ޞިއްޙީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރައްވާފައިވާކަން ފާހަގަކުރައްވައި އެ ޚިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް 14 ފަރާތަކުން މި ޚިދުމަތް ހޯދަމުން ދާކަމުގައި ވިދާޅުވެ އޭގެތެރެއިން 3 ފަރާތަކުން މި ފަރުވާ ފުރިހަމަ ކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މި ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ މިރޭގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ޞިއްޙީ މަރުކަޒުތަކުން ހެދޭނެކަން ފާހަގަކުރައްވައި މި ޚިދުމަތް ދިނުމަށް މި ސަރުކާރުން 'ޕޮއިންޓް އޮފް ކެއަރ" ވަޞީލަތްތައް ހުރިހާ ރަށެއްގައި ޤާއިމުކުރައްވާފައިވާކަމުގައި ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަރުދީ މިނިވަންކަމާއި ރަށްރަށުގެ ދިރިއުޅުން ފަހިކޮށްދެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ޤާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ހުރިހާކަމެއް ހަމަޖެހިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އާސަންދަ މެދުވެރިކޮށް އައި.ވީ.އެފް ޓްރީޓްމަންޓް ޚިދުމަތް ދިނުމަށާއި އަދި ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތައް ތަޢާރަފުކުރުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު ހުޅުމާލޭގައި ތެލެސީމިއާ ޚިދުމަތް ދޭ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ބިން ކަނޑައަޅާފައިވާކަމަށާއި، މިތަން ފުރިހަމަ ކުރެވުމުން ތެލެސީމިއާގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެވި ވަށާޖެހޭ ގޮތެއްގައި މިޚިދުމަތް ރައްޔިތުންނަށް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.