ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވާރލްޑް ބޭންކްގެ ކަންޓްރީ ޑައިރެކްޓަރ ނައޮކޯ އިޝީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ނައޮކޯ އިޝީ ދެއްކެވި ވާހަކަފުޅުގައި، އިއްޔެ ނިމިގެންދިޔަ މޯލްޑިވްސް ޑޯނަރ ކޮންފަރެންސުން ޙާޞިލު ކުރައްވަން ބޭނުންވި ނަތީޖާ ޙާޞިލު ކުރެއްވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ވާރލްޑް ބޭންކްގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ވައިސް ޕްރެޒިޑެންޓް އީޒަބެލް ގުއެރޭރޯ ދިވެހި ސަރުކާރަށް މަރުޙަބާ ވިދާޅުވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޑޯނަރ ކޮންފަރެންސާ ގުޅިގެން ސަރުކާރުން އިތުރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ވާރލްޑް ބޭންކްގެ ކަންޓްރީ ޑައިރެކްޓަރ މަޝްވަރާ ކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އެހީއާއި، ސަރުކާރުގެ ޚަރަދުގައި ރާއްޖޭގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، މި މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބަލައި، މަޝްރޫޢުތައް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.