* މި އިންޓަރވިޔުގައި، ޕީ.އެސް.އެމް.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަރިހުގައި ސުވާލުތައް ދެންނެވީ، ސީނިއަރ އެޑިޓަރ ޢަބްދުﷲ މުޢާޒެވެ.


ޢަބްދުﷲ މުޢާޒް:

السَّلَامُ عَلَيْكُمْ

ޓީ.ވީ. ބައްލަވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. މިގަޑީގައި ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ އަޅުގަނޑު، ޢަބްދުﷲ މުޢާޒް.

އާދެ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވުމާ އެކީގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.

މީގެ އިތުރުން، ދުވަހަކީ ޕީ.އެސް.އެމް. ނިއުސްގެވެސް އަހަރީ ދުވަސް ކަމަށްވުމާއެކީ، ޕީ.އެސް.އެމް. ނިއުސްގެ އެންމެހައި ބެލުންތެރިންނަށް، ޚާއްޞަ ގޮތެއްގައި ޕީ.އެސް.އެމް. ނިއުސްގެ ހުރިހާ މުވައްޒަފުންނަށް އަދި ޖުމްލަކޮށް، ޕީ.އެސް.އެމް.ގެ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.

އާދެ، މިވަގުތުކޮޅު މި ޚާއްޞަ ކޮށްލަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ، ނުވަތަ ރާއްޖޭގައި މި ހާލަތު އޮތްގޮތާ، މީގެ އިތުރުން މިކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ތިޔަބޭފުޅުންނާ ހަމައަށް ހިއްސާ ކޮށްލުމަށްޓަކައި. ހަމަ އެހެންމެ، ރާއްޖޭގެ މަސްރަޙުން ފާހަގަކޮށްލެވޭ ބައެއް މަޢުލޫމާތުވެސް ތިޔަބޭފުޅުންނާ ހިއްސާކޮށްލެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަން. އަޅުގަނޑާ އެކީގައި ޕްރޮގުރާމުގައި މި ބައިވެރިވެވަޑައިގަންނަވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް. ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޝުކުރިއްޔާ.

ޢަބްދުﷲ މުޢާޒް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިހާ ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ. އަދި މަނިކުފާނު މީޑިއާއާ ތިޔަ ގެންގުޅުއްވާ ގާތް ގުޅުންވެސް އަޅުގަނޑު ފާހަގަކޮށްލާހިތްވޭ. ރިޔާސީ އިންތިޚާބަށް ފަހު، އެންމެ ފުރަތަމަ މީޑިއާއަށް ދެއްވި އިންޓަރވިޔުވެސް ދެއްވާފައި ވަނީ އަޅުގަނޑުމެންނަށް. މި ފުރުޞަތުގައި އެކަންވެސް ފާހަގަކޮށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޝުކުރިއްޔާ އިނގޭތޯ ވަރަށް ބޮޑަށް، އަޅުގަނޑަށް ތިޔަބޭފުޅުން މި ފުރުޞަތު ތަނަވަސް ކޮށްދެއްވީތީ. ފުރަތަމަ ކަމަކަށް، ފީ.އެސް.އެމް. ނިއުސްގެ ހުރިހާ ބޭފުޅުންނަށާއި، އަދި މިތަނުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ.

ޢަބްދުﷲ މުޢާޒް:

އާދެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ނޫސްވެރިންނަށް މަނިކުފާނު ވިދާޅުވާނެ ބަސްފުޅަކީ ކޮބައިތޯ؟ އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު މަނިކުފާނު ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ނޫސްވެރިންނަކީ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުން. ރައްޔިތުންނާއި އެއިރަކު އެ އޮންނަ ސަރުކާރަކާ މި ދައުލަތާ ގުޅުވައިދެނީވެސް ނޫސްވެރިކަމުން. އަދި ރައްޔިތުންނާއި ސަރުކާރަކާވެސް މި ގުޅުވައިދެނީ ނޫސްވެރިކަމުގެ ތެރެއިން. ސިފަ މި ކުރެވެނީ ފާލަމެއްގެ ގޮތުގައި. އެހެންވީމާ، މިއީ ވަރަށް ބޮޑު ޒިންމާއެއް. ބޮޑު މަސްއޫލިއްޔަތެއް، ނޫސްވެރިން އަދާކުރައްވަމުން ގެންދަވާ. އެ ބޭފުޅުންގެ އެ ބުރަ މަސައްކަތް އަޅުގަނޑުމެން އަބަދުވެސް އަގު ވަޒަންކުރަން ޖެހޭނެ އިނގޭތޯ. މީގައި އެހެންބުނެ ނިންމާލެވޭކަށްވެސް ނެތް. އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު، އަޅުގަނޑުމެންނަށް އަދާކޮށްދެވެނީ ކިހާ މިންވަރަކަށްތޯ، މިއީ އަސްލު އުފެދޭ ސުވާލަކީ.

އެގޮތުން ބަލައިލާއިރު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސް، އެ އިންތިޤާލީ މަރުޙަލާތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި، ފުރަތަމަ ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްފުޅު ކުރެއްވި ތަން، ތިޔަ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެ ބޭފުޅުންނާ އެކީގައި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އެ ބޭފުޅާ ނޯޓުކުރެއްވި. އަދި އެއަށް ޖަވާބުދާރީވެވަޑައިގެންނެވި.

އެހެންވީމާ، އަޅުގަނޑުމެންގެ މި ސަރުކާރުގައި ރައީސް އެ ހުންނެވީ ވަރަށް ސާބިތުކަމާއެކީގައި. ނޫސްވެރިންނަށް މިއަދު އެ ނޫސްވެރިންގެ އަގު ވަޒަންކުރުމަށްޓަކައި އެ ހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް ވަރަށް ކެރިވަޑައިގެން އެ މަނިކުފާނު މަސައްކަތްޕުޅުތަކެއް ފައްޓަވައިފި. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިއަދު ނޫސްވެރިންގެ ހާލަތު. އަޅުގަނޑުމެންނަށް އެނގޭ، ނޫސްވެރިންނަށް މިއަދު ދިމާވަމުންދާ ކަންތައްތަކާއި، ހުރި ގޮންޖެހުންތައް ހައްލުކުރެވެން އޮތީ ކިހިނަކުންކަންވެސް. އެހެންވީމާ، މައްސަލައަށް ހައްލު ބޭނުންވަނީ.

މިއަދު ނޫސްވެރިކަމުގެ ދުވަހެއްގައި އަޅުގަނޑު މި ވާހަކަ ދައްކާއިރު، އަޅުގަނޑަށް ލިބޭނޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ނޫސްވެރިންނަށްވެސް އަދި މުޖުތަމަޢުގައި އެ މަސައްކަތް ކުރާ އެހެން އަފުރާދުންނަށް، އެހެންނޫނީ އެހެން ޖަމުޢިއްޔާތަކަށާއި، އެހެންނޫނީ އެހެން ފަރާތްތަކަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ، ސަރުކާރަކުން، ރައްޔިތުން އިތުބާރު ކޮށްފައި ހަވާލުކުރެވޭ ސަރުކާރަކުން އެ ރައްޔިތަކާ ދޭތެރޭގައި އަޅައިލާ މިންވަރު ދޮގެއްތޯ.

އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު ދެވޭނެ ޔަގީންކަމަކީ، ނޫސްވެރިންނާ ދޭތެރޭގައި އަޅައިލާ ސަރުކާރަކަށް އިރާދަކުރެއްވިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެވަޑައިގަންނަވާނޭ. ވަޑައިގެންފައިވާ ވަޢުދުތައް ޙަޤީޤަތުގައި ފުއްދައިދެވިއްޖެ ކަމުގައި ވާނަމަ، އެކި މަރުޙަލާތަކުގައި ފުއްދައިދެވިއްޖެ ކަމުގައި ވާނަމަ، ނޫސްވެރިންނަށް އެކަމުގެ އިހުސާސްވަމުންދާނެ. އެހެންވީމާ، މި ފުރުޞަތުގައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރި ތަހުނިޔާއެއް ދަންނަވަން. ރައީސްގެ ނަންފުޅުގައި އަދި އަޅުގަނޑު އަމިއްލަ ނަމުގައި. އަދި މިއީ ކުރިން އަޅުގަނޑު ފާހަގަކުރި ފަދައިން، ރައްޔިތުންނާއި ސަރުކާރާ، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ ކަމަކަށް ވާތީވެ، ޤާނޫނޫއަސާސީގައި ކަޅުއަކުރުން ލިޔެފައި ނެތް ކަމުގައި ވީނަމަވެސް، ދަޢުލަތުގެ ހަތަރުވަނަ ބާރަކީ، ޙަޤީޤަތުގައިވެސް ނޫސްވެރިން. އެހެންވީމާ، ނޫސްވެރިން ޒިންމާދާރުކަމާ އެކީގައި އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގެންނަ ޚަބަރުތަކަކީ، ތެދު ޚަބަރުތަކަކަށްވުން އެއީ، ކޮންމެހެންވެސް މިއަދު ބޭނުންތެރި ކަމަކަށް ވާންޖެހޭ. އެއީ، މުޖުތަމަޢުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ބަލާފައި އިނގޭތޯ. ހަމަ އެގޮތަށް، ޖަވާބުދާރީ ކުރުވަނިވިގޮތަށް، ޒިންމާދާރު ކުރެވޭނެގޮތަށް އެ ޚަބަރުތައް ގެންނަން އެބަޖެހޭ. އެއީ، ސަރުކާރުވެސް ޖަވާބުދާރީ ކުރެވޭނީ، ސަރުކާރުވެސް ޒިންމާދާރު ކުރެވޭނީ، މި ދަންނަވާ ކަންކަމަށް ސަމާލުކަން ލިބިގެން ކަމަށްވާތީ. އެހެންނަމަވެސް، އަޅުގަނޑު ޤަބޫލުކުރަނީ، މި ކަމުގައި އިރާދަކުރެއްވިއްޔާ، އެ ހުރި ދަތިތަކާ އެކީގައި ހައްލުވާން ފެށީމާ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް.

ޢަބްދުﷲ މުޢާޒް:

އާދެ، ހަމަގައިމުވެސް، އާ ސަރުކާރުން ނޫސްވެރިކަމުގެ ދާއިރާއަށް ނުވަތަ މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވަޢުދުވެވަޑައިގެންފައިވޭ. މިކަމަށް މަނިކުފާނު ތިޔަ އިޝާރާތް ކުރެއްވިގޮތަށް، ނޫސްވެރިންގެ ގުންޒަރުގައި، ނޫސްވެރިންނަށް ވަރަށް އުންމީދީ އާ ވާހަކަފުޅުތަކެއްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރައްވާފައިވޭ. ނޫސްވެރިންވެސް ކުރާ އުންމީދަކީ އެއީވެސްމެ. ހަމަ މިއާއެކީގައި، މިއަދަކީ ޕީ.އެމް.އެސް. ނިއުސްގެވެސް އަހަރީ ދުވަސްވެސްމެ. ޕީ.އެސް.އެމް. ނިއުސްގެ މަސައްކަތްތަކާމެދު މަނިކުފާނު ކިހިނެއްތޯ، ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ޕީ.އެސް.އެމް.އަށް މިހާރު ހަތް އަހަރުވެގެން މި ދަނީ ދޮގެއްތޯ. ޕީ.އެސް.އެމް.އަކީ ޙަޤީޤަތުގައިވެސް މިއަދު ރައްޔިތުން ބަލައިގެންފައި އޮތް ޗެނަލަކަށް ވެގެން މި ދިޔައީ. އެއީ، ޚަބަރުތައް ގެނެސްދިނުމުގައި، އަޅުގަނޑު ކުރިން މި ދެންނެވި ގޮތަށް، ޒިންމާދާރުކަންމަތީގައި، އެ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ތާޒާކަންމަތީގައި، ތެދު ޚަބަރު ގެނެސްދިނުމުގައި ދެމިތިބި ބައެއްކަން ޕީ.އެސް.އެމް. ފެށުނީއްސުރެ މިއަދާ ހަމައަށް ފާހަގަކޮށްލެވޭ. މުޖުތަމަޢު އެކަން ބަލައިގެންފި. އެހެންކަމުން، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މި ދިޔަ ދުވަސްތަކުގެ ތެރޭގައި ހުރި ގޮންޖެހުންތައްވެސް، މީޑިއާއަށް ހުރި ގޮންޖެހުންތައްވެސް އަޅުގަނޑުމެންނަށް އެނގޭ. މީޑިއާގެ ފަރާތްތަކާ ބައްދަލުވީމާ ނޫނީ ތިޔަ ފާހަގަކުރެއްވި ފަދައިން، ރައީސްގެ އެ ގުންޒަރު ޙަފްލާގައިވެސް ނޫސްވެރިން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކަށް ބަލާއިރު ކަމަށްވިޔަސް މިއީ އާދައިގެ، ފަސޭހަ ކަމެއްނޫން.

ރައްޔިތުންގެ ކުރިމައްޗަށް ހުއްޓި، އެ ޚަބަރުތައް ކިޔާލާއިރުގައި، ތިޔަބޭފުޅުންނަށް އިހުސާސް ކުރެއްވޭނެ، އަޅުގަނޑަށްވުރެ މާ ބޮޑަށް އެ ދަތި ކަންތައްތައް. ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ އެކީގައި، އެ ޚަބަރުތައް އަޅުގަނޑުމެންނާ ހަމައަށް، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެނީ. ކޮށްދޭއިރުގައިވެސް، އަޅުގަނޑު މި ދެންނެވީ، އެ ގޮންޖެހުންތަކާ އެކީގައިވެސް ކާމިޔާބީތަކެކޭ އެ ހާސިލުކުރެވުނީ. އެހެންނަމަވެސް، އެ ޒިންމާދާރުކަމާ އެކީގައި މިހާތަނަށް ތިޔަ އެޅުއްވި ފިޔަވަޅު އިތުރަށް ހަރުދަނާ ކުރެއްވުން، އެއީ، އަޅުގަނޑަށް ހީވަނީ އިތުރަށްވެސް ޕީ.އެސް.އެމް.އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެހެން. ހަމަ މި ދުވަހުގެ ތަހުނިޔާ، ޕީ.އެސް.އެމް. ނިއުސްގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުން.

ޢަބްދުﷲ މުޢާޒް:

އާދެ، ހަމަ މިއާ އެކީގައި އަޅުގަނޑު ފާހަގަކޮށްލާހިތްވޭ، މި ރާއްޖޭގެ މީޑިއާ ތަރައްޤީކޮށް ނޫސްވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށްޓަކައި މަނިކުފާނު ކުރިން އިޝާރާތް ކުރެއްވި ގޮތަށް ސިޔާސަތުތަކެއް އެބަހުރި ސަރުކާރުން ކަނޑައަޅުއްވާފައި. ކޮބައިތޯ މައިގަނޑު ގޮތެއްގައި ސަރުކާރުގެ ހުރި ސިޔާސަތުތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ސަރުކާރުން އެންމެ ފުރަތަމަވެސް ރައީސް ވަޢުދުވެވަޑައިގެންނެވި ކަންތައްތަކަކީ، ދައުލަތުގެ މީޑިއާވިޔަސް، އަދި އެހެން މީޑިއާއެއްވިޔަސް މި އަންނަ ގޮންޖެހުންތަކަކީ، ހިންގުމަށް މި އަންނަ ދަތިތައް ދޮގެއްތޯ. ޚަރަދު ދެކޮޅު ނުޖެހޭ ކަންތައްތަކުގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، ދައުލަތުން މީޑިއާތައް ކުރިއެރުވުމަށްޓަކައި، ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭކަން ރައީސަށް އިހުސާސްވެވަޑައިގެން، ރައީސް އެކަމަށް ވަޢުދުވެވަޑައިގަތީ. އެގޮތުން އެ މަސައްކަތްޕުޅުތައް ފެށްޓެވީ. އެހެންނަމަވެސް، ކަންދިމާކުރިގޮތުން އަޅުގަނޑުމެންނަށް ސަރުކާރު ލިބުނުއިރުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މިއޮތީ އިދިކޮޅު ފަރާތްތަކަށް. މިހާރުގެ އިދިކޮޅު ފަރާތްތަކަށް. ދައުލަތުގެ ބަޖެޓުން ރައީސް ބޭނުންފުޅުވީ ކޮންމެ މީޑިއާއަކަށް ފުރަތަމަ ފަރަހަށް ކޮންމެވެސް އެއްޗެއް ދެއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، އުސޫލެއްގެ ތެރެއިން. އެކަން ކުރުމަށް އިރާދަކުރެއްވީތީ އެ އުސޫލު އޮތީ ކަނޑައެޅި ނިމިފައި. ރައީސް އެއޮތީ އެކަން ކުރައްވާފައި. އެހެންނަމަވެސް، މަޖިލީހުގައި މިހާރު ރައްޔިތުން ރައީސަށް އިތުބާރު ކުރައްވާފައި އެ ދެއްވި ސުޕަރ މެޖޯރިޓީއާ އެކީގައި، ކުރިޔަށް އޮތް ތަނުގައި ފުރަތަމަ ފަހަރަށް، ދައުލަތުގެ މީޑިއާތަކަށް ރައީސް އެ ކަނޑައެޅުއްވި މިންވަރު އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވިގެން ދާނެ. އެއީ ލިބޭނެ ހިތްހަމަޖެހުމަކަށްވާނެ. އަމިއްލަ ފައިމައްޗަށް މީޑިއާތައް ތެދުވީމާ ޙަޤީޤަތުގައި އެ މިނިވަންކަމާ އެކީގައި އަޅުގަނޑުމެން ޤަބޫލުކުރާ މިންވަރަށް މަސައްކަތް މި ކުރެވެނީ. އެހެންވީމާ، އެއީ، ކުރެވޭނޭ ކަންކަން. މީޑިއާތައް މި ހިންގަނީ އެކި ތަންތަނުގައި ވަރަށް ދަތި ހާލުގައި، ވަރަށް އުނދަގުލުގައި. ރައީސްގެ ވަޢުދެއް، އެކަންވެސް ފަސޭހަކޮށްދެއްވުން. އެހެންވީމާ، އަޅުގަނޑުމެންގެ ރައީސްގެ ވަޢުދު ފުއްދުމަށްޓަކައި މިހާރު އެއޮތީ ހުޅުމާލެއިން ބިމެއް ކަނޑައަޅުއްވާފައި. މީޑިއާތަކުން އެ ބޭފުޅުން ބޭނުންވާގޮތަށް އެ ތަންތައް ބައްޓަން ކުރެވިގެން މަސައްކަތް ކުރެވޭނޭ ތަނެއްގެ ބިންގާ އެޅިފައި، އެއޮތީ ފެށިފައި، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި އެކަން ހިނގާނެ ކަމުގެ އުންމީދު އަޅުގަނޑުމެންނަށް އެބައޮތް އިނގޭތޯ. އެހެންވީމާ، މިހެން ގޮސް އެތައް ގިނަ ކަންތައްތަކެއް އެބަހުއްޓޭ ފެށިފައި. ބިންގާ އަޅަން މި ޖެހެނީ. ބިންގާ އެޅުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.

ޢަބްދުﷲ މުޢާޒް:

ހަމަ މިއާއެކީ ޤައުމީ ތަރައްޤީއާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ރައްޔިތުންނާއި ސަރުކާރުތައް ގުޅުވައިދިނުމުގައި މީޑިއާގެ ދައުރަކީ، ވަރަށް މުހިންމު ދައުރެއް. އެ ދައުރު ނުވަތަ އެކަމާމެދު މަނިކުފާނު ކޮންގޮތަކަށްތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، މި މީޑިއާގެ މިނިވަންކަމުގެ ވާހަކައަކީ، އަބަދުވެސް ހުއްޓުމެއްނެތި ދެކެވޭ އެންމެ ބޮޑު ވާހަކަ އިނގޭތޯ. ސިޔާސީވެރިންވެސް، ދައުލަތުގެ އިސްވެރިންގެ ދުލުންވެސް، މީޑިއާތަކުގެވެސް ފަލަ ސުރުޚީތަކުގައި އޮންނަ ވާހަކަ. އެހެންނަމަވެސް، އެ މިނިވަންކަން މިންކުރަނީ ކިހާ މިންވަރަކަށްތޯ އެއީ، އަސްލު އުފެއްދޭ ސުވާލަކީ. އަޅުގަނޑަށް ދެވޭނެ ޔަގީންކަމަކީ، މިއަދު އަޅުގަނޑުމެންގެ ރައީސްގެ މި ވެރިކަމުގައި، މީޑިއާތަކަށް އެއްވެސް ކަހަލަ ނުފޫޒެއް ސަރުކާރުން ނުފޯރުވާނެ ކަމުގެ ޔަގީންކަން. އަދި ސަރުކާރުން ހުރިހާ މީޑިއާތަކަށް ހަމަހަމަ އުސޫލެއް، ހުރިހާ ނޫސްވެރިންނަށް ހަމަހަމަ އުސޫލެއް ގެންގުޅޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް މި ފުރުޞަތުގައި ދެވޭނެ އިނގޭތޯ. އެ އިތުބާރާއި ޔަގީންކަމާ އެކީގައި އެ މަސައްކަތްޕުޅު ރައީސް ފެށްޓެވީމާ، އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް. އެހެންވީމާ، މިހާ ހިސާބަށް އައިއިރުގައި އެގޮތަށް ސަރުކާރު ދެމި މިއޮތީ. މީޑިއާތަކަށް އޮޅުވާލުމަށްޓަކައި މަސައްކަތް ނުކޮށް، ސަރުކާރުން ބޭނުންވަނީ ނޫސްވެރިންނާ ގުޅިގެން ވަރަށް ގާތް ގުޅުމެއްގެ ތެރެއިން މަސައްކަތް ގެންދަން ކަމަށްވާތީ.

އެހެންވީމާ، މިއަދުގެ ރައީސަކީ، އެ ބޭފުޅާ ކުރިން މޭޔަރަކަށް ހުންނެވިއިރުގައި، މާލެ މޭޔަރަކަށް ހުންނެވިއިރުގައިވެސް މީޑިއާތަކާ ވަރަށް ގާތް ގުޅުމެއް އުފެއްދެވި ބޭފުޅެއް. އެހެންވީމާ، މިއަދުވެސް އެ ގުންޒަރުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް ތަކުރާރު ކުރައްވަމުން އެ ގެންދަވަނީ، ވަޒީރުންނަށްވެސް އިރުޝާދު ދެއްވަމުން އެ ގެންދަވަނީ، މީޑިއާތަކާ ގާތް ގުޅުމެއްގެ ތެރޭގައި މަސައްކަތްޕުޅު ކުރެއްވުމަށް. އެއީ، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުމަށްޓަކައި. ރައްޔިތުންނަށް ކަންކަން އޮޅުންއަރާގޮތަށް ބައެއް ފަހަރު އަމިއްލަ މަޞްލަޙަތަށްޓަކައި ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަކީ އެއީ، ޙަޤީޤަތެއް ނޫންކަން އަޅުގަނޑުމެންނަށް ހާމަކޮށްދެވޭނީ، މީޑިއާތަކުގެ ބޭނުން ހިފައިގެން.

ޒިންމާދާރު ގޮތެއްގައި އެކަން ކުރުވުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް އެބަކުރޭ. އެހެންވީމާ، މީޑިއާއާއި، ސަރުކާރާއި، ރައްޔިތުންނާ މި ތިންބައި ގުޅިގެން އަޅުގަނޑަށް ހީވަނީ ޤައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ. ޙަޤީޤަތުގައިވެސް މި މީޑިއާތަކަށް ލިބިފައި މިއޮތީ ވަރަށް ބޮޑު ބާރެއް. އެހެންވީމާ، އެ ބާރުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ އިނގޭތޯ.

 ޢަބްދުﷲ މުޢާޒް:

އާދެ، މިފަދަ ފުރުޞަތެއްގައި ބައްދަލުވީމާ، މަނިކުފާނުގެ މަސައްކަތްޕުޅާ ގުޅޭގޮތުންވެސް ބައެއް ސުވާލު އަޅުގަނޑު ދަންނަވާލާނަން. މަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާއާ އޮތް ގުޅުން ކިހިނެއްތޯ ސިފަކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑަށް ސަތޭކަ ޕަސެންޓް އިތުބާރު ކުރައްވާތީވެ، އަޅުގަނޑަށް ރަނިންގ މޭޓްކަން ހަވާލުކުރެއްވީ އިނގޭތޯ. އެކަމަށް ބަލައިލީމާ ތިޔަ ކަމުގައި އަޅުގަނޑަށް ހިއެއްނުވޭ، އިތުރު ސުވާލު އުފައްދަން ޖާގައެއް އޮތްހެންނެއް.

އެހެންނަމަވެސް، ކުރިން އަޅުގަނޑު ފާހަގަކޮށްފިން، ބައެއް ބޭބޭފުޅުން އަމިއްލަ މަޞްލަޙަތަށް، އެއީ، މީޑިއާއެއްވެސް ނޫން، ނޫސްވެރިންނެއްވެސް ނޫން. މަޞްލަޙަތަށް މިހެން ކުރެވޭ ޓްވީޓެއް ނޫނީ ބުނެވޭ ބަހަކީ، އެއީ އަޅުގަނޑު މީގެ ރައްދު ދޭންޖެހޭ ކަންކަމެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން ފުއްދުންތެރި ބަޔަކަށް ވާންޖެހޭ. ވިސްނުން އިސްކުރަން އެބަޖެހޭ. މި ދައްކަނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތުގެ ވާހަކަ ދޮގެއްތޯ. މިއަދު ތިޔަބޭފުޅުން ބައްލަވާ، އިރާދަކުރެއްވީތީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރުކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ސުޕަރ މެޖޯރިޓީ، އަލަށް ދިވެހި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުން އެވަރުގެ ޢަދަދެއް މެޖޯރިޓީ ވެރިޔަކަށް ދެއްވީ. ރައީސް ދެއްކެވި ވާހަކަފުޅުތަކަށް، ރައީސް ދެއްކެވި އިތުބާރު ހުރި، ތެދުވެރި، އިޚްލާޞްތެރި ވާހަކަތަކަށް ރައްޔިތުން އިތުބާރު ކުރައްވާތީ. މި މަސައްކަތުގައި ރައީސް އެންމެ އިސް މީހެއްގެ ގޮތުން ކެމްޕެއިން މެނޭޖަރުކަން ހަވާލުކުރެއްވީ އަޅުގަނޑަށް އިނގޭތޯ. އެހެންވީމާ، އަޅުގަނޑާ ހަވާލުކުރައްވާފައިވާ ބޮޑެތި ޒިންމާތަކެއް ސިޔާސީގޮތުން މިއަދުވެސް އަދާކުރަމުން މި ގެންދަނީ ޕާޓީ އޮފީހުގައިވެސް. އެހެންވީމާ، އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާއާ ދެމެދު އިރާދަކުރެއްވީތީ އޮތީ ވަރަށް ސާދާ ގުޅުމެކޭ. ވަރަށް އިތުބާރާ އެކީގައި އަޅުގަނޑުމެން ދެ މީހުންނަށް މަސައްކަތްކުރުމުގެ ފުރުޞަތު އެބައޮތް. އެ ޔަގީންކަން އަޅުގަނޑަށްވެސް އެބައޮތް. ރައީސަށްވެސް އެބައޮތް. އިރާދަކުރެއްވިއްޔާ ނެތް އެކަހަލަ އެއްވެސް ކަމެއް. ކުރިޔަށް އޮތް ތަނުގައިވެސް ނޯންނާނެ.

ޢަބްދުﷲ މުޢާޒް:

އާދެ، ތާރީޚަށް ބަލައިލާއިރުގައި، މައިގަނޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުން އަދާކުރައްވާފައި ވަނީ ސޯޝަލް ކައުންސިލް ނުވަތަ އިޖުތިމާޢީ ކައުންސިލްގެ މަސައްކަތްޕުޅުތައް. ޤާނޫނުއަސާސީއަށް ބަލައިލާއިރުގައި، ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަކި ޚާއްޞަ މަސްއޫލިއްޔަތުތަކެއް ބަޔާން ކުރައްވާފައެއް ނުވޭ. އެހެންވީމާ، މަނިކުފާނު ކުރައްވަމުން، އަދާކުރައްވަމުން ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސައްކަތްޕުޅުތަކެއް. އެހެންނަމަވެސް، އެ މަނިކުފާނު އަޅުގަނޑުމެންނަށް ކުރިން ދެއްވި އިންޓަރވިޔުގައިވެސް ވިދާޅުވި، ސަރުކާރުގެ ހިންގެވުމުގައި އިތުރަށް ވަރަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި. ކޮބައިތޯ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުޢިއްޒު މަނިކުފާނާ ހަވާލުކުރައްވާފައިވާ މަސައްކަތްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ދެންމެ ތިޔަ ފާހަގަ ކުރެއްވި ގޮތަށް ސޯޝަލް ސެކްޓަރ ދޮގެއްތޯ. އެއީ، އަޅުގަނޑުމެންގެ ޑޭ ޓު ޑޭ ލައިފާ ގުޅިފައި ހުރި ކަންކަން. އެއީކީ އާދައިގެ ކަންކަމެއް ނޫން. ތަޢުލީމާއި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ދިރިއުޅުމުގައި މި ހުރި ކަންކަމާ. މި ހުރިހާ ކަމެއް މީގެ ތެރޭގައި ދޮގެއްތޯ މިއޮތީ. އެހެންވީމާ، ޙަޤީޤަތުގައި އެއީ، ވަރަށް ބޮޑު ޒިންމާއެއް. އަދި އޭގެ އިތުރަށް، އަޅުގަނޑުމެން ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި، ތަންފީޒު ކުރުމަށް ބާރުއެޅުމަށްޓަކައި އެންމެ މުހިންމު ޒިންމާތައްވެސް ރައީސް، އަޅުގަނޑާ ހަވާލު ކުރައްވާފައިވަނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ފުދިގެން ގޮސްފައިވެސް މާ ބޮޑަށޭ މަސައްކަތްތައް މިއޮތީ. އަޅުގަނޑުގެވެސް ޒިންމާއެއް ދޮގެއްތޯ، އެ ކަންތައްތައް ކުރުމަށް މަސައްކަތް ކުރުން. އެހެންވީމާ، ރައީސްގެ ފުރިހަމަ އެއްބާރުލެއްވުން އަޅުގަނޑަށް އެބަ ލިބޭ. ކޮންމެ ދުވަހަކު ލިބޭ. ބަރާބަރަށް އަޅުގަނޑާ މަޝްވަރާ ކުރައްވާނެ، ބޮޑެތި ހުރިހާ ކަންތައްތަކުގައިވެސް. ޕާޓީގެ އެތެރޭގެ މަސްލަހަތާ ގުޅޭ ކަންކަމުގައްޔާއި، އަދި ސިޔާސީ ކަންކަމުގައްޔާއި އަދި ޤައުމީ ކަންކަމުގައިވެސް ރައީސް ފުރިހަމައަށް އަޅުގަނޑާ މަޝްވަރާ ކުރައްވަމުން ގެންދަވަނީ. ލިބޭ ބޮޑު ހިތްހަމަޖެހުމަކީ އެއީ އިނގޭތޯ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ. މިފަދަ ތާރީޚެއް ރާއްޖޭގައި އޮވެދާނެ. ތާރީޚެއް އިޢާދަކުރުމަކީ އިންސާނުންގެ ހުންނަ ސިފަތަކުގެ ތެރޭގައި އޮންނަ ކަމެއް. އެހެންވީމާ، އަޅުގަނޑު ރައީސަށް ތެދުވެރިވާނެ. ޤައުމަށް އިޚްލާޞްތެރި ވާނެ. އެއީ، ދޮގެއްތޯ އަޅުގަނޑުމެން ރައްޔިތުންނަށް އަޅުގަނޑުމެން ދައްކަން ބޭނުންވާ ނަމޫނާއަކީ. އަޅުގަނޑަށް ޔަގީންކަންމަތީގައި އެ އިތުބާރު އެބައޮތް. އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނެ. މަސައްކަތަށް ބަލާއިރުގައި، މި ދެންނެވީ ވަރަށް ބޮޑެތި މަސައްކަތްތައް ހުރީ. ދުލުން ވަރަށް ފަސޭހަ ބުނެލަން، ވަކި ސެކްޓަރެކޭ އަޅުގަނޑަށް އޮތީ. އެހެންވީމާ، ސެކްޓަރަށް ބަލާއިރު، މި ދެންނެވި ގޮތަށް ކޮންމެ ދުވަހަކު، ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައި ހުރި ކަންކަމުގެ ވާހަކަ މި ދައްކަނީ.

އެހެންވީމާ، ވަރަށް ބޮޑެތި މަސައްކަތް މިއީ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން މި ކަންކަން އިރާދަކުރެއްވިއްޔާ ހިނގައިގަތީމާ، އަޅުގަނޑުމެންނަށް ބަޖެޓް ލިބުނީމާ މި ޑެލިވަރީގައި އިރާދަކުރެއްވިއްޔާ ރައީސް ކުރައްވާ މަސައްކަތާއި، އަޅުގަނޑުވެސް މިކުރާ މަސައްކަތްވެސް ރައްޔިތުންނަށް ފެނިގެން ދާނެ އިނގޭތޯ.

 ޢަބްދުﷲ މުޢާޒް:

އާދެ، މަނިކުފާނަކީ ޒުވާނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެއް ގޮތުގައި ވަރަށް ގިނަ ޒުވާނުން ސިފަ ކުރަމުން ގެންދޭ. މަނިކުފާނު އެ ގުޅުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟ އަދި މި ސަރުކާރުގައި ޒުވާނުންނަށް ފުރުޞަތުތައް ފަހިވާނީ ޙަޤީޤަތުގައި ކިހާ މިންވަރަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑުމެންގެ ރައީސް ޑޮކްޓަރ މުޢިއްޒަކީ، ޒުވާން ބޭފުޅެއް އިނގޭތޯ. އެބޭފުޅާގެ  ޒުވާންކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެ ވިދާޅުވަނީ ނޫންތޯ ސަމާސާ ރާގަކަށް، ސައުވީސް ގަޑިއިރު ހޭލައި ތިބެ މަސައްކަތްކުރާ ވާހަކަ. ޙަޤީޤަތުގައި ތެދުފުޅެއް. މި ދިޔަ ރޯދަ މަހު، އަޅުގަނޑުމެންނަށް އެކަން ފެނިގެންދިޔަ. މި ދިޔަ ފަސް، ހަ ވަރަކަށް މަސްތެރޭގައި، ވަޒީރުންނާ ގުޅުންހުރި ކަންކަމުގައި، ވުޒާރާތަކުން ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، އެ ދެއްވާ އިރުޝާދުތަކަށް ބަލައިލީމާވެސް އެބަ އެނގޭ، އެ ބޭފުޅާގެ ހިތްޕުޅުގައި ރައްޔިތުންނާ ދޭތެރޭގައި އޮތް ލޯބި. އެ ބޭފުޅާގެ އިހުސާސްތައް ގުޅިފައި ހުރި މިންވަރު. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ އަކީ، ކަންކަން ތަންފީޒު ކުރުމަށްޓަކައި އެ އަޅަންޖެހޭ ބާރުއަޅުއްވައި، ލިބެންޖެހޭ އިރުޝާދު، ހުއްޓުމެއްނެތި ދެއްވާ ބޭފުޅެއް.

އަޅުގަނޑާ ރައީސާއި، އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައި މިއޮތް ގުޅުމާއި، މި ހުރިހާ ކަމަކަށް ބަލާއިރު، ޒުވާނުންނަށް ފުރުޞަތުތައް ހޯއްދަވައި ދެއްވުން އެއީ، ރައީސްގެ ވަރަށް މުހިންމު ސިޔާސަތެއް. އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑު މި މަގާމަށް ގެނައިއިރުވެސް އަޅުގަނޑުގެ ކައިރީގައި ދެއްކެވި ވާހަކަ. ޒުވާނުންނާ ގުޅޭ، ޒުވާނުންނަށް ފުރުޞަތު ތަނަވަސް ކުރެވޭ މޫނެކޭ ތިމަންނަ ރަނިންގ މޭޓަކަށް އިޚްތިޔާރު ކުރަން ބޭނުންވަނީ. އެހެންވީމާ، އެ އޮތީ އެ ނަމޫނާ ދައްކަވާފައި ދޮގެއްތޯ.

މިހާރު ބައްލަވައިލައްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި ނިމިގެންދިޔައީ. ކިތައް ޒުވާން އާ މޫނުތަކެއްތޯ މަޖިލީހަށް އިންތިޚާބުވެގެން މި ދިޔައީ. އަދި އަޅުގަނޑުމެން އެ ހިސާބުން ނިންމާލާނީކީ ނޫން. އެއީ، ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުން ބަލައިގަންނަ ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކަށް ހެދުމަށްޓަކައި، މިހާރުއްސުރެ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އިންތިޚާބީ މެންބަރުންނަށް ފަހި ފުރުޞަތުތަކެއް އެބަ ތަނަވަސްކޮށްދެއްވާ. އެ ބޭފުޅުންނަށް ބޭނުންވާ އެވެއަރނަސް ޕުރޮގުރާމުތަކާއި އަދި މަޖިލީހުގެ ކަންކަމާ ގުޅުންހުރި ޕުރޮގުރާމުތައް ހިންގޭނެ ގޮތްތައް ބައްލަވަމުން އެބަގެންދަވާ.

އެހެންވީމާ، ރައީސް އެ ކަންކަމެއް ދޫކޮށެއްނުލައްވާ. ޒިންމާތަކާ އެކީގައި ކުރައްވަންޖެހޭ ކަންކަން ބަރާބަރަށް ކުރައްވަމުން އެބަ ގެންދަވާ. މިއަދު މި ސަރުކާރަށް މިހާހިސާބަށް އާދެވުނުއިރުގައި، މުއައްސަސާތަކަށް ބަލައިލި ކަމުގައިވިޔަސް، ދައުލަތުގެ ވުޒާރާތަކަށް ބަލައިލި ކަމުގައިވިޔަސް، ޒުވާނުންގެ ހިއްސާ ވަރަށް ބޮޑުވާނެ. ވަރަށް ބޮޑުވާނެ. މިއަދު ޤައުމުގައިވެސް ޒުވާނުންގެ ހިއްސާ އެހާ ބޮޑު.

އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އިސް ރަށްވެހިންނަށާއި، ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭބޭފުޅުންގެ އަގު ވަޒަންކުރާ ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެ. މި ސަރުކާރުން އެއްވެސް އުމުރުފުރައެއްގެ ބޭފުޅަކު ބާކީއެއް ނުކުރާނެ. އެހެންނަމަވެސް، މި ދެންނެވި ކަންކަމަށް ބަލާފައި، ޤައުމަށް ބޭނުންވޭ ޒުވާން ހަކަތަ އިނގޭތޯ.

ޢަބްދުﷲ މުޢާޒް:

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ، ސަރުކާރަށް މިވަނީ ލިބިފައި. މަނިކުފާނު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް. މީގެ ކުރިންވެސް ސަރުކާރުތަކަށް އެބަހުރި ސުޕަރ މެޖޯރިޓީ ލިބިފައި. އެހެންނަމަވެސް، މިފަހަރު މި އޮތީ، އެ އަށްވުރެވެސް ބޮޑު ސުޕަރ މެޖޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުން ދެއްވާފައި. ކޮބައިބާ މި ލިބިވަޑައިގެންނެވި ސުޕަރ މެޖޯރިޓީ، މަނިކުފާނު ސިފަކުރައްވާނެ ގޮތަކީ؟ ރައްޔިތުން އެ މަނިކުފާނަށް ކުރައްވާ އިތުބާރު ހަމަގައިމުވެސް ފެނިގެން މި ދިޔައީ. ކޮންގޮތަކަށްތޯ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރުން ބޭނުންކުރައްވާނީ؟ އަދި ރައްޔިތުންނަށް ފެންނާނީ ކޮން މަންޒަރެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ސަރުކާރެއް ރައްޔިތުންނަށް އަޅައިކިޔާލަން މި ލިބުނީ، މި ދެ ދައުރުގައި ދޮގެއްތޯ. އެމް.ޑީ.ޕީ.ގެ ވެރިކަމަކާއި، ޕީ.ޕީ.އެމް.ގެ ވެރިކަމަކާ. ޕީ.ޕީ.އެމް. ވެރިކަމުގައި އަޅުގަނޑުމެންގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ، އޭރުގެ މިނިސްޓަރ. މިހާރު އިރާދަކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ މި ސަރުކާރުގެ. އަޅުގަނޑަކީ އޭރުގެ ޕަރލަމަންޓް މެންބަރެއް. އެހެންވީމާ، އަޅުގަނޑުމެން އޭރު މެޖޯރިޓީ ބޭނުންކުރަމުން އައިގޮތް، އަޅުގަނޑުމެންނަށް އާ ކަމަކަށް ނުވާނެ އިނގޭތޯ. ތަޖުރިބާއާ އެކީގައި ރައީސް އެ ހުންނެވީ، އެ މަސައްކަތްޕުޅު ކުރައްވަން. އެހެންކަމުން، މެޖޯރިޓީ ލިބުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމަށް ލިބޭނެ، މި ނިޒާމުގައި، ރިޔާސީ ނިޒާމުގައި އަސްލު އެންމެ ފަސޭހަ ކަންތައްތައް. އެހެންވީމާ، ސަރުކާރަށް ޖެއްސުންކުރުމެއް ނެތި، ސަރުކާރުން ހުށަހަޅާ ބިލުތަކަށް ޖެއްސުންކުރުމެއް ނެތި، އެހެންނަމަވެސް، ޒިންމާދާރުކަމާ އެކީގައި ކުރަންޖެހޭ ބަޙުޘެއްކޮށް، ބިލުތަކަށް ގެންނަންޖެހޭ ބަދަލެއް މަޖިލިހުން ގެންނަންވެސް ޖެހޭނެ. އެހެންނަމަވެސް، ސަރުކާރަށް ޖެއްސުން ނުކުރުމޭ މި ބުނަނީ، ވަގުތުތައް ދުއްވާލުމާއި، އެކި ކަންކަން ހިފެހެއްޓުމުގެ ވާހަކަ.

މިސާލަކަށް ދަންނަވާ ކަމުގައިވަންޏާ، އަޅުގަނޑުމެންނަށް އެއް އަހަރު މި ގެއްލުނީ، ޙަޤީޤަތުގައި އިދިކޮޅުން ބަޖެޓް ހަދާފައި، އަޅުގަނޑުމެންގެ އަތަށް ހަވާލުކުރި ކުރުމާ ގުޅިގެން. އަޅުގަނޑު ހަނދާން އެބަހުރި، 2018ގައި ވެރިކަމުން ފޭބިއިރުގައިވެސް، އޭރު މެޖޯރިޓީ އޮތީ، ޕީ.ޕީ.އެމް. އަތުގައި. ދައުލަތުގެ މާލިއްޔަތު ކޮމިޓީގެ ހުރިހާ ބާރެއް، މައިނޯރިޓީއަށް ދޫކޮށްލީ. މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، ނައިބު މުޤައްރިރު ދޫކޮށްލުމުން، އެ ބޭފުޅުން ބޭނުންވާގޮތަށް ބަޖެޓް ބައްޓަންކުރަން ފުރުޞަތު ދިނީ. އެހެންނަމަވެސް، ނިމިގެން މިދާ މަޖިލީހުން ކަންކުރީ އެހެނެއްނޫނޭ. އަޅުގަނޑުމެން އަތުން އެއް އަހަރު ދުވަސް ޙަޤީޤަތުގައި ދުއްވާލަން މަސައްކަތްކުރި ބޭކާރު ގޮތުގައި.

އެހެންނަމަވެސް، ރައީސްގެ ޙިކުމަތްތެރިކަން، ވިސްނުންފުޅު ވަރަށް ތޫނޭ އަޅުގަނޑު ދަންނަވާނީ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރައްޔިތުންނަށް އެންމެބޮޑަށް ބޭނުންވެފައި ހުރި ކަންކަމުގައި، އެ މަނިކުފާނު އެއަށް ހައްލުތަކެއް ހޯއްދަވައި، ރަސްމާލޭގެ ނަމުގައި، މަޝްރޫޢެއް ފަށްޓަވައިގެން އެ ގެންދަވަނީ. އެއީ، އިޚްލާޞްތެރި ވެރިންނަކީ. އެއީ، އޯގާތެރި ވެރިންނަކީ. މަޖިލީހުގެ މުހިންމުކަން މި ހާމަވަނީ. މި ފެންނަނީ. އެހެންވީމާ، މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބޭނުމަކީ ކޮމިޓީތަކުގައި ހުށަހެޅޭ، އިޞްލާޙުތަކާއި، ހުށަހެޅޭ ބިލުތައް އަވަސްކޮށް، ސަރުކާރަށް ފަސޭހަކޮށްދިނުން. ބަޖެޓަށް ބޭނުންވާ އިޞްލާޙުތައް ގެނެސް ނުވަތަ ރައީސް ބޭނުންފުޅުވާ ގޮތަށް ޒިންމާދާރުކަމާ އެކީގައި ކަންކަން ކުރެވޭނެ މަގު އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރެއްވުން. ރައްޔިތުންގެ އިހުސާސްތަކުގެ އަޑު މަޖިލީހުގެ ތެރެއިން އިއްވާލަދިނުން. ސަރުކާރަށް ޖެއްސުން ކުރުމެއް ނޫން.

އަޅުގަނޑުމެން އެދެނީ، ނޫސްވެރިންގެ ކިބައިންވެސް ޒިންމާދާރު ގޮތުގައި، ސަރުކާރު ޒިންމާދާރު ކުރުވާށޭ. އެއީ، އަޅުގަނޑުމެން އެދޭގޮތް. މަޖިލީހުންވެސް އެބައި ކުރިއަށް ދިއުމާ އެކީގައި. އެހެންނަމަވެސް، ތަރައްޤީއަށް ހުންނަ ކަންކަމުގައި އެއްބާރުލުން ދިނުން އެއީ، ބޭނުންވާ ގޮތަކީ. އެހެންވީމާ، ތަފާތު މަޖިލީހެކޭ ދަންނަވާނީ. އިރާދަކުރެއްވިއްޔާ އަނެއްކާވެސް ރައްޔިތުންނަށް އެކަން އިހުސާސްކުރެވިގެން ދާނެ.

ޢަބްދުﷲ މުޢާޒް:

އާދެ، ސަރުކާރުގެ މި ފާއިތުވެގެންދިޔަ ކުރު މުއްދަތުގެ ތެރޭގައި، ސަރުކާރުން އަދި މި މަސައްކަތް ކުރަންޖެހިފައި މިވަނީ، އިދިކޮޅުން މެޖޯރިޓީ އޮތް މަޖިލީހަކާ އެކު. މަނިކުފާނު ދެންމެ ތިޔަ އިޝާރަތް ކުރެއްވި ގޮތަށް. މިހާތަނަށް އައިއިރުގައި ބައެއް ވަޒީރުންނަށް ރުހުން ލިބިވަޑައިގެންފައެއް ނުވޭ ނުވަތަ ރުހުން އަދި ދެއްވާފައެއް ނުވޭ. ބައެއް ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުންގެ މަސައްކަތްތައްވެސް އަދި އޮތީ ކޮމިޓީ މަރުޙަލާގައި މަޑުޖެހިފައި. މިހާރު މި އޮތީ އަނެއްކާ ސަރުކާރަށް ސުޕަރ މެޖޯރިޓީ ލިބިފައި. އެހެންނަމަވެސް، މި ފާއިތުވެގެންދިޔަ މުއްދަތުގެ ތެރޭގައި، ސަރުކާރު ހިންގުމަށް ކިހާވަރެއްގެ ދަތިތަކެއް މިހާރު މިއޮތް، ހިނގަމުންމިދާ މަޖިލީހުގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ތެދުތެދަށް ދަންނަވާ ކަމުގައިވަންޏާ، ހަ މަސް ދުވަސް، އެބޭފުޅުންގެ ހިތުން އަޅުގަނޑުމެންގެ އަތުން ބޭކާރުކޮށްލެވިއްޖެ ދޮގެއްތޯ. އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވިހެން ރައީސަކަށް އެ ހުންނެވީކީ އެގޮތަށް އެބޭފުޅުން ޖަހާހާ ބެރަކަށް ނަށްޓަވަން ހުންނެވި ބޭފުޅެއް ނޫން. ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ ތެދުވެރި ވެރިއެކޭ. އެހެންވީމާ، ގޮތްގޮތް ހޯއްދަވާނޭ. މަގުކޮށްޓަވާނޭ. އެގޮތުން އެބަހުރި އެތައް މަގުތަކެއް ކޮށްޓަވާފައި. އެ ދަތިތަކާ އެކީގައިވެސް، ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވައިފައި ވަނީ. ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން ނިންމަވައި ދެއްވައިފި އިނގޭތޯ. ކެބިނެޓުންވެސް ނިންމަވައި ދެއްވާފައި. އަދި ތަންފީޒީ މަރުހަލާގައި އެތައް މަސައްކަތްތަކެއް ރަށްތަކުގައިވެސް ކުރިއަށް އެބަގެންދޭ. އެހެންވީމާ، މަޝްރޫޢުތަކެއް ނުހުއްޓޭ، ނުހުއްޓޭ. މަޝްރޫޢުތައް ހުއްޓުވާލުމަކީ މިހާރު މި ނިމިދާ މަޖިލީހުގައި އެންމެ ބޮޑު ބޭނުމަކަށްވެފައި އޮތް ކަމަކީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރު، އެބޭފުޅުން ބޭނުންވާ ދިމާއަކަށް ގެންދިއުން.

އެހެންނަމަވެސް، އިރާދަކުރެއްވީތީ ރައީސްގެ މި ދެންނެވި، ވިސްނުންފުޅާ އެކީގައި މުޅި ސަރުކާރު އޮތީ ވަރަށް ގަދަކޮށް ރައްޔިތުންނާ އެކީގައި. ކަންކަން ތަންފީޒު ކުރުމުގެ މަގުމަތީގައި. އެހެންވީމާ، މިހާރު ކުރިއަށްދާ މަޖިލީހުގައި، ކަންކަމާ ހުރެ، ޙަޤީޤަތުގައިވެސް ރައީސްގެ ވަރަށް ގިނަ ވަގުތު، އެކަން ކަމަށް ފޯކަސް ހުއްޓިގެން ދިޔަ. އެއީ، މަޖިލީހަކާ ނުލައި ސަރުކާރެއް ހިންގަން ދަތިވާނެތީ. ބަޖެޓުގެ ކަންތަކުގައި އެބޭފުޅުން ކުރިން ޢަމަލުކުރެއްވި ގޮތް އަޅުގަނޑު ފާހަގަކުރިން. އެހެންވީމާ، މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވޭ، ރިޔާސީ ނިޒާމު އޮތް ގޮތުން. ރިޔާސީ ނިޒާމުގައި މަސައްކަތްކުރާއިރު، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ބަދަލުގައި، ޖެއްސުން ކުރާކަމުގައިވާނަމަ، ދަތިތަކެއް ހުންނާނެ. ދަތިތަކާ އެކީގައި ނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންނަށް، ރައީސަށް އެއޮތީ ވަރަށް ގިނަ ކަންކަން ކޮށްދެއްވިފައޭ. ބޮޑެތި ނިންމުންތައް ނިންމަވާފައޭ. އަޅުގަނޑުމެން ހަމައެކަނި މިހާރު މި ބޭނުންވަނީ މަޖިލިސް. މި މަޖިލިސް ފެށިގެން، މުއައްސަސާތަކަށް މި ބޭނުންވާ ފައިސާގެ މިހުރި ތާށިތައް ލުއިކުރެވޭނެ މަގު ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އެކަންވެސް ދާދި އަވަހަށް ފެނިގެންދާނެ.

ޢަބްދުﷲ މުޢާޒް:

އެހެންވީމާ، ކޮބައިތޯ މި ލިބިވަޑައިގެންނެވި ސުޕަރ މެޖޯރިޓީއާ އެކީގައި، މި ފަސް އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވުމުގައި ދެއްވާނެ އުންމީދަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ސުޕަރ މެޖޯރިޓީ އަޅުގަނޑުމެން ބޭނުންވެގެން، ރައީސް އެ ވާހަކަފުޅު ދައްކަވަމުން ގެންދެވި. ރައީސްގެ ވަޢުދުތަކަކީ، ސީދާ ރައްޔިތުންނާ ގުޅުން ހުރި، ރައްޔިތުން ބޭނުންވާ ކަންކަމަށް ރައީސް ވެވަޑައިގަތް ވަޢުދުތައް.

ނިމިދިޔަ ސަރުކާރުގައިވެސް ސުޕަރ މެޖޯރިޓީއެއް އޮތް އިނގޭތޯ. އޮވެގެން އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނުނީ އެ ބޭފުޅުން އެ ބޭފުޅުންނާ ކޯޅި، މަޖިލިސް ތެރޭގައި، މަޖިލީހުގެ ޙަޤީޤީ ޒިންމާތައް އެއްފަރާތް ކުރެވި، މުޅިން އެހެން މަންޒަރުތަކެއް. ސަރުކާރުންވެސް މުޅިން އެހެން މަންޒަރުތަކެއް ފެނުނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއް ނޫނޭ ވަގުތު ބޭކާރުކޮށްލާކަށް. އަޅުގަނޑުމެންނަށާއި ރައީސަށް، ރައްޔިތުން މި އެރުވީ ފަސް އަހަރު. އެ ފަސްއަހަރު ތެރޭ ރައީސް އެބަ ބޭނުންފުޅުވެވަޑައިގަންނަވާ، ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް. އެހެންވީމާ، އެ ވަޢުދުތައް ފުއްދުމަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް މި ބޭނުން ކުރަނީ. ރައްޔިތުންގެ މަޖިލީހުގައި އިރާދަކުރެއްވީތީ މިއަދު ސުޕަރ މެޖޯރިޓީ އޮތުމާއެކީ، އަޅުގަނޑުމެންނަށް ދެވޭނެ ޔަގީންކަމަކީ، ރައީސް ވެވަޑައިގެންނެވި ވަޢުދުތައް، ބަޖެޓުގައި ހިމަނައިގެން، އެ ވަޢުދުތައް ފުއްދުމުގެ ފުރުޞަތު އިރާދަކުރެއްވީތީ އެ އޮތީ ލިބިފައޭ. އެކަން އިރާދަކުރެއްވިއްޔާ އެ މަނިކުފާނު ކުރައްވާނެއޭ. މިހާރުވެސް އެ ގެންދަވަނީ، އިންތިޚާބު ނިމުމާ އެކީގައި، އެ މަސައްކަތްޕުޅުތައް ކުރައްވަމުން. އަޅުގަނޑު މި ފުރުޞަތުގައި ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ، އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީ، މި ލިބުނު ކާމިޔާބުގެ ބޭނުން ހިފާނެކަމުގެ ޔަގީންކަން. ކުރިން ލިބުނީ ޢިބުރަތަކަށް ބަލައިގެން، މަސައްކަތްކޮށްދޭނެ ވެރިއަކަށް ރައީސް މުޢިއްޒު ވެވަޑައިގަންނަވާނެ.

ޢަބްދުﷲ މުޢާޒް:

ފާއިތުވި ތަނަށް ބަލައިލާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މި ސަރުކާރު އައުމުގެ ކުރިން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރުގައި، އާންމުގޮތެއްގައި އިދިކޮޅު ޕާޓީގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވާތަން. ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނީ. މިގޮތުން ޕީ.ޕީ.އެމް.، ޕީ.އެން.ސީ. ވެސް އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ހަރަކާތްތެރި ދެ ޕާޓީއެއްގެ ގޮތުގައި. އިދިކޮޅުގައި އޮތްއިރުގައި. އާދެ، މީގެ ކުރިން ފެނިފައި ހުރި މަންޒަރުތަކަށް ބަލައިލާއިރުގައި، އާ ސަރުކާރު އައުމަށްފަހު، މި ދެންނެވި ގޮތަށް، ޕާޓީގެ ހަރަކާތްތައް މަދުވެ، ރައްޔިތުންނާ އޮތް ގުޅުން ޚާއްޞަކޮށް، އާންމު މެންބަރުންނާ އޮތް ގުޅުން އެބަ ކުޑަވޭ. ކުރިން ދެންނެވި ގޮތަށް، މަނިކުފާނުވެސް ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި. ކޮބައިތޯ މިހާރު ސަރުކާރުގައި މި ދެ ޕާޓީ، ޕީ.ޕީ.އެމް.، ޕީ.އެން.ސީ.، ދެން އެއް ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ. ދެ ޕާޓީ އޮވެ، އާންމު ރައްޔިތުންނަށް ނުވަތަ އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުމަކީ ކޮބައިތޯ؟ އެގޮތުގައި ދެމެހެއްޓެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ވަރަށް ރަނގަޅު ވާހަކަފުޅެއް އިނގޭތޯ. މިހާތަނަށް ކަން ހިނގައިދިޔަ ގޮތް ކަންނޭނގެ ތިޔަ ވިދާޅުވެ ދެއްވީ. އެހެންނަމަވެސް، ތިޔަ ވިދާޅުވި ކަންކަމަކީ، އަޅުގަނޑުމެންނަށް ލިބުނު ޢިބުރަތެއް، 2018ގައި ވެރިކަން ދިޔަގޮތުން އަޅުގަނޑުމެން އެކަމުން އިބުރަތް ހާސިލުކޮށް އަޅުގަނޑުމެން މިތިބީ މިފަހަރު ރައްޔިތުންގެ މަޖިލީސް އިންތިޚާބު ނިމުމާ އެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށް ދާން. މިކަމުގެ މަޝްވަރާވެސް އަޅުގަނޑުމެން ލީޑަރޝިޕުން ކޮށްފިން އިނގޭތޯ. ރައީސްވެސް އިސްވެ ހުންނަވައިގެން. ޕާޓީގެ ސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކުރުމާއި، ސްޓިއަރިންގ ކޮމިޓީތައް ރަނގަޅު ކުރުމާއި، ރަށްތަކާއި، ޕާޓީއާއި، މައި އިދާރާއާ އަޅުގަނޑުމެން ގުޅުވާލުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަގެންދޭ އިނގޭތޯ.

އެހެންވީމާ، މި މަސައްކަތް އިރާދަކުރެއްވިއްޔާ ނިމުމާ އެކީގައި، އަޅުގަނޑުމެންގެ ޕާޓީގެ މި ނެޓްވަރކް މުޅި ރާއްޖޭގައި ވަރަށް ވަރުގަދަ ކުރެވޭނެ. ފުރަތަމަ ފަހަރަށް ޕާޓީގެ ނިޒާމުގައި، ޕާޓީގެ މި ގުޅުން، ވެރިކަމެއްގައި ތިބެގެން ދެމެހެއްޓުމަށްޓަކައި، މި ޕާޓީން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަޅުގަނޑުމެން ނަމޫނާ ދައްކާނެ. ރައީސް އެ ހުންނެވީ އެ ޢަޒުމުގައި. އެހެންވީމާ، ރައީސް އެ ވިދާޅުވާ ކަމެއް ވެއްޖިއްޔާ އެ މަނިކުފާނު ވަރަށް ތެދުވެރިކަމާ އެކީގައި އެކަން ކުރައްވާ ތަން މި ފެންނަނީ. އަޅުގަނޑުމެން ލައްވައި މި މަސައްކަތް ކުރަން، ރެޔާއި ދުވާލު އެއްބާރުލުން ދެއްވާ ތަން ފެނޭ. މާދަމާ ނޫން އަނެއް ދުވަހު މިހާރު މި އޮތީ އަނެއްކާވެސް ބޮޑު ބައި އިލެކްޝަނެއް. ހަ ރަށެއްގައި. މިކަމަށްވެސް އަޅުގަނޑުމެން މިދަނީ މަސައްކަތްތައް ކުރަމުން. ހުއްޓުމެއް ނެތް ކަމެއް މިއީ.

އެހެންވީމާ، ރައްޔިތުންނާ އޮތް ގުޅުން، ޕާޓީ ތެރޭގައި މި އޮތް ގުޅުން އަޅުގަނޑުމެން ދެމެހެއްޓުމަކީ އެއީ، އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުން. ލިބޭނެ ކާމިޔާބީ. އެހެންވީމާ، މި ފާއިތުވި ތަނަށް ބަލާފައި، އަޅުގަނޑުމެންގެ މަސައްކަތް މި އޮތީ ވަރަށް ބޮޑަށް ރޭވިފައި. ޕާޓީ ސްޓްރަކްޗަރ ވަރުގަދަ ކުރުމުގައްޔާއި، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގައި އަޅުގަނޑުމެން މިހާރުވެސް މަޝްވަރާ ކޮށްފައިވާނެ. ކުރިންނަމަ، ރަށްރަށުގައި ކޮންމެވެސް ބޭފުޅެއްގެ ގެއެއް ކުއްޔަށް ނަގައިގެން، މިކަހަލަ ގޮތަކަށް ޕާޓީގެ ގޮފިތައް ހިންގައިފައިވެސް ހުންނަނީ. އެހެންނަމަވެސް، ޕާޓީގެ ޖަގަހައަކީ، ކޮންމެ ރަށެއްގައިވެސް ޕާޓީން ޚަރަދުކޮށްގެން ހިންގާ ތަނަކަށް ހެދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އެހެންވީމާ، އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން ދެވޭނެ، ޕާޓީގެ ބޭފުޅުންނަށްވެސް މި ފަހަރު މި ފަސް އަހަރުގައި އިރާދަކުރެއްވިއްޔާ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ޕާޓީއަކަށް މި ޕާޓީ ވެގެންދާނެކަން.

ޢަބްދުﷲ މުޢާޒް:

މި ފުރުޞަތުގައިވެސް އަޅުގަނޑު ދަންނަވާލާހިތްވޭ، ކުރިންވެސް އިޝާރާތްކުރި ގޮތަށް، މަނިކުފާނު ޒުވާނުންނާ ބާއްވަވާ ގުޅުން. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި މިހާރު ހުންނަވައިގެން ކިހިނެއްތޯ މަނިކުފާނު ވަގުތު ހޯއްދަވަނީ؟ ޚާއްޞަގޮތެއްގައި މަނިކުފާނަކީ ކުޅިވަރަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް. އެހެންވީމާ، ކުޅިވަރަށް ވަގުތު ހޭދަކުރެއްވުން ކިހިނެއްތޯ؟ ކިހާވަރަކަށް ވަގުތު ލިބިވަޑައިގަންނަވާތޯ؟ އަދި އެކަމުގައި ކިހިނެއްތޯ ޒުވާނުންނާ ގުޅުން ބާއްވަވަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އަޅުގަނޑު، ޒުވާނުންނާ ބައްދަލުކުރުމުގެ ފުރުޞަތު މި ހޯދަނީ ޕާޓީ އޮފީހުން އަޅުގަނޑަށް މި ލިބޭ ވަގުތުކޮޅުގައި. ޕާޓީ އޮފީހުން މި ދެންނެވި ގޮތަށް، އަޅުގަނޑަށް ރައީސް މިވަނީ ވަރަށް ބޮޑަށް ފުރުޞަތު ދެއްވާފައި. އެހެންވީމާ، އެ ފުރުޞަތުގައި، އަޅުގަނޑަށް އެ ލިބޭ ވަގުތުތަކުގައި ޕާޓީ އޮފީހުން އަޅުގަނޑު މި ދެންނެވި ގޮތަށް، ބައެއް ކުލަބުތަކާއި ޖަމުޢިއްޔާތަކުގެ ބޭފުޅުންނާ ބައްދަލުވޭ. ހަރަކާތްތެރި ޒުވާނުންނާ ބައްދަލުވޭ. އެ ފުރުޞަތު ލިބޭ. އެހެންވީމާ، އެކަން އަޅުގަނޑު މެނޭޖްކުރަން.

އޭގެއިތުރަށް، ކުޅިވަރު އެއީ، އަޅުގަނޑު އަމިއްލައަށް ލޯބިކުރާ ކުޅިވަރެއް. އެހެންވީމާ، އެކަމަށް އަޅުގަނޑު ވަގުތު ހޯދަން އިނގޭތޯ. ކޮންމެ ދުވަހަކު ކޮންމެވެސް އެއް ވަގުތެއް ހޯދައިގެން ނަމަވެސް އޭގެތެރޭގައި އަޅުގަނޑު އުޅެން. އެއީ ދެން އަޅުގަނޑުގެ ހިތްހަމަޖެހުމެއް. ދުޅަހެޔޮކަމެއް ކުރުމަށްޓަކައިވެސް މުހިންމު ކަމަކަށްވުމާ އެކީގައި ކުރަން ބޭނުންވާ ކަމަކަށްވާތީ.

ޢަބްދުﷲ މުޢާޒް:

އާދެ، ކޮބައިތޯ ނިންމަވައިލައްވަމުން، އިތުރަށް ފާހަގަކުރައްވާނެ ކަމަކީ؟ ޚާއްޞަގޮތެއްގައި މި ފަސް އަހަރު މަނިކުފާނުގެ ތަސައްވުރަކީ ކޮބައިތޯ؟ އަދި ދުވަހާ ގުޅިގެން ކޮބައިތޯ ފާހަގަކުރައްވާނެ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، މި ދުވަހަކީ ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑުމެންނަށް، މުޅި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެއް. ރާއްޖެއެއް ނޫން، ބައިނަލްއަޤްވާމީ ދުވަހަކަށްވެސް ވެގެންދާއިރު، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރައީސް ބާރުއަޅުއްވަނީ، މިއަދުވެސް ބާރުއަޅުއްވަމުން ގެންދަވަނީ، ނޫސްވެރިންނާއި، ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންނާއި، އަދި އެހެނިހެން ބައެއް ބޭފުޅުންނާވެސް ގުޅިގެން މަސައްކަތްކުރުމަށް. ކުރިން މި ދެންނެވި ގޮތަށް، އަމިއްލަ މަޞްލަޙަތަށް އިސްކަން ދޭ ފަރާތްތަކުން، ދެކެވޭ ވާހަކަތައް މުޖުތަމަޢުގެ ތެރޭގައި ގިނަވުމުގެ ސަބަބުން، ރައްޔިތުންނަށް ބައެއް ކަންތައްތައް އޮޅުންއަރާގޮތްވޭ. އެހެންވީމާ، މީޑިއާ ރަނގަޅުވެ، ތެދު ބަހުން މަޢުލޫމާތު ހިއްސާ ކުރުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭ ކަމުގައިވާނަމަ، މިއީކީ އުނދަގޫ ކަމެއް ނޫން. ނޫސްވެރިންނަށްވެސް އަދި ސަރުކާރު ހިންގާ ފަރާތްތަކަށްވެސް.

އެހެންވީމާ، މި ގުޅުން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ކަމަކަށްވާތީ، ނޫސްވެރިންނަށް އަޅުގަނޑުމެންދޭ ޔަގީންކަމަކީ، ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން. ސަރުކާރަށް އިތުބާރުކޮށްދެއްވާށޭ. ސަރުކާރާ އެކީގައި، މަސައްކަތް ކުރައްވާށޭ. ސަރުކާރު ޒިންމާދާރުކުރާ ގޮތުގެ މަތިންނޭ. ސަރުކާރުން އެ ފުރުޞަތު ދޭނެ. ނޫސްވެރިންނެއް ހުއްޓުވައި، ކުރިން މި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގި ކަންތައްތަކެއް ތަކުރާރުވާކަށެއް ރައީސުލްޖުމްހޫރިއްޔާ ފުރުޞަތެއް ނުދެއްވާނެއޭ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން އެ ގެންދަވަނީ ވަރަށް ސާފުކޮށް، ވަރަށް އޮމާން، ރީތި ވެރިކަމެކޭ ރައްޔިތުންނަށް ދައްކަވަން ބޭނުންވަނީ. ނަމޫނާ ވެރިކަމަކަށް ވާނީ އަޅުގަނޑުމެން މި ދަންނަވާ ކަންކަން، އަޅުގަނޑުމެންނަށް ކުރެވިގެން ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑުމެން މިތިބީ، އެކަން ކުރަން ތައްޔާރަށް. ރައްޔިތުންގެ ހުރި ކަންބޮޑުވުން ސަރުކާރާ ހަމައަށް ގެނެސްދިނުމުގައިވެސް ޒިންމާދާރުކަމާއެކީ ނޫސްވެރިކަން ކޮށްދެއްވަންވީ. އަޅުގަނޑުމެން ބޭނުން ދެ ފަރާތުގެ އަޑުއަހަން. ނޫސްވެރިންގެ އަޑުވެސް، ރައްޔިތުންގެ އަޑުވެސް އަދި އަޅުގަނޑުމެންގެ އަޑުވެސް އިވިގެން ޒިންމާދާރުކަމާއެކީ ރައްޔިތުންނާ ހަމައަށް ކަންކަން ފޯރުކޮށްދޭން.

އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތަކީ، މިނިވަން ނޫސްވެރިކަން ކުރުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ނޫސްވެރިންތަކެއް، މީޑިއާތަކެއް ގެނައުމުގެ މަސައްކަތް. އެކަން އިރާދަކުރެއްވިއްޔާ ތަންފީޒު ކުރާނެ. މަޖިލިސް ފެށުމާ އެކީގައި، ބަޖެޓު ލިބި، އަޅުގަނޑުމެން ކުރިން މި ދެންނެވި ކަންކަން ތަންފީޒުވާން ފެށީމާ، ނޫސްވެރިންނަށް އިހުސާސްވާނެ، އަޅާލާ ވެރިކަމެއްކަން މިއީ ދޮގެއްތޯ. އެހެންވީމާ، އެ ޔަގީންކަން އަޅުގަނޑު މި ފުރުސަތުގައި ދެން.

އޭގެއިތުރަށް އަޅުގަނޑު ދަންނަވާނީ، މި ފަސް އަހަރު ވެގެންދާނީ އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ، ތިޔާގި ފަސް އަހަރަކަށޭ. މި ވެރިކަންވާނީ ރައްޔިތުން ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދޭނެ ވެރިކަމަކަށޭ. އަދި މި ރާއްޖޭގައި މިހާތަނަށް އައިއިރު، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ފެނިފައި ނެތް، އިތުރު ކަންކަން ގެނެސް، ރައީސްގެ މަސައްކަތްޕުޅުތައް އެ ބައްޓަން ކުރައްވަނީ އެގޮތަށް. އެހެންވީމާ، ރައީސަށް ކުޑަ ވަގުތުކޮޅެއް މީގައި ބޭނުންވަނީ. މިދިޔަ ސަރުކާރުން ޢަމަލުކޮށްފައި އޮތް ގޮތުން، ޚުދު މިތަނަށް މިއަދު އަޅުގަނޑު އައީމަވެސް މި އިވުނު އަޑުތަކަށް ބަލާފައިވެސް، ކަންބޮޑުވުންތައް އިންތިހާއަށް ހުރީ. މިއީކީ މިތަނުގައި އެކަނި ހާލަތު އޮތް ގޮތެއް ނޫން. ރާއްޖޭގެ ހުރިހާ ކުންފުންޏެއް، ހުރިހާ ވުޒާރާއެއްގެ ހާލަތު މިހެން އޮތީ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ލިބުނު ސުޕަރ މެޖޯރިޓީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، މި ފަސް އަހަރަކީ ރައްޔިތުންނަށް ތިޔާގި ފަސްއަހަރު ކަމަށް ރައީސް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު މި ފުރުޞަތުގައި އަރުވަން.

ޢަބްދުﷲ މުޢާޒް:

އާދެ، ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ތިޔަ ހިއްސާކޮށްދެއްވީ. އަޅުގަނޑުމެން އެދެނީ، ސަރުކާރަށް އަދަށްވުރެ ފަހި، ފެހި ދުވަސްތަކަކަށް. އަދި ރައްޔިތުން ބޭނުންވާ އުންމީދުތައް ހާސިލުވެގެންދާނެ ފަސް އަހަރަށް. އަދި މަނިކުފާނު، އަދި ސަރުކާރުންވެސް މީޑިއާއާ ދޭތެރޭ ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ މި ނޭވާގައި އިނގޭތޯ، މީޑިއާއަށް، ޚާއްޞަގޮތެއްގައި ނޫސްވެރިކަމަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުދިގެންދާނެ ކަމަށް އަޅުގަނޑުމެން ކުރާ އުންމީދު ބޮޑުކަމުގައިވެސް ހަމަ ދަންނަވާލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ، ވަގުތުކޮޅެއް ދެއްވީތީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޝުކުރިއްޔާ.