ފަލަސްޠީނުގެ ޙާލަތާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ ޕްރޮސެކިއުޓަރ، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރ - 1 އަށް ހުށައަޅުއްވާފައިވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔަމެވެ.
ފަލަސްޠީނުގެ ނަސްލު ނައްތާލުމަށްޓަކައި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް މެދުކެނޑުމެއްނެތި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވެފައިވާ ކަމަކެވެ.
އެހެންކަމުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫ އާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުގެ ހުށައެޅުއްވުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާބެހޭ މުއާހަދާ ދަ ރޯމް ސްޓެޓިއުޓްގެ ބައިވެރި ދައުލަތެއްގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މިންގަނޑުތަކަށް ބޯލެނބުމާއި އަދުލު އިންސާފާއި ޖަވާބުދާރީވުމުގެ އަސާސްތައް ދެމެހެއްޓުމުގެ މުހިންމުކަންވެސް ދިވެހިރާއްޖެއިން ފާހަގަކުރަމެވެ.
އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ސާބިތުހެކި ޕްރޮސެކިއުޓަރު ހުށަހަޅުއްވާނެ ކަމަށާއި، އަދި ކޯޓުގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާމެދު ދިވެހި ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި، މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ޙައްޤު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ އިންސާފުވެރި ޙައްލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ.