ރާއްޖެއަށް ކުރިއަށް އޮތް ތާނގައި އަންނަން ހުރި އިންވެސްޓްމަންޓްތަކާއި، އެކަމުން ރާއްޖެއަށް ކުރާނެ ފައިދާތަކުގެ ތަފްޞީލު، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. އަދި ރާއްޖޭގައި ބޭއްވުނު ޑޯނަރ ކޮންފަރެންސުން ރާއްޖެއަށް ލިބުނު އެހީތަކުގެ މައްޗަށާއި، ސަރުކާރުން ކުރިއަށް ރާއްވަވާފައިވާ މަޝްރޫޢުތަކަށް ބޭރުގެ އެހީ ހޯއްދެވުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އޮތްގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަން ޤަޞްދު ކުރައްވާ ބައެއް ކަންތައްތައްވެސް ހާމަކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.