ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވައި، މި ޤައުމުގެ މިނިވަންކަން ފަޚުރުވެރިކަމާ އެކީ މިއަދާ ހަމައަށް އައީ އެފަދަ ޚިދުމަތްތެރީންގެ ހިންމަތާއި މިންނަތުން ކުރެއްވި ބުރަ މަސައްކަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވޭނީ، ވަރަށް މަތިވެރި އަޚްލާޤެއްގެ ވެރި ބަޔަކަށްކަމުގައެވެ. އަދި އެފަދަ ގިނަ ޚިދުމަތްތެރިންނަކީ ޤައުމަށް ތެދުވެރި އަދި ހަވާލުވި ކޮންމެ ޒިންމާއެއް ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިޚްލާޞްތެރިކަމާ، ހިންމަތާ އެކީގައި އަދާކުރުމުގެ ވަރުގަދަ ޢަޒުމުގައި ތިއްބަވާ ފަރާތްތަކަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުން، އެހާ ގިނަ ދުވަހު ޚިދުމަތް ކުރައްވާއިރު ވަރަށް ގިނަ ދަތި އުނދަގޫތައް ކުރިމަތިވާނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެދުވަސްތަކުގައި އެ ޚިދުމަތްތެރީންގެ ޢާއިލާތަކުންވެސް އެކަންކަން ތަޙައްމަލް ކުރައްވާނެކަން ފާހަގަކުރައްވައި އެފަރާތްތަކުން ޤައުމަށްޓަކައި އެ ވަޑައިގެންނެވި ޤުރުބާނީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިނާމު ދެއްވައި އެފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ.