بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޢިލްމުގެ ޒަރިއްޔާއިން އިންސާނާ މާތްކުރެއްވި ގަދަކީރިތިވަންތަ اللهُ تـبـارك وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެންމެ ހެޔޮ ޢިލްމާއި ސުލޫކު އިންސާނިއްޔަތަށް އުނގަންނަވައި ދެއްވި މާތް ސާހިބާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ދައުލަތުގެ ޢިއްޒަތްތެރިން، ޔުނިވަރސިޓީގެ ލޮބުވެތި އުސްތާޛުން، ހިންމަތްތެރި ދަރިވަރުންނާއި، އެ ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ.

މި ޝަރަފުވެރި އިޙްތިފާލަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީވެ، އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މިއީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް އުފާވެރި، ވަރަށް ބޮޑު ޝަރަފެއްވެސްމެ. އަޅުގަނޑުގެ ޙަޔާތާއި، އަޅުގަނޑުގެ ތަޢުލީމީ އަދި ތަރުބަވީ ބިންގާ އެޅިގެންދިޔަ އެއް މުއައްސަސާ ކަމުގައިވީތީވެ، އެ ހަނދާންތަކުގައި އަބަދުމެ އަޅުގަނޑު ދެމިހުންނާނެ ދިރިހުރިހާ ހިނދަކު.

އާދެ، މި އިޙްތިފާލުގައި އަޅުގަނޑުގެ އެންމެ ބޮޑު އުފަލެއް ކަމުގައި އަދި އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކޮށް، ދަސްވެނިވި އެންމެހައި ދަރިވަރުންނަށް މަރުޙަބާ ދެންނެވުން. ވަރަށް ބޮޑަށް މަރުޙަބާ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޯސްތައް ނިންމައި، މި ހަފްލާގައި ދަސްވެނިވި ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި ތިޔަ ލޮބުވެތި ދަސްވެނިންނަށް ފާގަތި މުސްތަޤްބަލަކަށް އެދި ދުޢާކުރަން.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ވަރަށް މުހިންމު މަރުކަޒެއް. ޚާއްޞަގޮތެއްގައި، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، މި ޔުނިވަރސިޓީން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް. މި ޢިލްމީ ހިޔާވަހިން ދަސްވެނިވާ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އަޚްވަންތަކަން ދެމެހެއްޓުމުގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރާނެ ދަރިވަރެއް ކަމުގައި ވާނެކަން ޔަޤީންކުރަން. އަދި މި ޔުނިވަރސިޓީން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަކީ، ޤާބިލް ބަޔަކަށް ހެއްދެވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލިސް މެންބަރުންނަށާއި، އެންމެހައި ހިންގުންތެރި ދާރިސުންނަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އާދެ، މަތީ ތަޢުލީމު ނުވަތަ ކޮލެޖާއި ޔުނިވަރސިޓީތަކުގައި، ތަޢުލީމު އުނގެނުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫން. މަތީ ތަޢުލީމުގެ މަރުޙަލާގައި ދަސްވެނިވެގެންދާ ކޮންމެ ދަރިވަރެއްގެ ކާމިޔާބުގެ ފަހަތުގައި ވަނީ ގިނަ ޤުރުބާނީތަކެއް. ޚާއްޞަގޮތެއްގައި، މި މުޖުތަމަޢުގައި ދިރިއުޅުމުގެ ކަންކަން ބައްޓަންވެފައިވާ ގޮތުން، ގިނަ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަކީ، ވަޒީފާ އަދާކުރަމުން، ޢާއިލާގެ ޒިންމާތައް އަދާކުރަމުން، ކިޔެވުމުގެ ކަންކަން ފުރިހަމަކުރަމުންދާ ދަރިވަރުން. އެހެންނަމަވެސް، ހިތްވަރާއި މިންނަތާއެކީ މަސައްކަތްކޮށް، މިރޭ ދަރަޖަ އަދި ވަނަވަނަ ހާސިލުކުރި ދަރިވަރުންނަށް ވަރަށް ޚާއްޞަގޮތެއްގައި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ހަމައެހެންމެ، މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުން އިތުރުކުރަން ސަރުކާރުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމުގެ ކަންކަމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވަމުން އެބަ ގެންދަވާ. އަދި ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ދެނެގަނެ،
ލުއި ފަސޭހަ ގޮތްތަކެއް އެ ދަރިވަރުންނަށް ހޯދައިދިނުން ކަމުގައި ފާހަގަކޮށްލަން.

މިރޭގެ ދަސްވެނިން؛

ތިޔައިން ކޮންމެ ބޭފުޅަކީ، ޤައުމަށް ލިބުނު އަގުހުރި ތަރިކައެއް. ތަފާތު ދާއިރާތަކުން ދަރަޖަތައް ހާސިލުކުރީ، ޤައުމުގެ ކުރިއެރުމާއި، ކުރިމަގާ މެދު ތިޔަ ދަރިވަރުންގެވެސް ފޮނި ހުވަފެންތަކެއް ދެކޭތީކަން ޔަޤީން. ދަސްވެނިވުމަށްފަހު، ކޮންމެ މައިދާނެއްގައި މަސައްކަތް ކުރެއްވި ކަމުގައިވިޔަސް، ތިޔަބޭފުޅުންގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެންވާނީ، ޤައުމީ މަޞްލަޙަތު ހިމާޔަތްކޮށް، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުން. ތިޔަބޭފުޅުން ތިއްބަވަން ވާނީ، އަދުގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ލޯ ހުޅުވި، ނޭއްގާނީ ކަންކަމުން ދުރުވެ، ޤައުމަށް ފާގަތި ބަދަލުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަމުގެ ބޭނުންހިފުމަށް ތައްޔާރަށް. އަދުގެ ދުނިޔެއަށް ލޯ ހުޅުވިފައިވާ ޢިލްމީ، ޤާބިލް ބަޔަކަށްވުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ބައެއް ކަންކަން މިރޭ އަޅުގަނޑު ފާހަގަކޮށްލާނަން.

އެގޮތުން، ތިޔަ ދަސްވެނިން ދަސްވެނިވުމަށްފަހުވެސް، ޢިލްމީ ދިރާސާތައް ކުރުން ހުއްޓާނުލައްވައި، ކުރިއަށް ގެންދެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން. ޢިލްމީ ދިރާސާތަކުގެ ސަބަބުން، އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އީޖާދީ ހައްލުތައް ހޯދަން މަގުފަހިކޮށްދޭ.

ހަމައެހެންމެ، އަޅުގަނޑުމެންގެ ކިބައިގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމާއި، ނުވަތަ ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރުކުރަންޖެހޭ. އެކަމުގެ ސަބަބުން މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، އިންސާނާގެ ސިކުނޑި ތަރައްޤީކުރުވައި، އަދި އެކި މައްސަލަތަކާމެދު ނާގިދު ފިކުރުތަކުން ވިސްނަން ދަސްވެގެންދޭ.

އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންނަށާއި އަދި ދަސްވެނީންނަށް ކުރާ އިލްތިމާސަކީ، ޤައުމަށް ޚިދުމަތްކުރުން އިސްކުރުން. ދިވެހި ދަރިއަކަށްވީތީ، ލިބިފައިވާ ޢިލްމާއި ފަންނީ ހުނަރުން ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ، ތިޔައިން ކޮންމެ ބޭފުޅެއްގެވެސް މުހިންމު ޤައުމީ ވާޖިބެއް ކަމުގައި ދެކުން. އަދި ލިބިފައިވާ ޢިލްމާއި ހުނަރުން، ޤައުމަށް ފައިދާވާނެ ޚިދުމަތެއް ކޮށްދިނުމަކީ، ތިޔައިން ކޮންމެ ބޭފުޅަކުވެސް ލާޒިމު ކަމެއް ކަމުގައި ދެކުން.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، މިރޭގެ ދަސްވެނި ދަރިވަރުންނަށް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަން. އަދި ތިޔަ ހުރިހާ ދަރިވަރުންނަށް އުޖާލާ ފާގަތި މުސްތަޤްބަލަކަށް އެދެން. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން. ދިވެހިރާއްޖެއަކީ، ތަޢުލީމާއި ތަޖުރިބާ ހުރި ދަރިން ގިނަ، އެފަދަ ދަރިންގެ ހެޔޮވިސްނުމުގެ ސަބަބުން، ތަހުޒީބާއި ތަމައްދުނުގެ ރޭހުގައި ކުރިއަރައިދާ ޤައުމެއް ކަމުގައި މާތްﷲ ލައްވާށި!

وَالسَّلَامُ عَلَيْكُمْ.