ކުރިއަށް އޮތް ޖީލުތަކުގެ މުސްތަޤުބަލަށްޓަކައި، މި ޤައުމުގެ އިޤްތިޞާދީ ސިޔާދަތީ މިނިވަންކަން ޔަޤީންކުރުމަށް، އުދަރެހުގެ އެންމެ ކޮޅަށް ބެލުމަށް ނުވަތަ ދުރުވިސްނޭ ސިޔާސަތުތައް ގެންގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މި އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޤައުމުގެ އިޤްތިޞާދު ޑައިވަރސިފައިކުރުމަށް ނުވަތަ ސިންދަފާތުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެކި ދާއިރާއިން އިޤްތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގ ސަރވިސް އަމަލީގޮތުން މިއަންނަ މަހު ފެށޭނެކަމަށެވެ. އަދި މި ޚިދުމަތް ފެށޭތާ ފުރަތަމަ 12 މަސް (1 އަހަރު) ގެ ތެރޭގައި ޖީ.ޑީ.ޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގެ ދަރަނި ކުޑަކުރެވި، ދައުލަތަށް އާމުދަނީ އިތުރުވެ، އިތުރު ވަޒީފާތައްވެސް އުފެދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިކަން ފުޅާކޮށް ރާއްޖޭގައި ހެއްދޭ ތަކެތި އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތައްވެސް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވައިފައެވެ.

އަދި ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ޤާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓުކަމުގައި ފާހަގަކުރައްވައި، ސޯލާ ސިޓީއެއް ޤާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި ވަކި ވިޔަފާރިތަކަށްވެސް ފައިދާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވައި، ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށާއި އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ހިނގައްޖެކަން ހާމަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވާނެކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅުކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނގިރޭސިވިލާތާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމުގެ އުންމީދުވެސް އައުކުރެއްވިއެވެ.