بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރީން، އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ އެންމެހައި އިސްވެރީން، ހިތްވަރުގަދަ ފަޔަރ ފައިޓަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އޮޅިގެން ނަމަވެސް، އަޅުގަނޑަށް މިތަނަށް އާދެވުނީ މި، މި ޚިދުމަތުގެ އަހަރީ ދުވަސް ކަމަށް ހީކޮށް. ރަނގަޅަށްމެ އަހަރީ ދުވަސް ކަމުގައި ނުވިނަމަވެސް، މި ޚިދުމަތް އަޅުގަނޑުމެންނަށް އަލަށް ފެށްޓޭތީ، އާ ސްޓޭޝަނެއް އަޅުގަނޑުމެންނަށް ހުޅުވޭތީ، އެ ފަޚުރުވެރިކަން އަޅުގަނޑުމެން ލިބިގަންނަން، ދިވެއްސަކަށްވީތީ، ދިވެހިންނަށްވީތީ.

ޙަޤީޤަތުގައި ފަޔަރ ފައިޓަރުން، ނުވަތަ ތިޔަބޭފުޅުން ޤައުމަށްޓަކައި ތިޔަ ފޯރުކޮށްދެއްވާ ޚިދުމަތަކީ، ނޫނީ ތިޔަ ކުރައްވާ މަސައްކަތަކީ، ޤައުމީ ބުރަ މަސައްކަތެއް. އިންސާނިޔަތަށްޓަކައި އިންސާނުންނަށް ފޯރުކޮށްދޭ ވަރަށް ހިތްވަރުގަދަ ބުރަ މަސައްކަތެއްމެ. އެހެންކަމުން، ތިޔަބޭފުޅުންގެ ތިޔަ މަސައްކަތަށް އަޅުގަނޑުމެން ނުހަނު ފަޚުރުވެރިކަމާއެކީ ޝުކުރުވެރިވަން. އަދި މަރުޙަބާއާއި ޝުކުރު ދަންނަވަން.

އާދެ، އަލިފާނުގެ ހާދިސާއެއް ހިނގައިދިޔުމަށް، ހިނގައިދާނެތީވެ އަބަދުވެސް ތިޔަބޭފުޅުން ތިޔަ ތިއްބަވަނީ ކަމަރު ބަންނަވައި ތައްޔާރީ ހާލަތެއްގައި. ޤައުމުން، ނޫނީ ޤައުމުގެ ދުލުން ތިޔަބޭފުޅުންގެ ޚިދުމަތަށް ގޮވާލާނެ ވަގުތަކީ ކޮބައިތޯ، ނޫނީ ހާލަތަކީ ކޮބައިތޯ ބެލުމަށް އަބަދުވެސް ތިޔަ ތިއްބަވަނީ ތައްޔާރަށް. އެހެންކަމުން، އަޅުގަނޑުގެ ހިތުގެ ވަރަށް ހިތްހަމަޖެހުމާ އެކީގައި، އުފަލާ އެކީގައި ތިޔަބޭފުޅުންގެ ތި ޚިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވަން.

ގެ އިރާދަފުޅާއި މިންވަރުފުޅުން، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތުގައި އެ މަނިކުފާނު އެ ގެންދަވަނީ، މި އެއަރޕޯޓުގެ އާ ތަޞައްވުރާ އެކީގައި، މި ގެންނަ ބަދަލުތަކާ އެކީގައި ޒަމާނީ ކުލަޖެހިގެންދާ ފަދަ، ގިނަ ޚިދުމަތްތަކެއް މި ތަނުން ފޯރުކޮށްދޭނެ ކަންކަން ކަށަވަރު ކުރައްވަމުން. އެ މަނިކުފާނު ހަމަ ޔަގީނުންވެސް މި ފަޔަރ ސްޓޭޝަނުންވެސް، ޒަމާނީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް ކަށަވަރު ކޮށްދެއްވާނެ. މިއީ، އަޅުގަނޑުމެންނަށް ލިބިގެންދާ ހިތްހަމަޖެހުމެއް، ނޫނީ އުފަލެއްވެސްމެ.

އަޅުގަނޑު ދަންނަވާލަން ބޭނުން، ރާއްޖޭގެ އިޤްތިޞާދީ އެންމެ ވަރުގަދަ މައި ތަނބަކީ، ފަތުރުވެރިކަން ކަމަށްވާއިރު، މި ފަތުރުވެރި ކަމުގައި އެންމެ މައި އެއަރޕޯޓް ވެގެން މިދަނީ، އަޅުގަނޑުމެން އެންމެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚިދުމަތް ފޯރުކޮށްދޭންޖެހޭ ތަނަކަށް. އެތަން ބެލެހެއްޓުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވަން ތިއްބެވި، އެ ޚިދުމަތް ދެއްވޭ ފަރާތަކީވެސް ހަމަ ތިޔަ ފަރާތް. އެހެންކަމުން، ޤައުމުގެ އަގު ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ މަތީ ފަންތީގައި ހިފަހައްޓައި ދެއްވާ ބަޔަކަށް ތިޔަބޭފުޅުންވާތީވެ، ތިޔަބޭފުޅުން ތިޔަ ކުރައްވާ ޚިދުމަތަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ތިޔަބޭފުޅުންނަށް މި ފުރުޞަތުގައި ދަންނަވަން. އަދި އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަބޭފުޅުން މި ޤައުމީ ޚިދުމަތުގައި ދެމިތިބުން. އިރާދަކުރެއްވިއްޔާ، ތިޔަ ޚިދުމަތުގެ އަގު އަޅުގަނޑުމެން ސަރުކާރުން ވަޒަންކުރާނަން.

ތިޔަބޭފުޅުންގެ ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ޓެކްނޯލޮޖީގެ އެހީތެރިކަން، އެންމެ ބޭނުންވާ ގޮތަށް، ވަގުތާއި ހާލަތަށް އެންމެ ބޭނުންވާ ގޮތަށް ތަރައްޤީ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ތައްޔާރަށް. އެ މަނިކުފާނު މިކަންކަމަށް ވަރަށް ބޮޑަށްވެސް އިސްކަން ދެއްވާކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށް، އެ މަނިކުފާނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މާގިނަ ވާހަކަތައް މި ގަޑީގައި ދައްކާކަށްނެތިން. އެހެންނަމަވެސް، މި ފަޔަރ ސްޓޭޝަން ހުޅުވިގެން މިދަނީ އަޅުގަނޑު ދަންނަވާނީ، ވަރަށް ފިނި ވާރޭކޮޅަކާ އެކީގައި، އެހާމެ ހިތްގައިމުކޮށް، އަދި ވަގުތާއި ހާލަތާވެސް ގުޅޭގޮތަށް.

އެހެންކަމުން، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި މާތް ﷲ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން.

އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ.