بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، ރާއްޖެ ތަމްސީލުކުރުމަށްޓަކައި ޕެރިހުގައި އޮންނަ އޮލިމްޕިކްސްގައި ބައިވެރިވުމަށްދާ އެތުލީޓުންގެ ކޮންޓިންޖެންޓް އަދި މި ކަމުގައި ޝާމިލުވާ ހުރިހާ ބޭފުޅުން؛

އާދެ، އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މި ޙަފުލާ ބޭއްވިގެންދާ ކަމަށްޓަކައި. މިއީ ވަރަށް ތާރީޚީކަމެއް. ރާއްޖޭގެ ފަރާތުން މިހައި ގިނަ އެތުލީޓުންނަށް މިފަހަރު ބައިވެރިވުމުގެ ފުރުޞަތު ލިބިގެންގޮސްފައިވާކަމީ، އަޅުގަނޑުމެން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި މި ކުރާ މަސައްކަތަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް. އަޅުގަނޑު އެދެނީ، މި ފަސް އެތުލީޓުންވެސް މިފަހަރު ރާއްޖެއަށް، ތިޔަ އެތުލީޓުންނަށް ގެނެސްދެވޭނެ އެންމެ ރީތި ނަމެއް ގެނެސްދިނުމަށް. އަޅުގަނޑު ޔަޤީންކުރަނީ ކަށިން ހިތްވަރު ނެރޭނެކަމަށް. ކުރެވުނު އެންމެރަނގަޅަކަށް މަސައްކަތްކުރާނެ ކަމަށް. އެ ކަމުގައި އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. އަދި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި އެންމެފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އާދެ، ވަރަށްގިނަ މަސައްކަތުން މި ހިސާބަށް މި އާދެވުނީ. ވަރަށްބުރަ މަސައްކަތް ތިޔައިން ކޮންމެ އެތުލީޓަކުވެސް ކުރެއްވީ. އަދި ކޯޗުންނާއި، އެސޯސިއޭޝަންތަކާއި، ވުޒާރާއިންނާއި މުޅި ކުޅިވަރު ކޮމިޔުނިޓީން މަސައްކަތްތަކެއް ކުރީ. އަޅުގަނޑު އެދެނީ ކުރިއަށްއޮތް ތަނަށް ބެލުމަށް. މިއީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ފެށުމެއްގެ ގޮތުގައި ބެލުމަށް. އަޅުގަނޑުމެން ރާއްޖޭގެ އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރަން ނިންމާފައި، ފެށުމުގެ މަސައްކަތުގެ މަރުޙަލާގައި މިދަނީ. ރާއްޖޭގައި އިންޓަރނޭޝަނަލް ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭ ފެންވަރަށް އެކި ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އެހެނިހެން ވަސީލަތްތައް އިތުރުކޮށް ދިނުމާއި، މިފަދަ އެތައްކަމެއް އެވަނީ ޕްލޭން ކުރެވި، އަދި ކުރަން ނިންމައި، މަސައްކަތް ފެށިފައި. އިރާދަކުރެއްވިއްޔާ މިފަހަރު މި ބައިވެރިވާ ފަސް ކުޅިވަރުގެ އިތުރަށް އަދި ކުރިއަށްއޮތް މުބާރާތްތަކުގައި އިތުރު ކުޅިވަރުތަކަށް ރާއްޖޭގެ ފަރާތުން އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު. ސަރަޙައްދީ ފެންވަރުގައާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައި އޮލިމްޕިކްސްއާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރިވުމަށްޓަކައި، ރާއްޖޭގައި ލިބޭ ތަމްރީނާއި އެ ލިބޭ ފުރުޞަތުތައް އިތުރުކުރުމާއި އަދި ރާއްޖެއިން ބޭރުންވެސް ތަމްރީނު ހޯދައި، ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ތަރުތީބު ކުރެވިގެން، ރޭވިގެން ކުރިއަށް ގެންދެވޭނެގޮތަށް މަސައްކަތްތައް ތަރުތީބު ކުރުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު.

ރާއްޖޭގައި އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް މި ދެންނެވިފަދައިން ކުރިއަށްދާނެ. މި އަންނަ އަހަރުން ފެށިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ކޮންމެ އަހަރެއްގެ ބަޖެޓުގައި މި ދެންނެވިގޮތަށް ވަރަށް އިސްކަމެއް މި ކަމުގައި ދެވޭނެ. ބަޖެޓު ފާސްކުރެވިގެންދާއިރު، ކުޅިވަރު ކުރިއެރުވުމަށްޓަކައި އިރާދަކުރެއްވިއްޔާ މިހާތަނަށް ރާއްޖޭގައި ނުކުރެވޭ މިންވަރަށް މަސައްކަތްކުރެވޭނެ. ރާއްޖޭގެ ތާރީޚުގައި ނުދެކޭ ފެންވަރަށް ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއަށް ގެންދިއުމަކީ، އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ގޮތް. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ.

ދިވެހި ރައްޔިތުން އުންމީދުކުރަނީ، އަޅުގަނޑުމެންގެ ޤައުމުގައި ޓްރާންސްފޮރމޭޝަނަލް ކުރިއެރުމެއް ކުޅިވަރަށް ގެނައުން. އިރާދަކުރެއްވިއްޔާ އެ ޢަޒުމުގައި، ކުޅިވަރު ކޮމިޔުނިޓީގެ ފުރިހަމަ ބައިވެރިވުމާ އެކީގައި އަޅުގަނޑު މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ.
އެ ޔަޤީންކަމަކީ މިއަދުގެ ފެށުން ކަމުގައި ތިޔަބޭފުޅުން ބަލައިގަންނަން އަޅުގަނޑު އެދެނީ. އޮލިމްޕިކްސްގައި ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމަށްޓަކައި ފުރިހަމަ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮތްކަން އަދިވެސް ދަންނަވާލަން. ފުރިހަމަ ކާމިޔާބީއަކަށް އެދެން. އަދި މި ކަމުން ހިތްވަރު ލިބި، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އެންމެން ބައިވެރިވެ ކުރިއަށް އޮތް ދުވަސްތަކުގައި، އެކިއެކި ދާއިރާތަކުން ދެންމެ މި ދެންނެވިފަދައިން މިއިން ދުވަހަކު އަޅުގަނޑުމެން ނުދެކޭހާ ފެންވަރަށް ކުޅިވަރު ކުރިއަށް ގެންދިއުމަކީ، އަޅުގަނޑުމެންގެ ޢަޒުމް ކަމުގައި ކަނޑައަޅައިގެން ކުރިއަށް ދިއުމަކީ، އަޅުގަނޑު އެދޭގޮތް. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ.

އާދެ، އަދިވެސް އެއްފަހަރު ހުރިހާ އެތުލީޓުންނަށް ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން. އަދި ހިތްވަރު ދެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ކުޅިވަރުގެ މައިދާނުގައިވެސް އޮތީ އުފާފާގަތިކަން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ކާމިޔާބީ اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހި ޤައުމަށް އުފާފާގަތިކަން އަބަދުވެސް މިންވަރު ކުރެއްވުން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.