بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނިޢުމަތްތަކުގެވެރި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.


ދިވެހި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް، ދައުލަތުގެ އިސްވެރިން، ކޮމިޝަންގެ ޢިއްޒަތްތެރި މެންބަރުން،މި ކޮންފަރެންސްގެ އެންމެހައި ބައިވެރިން، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ސަރުކާރު ހިންގުމުގައި، ކޮންމެ ޒަމާނަކުވެސް އެ ޒަމާނަކާ ގުޅޭ އަދި ތަހުޒީބު އުސޫލުތަކަކާއި އިންތިޒާމުތަކެއް ރާއްޖޭގައި ހުރީ ހަމަޖެހިފައި. މިއީ، ދިވެހި ތާރީޚުން ފެންނަން އޮތް، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވުން ޙައްޤު ކާމިޔާބީއެއް.

އެގޮތުން، ސިވިލް ސަރވިސްގެ ޚިދުމަތް، ރާއްޖޭގައި ވަކި މުއައްސަސާއެއްގެ ގޮތުގައި، ވަކި ޤާނޫނެއްގެ ދަށުން ބާރު ލިބިގެން އުފެދިގެން ދިޔައީ، މީގެ ގާތްގަނޑަކަށް 17 އަހަރު ކުރިން. އެއީ، 2007ވަނަ އަހަރު. އޭރު އުފެދުނު ސިވިލް ސަރވިސް ކޮމިޝަން، މިއަދާ ހަމައަށް އައިއިރު، އަޅުގަނޑަށް ފެންނަނީ، ޒަމާނާ ގުޅޭ، ވަރަށް ހެޔޮ ބަދަލުތަކަކާއެކު އޮތް މިނިވަން މުއައްސަސާއެއް ގޮތުގައި. އަދި މިދިޔަ 17 ވަރަކަށް އަހަރުގެ ރާސްތާއިން އަޅުގަނޑަށް ފެންނަނީ ޚިދުމަތްތެރިން ބިނާކުރުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި، ވަރަށް ކާމިޔާބު، ވަރަށް އީޖާބީ މަސައްކަތްތަކެއް، ދިވެހި ސިވިލް ސަރވިސްއިން ކުރައްވާފައިވާތީވެ.

އާދެ، މިއަދު މި ފެށޭ ސިވިލް ސަރވިސް ކޮންފަރެންސަކީވެސް، ޤައުމަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މި މުއައްސަސާއިން ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ، މުހިންމު މަސައްކަތެއް. މިއީ، މި ކޮންފަރެންސް ބާއްވާ 4ވަނަ ފަހަރު. އެކި ސަބަބުތަކާހުރެ 5 އަހަރުގެ މެދުކެނޑުމަކަށްފަހު، މި ކޮންފަރެންސް ސިލްސިލާކޮށް ދެ އަހަރުން އެއް އަހަރު ބާއްވަން އަލުން ފެށޭތީ އަޅުގަނޑު ނުހަނު އުފާކުރަން.

އެއިރަކު އެ އޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒުތަކަށް ޤައުމު ގެންގޮސްދީ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދޭން މަސައްކަތްކުރާ އެއްބަޔަކީ، ސިވިލް ސަރވިސް. ކޮންމެ ސަރުކާރެއްގެވެސް އަމާޒުތައް ހާސިލުކޮށްދިނުމުގައި، ޤައުމީ ލޯބީގައި ވަރަށް މުރާލިކަމާއި ޖޯޝާއެކީގައި، އައްސަރިބަހާއި ސާބަސް ތަކުރާރުކުރަން ޖެހޭނެ ބޮޑެތި ޚިދުމަތްތަކެއް، ދިވެހި ސިވިލް ސަރވިސްއިން ދަނީ ކޮށްދެއްވަމުން. އެކަމަށްޓަކައި ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މެންބަރުންނަށާއި އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން.

ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، ވަރަށް ކެތްތެރިކަމާއި ވަރަށް ޙިކުމަތްތެރިކަމާއި، ވަރަށް ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއް. ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ކޮންމެ އޮފީހަކުންވެސް އެއްވެސް ދައްޗެއްނެތި ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ. ޚިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިޤްބާލު ކުރަން ތިބޭނީ ސިވިލް ސަރވިސް މުވައްޒަފުން. ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސަރވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސަރވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސަރވިސްގެ އެހީތެރިކަމާއި، އިޚްލާޞްތެރި އެއްބާރުލުން ދިވެހި ސަރުކާރަށް ބޭނުންވޭ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމީ ޚިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކުރެއްވުން، ޒަމާނީ ކުރެއްވުން، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދެއްވަން ހުއްޓުމެއްނެތި ރެޔާއިދުވާލު މަސައްކަތްޕުޅު ކުރެއްވުން. އަދި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައި މިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބު ކުރުމުގައި، ދިވެހި ސިވިލް ސަރވިސްއިން ފުރިހަމައަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.

ޚިދުމަތް ދިނުމުގައި މުހިންމު ދެ ކަމެއް އަޅުގަނޑު މި މުނާސަބާގައި ފާހަގަކޮށްލަން ބޭނުންވޭ. އެއް ކަމަކީ، ހިނިތުންވުމާއި، އޯގާތެރި ޚިދުމަތެއް ދިނުން. ދިވެހި ސިވިލް ސަރވިސްއިން ކޮންމެ މުވައްޒަފަކީވެސް، ޚިދުމަތް ހޯދަން އަންނަ ކޮންމެ ދޭސީއަކާއި ކޮންމެ ބިދޭސީއަކާވެސް އޯގާތެރިކަމާއެކު މުޢާމަލާތް ކުރައްވާ ބޭފުޅަކަށްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންދާ ޓެކްނޯލޮޖީއާ އެކީގައި ބަދަލުވަމުންމިދާ ދުނިޔޭގައި، ޒަމާނާ ގުޅޭގޮތަށް ޚިދުމަތް ދިނުން. ކިއޫގައި ޖެހިގެން ޚިދުމަތް ހޯދަން އެތައްއިރަކު ތިބެން ޖެހުން ފަދަ ކަންކަމަކީ، ޒަމާނުގެ ޓެކްނޯލޮޖީއާއެކު ޙައްލު ހޯދޭނެ ކަންކަން. އޮފީސްދޮށަށް ނުގޮސް، ގޭގައި އިނދެގެންވެސް އޮންލައިންކޮށް ޚިދުމަތް ލިބެންޖެހޭ. އެ ޚިދުމަތް ފޯރުކޮށްދެވުމުން، އެ ޚިދުމަތް ކޮންމެ ރައްޔިތަކުވެސް ވަޒަން ކުރިގޮތް ނުވަތަ ރަނގަޅު ކުރަން ހުރި ކަންކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަކީ، މުހިންމު ކަމެއް ކަމުގައި ދެކެން. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްޕުޅު ކުރެއްވުމުގައި ނަމޫނާ ލީޑަރެއް. އަދި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، އެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަކީ އެ މަނިކުފާނުގެ އަމާޒެއް.

ވީމާ، ރައްޔިތުންގެ އަޑު އަބަދުމެ އަހައިގެން، ރައްޔިތުންނަށް ވީހާވެސް ސާފުކޮށް ކަންކަން އޮޅުންފިލުވައިދީގެން، ރައްޔިތުން އެދޭގޮތަށް ކުރިއަށް ދާން ސަރުކާރުން ފަށާފައި މިވާ ދަތުރުގައި، ދިވެހި ސިވިލް ސަރވިސްގެ އެއްބާރުލުން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން. މި ދަތުރުގެ މުޅި ކާމިޔާބީގައި ސަރުކާރުގެ މުވައްޒަފުންގެ ޙިއްޞާ އެހާވެސް ބޮޑު. އިރާދަކުރެއްވިއްޔާ، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން އަދި ސިވިލް ސަރވިސްގެ މުވައްޒަފުން އެދިވަޑައިގަންނަވާ ކަންކަން ފަހިކޮށްދީ، ފަސޭހަކޮށްދިނުމުގައި ސަރުކާރުން ރެޔާއިދުވާލު މަސައްކަތް ކުރާނަން.

އަޅުގަނޑު އެދެނީ، ސީދާ ރައްޔިތުންނަށް ރެޔާއިދުވާލު ދެވޭ އެތައް ޚިދުމަތެއް ރާއްވަވައި، ވިލަރެސް ކުރައްވާ، ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހަރުދަނާ ވެގެންދިޔުން. ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތަކީ، ދިވެހި ރައްޔިތުން އުފަލާއި، ލޯތްބާއެކު ބަލައިގަންނަ އަގުހުރި ޚިދުމަތަކަށް އަބަދުވެސް ވެގެންދިޔުން.

އަޅުގަނޑު ޔަގީންކުރަނީ، މިއަދު މި ފެށޭ ސިވިލް ސަރވިސް ކޮންފަރެންސަކީ އޮށްޓަރު ހުރި، އާރުލާ ނިންމުންތަކެއް ނިންމޭނެ، ފާގަތި ކޮންފަރެންސަކަށް ވެގެންދިޔުން. އަދި ކޮންފަރެންސްގެ ސަބަބުން، ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ޒަމާނީ ޙައްލު ލިބިގެންދިޔުން. ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި! ކާމިޔާބީ ގިނަގުނަ ކޮށްދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ.