި ނުހޯދާ، އެކަމަކު ލިބެންޖެހޭ ފައިސާ މިއީ. ރައްޔިތުންގެ ފައިސާ. 513 މިލިއަން އެމެރިކާ ޑޮލަރު ނުހޯދާ. ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު ނުހޯދާ. މިއީ، ލިބެންޖެހޭ ފައިސާ. މިދިޔަ މުއްދަތުގައި ކޮށްފައި ހުރި އެކި ކަންކަމާ ގުޅިގެން، އެގްރީމަންޓުތަކުގެ ތެރެއިން ލިބެންޖެހޭ ފައިސާ. ޖީ.އެސް.ޓީ.ގެ ގޮތުގައި 3300 މިލިއަން، 3.3 ބިލިއަން ރުފިޔާ ނުހޯދާ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1000 މިލިއަން، އެއް ބިލިއަން ރުފިޔާ ނުހޯދާ. ގާތްގަނޑަކަށް 13,000 މިލިއަން، 13 ބިލިއަން ރުފިޔާގެ ފައިސާ މިހިރީ ނުހޯދާ. ހޯދާކަށް ނޫޅޭ. މި ފައިސާ އެކަނި ހޯދިޔަސް، އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ޙައްލުވީ. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން. އެ ފައިސާ ހޯދާނަން. މިހާރު މަސައްކަތް ފަށައިފިން. ވަރަށްގިނަ ފަރާތްތަކުން ފައިސާ ދައްކަންވެސް ފަށައިފި. ސިޓީ ފޮނުވާލީމަ ފައިސާ ދައްކާ. ކަމަކާ އުޅުނީމަ ދޮގެއްތޯ؟ ފައިސާ ދޭނީވެސް. ފައިސާ ހޯދަން އުޅުނީމަ. މިދިޔަ ހަފުތާ ތެރޭގައިވެސް މީގެތެރެއިން އެއްބައި ފައިސާ ދައްކައިފި. ދެން އެކިއެކި ޑިސްބިއުޓްގެ ތެރެއިން ކޯޓަށް ދާންޖެހެންޏާ ކޯޓަށްވެސް ދާނަން. އެކަމަކު އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް، މި ދެންނެވި އަދަދުގެ ދެބައިކުޅަ އެއްބައި، އެ ހިސާބަށް ނުގޮސްވެސް ހަމަ ދައްކާނެ ގިނަ ވިޔަފާރިވެރިން. މި ދައްކަނީ ކުދިކުދި ވިޔަފާރިތަކެއްގެ ވާހަކައެއް ނޫން.
އާދެ، އެހެންވީމާ، މި ދެންނެވި ފައިސާ އިރާދަކުރެއްވިއްޔާ ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި، ދަރަނިން ސަލާމަށްވުމަށްޓަކައި އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑުމެން ބޭނުންވަނީ ނިޒާމުގެތެރެއިން ކުރަން ޖެހިފައި ހުރި ކަންކަން ދޫކޮށްނުލައި ކުރަން. އިންސާފު، ޢަދާލަތު، ޢަދުލުވެރިކަން ޤާއިމުކުރަން. ޢަދުލުވެރިކަން ޤާއިމުވިކަމަކަށް ނުވާނެ، އިންސާފުވެރިކަމާ އެކީގައި ކޮންމެ ކަމަކަށް ހަމަހަމަކަން ޤާއިމުނުކުރާ ކަމަށްވަންޏާ. ބަޔަކު ދައްކަންހުރި ފައިސާގެ ކަންތަކުގައި ލޯމަރާލަންވީ. އެހެންދިމާއަކަށް އެނބުރެންވީ. އެއީކީ އިންސާފެއް ނޫން. އެއީ، ޢަދުލުވެރިކަމެއް ނޫން. އެ ފައިސާ ހޯދަންޖެހޭނެ. އެ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑު މިހާރު މިފެށީ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން. އަދި އޭގެއިތުރަށް، އެމް.އެމް.ޕީ.އާރު.ސީ.އާއި އަދިވެސް މިފަދަ އެހެން ވައްކަންތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބިރުން މިދިޔަ ދުވަސްތަކުގައި ދިޔަދިޔުން ނިމުމަކަށް އަޅުގަނޑުމެން މިވަނީ ގެނެސްފައި. އަޅުގަނޑުމެން ބިރެއްނުގަނޭ. ފައިސާ ހޯދަން މަސައްކަތް ކުރާކަށް. އިރާދަކުރެއްވިއްޔާ އެ ފައިސާ ހޯދާނަން. ގައިމުވެސް އަޅުގަނޑެއް ނުހުންނާނެ އެކަމުގައި އެންމެ ލޯލާރިއެއްވެސް، އެއިން އެއްވެސް ބޭފުޅަކު އަތުން، އެއްވެސް ކަމެއްގައި ދުވަހަކުވެސް ހޯދާފައެއް. އެހެންވީމާ، އަޅުގަނޑު ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތެއްނޫންތޯ. އެކަން ކުރާނަން. އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ ހޯދުމަށް ޚާއްޞަކޮށް، އަދި ޖުމުލަކޮށް ފައިސާ ހޯދުމުގައި، އެސެޓް ރިކަވަރީ ޤާނޫނެއް ތަޢާރުފްކުރާނަން އިރާދަކުރެއްވިއްޔާ. އެކަމުގެ މަސައްކަތް އެދަނީ ކުރެވެމުން.
މީގެއިތުރަށްވެސް ކޮރަޕްޝަން ނައްތާލުމަކީ އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި، އަދި ރަނގަޅު ގަވަރނަންސް ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށްޓަކައި މުހިންމު ކަމެއް. ކޮރަޕްޝަން ނައްތާލުމަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން މަސައްކަތް ކުރާނަން ދުވަހަކު ރާއްޖޭގައި ނުކުރާ ފެންވަރަށް. އަހަންމިއްޔަތުކަން ދޭނީ ދުވަހަކުވެސް ރާއްޖޭގައި ނުކުރާ ފެންވަރަށް މިކަން ކުރަން. ދެފުށް ފެންނަ ޓްރާންސްޕޭރަންޓް ސަރުކާރެއް އަޅުގަނޑުމެން ހިންގާނީ. ފިނޭންސް މިނިސްޓްރީން މި ފައިސާ އެކި ކުންފުނިތަކަށް، އެކި ފަރާތްތަކަށް ދޭން މި އޮންނަނީ. ފިނޭންސް މިނިސްޓްރީން ފައިސާ ދޭގޮތާ ގުޅޭގޮތުން އަބަދުވެސް މީގެކުރީގައި އަޑުއިވޭ ކަންކަން މިއީ. ނުގަވާއިދުން ކަންތައްތަކެއް ކުރުމުގެ ފުރުޞަތު ބައެއް މީހުން ހޯދާ ވާހަކަ. އެކަން ނިމުމަކަށް އަންނާނެ، އެ ފައިސާ ދޭން އޮތްގޮތް އެންމެންނަށް ފެންނަންޏާ. މާނައަކީ ފިނޭންސް މިނިސްޓްރީގައި ޕެންޑްވެފައި ހުރި ބިލުތައް، ކޮންއިރަކު ހުށަހެޅި، ކާކު ހުށަހެޅި، ކިހާވަރެއްގެ ބިލެއްކަން އެންމެންނަށް އޯޕަންކޮށް ފެންނާނެ ގޮތް އިރާދަކުރެއްވިއްޔާ ހަދައިދޭނަން. އޭރުން މިތާއޮތް ބިލުނަގައި މައްޗަށް ލާކަށް ނުކެރޭނެ. ތަރުތީބުން ދާނީ. ތަރުތީބުން ގެންދަން ފުރުޞަތު ހުޅުވާލީމަ، ދެނެއް އެއްވެސް މީހަކަށް އިނގިލި ދިއްނުކުރެވޭނެ. ވަކި މީހަކަށް ފޭވަރ ކުރީ ކަމަކަށް.
އެހެންވީމާ، ނިޒާމެއް ގާއިމުކުރަން އަޅުގަނޑު މިހާރު ފިނޭންސް މިނިސްޓަރާ އެ މަސައްކަތް އެވަނީ ހަވާލުކޮށްފައި. ކޮންމެ މަޝްރޫޢެއް ވަކިން އެނގޭނެ. އެ މަޝްރޫޢަކަށް ޕެންޑްވެފައި ހުރި ބިލުތައް އެނގޭނެ. ބިލަށްވީ ކިހާ ދުވަހެއްކަން އެނގޭނެ. އަދި ޕޭމަންޓް ލަސްކޮށްލެވޭނަމަ، އެ ލަސްކޮށްލަނީ ކޮންކަމަކަށް ފައިސާ ދޭންކަން އެނގޭނެ. އެކިމަހު، އެކިހަފުތާގައި ކޭޝް ފްލޯރ މެނޭޖް ކުރަންޖެހޭތީ. މުސާރަދޭން މަހުގެ ފަހުކޮޅަށްދާއިރު، ބައެއް ބިލުތައް ލަސްކުރަންޖެހޭ. އެހެންނަމަވެސް، ޓްރާންސްޕޭރަންޓްވީމަ އެނގޭނެ ނޫންތޯ ކޮންމެ މީހަކަށްވެސް، ނޫސްވެރިންނަށްވެސް، ބަލާ ކޮންމެ މީހަކަށްވެސް. މި ދެންނެވި ނިޒާމު ޤާއިމުކުރީމަ، ކިހިނެއްކަން މިވީ. އެހެންވީމާ، މި ދެންނެވި ނިޒާމު އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން. އޭރުން އެކި މިނިސްޓްރީތަކުން ހިންގާ މަޝްރޫޢުތަކާ ގުޅިގެން، ފިނޭންސަށް ބިލު ދިޔައިމަ ކޮންޓްރެކްޓަރަށްވެސް އެނގޭނެ މިހާރު ހިނގައްޖެކަން. ކޮންމެހެން ނުޖެހޭނެ މުވައްޒަފަކަށް ގުޅައި، އެހެން މަގަކުން މިކަން ކުރަން މަސައްކަތް ކުރާކަށް. އެކަން ނިމުމަކަށް ގެންނާނަން އިރާދަކުރެއްވިއްޔާ.
ޙަޤީޤީ މާނައިގައި ރާއްޖެއިން ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. ރާއްޖޭގައި އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ހަރުދަނާ ގަވަރނަންސް ނިޒާމެއް ޤާއިމުކުރުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ކުރަން ނުކެރިފައި ތިބެގެން ކޮންމެހެން އިޚްލާޞްތެރިކަމުގެ ވާހަކަ ދައްކާނެ ކަމެއްނެތް. ޙަޤީޤީ މާނައިގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިޚްލާޞްތެރިވާނަން. ހާމަކަން ބޮޑު، ޖަވާބުދާރީވަނިވި ސަރުކާރެއް އަޅުގަނޑުމެން ހިންގާނީ.
މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން، ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގައި، ރައީސް އޮފީސް ހިމެނޭހެން ނޯންނާނެ އެންމެ އާރު.ޓީ.އެއްވެސް ޖަވާބު ނުދީ. ހުރިހާ އާރު.ޓީ.އަކަށް ޖަވާބު ދީފިން. އަޅުގަނޑުމެން ބިރެއްނުގަނޭ، ޖެހިލުމެއްނުވޭ ސުވާލުތަކަށް ޖަވާބު ނުދޭކަށް. ސުވާލު ހުށަހަޅާ ފަރާތުން ސިޔާސީ ބޭނުމެއްގައި، ޕޮލިޓިކަލް އެކްޓިވިޒަމްގެ ބޭނުމުގައި ސުވާލު ހުށަހަޅާފާނެ. އެގޮތަށް ގިނަ ސުވާލު ހުށަހަޅަނީ. އެހެންވިޔަސް އަޅުގަނޑުމެން ޖަވާބު ދޭނަން. ކުރިއަށް އޮތް ތާނގައިވެސް ދޭނަން. އެހެންނަމަވެސް، މީގެ ދެކޮޅުވެސް އެބައޮވޭ. އިންސާފުވެރިކަމާއި ޢަދުލުވެރިކަމަކީ ވަށައިޖެހޭ ކަމެއް. އެހެންވީމާ، ވަށައިޖެހޭ ގޮތަށް އިންސާފާއި ޢަދުލުވެރިކަން އަޅުގަނޑުމެން ޤާއިމުކުރާނީ. އާދެ، އެހެންވީމާ، ހުރިހާ އާރު.ޓީ.އަކަށް ޖަވާބު ދީފިން.
ހަމަ އެއާއެކީގައި، މި ސަރުކާރުން ފުރަތަމަ ފަހަރަށް ފެށި ކަމެއް، ރައީސް އޮފީހުން ހާމަކުރަމުން މިހާރު ދާނެ. އަޅުގަނޑު ކުރާ ދަތުރުތަކުގެ، ނޫނީ ރައީސް އޮފީހުން ކުރާ ބޭރު ދަތުރެއްވިއްޔާ އޭގެ ތަފުސީލުތައް. ކުރީގައި ކުރި ކަމެއް ނޫން މިއީ. ކޯޓަށް ގޮސްގެން ހޯދަންޖެހެނީ. މިހާރު އަޅުގަނޑުމެން ހާމަކުރަމުން މިދަނީ. ހާމަކުރާކަށް ބިރެއްނުގަންނާނެ އަޅުގަނޑުމެންނެއް. ޓްރާންސްޕޭރަންޓް، ދެފުށް ފެންނަ ސަރުކާރެއް ހިންގައިގެން ނޫނީވިއްޔާ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ނެތް. އަޅުގަނޑުމެން ބޭނުން، ޤައުމުގެ މިނިވަންކަން ޔަޤީންކުރެވިގެން ދާއިރުގައި، އެ މިނިވަންކަމަކީ ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާ އެކީގައި ޤާއިމުވާ މިނިވަންކަމަކަށްވާން. ހަމަޖެހުމާއި، ދެފުށް ފެނުމާއި، ޕްރޮފެޝަނަލް ނިޒާމުގެ ތެރެއިން ހިންގާ ސަރުކާރެއް އޮތް ކަމުގެ އިޙްސާސް ރައްޔިތުންނަށް ވާން.
އެހެންވީމާ، ފުރަތަމަ ފަހަރަށް އެކަންވެސް ފެށީ. އަޅުގަނޑާއި އަދި ވަޒީރުންނާ ސީދާ ރައްޔިތުން ގާތަށްގޮސް، ލައިވްކޮށް ރައްޔިތުން ކުރާހާ ސުވާލަކަށް ޖަވާބުދޭންވެސް ފަށާފައި މިވަނީ. ކުރީގެ ސަރުކާރުތަކުން ކުރި ކަމެއް ނޫން މީކީއެއް. އަޅުގަނޑުމެން ބިރެއްނުގަނޭ ސުވާލުތަކަށް ޖަވާބުދޭކަށް. މި އަންނަ މަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދެވަނަ ރައުންޑް އޮންނާނެ. މި މަހު ބާއްވަން އޮތީ. އެހެންނަމަވެސް، އެކި ކަންކަމުގެ ތެރެއިން ލަސްވެގެން އެދިޔައީ. ވަޒީރުން މިހާރު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރައްވައިފި. އެހެންވީމާ، "އަހާ ފޯރަމް"ގައި ފެށި މަސައްކަތްވެސް އެދަނީ ބާރަށް. "ރައްޔިތުންގެ އަޑު"ގެ ނަމުގައި އަޅުގަނޑު ހުޅުވާލީ، ރައީސް އޮފީހަށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު. އޭގެތެރެއިންވެސް ލިބުނު އެތައް ސުވާލެއް. އޭގެތެރެއިންވެސް މިހާރު ގިނަ އަދަދެއްގެ ސުވާލުތަކަށް ޖަވާބު ދެވިއްޖެ. ކުރިއަށް އޮތް މަހުގެ ތެރޭގައި އެވެސް އެއްކޮށް ކްލިއަރ ކޮށްލާނެ. "sarukaaru.gov.mv"ގެ ނަމުގައި ވެބްސައިޓެއް ހަދާފައި އެވަނީ. މުޅި ސަރުކާރުގެ ހުރިހާ މަސައްކަތެއް، އޭގައި ކޮންމެ މިނިސްޓްރީއަކުން އެދަނީ ޝާއިޢުކުރަމުން. ހާމަކަންބޮޑު ގޮތެއްގައި. އެއީ ނޫންތޯ ރައްޔިތުންނަށް ބޭނުންވާ ކަމަކީ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންނަކީ ވަރަށް ދެފުށް ފެންނަގޮތަށް، ހާމަކަމާއެކީގައި ހިންގާ ސަރުކާރަކަށް ވާން. މީޑިއާއާ ގާތުން، މިޑިއާތަކަށް އެހީތެރިކަންދޭ ސަރުކާރެއް ގޮތުގައި. މިއަދާ ހަމައަށް މިކަން ކުރީ އެގޮތަށް.
މީޑިއާތަކަށް ދުވަހަކުވެސް ނުދޭ ސަމާލުކަން އަޅުގަނޑުމެން މި ސަރުކާރުން ދެން. އެގޮތަށް ވީ ވަޢުދު ފުއްދާނަން. މި އަންނަ އަހަރުން ފެށިގެން ފާސްވާ ކޮންމެ ބަޖެޓެއްގައި މީޑިއާތަކަށް ވަކި އިންސައްތައެއް، ސިޔާސީ ޕާޓީތަކަށް ދޭ ފަދައިން ވަކި އިންސައްތައެއް ދޭނެ. އެއީ، އަޅުގަނޑުމެން ވީ ވަޢުދެއް. އެކަން ކުރާނަން. އަދި އެ ފައިސާ ދޭނެ ގޮތް ކަނޑައަޅައި ގެޒެޓް ކުރާނަން ހާމަކަން ބޮޑު ގޮތެއްގައި. އޭރުން މީޑިއާތަކަށް އެ ލިބެނީ ފައިސާ، މީޑިއާތައް ހިންގަން.
ހަމަ އޭގެ އިތުރަށް، މީޑިއާ ވިލެޖެއް ޤާއިމުކުރާނެ ވާހަކަ އަޅުގަނޑު ދެންނެވިން. މިހާރު ކެބިނެޓުން ވާނީ އެކަން ކުރާނެ ގޮތްވެސް ނިންމާފައި. ހުޅުމާލޭގައި އެތައް އަހަރެއް ވަންދެން ހަދަން ފަށައި ނުނިމިހުރި އިމާރާތެއް އެހުރީ. އެސް.ޓީ.އޯ.ގެ އިމާރާތެއް. ހޮޓަލެއް އަޅަން ނިންމި ތަނެއް. އެތަން ސަރުކާރަށް މިހާރު އެވަނީ ނަގާފައި. އެތަނުގައި، އެތަނުގެ ބައެއް ފްލޯރތައް ޚާއްޞަކުރެވޭނީ، މި ދެންނެވި މީޑިއާ ވިލެޖް ޤާއިމުކުރަން. ކޮންމެ މީޑިއާއަކަށް، ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި، އެ މީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން. ފެންވަރު ރަނގަޅު، އެކި ސައިޒުގެ ސްޓޫޑިއޯތައް އެތާ ހަދާނެ. މި ހިންގާ އެކިކަހަލަ ޓީ.ވީ. ސްޓޭޝަންތަކަށް ބޭނުންވާނެ ޕްރޮޑަކްޝަން ފެސިލިޓީ ޖާގަޔާއި ތަންތަން އެތަނުން ފޯރުކޮށްދޭނަން. މީޑިއާތަކަށް ދުވަހަކުވެސް ނުލިބޭ ފަދަ ރަނުގެ ފުރުޞަތު އެތާ އެތެރެއިން އަޅުގަނޑު ހަމަޖައްސައިދޭނަން. މި މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ނިމިގެންދާނެ. އެހެންވީމާ، މީޑިއާތައްވެސް މަސައްކަތް ކުރަންވާނެ، ޒިންމާދާރުކަމާ އެކީގައި. ޒިންމާދާރު، ޕްރޮފެޝަނަލް މީޑިއާއެއް، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަންޏާ ބޭނުންވޭ. ޒިންމާދާރުކަމާ އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް.
އާދެ، ހަމަ އެއާއެކީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޔަޤީންކުރަން ބޭނުންވާނަމަ، އަޅުގަނޑުމެންގެ ދައުލަތުގެ އެހެން ބާރުތަކަށްވެސް އެ ބޭނުންވާ ކަންކަން ކޮށްދޭން ޖެހޭނެ. ޚާއްޞަކޮށް، ޝަރުޢީ ދާއިރާ. ޖުޑިޝަރީ އޮތީ ވަރަށް އިހުމާލު ކުރެވިފައި. ޖުޑިޝަރީގެ ދާއިރާއަށް ދޭންޖެހޭ ސަމާލުކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދޭނަން. މިއީ އަބަދު ކިޔާ ވާހަކައަކަށް ވުމުގެ ބަދަލުގައި، ނަނާ ހުވަފެނެއް ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އަޅުގަނޑުމެން އަޅަން މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ ޖުޑިޝަރީގެ ބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރަށް އެތަން ހުޅުމާލޭގައި ހަދައިދޭނަން. އަދި އޭގެ އިތުރަށްވެސް، އެކިއެކި ފެންވަރުގައި، އެކިކަހަލަ ދާއިރާތަކުން ޖުޑިޝަރީއަށް ބޭނުންވާ ކުރިއެރުންތައް ހޯދައިދިނުމަށް، އަދި އޭގެ އިތުރަށް، ޝަރުޢީ ދާއިރާއަކީ ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، އަޅުގަނޑު ވަޢުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ.
އޭގެތެރޭގައި، އެއްކަމަކީ ޖޭ.އެސް.ސީ.ގެ ކޮމްޕޮޒިޝަނަށް ގެންނަންޖެހޭ ބަދަލު. އަޅުގަނޑުމެންގެ ޤައުމުގައި މިނިވަންކަމެއް ނޯންނާނެ، ޖުޑިޝަރީގައި ސިޔާސީ ނުފޫޒު އޮވެގެންނެއް. ހަމަ މާދަން ނިންމަފާނެ، ހަމަ ވިސްނާވިސްނާވެސް އެއީ، ކިހިނެއްވީ ކަމެއްކަން ނޭނގޭ ކަހަލަ ނިންމުންތައް. ސިޔާސީގޮތަށް ކަންކަން ދަންޏާ. އެހެންވީމާ، ޖޭ.އެސް.ސީ.ގެ ކޮމްޕޮޒިޝަން ބަދަލުކޮށް، ސިޔާސީ ނުފޫޒު ފިލާފައި އޮތް ތަނަކަށް ހެދުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ޖޭ.އެސް.ސީ.އަށް ގެންނާނަން.
އޭގެ އިތުރަށްވެސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށްވެސް ރަނގަޅު އިޞްލާޙުތައް ގެނެވިގެންދާނެ. ހަމަ އެއާއެކީގައި، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޚާއްޞަ ކޯޓުތައް އިރާދަކުރެއްވިއްޔާ ޤާނޫނީ ނިޒާމު ތެރެއިން ތަޢާރުފު ކުރާނަން. މިފަދަ ކަންތައްތައް ކުރުމުގެ ނަތީޖާއަކަށް ވާނީ، ރައްޔިތުންނަށް އިޙްސާސްވެގެން ދިޔުން، މި ޤައުމުގައި މިހާރު ކަންކަން މިދަނީ ރަނގަޅަށްކަން. ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާ އެކީގައި ފަނޑިޔާރުގެއިން އެބަ ތިމަންނަމެންނާ ދޭތެރޭގައި ކަންކަން ކުރެއޭ. ކަންކަން ކުރުމުގެ ފުރުޞަތު ސަރުކާރުން ދީފިއޭ. މިހާރު މިދަނީ ދާންވީ މަގުންނޭ. އެކަން އިޙްސާސް ނުވެއެއް އަޅުގަނޑުމެންނަކަށް މިނިވަންކަން އިޙްސާސެއް ނުވާނެ.
އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ އެހެން ހުރިހާ ދާއިރާއެއްވެސް އެބަޖެހޭ ތަރައްޤީވެފައި އޮންނަން. އަޅުގަނޑުމެންނަށް މި ދެންނެވި ފަރުދީ ފުދުންތެރިކަން އިޙްސާސްވެގެން މިދަނީ ޖީބަށް ވަންނަ ފައިސާ ގިނަވެ، އަޅުގަނޑުމެންގެ ޞިއްޙީ ކަންކަން ހުރީ ރަނގަޅަށްތޯ ޔަޤީންވެގެން. އަޅުގަނޑުމެންނަށް ތަޢުލީމު މި ދެވެނީ އަޅުގަނޑުމެން ބޭނުންވާ ފެންވަރަށްތޯ. ދަރިންނަށް ތަޢުލީމު ދެވެނީ މި އެންމެ ރަނގަޅަށްތޯ. ކުޅިވަރުގެ ކަންކަން، ނޫނީވިއްޔާ އިޖުތިމާޢީ ކަންކަން ހުރީ އަޅުގަނޑުމެން ބޭނުންވާ ގޮތަށްތޯ ޔަޤީންނުވާ ހިނދަކުއެއް އަޅުގަނޑުމެންގެ ސޮސައިޓީ ތެރޭގައި، މުޖުތަމަޢުގެ ތެރޭގައި އެ އަދުލުވެރިކަމެއް އިޙްސާސެއް ނުވާނެ. އެހެންވީމާ، ސަރުކާރުން އިސްކަން މިދެނީ މި ދެންނެވި ހުރިހާ ދާއިރާތަކުންވެސް ޤައުމަށް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވޭތޯ.
އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް ދާއިރާ، ޞިއްޙީ ފުދުންތެރިކަން ލިބުން. މިދިޔަ 8 މަސްދުވަހު ތެރޭގައި ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، އެއަރ އެމްބިއުލެންސް އިރާދަކުރެއްވީތީ ތަޢާރުފް ކުރެވިފައި އެވަނީ. މިހާރު ހުރިހާ ރައްޔިތުންނަށްވެސް އެއަރ އެމްބިއުލެންސްގެ އިޙްސާސް އެބަ ކުރެވޭ، ފައިދާ ލިބޭ.
އަދި ހަމަ އެއާއެކީގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ޕްލެޓްފޯމްތައްވެސް، އެތާނގައި ތިބި މިލިޓަރީ ބޭފުޅުން ގެންގޮސްފައި، މަދަނީ ބޭފުޅުން ލައިގެން އެ ސަރވިސްތައްވެސް ބޭނުންކުރަން ފަށާފައި ވަނީ. މިލިޓަރީގެ ބަދަލުގައި މަދަނީ މީހުން އޮޕަރޭޓް ކުރަން ފެށި ފަހުން، މިރޭ ފުރަތަމަ ފްލައިޓް، ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް އެއައީ އިންޑިއާގެ ޕްލެޓްފޯމުން. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. އެހެންވީމާ، އެއަރ އެމްބިއުލެންސް ސަރވިސް އެވަނީ ތަޢާރުފް ކުރެވިފައި.
އަޅުގަނޑު ވީ އެއް ވަޢުދު އެއީ، ތެލަސީމިއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކަންތަކަށްވާތީ، އަޅުގަނޑުމެން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚިދުމަތް ދޭނެކަމަށް. މިހާރުވަނީ 14 ޕޭޝަންޓަކު ފޮނުވިފައި. 3 ޕޭޝަންޓަކު މިހާރު ވަނީ އެ ޓްރާންސްޕްލާންޓް ނިންމާފައި.
ހަމަ އެއާއެކީގައި، ކޮލިޓީ ބޭސް. މިއީ މިދިޔަ ސަރުކާރުތަކުން ބިރުގަންނަ ކަމެއް. ދެން އެކި މީހުން ކްރެޑިޓް ނަގަން އުޅޭނެ. ޙަޤީޤަތް ރައްޔިތުންނަށް ފެންނާނެ. ކޮލިޓީ ބޭސް އަޅުގަނޑުމެން މިވަނީ ތަޢާރުފް ކޮށްފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ކޮލިޓީ ބޭސް ލިބިގެން މިހާރު ދާނެ.
އަޅުގަނޑުމެން މިދިޔަ ހުރިހާ ރަށަކަށް ދިޔައިރުގައި އެންމެ ބޮޑު އެއްކަމަކީ، ތިމަންނަމެން ރަށުގައި ކުދިކުދި ލެބޯރެޓަރީ ޓެސްޓްތައްވެސް ހެދޭވަރެއް ނުވެއޭ. އެކަން ކޮށްދޭށޭ. މިހާރު ހުރިހާ ރަށެއްގައި މި ދެންނެވި ޕޮއިންޓް އޮފް ކެއަރ މެޝިންތައް އެވަނީ ޤާއިމުކުރެވިފައި. ކުދިކުދި ލެބޯރެޓްރީ ޓެސްޓުތައް ހެދޭނެ މިހާރު ހުރިހާ ރަށެއްގައި. އެއީ ނޫންތޯ، ފަރުދީ މިނިވަންކަން، ރަށު ލެވެލްގެ މިނިވަންކަން އިޙްސާސްވާން، ފުދުންތެރިކަން އިޙްސާސްވާން އެންމެ މުހިންމު ކަންކަން ހުންނާނެ ގޮތަކީ.
ސަޢުދީ ފަންޑު މެދުވެރިކޮށް މިހާރު ތިން ހޮސްޕިޓަލެއް އެޅުމަށްޓަކައި ފަންޑު އެވަނީ ސެކްއަރ ކުރެވިފައި. ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށްޓަކައި ހުރިހާ ކަމެއް މިހާރު އެވަނީ ހަމަޖެހިފައި. ވިލިމާލެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި 1 ވަނަ ކަންތައް އެއީ، ވިލިމާލެ ހޮސްޕިޓަލް އެޅުން. އެކަން އިރާދަކުރެއްވިއްޔާ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެވަނީ ހަމަޖެހިފައި.
ހަމަ އެއާއެކީގައި، އާސަންދަ މެދުވެރިކޮށް އައީ.ވީ.އެފް. ޓްރީޓްމަންޓް ދެވޭނެގޮތަށް، އަދި އޭގެ އިތުރަށް ގިނަ ކަންތައްތަކެއް، ޚިދުމަތްތައް ތަޢާރުފު ކުރުމުގެ މަސައްކަތްތައް އެދަނީ ކުރިއަށް. މިހާރު ފަންޑުގެ ކަންތައްތައް ހަމަޖެހިއްޖެ. ތެލަސީމިއާ ހޮސްޕިޓަލަށް ބޭނުންވާ ބިންވެސް ހުޅުމާލެއިން އެވަނީ ހަމަޖެހިފައި. ސައްވީސްހާސް އަކަފޫޓުގެ، ސާޅީސްހާސް އަކަފޫޓުގެ ބޮޑު ބިމެއް އަޅުގަނޑު ހަނދާންވާ ގޮތުން. އެތަނުގައި ފުލް ފްލެޖްޑް ތެލަސީމިއާ ހޮސްޕިޓަލެއް، ތެލަސީމިއާގެ ހުރިހާ ޓްރީޓްމަންޓަކާ އެކީގައި، އެތަނަށް އައިސް ތިބުމަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީއާއި، ހުރިހާ ކަމެއް، ފުލް ފްލެޖްޑް، ވަށާޖެހޭ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ އެޅިގެންދާނެ ތެލަސީމިއާ ކަންތަކުގައި ވަޢުދުވި ގޮތަށް. އެއީ، އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް މި ބޭނުންވާ ފެންވަރަށް ކަންތައްތައް ގެންދިޔުމަކީ.
ހަމަ އެއާއެކީގައި، ވަޢުދުވީ ގޮތަށް، ކުޑަކުދިންނަށް މާބަނޑު މީހުންނަށް ބޭނުންވާ ޚާއްޞަ ހޮސްޕިޓަލަށްވެސް، ފަންޑު ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް އެބަދޭ. އެކަންވެސް މިހާރު އެވަނީ ހަމަ ނިމުމަކާ ހަމައަށް ގޮސްފައި. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން، މި ދެންނެވި ދެ ހޮސްޕިޓަލްގެ މަސައްކަތް ޢަމަލީގޮތުން ފަށާނަން.
އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، ޞިއްޙީ ކަންކަމާއި، ތަޢުލީމީ ކަންކަމާ، މި ހުރިހާ ކަމަކީވެސް މުހިންމު ކަންކަން. ތަޢުލީމީ ދާއިރާއަށް ބަލާއިރުގައި މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެކި ގްރާންޓްތައް ހޯދި، 9 މިލިއަން ޑޮލަރަށްވުރެ ގިނައިން އެވަނީ ހިލޭ އެހީ ހޯދިފައި. އޭގެ ދަށުން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ. މަތީ ސާނަވީއަށް ކިޔަވަން ދިވެހި ކޮންމެ ރައްޔިތަކު ބޭނުންވޭ، ކޮންމެ ކުއްޖަކު ބޭނުންވޭ. ކޮންމެ ޢާއިލާއަކުން ބޭނުންވޭ. 23 ރަށެއްގައި، 23 ސްކޫލެއްގައި މިހާރު އެވަނީ ފެށިފައި. އަޅުގަނޑު ދާ ކޮންމެ ރަށަކުން، ސަލާންކުރަން ތިބޭ ކުދިން އެންމެ ގިނައިން ބުނަނީ ތިމަންނަމެންގެ ސްކޫލްގައި އޭ.ސީ. ހަރުކޮށްދޭށޭ. ކުރަހާފައި ދެނީވެސް އޭ.ސީ. ހަރުކުރަންވީ ތަނާ އެކީގައި. ސަފުން ލިބޭ އެއްޗެހި ހުންނާނެ ގޭގައި ބަހައްޓާފައި. އޭ.ސީ. ހަރުކުރުމުގެ މަސައްކަތުގެ ޕްރޮޖެކްޓް މިހާރު ފަށައިފިން. ސްކޫލްތަކުގެ ކުދިން އެންމެ ބޭނުންވަނީ އެކަންތައް ވާން.
ދިވެހި މުދައްރިސުންނަށް މުޅި ސްކޫލް ސިސްޓަމް ބަދަލުކޮށްލުމަކީ އަޅުގަނޑުމެންގެ ވަޢުދެއް. އިރާދަކުރެއްވިއްޔާ މި ސެޕްޓެންބަރު މަހު ތެރޭގައި އެ ފެށެނީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ތިބޭނީ ހަމައެކަނި ދިވެހި މުދައްރިސުން ކަމަށް ހެދުމުގެ ބޮޑު މަޝްރޫޢު. އިރާދަކުރެއްވިއްޔާ ޙަޤީޤީ މާނައިގައި ދިވެހިންގެ ރާއްޖެއަށް އަޅުގަނޑުމެންނަށް ދެވޭތަން ފެންނާނެ.
ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވަޢުދު. ޤައުމިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނެ ކަމަށް އަޅުގަނޑު ދެންނެވިން. މިހާރު ކީ ސްޓޭޖް 1 އަދި 2 ގައި އެވަނީ ކިޔަވައިދޭން ފަށާފައި މި އަހަރު، މި ދައުރުގައި. އަދި އިރާދަކުރެއްވިއްޔާ ފުޅާކުރެވިގެން ދާނެ. ޤައުމީ ސަލާމް މިހާރު އެސެމްބްލީގައި ކިޔާނެ. ޤައުމީ ދިދަދެކެ ލޯބިވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަޚުރަކަށް ވާންޖެހޭނެ. ބައެއް މީހުން މަލާމާތްކުރިޔަސް. ދިވެހިވަންތަކަމުގެ ލޯބި ހުރި ކޮންމެ މީހަކަށްވެސް ދިވެހި ދިދަ ފެނުނީމާ އުފާވާނެ. އުފާވެރިކަމާއި، އެ އަންނަންޖެހޭ އިޙްސާސް، ޤައުމިއްޔަތުގެ ލޯބީގެ އިޙްސާސް އަންނަން ޖެހޭނެ. މިނިވަންކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ލޮލުގެ ކުރިމަތީގައި ސިޔާސީ ކުލަ މާބޮޑަށް ޖެހިގެންދާ ކަމަށްވަންޏާ. އެ މީހެއްގެ ހިތުގައެއް ނެތް ޤައުމިއްޔަތުގެ ލޯތްބެއް.
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިން ބޮޑުކުރަން ޤައުމީ ލޯބީގައި. އިރާދަކުރެއްވިއްޔާ ޤައުމިއްޔަތުގެ ދާއިރާއިން އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް މި ކުރަނީ. އެކިކަހަލަ މަރުކަޒުތައް ހަދާ، ރާއްޖޭގެ ޤައުމިއްޔަތު، ނެޝަނަލް އައިޑެންޓިޓީ ޤާއިމުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެވަނީ ފެށިފައި. އަޅުގަނޑު ވަޢުދުވިން، މި ޤައުމުގައި ހަމައެކަނި ހަދަންޖެހޭނީކީއެއް އިމާރާތްތަކެއް ނޫނޭ. އިމާރާތްތަކާއެކީ ސިކުނޑި ބިނާކުރަންޖެހޭ. އިންސާނާ ބިނާކުރަންޖެހޭ. އެހެންވީމާ، ދެ ބިނާ އެކީގައި ހިނގާނީ. ނޮވެންބަރުގައި އަޅުގަނޑު ދެންނެވިން. އެގޮތަށް އިރާދަކުރެއްވިއްޔާ މި ޤައުމު ހިނގާނީ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި.
އިމާރާތްތަކަށް ބަލާއިރުގައި، އިންފްރާސްޓްރަކްޗަރގެ ދާއިރާއިން މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ މިހިރަ މަގުތައް ހެދެން. ހަމަ ޔަޤީނުންވެސް ގެދޮރުގެ މައްސަލަ ނަގާފައި ދެވަނަ ކަމަކަށް. މިހާރު ޗައިނާގެ ހިލޭ އެހީގެ ދަށުން މުޅި މާލެއާއި، ވިލިމާލެއާ އެކުގައި ޒަމާނީ ފެންވަރުގައި ހުރިހާ މަގެއް ހެދުމުގެ ކަންތައް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ. އަދި އެކި ސްޓޭޖުތައް އެބަހުރި ނިންމަން. އިހަށްދުވަހު މިނިސްޓަރ އެ ވަޑައިގަތީ އެލް.އޯ.އީ.ގައި ސޮއިކުރައްވާފައި. އަޅުގަނޑު އެސްޓިމޭޓް މި ކުރަނީ ގިނަވެގެން 8 މަސްދުވަހުގެ ތެރޭގައި، ހައެއްކަ މަސް ތެރޭގައި ޢަމަލީ މަސައްކަތް ފެށޭތޯ. އިރާދަކުރެއްވިއްޔާ ހަތަރުވަރަކަށް އަހަރު ތެރޭގައި ނިންމާލެވޭނެ. ނިމޭއިރުގައި މުޅި މާލޭގެ ހުރިހާ މަގެއް، ވިލިމާލެއާ އެކީގައި އޮންނާނީ ހަދާ ނިމިފައި. އަޑީގައި އޮންނަން ޖެހޭ ފެނާއި ނަރުދަމާ، އެކިކަހަލަ ޑޭޓާ ކޭބަލްތައްވެސް އޮންނާނީ ތަރުތީބު ކުރެވިފައި. ދެން ގޮސް އަލިފާން ނިއްވުން، ސްޓޯމް ވޯޓަރ، ދެން މިހެންގޮސް ހުރިހާ ކަމެއް ހިމެނިގެން ރަނގަޅު ފެންވަރުގައި ހެދިގެން ދާނެ.
ހަމަ އެގޮތަށް، މި އަޅަމުންދާ ބްރިޖުގެ ވާހަކަވެސް ފާހަގަކޮށްލަން ޖެހެނީ ކޮމްޕެއަރ ކޮށްލުމުގެ ގޮތުން. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، 27 މަސްވެއްޖެ އެ މަސައްކަތް ހިނގާތާ. އެ 27 މަސް ދުވަހުގެ ތެރޭގައި 29 ޕަސެންޓް ޕްރޮގްރެސްގެ މަސައްކަތް ކުރެވިފައި ހުރީ. މިދިޔަ 8 މަސްތެރޭގައި އިތުރު 12 ޕަސެންޓް މަސައްކަތް ކުރެވިއްޖެ. އެހެން ގޮތަކަށް ދަންނަވަންޏާ، އޭގެ ކުރީގެ މުއްދަތަށްވުރެ 50 ޕަސެންޓް ބާރު ސްޕީޑްގައި މި ސަރުކާރު އައިފަހުން އެ މަޝްރޫޢުގެ މަސައްކަތްވެސް އެ ހިނގަނީ. މިހާރު 40.78 ޕަސެންޓް ޕްރޮގްރެސް ހާސިލު ކުރެވިއްޖެ، އެ މަސައްކަތުންވެސް.
ގުޅީފަޅުގެވެސް 2 ވަނަ ފިޔަވަހި އެވަނީ ހިއްކައި ނިންމާފައި، 150 ހެކްޓަރު. އަދި އިތުރަށް އެންމެ ފުންތައްވެސް ހިއްކުން އޮތީ ކުރިއަށް. ގިރާވަރުފަޅުގެ މަސައްކަތްވެސް އެދަނީ ކުރިއަށް. މި މަސައްކަތްތައް މި ކުރަނީ ގެދޮރުގެ ކަންކަން ޔަޤީންކުރުމަށްޓަކައި މާލެ ސަރަޙައްދުގައި.
ހަމަ އެއާއެކީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 105 މަޝްރޫޢެއް އެބަ ހިނގާ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން. އޭގެ ތެރޭގައި މި ހިމެނެނީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބިން ހިއްކުމާއި، ބަނދަރު ހެދުމާ މިފަދަ، އެކި ޒާތްޒާތުގެ މަސައްކަތްތައް.
އައްޑޫ ސިޓީގައި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔޫ.އެސް.ސީ.އާ ހަވާލުކުރެވިގެން އެދަނީ ހިނގަމުން. ރަސްމާލޭގެ މަސައްކަތް ކުރިން ހިންގިގޮތް އަޅުގަނޑުމެންނަށް ކަމުނުގޮސްގެން، އެ އެގްރިމެންޓް ބާޠިލުކޮށް، މިހާރު އެއްވެސް ފަރާތަކަށް ބިމެއް، ކުރު މުއްދަތަކަށްވިޔަސް، ދިގު މުއްދަތަކަށްވިޔަސް ދޭން ނުޖެހޭ ގޮތަށް ހިންގަން ނިންމައި، އެ މަސައްކަތް އެވަނީ އަލުން ފެށިފައި. އެތަނުން ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށް ދޭން، ނޫނީ ހިލޭވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް. އެހެންވީމާ، ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިއްކުމުގެ މަސައްކަތް، އެޗް.ޑީ.ސީ.އާއި، މިޑް ފްރީ ޒޯނާ ދެ ކޮމްޕެނީ ގުޅިގެން މިހާރު އެވަނީ ފެށިފައި. ކުރިއަށް އޮތް 8 މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ހިއްކައި ނިންމާނަން.
ހަމަ އެއާއެކީގައި، ގުޅީފަޅުގައި ފެނާއި ނަރުދަމާއާއި، ކަރަންޓް ޤާއިމުކުރުމާއި، ރަސްމާލެ ހިއްކައި ނިމޭއިރަށް، އެތަނުގައި ފެނާއި ނަރުދަމާއާއި، ކަރަންޓް ޤާއިމުކުރުމުގެ މަސައްކަތް ފެށޭނެ. ރަސްމާލޭގައި 15,000 ހައުސިންގ ޔުނިޓުގެ ހައުސިންގ މަޝްރޫޢު ހިންގުމަށްޓަކައި އިހަށްދުވަހު އަޅުގަނޑުމެންގެ މިނިސްޓަރުންގެ ޓީމެއް ކުރެއްވި ދަތުރުގައިވެސް ވަނީ މަޝްވަރާތައް ނިންމާފައި. އަދި އޭގެ އިތުރަށްވެސް، އިތުރު 15,000 ހައުސިންގ ޔުނިޓް.
އެހެންވީމާ، މި އަހަރުގެ ތެރޭގައި، މި ދައުރުގެ ތެރޭގައި، ރަސްމާލޭގައި އެކަނި 30,000 ހައުސިންގ ޔުނިޓް، ޗައިނާގެ އެކި ކަހަލަ ލުއި ލޯނުތަކުގެ ތެރެއިން އެޅިގެންދާނެ.
އަދި ހަމަ އޭގެއިތުރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމުގެ ބިޔަ މަޝްރޫޢުތައް ހިންގޭނެ. ފަރުދީ މިނިވަންކަން އިޙްސާސް ވެގެންދާނީ، ބޯހިޔާވަހި ކުރެވިގެން. ބޯހިޔާވަހި ކަމަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ވަޢުދު. އެ ވަޢުދު ފުއްދުމަށްޓަކައި އެންމެ ގިނަ މަސައްކަތް ކުރެވިގެންދާނެ. މިނިވަންކަން އިޙްސާސެއް ނުވާނެ، ޑިއުޓީ ބަހައިގެން ގޭގައި ނިދަން ޖެހެންޏަކާ. މިނިވަންކަން އިޙްސާސެއް ނުވާނެ، ފަސް ފޫޓުގެ ކޮޓަރިއެއްގައި، ދެމަފިރިންނާއި، ފަސް ކުދިންނާއި، މާމަޔާއި ކާފަޔާ އުޅެންޖެހިގެނެއް.
މިނިވަންކަން އިޙްސާސްވާނީ، ތިމަންނައަށް ފަޚުރުވެރިކަމާ އެކީގައި، ޝަރަފުވެރިކަމާ އެކީގައި، ޢިއްޒަތާ އެކީގައި، އުޅެލެވޭނެ ގެދޮރެއް ލިބިގެން. އެހެންވީމާ، އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަމަކީ. އެ މަސައްކަތް ފުރަތަމަ ދުވަހު ފެށީ އެހެންވެގެން. ދައުރު ނިމެން ގާތްވީމާ، ވޯޓަށް ގާތްވީމާ ކޮށްލާ، އިޚްލާޞްތެރި ކަމެއްނެތި ކުރާ، ދަޅަދައްކާ ކަމަކަށް ނޫން. ދެން އެހެން އުޅެން ހަދައިގެން ޖައްވާ ތަންތަނުން ގޯތި ދެވިގެންދަނީ. އެހެނެއްނޫން، އަޅުގަނޑުމެން އެކަން ކުރާނީކީއެއް. މިހާރު އެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނީ، ވަރަށް ބާރު ސްޕީޑްގައި.
އިހަށް ދުވަހު ޗައިނާއިން ވަޑައިގެންނެވި ޓީމުން، މި ސަރަޙައްދުގެ މި ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބްރިޖުގެ މަސައްކަތްވެސް ވަނީ ފަށާފައި. މިހާރު ބުރިޖް އެޅިގެންދަނީ ތިލަފުށްޓާ ހަމައަށް. ގިރާވަރާ ހަމައަކަށް އަދި ނޯންނާނެ ބުރިޖެއް. އަދި ގިރާވަރުން ގޮސް އުތުރު ތިލަފަޅަކަށް ބުރިޖެއް ނެތް. ޗައިނާގެ އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީ.ގެ ރައީސާ އެ ބޭފުޅުން ބައްދަލުކުރެއްވި. މިހާރު އެވަނީ އެ މަސައްކަތް، ޕްރޮޕޯޒަލް ހުށަހަޅަން ހަވާލުކުރެވިފައި.
އަޅުގަނޑުމެންގެ އަމާޒަކީ 2026 ގައި، މި ދެ ބުރިޖްގެ ޢަމަލީ މަސައްކަތް ފެށުން. 2026 ގައި ޢަމަލީ މަސައްކަތް ފަށައި، ތިން އަހަރުގެ ތެރޭގައި، ގިނަވެގެން ތިން އަހަރުގެ ތެރޭގައި، 2029 ނިމެންވާއިރަށް، އުތުރު ތިލަފަޅާ ހަމައަށް ބުރިޖުން ގުޅައިލުން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.
އުތުރު ތިލަފަޅާ ހަމައަށް ދާންޖެހެނީ ކީއްވެތޯ؟ އެ ތަނަށް ދާންޖެހެނީ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، އިޤްތިޞާދީ ސިޔާދަތު ޤާއިމުކުރުމަށްޓަކައި މި ފުޅާކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެގްރިކަލްޗަރ، ނޫނީ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢެއް އެތާ ހިންގަން ނިންމާފައި އޮތީމާ. ދަނޑުވެރިކަމުގެ އެގްރިކަލްޗަރ، އިކޮނޮމިކް ޒޯނެއް އެތާނގައި، ޤާއިމުކުރުމަށް ސަރުކާރުން ނިންމައި، އެ ތަނުގައި ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް، މި އަހަރު ނިމެންވާއިރަށް އެބަ ފަށާ. އެތަނުގައި މި ކުރާ މަސައްކަތަކީ، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެތަނުން އުފެއްދުން. ބޭރަށް ހޭދަކުރަންޖެހޭވަރު، ޚަރަދު ކުޑަވަނީ. އަމިއްލަ ފުދުންތެރިކަން ލިބެނީ. އިޤްތިޞާދީ ސިޔާދަތު ޔަޤާންވެގެން ދަނީ. އެހެންވީމާ، އެތަން އެބަޖެހޭ ބިރިޖަކުން ގުޅައިލަން. އަދި އެ ތަނުގައި ހިއްކޭ ބިމުގެ ތެރޭގައި، އެއްބައި ކަނޑައެޅިފައި ވަނީ އެހެނިހެން ބޭނުންތަކަށް. އެހެންވީމާ، އެ ބިންތައް ހިއްކުމަކީ، އެ ބިން ހިއްކައި، އެ ތަނާ ގުޅައިލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.
އާދެ، އޭގެއިތުރަށް، އައްޑޫގައި، ދެވަނައަށް އެންމެ ބޮޑު މަޝްރޫޢު މިއޮތީ. އައްޑޫގެ ބުރިޖްގެ މަސައްކަތް، އަޅުގަނޑު ވަޢުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ ހިނގާނެ.
އާދެ، ގެދޮރުގެ ވާހަކައަށް އަދި އަލިއަޅުވައިލާފައި ކުރިއަށްދާނަން. ގެދޮރުވެރިކަން، އެއީ އެންމެ ބޮޑު ވަޢުދު. އިމާރާތް އަޅާފައި ދިނުމާއި، އަމިއްލައަށް އިމާރާތް ކުރުމުގެ ފުރުޞަތު ދިނުމާ ދެ ކަންތައް މިއޮތީ. އަޅުގަނޑު ދެންނެވިން، ފަސް ޕަސެންޓަށްވުރެ ބޮޑު ނޫން އިންޓްރެސްޓް ރޭޓްގައި ލޯނު ދޫކުރަން ފަށާނަމޭ. މީގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިއްޖެ. ގާތްގަނޑަކަށް ނިމިއްޖެ. ތިން ބާވަތެއްގެ ލޯނު ލިބޭނެ. ތިން ކެޓަގަރީއަކަށް. ރާއްޖޭގެ އެކި ސަރަޙައްދުގެ އާބާދީއާއި، ތަރައްޤީއާއި މި ހުރިހާ ކަމަކަށް ބަލާފައި. ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން، ވިސްނުމުގެ ތެރެއިން. އެއް މިލިއަން ރުފިޔާއަށް ކެޕް ކުރެވޭ ލޯނަކާއި، ތިން މިލިއަން ރުފިޔާއަށް ކެޕް ކުރެވޭ ލޯނަކާއި، ހަ މިލިއަން ރުފިޔާއާ ހަމައަށް ކެޕް ކުރެވޭ ލޯނަކާ. ހަ މިލިއަން ރުފިޔާގެ ލޯނަކީ މާލޭ ސިޓީގައި ދޫކުރާ ލޯނު. ތިން މިލިއަން ރުފިޔާގެ ލޯނު ދޫކުރާނީ، އަރބަން ސެންޓަރުތަކަށް. ދެން ހުރި ލޯނު، އެއް މިލިއަން ރުފިޔާގެ ލޯނު ދެން ހުރި ރަށްތަކަށް. މި ދޭ ލޯނު ފަސް ޕަސެންޓަށްވުރެ އިންޓްރެސްޓް ބޮޑެއް ނުވާނެ. މި ލޯނު ބޭނުންކޮށްގެން އަލުން ބަލުން، ގެއެއް އިމާރާތް ކުރެވިދާނެ. ހަދަން ފަށައި ނުނިމިފައި ހުރި ގެ ނިންމާލަން ބޭނުންކުރެވިދާނެ. ރެނޮވޭޓް ކުރަން، ރިޕެއަރ ކުރުމަށް ބޭނުންކުރެވިދާނެ. އެހެންވީމާ، ނިންމާލުމަށްޓަކައި، ބޭނުންވާ ލޯނުގެ ކޮންމެވެސް ޕަސެންޓެއް މިއިން އަދި އެ ނަގާ ލޯނު ނަގައިގެން، ހަދަން ފަށައި، ބާކީބައި، ބޭންކަށް ވަދެގެން ހޯދުމުގެ މަގުވެސް އެބަ ފަހިވެގެންދޭ.
އެހެންވީމާ، ބޭންކްތަކުން މި ދޭ 12 ޕަސެންޓް ބޮޑު އިންޓްރެސްޓް ރޭޓް ނަގަން ނުޖެހި، ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި، ލޯނު ދޫކުރުމުގެ ނިޒާމު ޤާއިމުކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. މި ލޯނުތައް ދޫކުރަން، ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިފައި ވަނީ. އަޅުގަނޑު ފުރިހަމަ ޔަޤީންކަމާއެކީ މިތާ މި އިޢުލާނު ކުރަނީ، އެންމެ މުހިންމު މައްސަލަ ގެދޮރުގެ މައްސަލައަށް، ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ރައްޔިތަކަށްވެސް ނެގޭނެ ލުއި ފަސް ޕަސެންޓުގެ އިންޓްރެސްޓްގެ ލޯނު ދޫކުރުން މި އޮކްޓޫބަރު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ ވާހަކަ.
ނަތީޖާއަކަށް ވާނީ، މި ފަސް އަހަރުގެ ތެރޭގައި، އަމިއްލަ ބާރުގައި، އަމިއްލައަށް ބޭނުންވެގެން ގެދޮރުއަޅަން ބޭނުންވާ އެންމެންނަށް ލޯނު ލިބިގެން ދިޔުން. ސަރުކާރުން ހިންގާ މަޝްރޫޢުތަކުން، އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުއެޅިގެން ދިޔުން. ފަރުދީ ގޮތެއްގައި، ޢާއިލާތަކަށް އުފަލާ އެކީގައި އުޅުމުގެ ފުރުޞަތު ލިބިގެންދިޔުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލުކުރާނަން.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން، މީގެ އިތުރަށްވެސް، އަޅުގަނޑުމެން ލޯނު ދޭން ނިންމާފައި ހުރި ކަންކަމުގެ ތެރޭގައި ހިމެނޭ އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް މިހާރު އެވަނީ ތަޢާރުފް ކޮށްފައި. ކަނބަލުން ބާރުވެރިކުރުވުމަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވަޢުދު. މި 100 މިލިއަންގެ ލޯނަށް 216 ފަރާތަކުން އެބައޮތް ކުރިމަތިލާފައި. އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ މީގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ ލޯނަށް ހަދަން.
އާދެ، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބަލާއިރުގައި، އެންމެ މުހިންމު އެއް ކަމަކީ، އިންކްލޫސިވް ސޮސައިޓީއަކަށް މިތަން ހެދުން. މި ޤައުމު ބައްޓަން ކުރުން. އަޅުގަނޑުމެންގެ ޤައުމުގައި ކުލުނުވެރިކަމާއި، އޯގާތެރިކަންނެތިއެއް އަޅުގަނޑުމެންގެ ތެރޭގައި ނޯންނާނެ، މިނިވަންކަމުގެ އިޙްސާސް ކުރެވޭކަށް. އެއް ބަޔަކު އަޅުވެތިކަމުގައި ބާކީވެފައި، މާޖިނަލައިޒް ކުރެވިފައި. ހަވާސާއިން އެއްކިބާ ކުރެވިފައި. ނޫން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންވީމާ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަރަށް އިސްކަމެއް އެބަ ދެން. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މި ދެންނެވި ލޯނު ސްކީމްގައިވެސް 25 އިންސައްތަ އެވަނީ ކަނޑައަޅާފައި. އެ ލޯނު ނަގައިގެން އެ ފަރާތްތަކުން އަމިއްލަ ވިޔަފާރިއެއް ފެށޭނެ.
އޭގެ އިތުރަށްވެސް، މި އޮގަސްޓު މަހު ފަށާ ދެ ކޯހެއް، އިލެކްޓްރިކް ކޯހާއި، ބޭކިންގ ދަސްކޮށްދޭ ކޯހެއް. އެއަށްވެސް ނުކުޅެދުންތެރިކަން ހުރި 24 ފަރާތުން އެބައޮތް ކުރިމަތިލާފައި. އަޅުގަނޑުމެން އެކަން ހަމަޖައްސައިދޭނަން. އަދި ވަރަށް މުހިންމު، އާ ކަމެއް އެބަ ފަށަން. އިރާދަކުރެއްވިއްޔާ މި އޮގަސްޓު މަހުގެ ތެރޭގައި. މި އަންނަ އޮގަސްޓުގައި. ސައިން ލޭންގްއޭޖް ކޯސް ފަށާނެ. އާދެ، އަޑުއަހަން ދަތި ފަރާތްތަކަށް، މުޢާމަލާތް ކުރަން ދަސްކޮށްދޭން، އާންމު ފަރާތްތަކަށް ދަސްކޮށްދިނުމަށްޓަކައި އޮންލައިން ޒަރީއާއިން. ސައިން ލޭންގްއޭޖް ކޯސްތަކެއް އަޅުގަނޑުމެން ހިންގަން ފަށާނަން، މި އޮގަސްޓު މަހު އިރާދަކުރެއްވިއްޔާ. އޭރުން މި ދެންނެވިހެން އެންމެންނާ އެކީގައި، އެއް މުޖުތަމަޢެއްގެ ގޮތުގައި، އެކަކު އަނެކަކާ އަޅައިލައި، އޯގާތެރިކަމާ އެކީގައި، އެންމެންނަށް އުޅުމުގެ މަގު އެބަ ފަހިކޮށްދެވޭ. އެހެންވީމާ، މި ސައިން ލޭންގްއޭޖް ކޯސް ވެގެންދާނީ އިރާދަކުރެއްވިއްޔާ، ވަރަށް ގިނަ ފަރާތްތަކަށް އޭގެ ފައިދާ ކުރާނެ ކަމަކަށް.
އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތްތެރި، ނޫނީވިއްޔާ، ހަމަޖެހޭ ތަނަކަށް ހަދަންޏާ ޑްރަގުގެ ވަބާއިންވެސް ސަލާމަތްވާން އެބަޖެހޭ. އެހެންނޫނީ ކޮން މިނިވަންކަމެއްތޯ އޮތީ؟ ކޮންމެ ޢާއިލާއެއްގައިހެން އެބަހުރި މިކަމުގައި އެހީތެރިކަން ބޭނުންވާ ކޮންމެވެސް ކުއްޖަކު. އެހެންވީމާ، މި ޑްރަގުގެ ވަބާއިން ސަލާމަތްވުމަށްޓަކައި ސަރުކާރުތަކުން އެކި ކަންތައްތައް ކުރޭ. ހަމަ ހުރިހާ ސަރުކާރަކަށްވެސް އެކަމުގައި ޝުކުރު ދަންނަވަން. އެކަމަކު، އެކަށީގެންވާ ހައްލެއް ނެތް ގެނެވިފައެއް.
އިރާދަކުރެއްވިއްޔާ، އެކަމުގައިވެސް އަޅުގަނޑުމެންގެ ޢަޒުމް ވަރަށް ވަރުގަދަ. އަޅުގަނޑުމެން ބޭނުންވަނީ، ދުވަހަކު ރާއްޖޭގައި، މިކަމަށް ހައްލު ނުގެނެވޭ މިންވަރަށް، ޑްރަގުގެ މައްސަލައަށްވެސް ހައްލު ގެނައުމަށް ޑްރަގް އިރެޑިކޭޓް ކުރުމުގައި. މި ދިޔަ 8 މަސްދުވަހުގެ ތެރޭގައި، 130 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޑްރަގް އަޅުގަނޑުމެން ހިފައިފިން. ނައްތައިލުމުގެ މަސައްކަތްވެސް އެދަނީ. ބޮޑު ބައެއް ނައްތައިވެސް ލެވިއްޖެ. ކަމާގުޅޭ ޤާނޫނު، މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް އެބަ ގެންނަން. ގެނެސްގެން ލޯ އިންފޯސް ކުރާ ފަރާތަށް، ޕޮލިހަށް، މި ދެންނެވި ޑްރަގުގެ މައްސަލައިގައި، ބޮޑެތި ކުރިއެރުންތަކެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.
ހަމަ އެއާއެކީގައި، ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަނަކީ އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ހަމަ. އޭގެ ދަށުން މިހާރުވެސް 700 އަށްވުރެ ގިނަ ކުދިން އެދަނީ، ޓްރީޓްމަންޓް ހޯދަމުން. ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ އިތުރަށް ފުޅާކުރެވޭނެ. އަޅުގަނޑުމެންގެ ވަޢުދުގައި އޮންނާނެ، ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން ސެންޓަރުތައް ހަދާނެ ވާހަކަވެސް.
އެހެންވީމާ، އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޑްރަގުގެ ވަބާގައި ޖެހިފައި ތިބި ކުދިން އަނބުރާ މުޖުތަމަޢަށް ގެނެސް، ޑްރަގް އެތެރެކުރާ ފަރާތްތަކާއި، ޑީލްކުރާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިކަން ރާއްޖޭގައި ހާސިލު ނުކުރެވޭ މިންވަރަށް އިރާދަކުރެއްވިއްޔާ، ކާމިޔާބުކަމާ އެކީގައި ހާސިލުކުރުމަކީ އަޅުގަނޑުމެންގެ ވަޢުދު.
ހަމަ އެއާއެކީގައި، ގޭންގްތަކުގެ މައްސަލައިގައި ލޯ މަރާލައިގެން މި ތިބެނީ. އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ހުރިހާ ކަމެއް ހިނގަނީ. ނިޒާމުގެ ތެރެއަށް ވަރަށް ބޮޑަށް މޫ ވަދެފައި އޮތް މައްސަލައެއް. އެހެން ލޯ މަރާލައިގެން ތިބެންޏާ، ތިބެންވީ ހަމަ. އެކަމަކު އެއެއްނޫން ރައްޔިތުން ބޭނުންވާ ގޮތަކީ. ލޯ ހުޅުވަންވީ ހުރިހާ ރައްޔިތުން. އެންމެން އެކައްޗެއް ކިޔާފައި، އެކަތިގަނޑަކަށް ވާން އެބަޖެހޭ މި މައްސަލައިގައި. ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ޤާނޫނަށްވެސް މުހިންމު އިޞްލާޙުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން.
ހަމަ އެއާއެކީގައި، މިހާރު ވާނެ ޚާއްޞަ ޔުނިޓެއް ޕޮލިސް ސަރވިސްގައި އުފައްދާފައި، ގޭންގްތަކާ ބެހޭ މައްސަލަ ހައްލު ކުރުމަށްޓަކައި. އަދި ދ. އަތޮޅު ވާނީގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކެބިނެޓުން މިހާރު ނިންމާފައި އެވަނީ، ވަރަށް އަވަހަށް ފެސިލިޓީއެއް ޤާއިމުކުރުމަށް. އެ ފެސިލިޓީ ޤާއިމުކުރެވޭނެ. މި ގޭންގް ކުށްތަކުގައި ގޮސް ޖެހޭ ކުދިން، ސްކޫލްތަކުގައި އުޅޭ ކުދިންނާއި، ތަންކޮޅެއް ޒުވާން ކުދިން، އެކަމުން ސަލާމަތްކޮށްގެން ގެންގޮސް، އެކި ކަހަލަ ފަންނުތައް ދަސްކޮށްދީ، މުޖުތަމަޢުގައި ބޭނުންހިފޭކަހަލަ ކުދިންނަށް އެ ކުދިން ހަދައިދިނުމަށްޓަކައި ބޮޑު މަޝްރޫޢެއް ހިންގުމަށް. މިހާރު ދ. އަތޮޅު "ވާނީ" މި ރަށް އެވަނީ ކަނޑައަޅާފައި. އެ މަސައްކަތަށް ބޭނުންވާ ބަޖެޓް، މި އަންނަ އަހަރު ހަމަޖެހޭނެ. ބަޖެޓުގެ ތެރެއިން، ކޮންމެ އަހަރަކު ބޮޑު އަދަދެއް ހަމަޖެހޭނެ. އޭރުން މުޖުތަމަޢުގައި މި ނުބައި ގޯޅިއަށް ދާ ކުދިން ސަލާމަތް ކުރެވިގެން އިރާދަކުރެއްވިއްޔާ ދާނެ.
ތިންވަނަ ކަމަކީ، އިލީގަލް، ނޫނީ ނުގަވާއިދުން އުޅޭ ބޭރު މީހުންގެ މައްސަލަ. އެ މީހުންގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިފަހަރު ހާސިލުކުރާނެ ކަމެއް. މިހާރު އެއް އަހަރު ދުވަހުގެ މަޝްރޫޢު މި ފެށީ. މުޅި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން، އެ މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެން ފުރަތަމަ ކަމަކަށް އައިޑެންޓިފައި މި ކުރަނީ. ކޮށްފައި، ބޭރަށް ފޮނުވާލަންޖެހޭ މީހުން، ކަމާބެހޭ އެމްބަސީތަކާ ގުޅިގެން ބޭރަށް ފޮނުވައިލެވޭނެ. ލީގަލައިޒް ކުރަންޖެހޭ މީހުން، ރެގިއުރަލައިޒް ކުރާނެ. އަދި އެހެނިހެން ގޮތްގޮތުން، ކަންކަން ހަމަޖައްސަންޖެހޭ ފަރާތްތަކަކީ ކޮބައިތޯ ބަލައި، އެކަން ކުރިއަށް ގެންދެވޭނެ. ހަމަ އެއާއެކީގައި، މާލެއަށް ބަލާނަމަ، މާލޭގައި ގޯޅިގޯޅީގައި، ކުދިކުދި ތަންކޮޅުކޮޅު ކުއްޔަށް ނަގާފައި، އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ގޮތަށް، ކޮއްލަވާނި ހަދާފައި، ބޭރު މީހުން، ދިރިއުޅޭ ތަން މި ފެންނަނީ. އެ ކަހަލަ ތަންތާނގައި އަލިފާން ރޯވީމާ ވާގޮތްވެސް އަޅުގަނޑުމެންނަށް ބައެއްފަހަރު އެބަ ފެނޭ.
މާލެތެރެ ހަމަޖައްސަން ބޭނުންވަންޏާ އެބަޖެހޭ، މި ބޭރު މީހުން މިތަނުން ބޭރުކުރަންވެސް. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެކަމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އަދި މާލޭ ސަރަޙައްދުގައި އުޅޭ މި ދެންނެވި ބޭރު މީހުން، މި ސޮސައިޓީން ބޭރަށް ނެރެ، ހަމަޖެހޭ ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ ގޮތް ހަދާނަން. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ވަނީ ފެށިފައި. އާދެ، މި ހުރިހާ ކަމެއް މި ކުރެވިގެން މިދަނީ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހަމަޖެހޭ މުޖުތަމަޢަކަށް ހެދުމަށްޓަކައި.
އާދެ، ހަމަ އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤައުމުގައި މިހިރަ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގައި، އަޅުގަނޑުމެން ނަތީޖާ ނެރުމަށްޓަކައި މިކުރާ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށް އެބަ ގެންދަމޭ.
އާދެ، ފަހު ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ، ދިފާޢީ ސިޔާދަތުގެ ވާހަކަ. ދިފާޢީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެއް. ފުރަތަމަ ކުރެވުނު ކަމަކީ، މި ޤައުމުގައި ތިބި ބޭރުގެ ސިފައިން ގެންދިޔުން. އެކަން އަޅުގަނޑުމެންނަށް ދެ ޤައުމުގެ ގާތް ގުޅުމުގެ ތެރެއިން، މަޝްވަރާގެ އުސޫލުން ހާސިލުވެފައި އެވަނީ. އަޅުގަނޑުމެންގެ ޤައުމުގައި މިހާރު ބޭރުގެ ޤައުމެއްގެ ސިފައިންނެއް ނުތިބޭނެ. އެއީ، ވަރަށް ސާފުކަމެއް. ޔުނީފޯމް ލައިގެންވެސް، ނުލައިވެސް ނުތިބޭނެ.
އާދެ، އަޅުގަނޑުމެންގެ ކަނޑުގެ ބިޔަ ސަރަޙައްދު ނުބެލެހެއްޓެންޏާ، އަޅުގަނޑުމެންނަކަށް ދިފާޢީ ސިޔާދަތު ޔަޤީނެއްނުވޭ. ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި، ޔޫ.އޭ.ވީ. ހޯދައިގެން، މިހާރު ރެޔާއިދުވާލު 24 ގަޑިއިރު އެދަނީ، އަޅުގަނޑުމެންގެ ސަރަޙައްދު ބަލަހައްޓަމުން. އެ ޔަޤީންކަން، އެ އިޙްސާސް އެބަ ކުރެވޭ މިހާރު.
އެހެންވީމާ، އަޅުގަނޑުމެންގެ ދިފާޢީ ބާރު، އެމް.އެން.ޑީ.އެފް. ވަރުގަދަ ކުރުމަށްޓަކައި، ރިސޯސް ހޯދުމަށްޓަކައި، ވަރަށް އިސްކަން އެބަދެން. ކޯސްޓް ގާޑް ފުޅާކުރުމަށްޓަކައި، ދެގުނައަށް ބޮޑުކުރުމަކީ، އޭގެ ތެރެއިން ހިނގާ ކަމެއް. އެ މަސައްކަތްވެސް މިހާރު އެވަނީ ފެށުމުގެ މަރުޙަލާގައި. ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރެވޭ އެކަމުގައިވެސް.
އެހެންވީމާ، އަޅުގަނޑުމެންގެ މި ސިޔާދަތީ ތިން ކަންތަކުގެ ތެރެއިން، ދިފާޢީ ސިޔާދަތު ޔަޤީންކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތްވެސް މިދަނީ ހަމަ ވަރަށް ބާރު ސްޕީޑްގައި.
އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާދަތު، އަމިއްލަވަންތަ ކަމުގެ ސިޔާދަތު، ދިފާޢީ ސިޔާދަތު. މި ތިން ދާއިރާއިން އަޅުގަނޑުމެންގެ ސޮވެރިނިޓީ އަޅުގަނޑުމެންނަށް ޔަޤީންކުރުމަކީ، އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަންތައް. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް އިޙްސާސްވާން ބޭނުންވަންޏާ.
އަޅުގަނޑު ވަޢުދުވި ފަދައިން، އަޅުގަނޑުގެ ފަޚުރެއް ގޮތުގައި އަޅުގަނޑު ދެކެނީ، ޤައުމުގެ މިނިވަންކަން ކަށަވަރު ކުރުން. މިނިވަންކަމުގެ ރަތް ރޮނގު، ފަވާލެވިފައިވާ، ފަލަ ރަތް ރޮނގެއްގެ ގޮތުގައި، ތާއަބަދު ދެމެހެއްޓުން. އިރާދަކުރެއްވިއްޔާ ކޮންމެ ފަރުދަކަށް، ކޮންމެ ޢާއިލާއަކަށް، އެކަން އިޙްސާސް ވެގެންދާނެ. މި ކުރެވޭ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ތިމަންނައަކީ މިނިވަނެކޭ. މި ޤައުމަކީ މިނިވަން ޤައުމެކޭ. ފަޚުރުވެރި މިނިވަން ޤައުމެކޭ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. މި ފަޚުރުވެރި ދިވެހިރާއްޖެއަކީ، މިނިވަން ޤައުމެއްގެ ގޮތުގައި ތާއަބަދު ލަހައްޓަވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.