ފައިސާ ޗާޕްނުކޮށް އަދި ބޮޑު އިންޓަރެސްޓުގައި ލޯނުތައް ނުނަގައި ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ވޭތުވެދިޔަ ހަތްމަސް ދުވަހުގެ ތެރޭގައި ސަރުކާރުން ދައްކާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެތެރެއާ ބޭރުގެ ދަރަނިތައް އަދާކުރުމަށް ޖުމްލަ 13 ބިލިޔަން ރުފިޔާ މި 7 މަސްތެރޭގައި ދައްކާފައިވާކަމަށާ، އޭގެ ތެރޭގައި ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ޑީފޯލްޓް ނުވެ ދައްކައިފައިވާކަން މިމޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އެކި ކުންފުނިތައްލައްވައި މަސައްކަތްތައް ކުރުވުމަށްފަހު އަގު އަދާނުކޮށްހުރި 9 ބިލިޔަން ރުފިޔާގެ ތެރެއިން ، 4 ބިލިޔަން ރުފިޔާވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހުރީ 2 މިލިޔަން ޑޮލަރުގައި ކަމަށާއި ނަމަވެސް މި ވޭތުވެދިޔަ 7 މަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު 54 މިލިޔަން ޑޮލަރަށް އިތުރުކޮށްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު އެ ޢަދަދު 100 މިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާކަން ތަކުރާރު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ ބޭރުގެ މާލީ އިދާރާތަކުންވެސް ތައުރީފުކުރައްވާ ނިންމުމެއްކަން ފާހަގަކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު އެއަރޕޯޓްގެ ޓަރމިނަލް އަދި ޓަރމިނަލްއާ ގުޅިފައިވާ މަސައްކަތްތައް އެކީ ނިންމާލެވޭނެ ކަމަށެވެ. ހަމަ އެހެންމެ އާ ޓަރމިނަލްގައި ގާއިމުކުރާ 8 އެއަރޯ ބްރިޖުގެ ތެރެއިން މަދުވެގެން 3 ބުރިޖުގެ މަސައްކަތް ނިންމައި މިއަހަރު ނިމޭހާތަނުގައި ބޭނުންކުރެވޭވަރު ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އެއަރޕޯޓް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.