ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ރައިޓް އޮނަރަބްލް ލޯރޑް ރިޗަޑް ބެންޔޯންއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

ދެ ޤައުމުގެ ދެމެދު އޮތް ގުޅުމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައްޗަށް، ހާއްސަކޮށް ސިޑްސްއާއި ގުޅުންހުރި މައްސަލަތަކުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ސްޓޭޓްގެ މި ބައްދަލުކުރެއްވުމުގައި ކުރިއަށް ގެންދަވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ލޯރޑް ބެންޔޯން ވަނީ ދިވެހިރާއްޖެއިން ސިޑްސްއަށް ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ތަޢުރީފުކުރައްވާފައެވެ.