ފުލުހުންގެ 77 ވަނަ އަހަރީ ދުވަހާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕޮލިސް ބައިސްކަލް ތަޢާރުފް ކުރައްވައި، އެ ބައިސްކަލް ބޭނުންކުރަން ފެށްޓެވުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިކަން އޮތީ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައެވެ.

ޕޮލިސް ބައިސްކަލް އިފްތިތާޙް ކުރެވިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ، ޖުމްހޫރީ މައިދާން ވަށާ ބައިސްކަލް ދުއްވަވާލެއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ޖުމްހޫރީ މައިދާން ވަށާ ބުރެއް ޖައްސަވާލެއްވިއެވެ. މިރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގެއަށް ވަޑައިގަތީވެސް ބައިސްކަލުގައެވެ.

ޕޮލިސް ބައިސްކަލް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙް ދެއްކެވި ވާހަކަފުޅުގައި، ޕޮލިސް ބައިސްކަލް ފުލުހުންގެ ތެރެއަށް ތަޢާރުފު ކުރެއްވީ، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވުމަށާއި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކަށް ޢަމަލު ކުރުމުގައި ނަމޫނާއެއް ދެއްކެވުމުގެ ގޮތުން ކަމުގައި ވިދާޅުވިއެވެ.

ޕޮލިސް ބައިސްކަލް އިފްތިތާޙް ކުރެއްވުމާ ގުޅިގެން، މާލެއާއި އަތޮޅުތަކުގައި ފުލުހުން ފޯރީމެރުމުގަޔާއި، ފުލުހުންގެ އެހެނިހެން ޚިދުމަތްތައް ފޯރުއްވައިދެއްވުމުގައި ބައިސްކަލް ބޭނުންކުރައްވާނެއެވެ.