ހަނިމާދޫ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު. ކުންފުނިން ހުށަހަޅާފައިވާ އިތުރު ހުށަހެޅުންތަކެއްގެ ތަފްޞީލު މަޢްލޫމާތު، ޕްރައިވަޓައިޒޭޝަން ކޮމިޓީން ވަޒީރުންގެ މަޖިލީހަށް ދެއްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިކަމުގެ މަޢްލޫމާތު ދެއްވީ، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީއެވެ.

އިންޑިޔާގެ ޖީ.އެމް.އާރު.އިން މި މަޝްރޫޢުވަނީ 2 ފިޔަވައްސަކަށް ބަހާލާފައި ކަމަށާއި، ފުރަތަމަ ފިޔަވަހީގައި، 2.8 ކިލޯމީޓަރުގެ ރަންވޭއެއް ބިނާކުރެވޭނެ ކަމަށް މަޙްމޫދު ރާޒީ ވިދާޅުވިއެވެ. އަދި ފުރަތަމަ ފިޔަވަހި ރޭވިފައިވާ ގޮތުން ހަނިމާދޫން މީހުން ބަދަލުކުރާކަށް ނުޖެހޭކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ދެވަނަ ފިޔަވައްސަށް ދިޔުމަށް ހަމަޖެހިފައިވަނީ، އެކަށީގެންވާ ވަރަށް ފަސިންޖަރުން ދަތުރުކުރަން ފެށުމުން ކަމާއި، 2040 ވަނަ އަހަރު އެ ހިސާބަށްދާނެ ކަމަށް އަންދާޒާ ކުރެވޭކަން ރާޒީ ހާމަކުރެއްވިއެވެ.

އުތުރުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރުމަކީ، ފަތުރުވެރިކަމުގެ ތަރައްޤީގެ 3 ވަނަ މާސްޓަރ ޕްލޭނުގައި ހިމެނިފައިވާ ކަމެއްކަން މަޙްމޫދު ރާޒީ ފާހަގަކުރެއްވިއެވެ. 2025 ވަނަ އަހަރާ ހަމައަށްދާއިރު، 2.5 މިލިއަން ފަސިންޖަރުން މި ވައިގެ ބަނދަރު ބޭނުންކުރާނެ ކަމަށާއި، އެހެންނަމަވެސް، މި މިންވަރަށް ފަސިންޖަރުން ބޭނުންކުރާ އެއަރޕޯޓަކަށް ހެދޭނީ، ޖުމްލަ 12,000 އެނދު ތަރައްޤީ ކުރެވިގެން ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވިއެވެ.

އެއަރޕޯޓްގެ މަޝްރޫޢަށް 330 މިލިއަން ޔޫ.އެސް ޑޮލަރު ޚަރަދުކުރި ކަމުގައިވިޔަސް، އެއަރޕޯޓްގެ މަޝްރޫޢަށް އެކަނި ބަލައިފިނަމަ، މަޝްރޫޢު ހިންގާ މުއްދަތުގައި ލިބެނީ ޖުމްލަ 370 މިލިއަން ޑޮލަރުގެ ނެގެޓިވް ނެޓް ޕްރެޒެންޓް ވެލިޔުއެއް ކަމުގައި ރާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް، އެއަރޕޯޓުގެ މަޝްރޫޢުގެ ތެރެއަށް 6000 އެނދު އިތުރުކުރުމުން، 290 މިލިއަން ޑޮލަރުގެ ޕޮޒިޓިވް ނެޓް ޕްރެޒެންޓް ވެލިޔުއެއް ލިބޭނެ ކަމަށާއި، އަދި އިތުރަށް 90 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.