ކުރިއަރާފައިވާ ޑިޖިޓަލް ޒަމާނަކަށް ސިޑްސް ތައްޔާރުވަމުންދާއިރު ބައިނަލްއަޤްވާމީ މުޖުތަމައުން ގުޅިގެން ލިބެންހުރި ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ "ސްމާޓް މޯލްޑިވްސް: ޖަރނީ ޓުވަރޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ގައި މިއަދު ތަޤްރީރުކުރައްވަމުންނެވެ. މިއީ ސިޑްސް4ގެ ސައިޑް އިވެންޓެކެވެ. މި އިވެންޓް އިންތިޒާމުކުރީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ދިވެހިރާއްޖެއިން މިހާރު ދަނީ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރައްވައި މި ބަދަލުގެނައުމުގައި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެކުގައި މަސައްކަތްކުރުމާއިއެކު، އިތުރު އިންވެސްޓްމަންޓް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖެއިން މަސައްކަތްކުރަނީ އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފެތޭގޮތަށް ރާއްޖޭގައި ހަރުދަނާ ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުތަކާއި ޤަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުމަށް ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސްޓޭންޑަރޑްތައް ހަމަޖެއްސުމަށް ކުރިޔަށްގެންދާ މަޝްވަރާތަކުގައި ފުރުޞަތު ލިބުމާ އަދި ޑިޖިޓަލް އިކޮނޮމީއެއް ބައްޓަންކުރުމަށް ހަމަހަމަ ފުރުޞަތު ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ހުއްޓުމެއްނެތި އަންނަނީ އަރޓިފިޝަލް އިންޓަލިޖެންސް އަދި ބިގް ޑާޓާގެ ޒަމާނަށް ފެތޭގޮތަށް ޑިޖިޓަލް ސިޓިޒަން ބިނާކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރައްޔިތުންގެ މަންފާއަށްޓަކައި އައު ޑިޖިޓަލް ޚިދުމަތްތައްވެސް ތަޢާރުފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުރިމަތިވަމުންދާ ހުރަސްތަކާއެކު ވެސް ހުއްޓުމެއްނެތި މަސައްކަތްކޮށް ވިލުންތެރިކަން އިތުރުކޮށް ރާއްޖެއަށް ނަތީޖާ ނެރެވިދާނެކަމާއި އަދި އެ ދަތިތައް ހުރަސްކުރެވިދާނެކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހާމަކޮށްދެއްވާފައެވެ.

އެގޮތުން އުނދަގޫ އޮއިވަރުތަކާއި އަދި ލިބިފައިވާ ވަޞީލަތްތަކުގެ މަދުކަމާއި އަދި ދާންވީ ދިމާ ސާފުނުވާ ހާލަތްތަކާވެސް ކުރިމަތިލައި ވިލުންތެރިކަން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުއްޓުމެއްނެތް އޮއިވަރާ މި ކުދިކުދިރަށްތަކުން ކުރިމަތިލާގޮތަށް، އަމިއްލައަށް ކަނޑައަޅާފައިވާ އިންތައް ފަހަނައާ ކުރިޔަށްދާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.