بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފީއަލީ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ޑަބްލިޔޫ.ޑީ.ސީ.، ކައުންސިލްގެ މެންބަރުން، މި ތަނަށް ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސާއި، އެކިއެކި މުއައްސަސާތަކުގެ އިސް ބޭފުޅުން، އަދި މި ޖަލްސާ، ދުރާއި ގާތުން އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ހުރިހާ އަޚުންނާއި އުޚުތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން، ރަށުގެ ލޮބުވެތި ގިނަ ރައްޔިތުންތަކެއް ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މިއަދުގެ މި ކައުންސިލް ބައްދަލުވުމަކީ، އަޅުގަނޑު މި ފެށި މަސައްކަތުގައި، ކައުންސިލްތަކާ ބައްދަލުކުރަން މި ފެށި މަސައްކަތުގައި ބައްދަލުވި 168 ވަނަ ކައުންސިލް. އަދި ބާކީ އެހެންވީމާ، 32 ކައުންސިލް އެބައޮތް. އަޅުގަނޑު މި ބަލަނީ ހުރިހާ ރަށު ކައުންސިލްތަކާއި އަދި ހުރިހާ އަތޮޅު ކައުންސިލްތަކާ ބައްދަލުކޮށް، ސިޓީ ކައުންސިލްތަކާ ބައްދަލުކޮށްލެވޭތޯ. ހަމަ އެފަދައިން، ޑަބްލިޔޫ.ޑީ.ސީ.ތަކާވެސް. މިއަދާ ހަމަޔަށް އައިއިރުގައި، ހަމަ ކޮންމެ ރަށެއްގެ ޑަބްލިޔޫ.ޑީ.ސީ.އާވެސް ބައްދަލުވެއްޖެ. ގާތްގަނޑަކަށް 165 ކައުންސިލާ ބައްދަލުވެފައި މިވަނީ.

މި ހުރިހާ ކައުންސިލްތަކުގެ އަދި ޑަބްލިޔޫ.ޑީ.ސީ.ތަކުގެ ބައްދަލުވުންތަކުގެ ބޭނުމަކީ، ތިޔަބޭފުޅުން، ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބެވި މަންދޫބުންގެ ފަރާތުން ތިޔަބޭފުޅުންގެ ކަންކަން އޮޅުންފިލުވުން. ގާތުން އޮޅުންފިލުވުން. ވަރަށް ފަސޭހަވޭ އެހެން އެކަން ކުރެވުނީމަ. އަޅުގަނޑަށް ވަރަށް މުހިންމު، ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުވަން. މާލޭގައި ކައުންސިލްތަކުން އައިސް އަޅުގަނޑާ ބައްދަލުކުރަން އެޕޮއިންޓްމަންޓް ދީގެން ބައްދަލުކުރަންޏާ، މިކަމެއް ނުނިންމޭނެ އަވަހަކަށް.

އެހެންވީމާ، ދަތުރުތަކެއް ފަށައިގެން މިއަދާ ހަމަޔަށް އައިއިރުގައި، ހުރިހާ ކައުންސިލްތަކުންނާއި، ޑަބްލިޔޫ.ޑީ.ސީ.ތަކުން ދެއްވި އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުން ދެއްވި އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން މިކަން މި ކުރެވުނީ. އާދެ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ބާކީއޮތް 32 ކައުންސިލް އަދި ޑަބްލިޔޫ.ޑީ.ސީ.އާވެސް ބައްދަލުކުރާނަން.

އާދެ، މިކަމުގެ ނަތީޖާއަކީ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ހުރިހާ ރަށެއްގެ ރައްޔިތުންގެ ކަންކަމުގައި ބާރު ސްޕީޑެއްގައި ޢަމަލީގޮތުން ކަންކަން ފަހިވެގެން، ފުރިހަމަވެގެންދިޔުން. ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ގާތުން އެނގުނީމާ، މާ އަވަހަށްވެސް އަޅުގަނޑަށް ފަސޭހަވެގެންދޭ، އެކަންކަން ތަންފީޒު ކުރަން. އަޅުގަނޑާ އެކީގައި އެކިއެކި މިނިސްޓަރުންނާއި، އެމް.ޑީންވެސް ބައްދަލުވުންތަކުގައި އެބަ ބައިވެރިވޭ. ވަގުތުން ކަންކަމަށް ޙައްލު ގެނެސްދެވޭތޯ މަސައްކަތް އެބަ ކުރަން.

އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރުމުގައި ވަރަށް ބާރު ސްޕީޑްގައި ކަންތައްތައް ކުރިއަށް ގެންދެވޭތޯ ބަލަން. އެއީ، ރައްޔިތުންވެސް ބޭނުންވާނެ ގޮތަކީ. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް މި ބޭނުންވާ ހުރިހާ ކަމެއްގައިވެސް އެގޮތަށް ކުރިއަށްދާނަން.

ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި. ބިން ބޮޑުކުރުން، ނޫނީ ބިން ހިއްކުން. އެއާ ގުޅިގެން ގެދޮރުވެރިކަން އެއީ، އެންމެބޮޑު މައްސަލަ. އަދި ވަރަށްގިނަ އެހެން މައްސަލަތައްވެސް އެބަހުރި. އަޅުގަނޑުމެން ކެމްޕެއިން ތެރޭގައިވެސް އެ ވަޢުދުވީން. އަޅުގަނޑު ވަޢުދުވަނީ އިރާދަކުރެއްވިއްޔާ ހަމަ އެކަންކަން ވަޢުދުވާ ގޮތަށް ފުއްދުމުގެ ބޭނުމުގައި. މިހާރު ފެށިފައި އޮތް މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމާއިރުގައި، އަދި ފަޅުތެރޭގައި ބާކީ އޮތް ޖާގަޔާ އެކީގައި، ރައްޔިތުން އެދޭގޮތަށް އެކަން ކުރަން ވަޢުދުވީ.

ގާތްގަނޑަކަށް 15 ހެކްޓަރު އުފެއްދެން އެބައޮތް، ބިމުގެ ޖާގަ. އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ގޮތަށް މި މަސައްކަތް ކުރިއަށް ގެންދާނީ. ކައުންސިލް ބައްދަލުވުމުގައިވެސް
މި ވާހަކަ ދެންނެވިން. އަދި ކުރީގައި ކެމްޕެއިން ދުވަސްވަރުވެސް އެ ވާހަކަ ދެއްކިން. އަނެއްކާވެސް ދޭނެ ޔަޤީންކަމަކީ، އެ ވަޢުދު ރިޕީޓްކޮށްލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިމޭއިރުގައި، ތޮށިޖެހުމާ އެކީގައި ނިމިގެންދާނެ. ދާއިރުގައި ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް، އެންމެ ބޮޑު މިނަކަށް ހިއްކައި، 15 ހެކްޓަރު، އަދި އެއަށްވުރެ ބޮޑަށް ހިއްކަންޏާ، އެ ބައިވެސް ހިމެނޭގޮތަށް ބިން ހިއްކުމުގެ މަސައްކަތް ނިންމައިދޭނަން. އެ ޔަޤީންކަން މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ހަމަ އެއާއެކީގައި، ދެންހުރި މަސައްކަތްތައްވެސް ކުރިއަށް ގެންދާނަން. ދެންހުރި ހުރިހާ މަސައްކަތްތަކެއްވެސް. އެއީ، ފެށިފައި ހުރި ކަންކަމާއި، އަދި އަލަށް ފަށަންހުރި ކަންކަމާ އެކީގައި
މި ދަންނަވަނީ. ޞިއްޙީ ދާއިރާގެ މަސައްކަތް އެބަހުރި ކުރަން ފެށިފައި. އަދި ފަށަންވެފައި. ޞިއްޙީ މަރުކަޒުގެ މަސައްކަތް. ފެންވަރު ރަނގަޅު ކުރުމާއި، ލެބޯރެޓަރީއާ ގުޅިގެން ވަރަށްގިނަ މަސައްކަތް އެހެރީ މިހާރުވެސް ފެށިފައި.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، މި ސްކޫލްގެ ފެންވަރު ރަނގަޅު ކުރުން. ފެންވަރު ރަނގަޅު މަލްޓި-ޕަރޕަސް ބޮޑު ހޯލެއް އެޅުމާއި، އަދި އެއާއެކީގައި، މި ސްކޫލަށް ބޭނުންވާ އެކިކަހަލަ ކަންކަން އެހެރީ. ހަމަ އެއާއެކީގައި، ކުޅިވަރާ ގުޅިފައި ހުރި އެކިކަހަލަ ކޯޓުތައް އެޅުމާ. މިހެންގޮސް މުހިންމު ގިނަ މަސައްކަތް ކުރަން އެބަހުރި.

މިއިން ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް މިދެނީ. ކުރާނެ ކަމުގެ ޔަޤީންކަން މިދެނީ. އެކަންކަން ކުރުމަށް މަސައްކަތް ފެށިފައިވެސް އެވަނީ. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ގިނަ ކަންތައްތަކެއް، ފައިސާ ދިނުމުގެ ދަތިތައް ހުރީމަ މުޅި ރާއްޖޭގައި އެބަހުރި ބައެއް ކަންކަން ހުއްޓިފައި. މިހާރު ގިނަ ކުންފުނިތަކަށް ފައިސާ ދެވިއްޖެ. އޭގެ ނަތީޖާއެއްގެ ގޮތުގައި އެކި ރަށްރަށުގައި އެ މަސައްކަތްތައް ހުރީ ފެށިފައި. އެހެންވީމާ، މި ރަށުގައިވެސް ހަމަ އެގޮތަށް ކުރިއަށް ގެންދާނީ.

މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއްގައި ހަމަ މި ދިން ޔަޤީންކަން، އޭގެ މަތީގައި ޢަމަލީގޮތުން އަޅުގަނޑުމެން އެކަންކަން ފުއްދައިދޭނަން. ރަށުގެ ތަރައްޤީއަށް ކުރާ ކަންކަމުގައި، މި ދެންނެވި ފަދައިން، އަޅުގަނޑަށް 168 ކައުންސިލާ ބައްދަލުވިއިރުގައި އަދި ޑަބްލިޔޫ.ޑީ.ސީ.ތަކާ ބައްދަލުވިއިރުގައި، އަޅުގަނޑަށް ފެނިގެން މިދިޔައީ، މި ކައުންސިލްތައް އަދި ޑަބްލިޔޫ.ޑީ.ސީ.ތައް ބާރުވެރިކުރުވަންޖެހޭ ކަމަށް. އެހެންވީމާ، އަޅުގަނޑު ވާނެ، ވަރަށްގިނަ ބައްދަލުވުންތަކުގައި، އެކަން ކުރާނެ ކަމުގެ ވާހަކަ ދައްކާފައި.

ޑަބްލިޔޫ.ޑީ.ސީ.ތަކަށް ބަލާއިރުގައި، މިވާގޮތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް އުފެދިފައި އޮތް ނަމަވެސް، ޢަމަލީގޮތުން އެ ކޮމިޓީތަކަށް ހަރަކާތްތެރިވެވޭނެ ކަހަލަ ގޮތަކަށް ނޫން ޤާނޫނު ބައްޓަންވެފައި އޮތީ. ލާމަރުކަޒީ ޤާނޫނުން ކޮމިޓީ އުފެދިފައި މިއޮތީ. އެހެން ނަމަވެސް، އެލަވަންސެއްގެ ގޮތުގައި ކުޑަ އެއްޗެއް ލިބުން ފިޔަވައި މާބޮޑު ފުރުޞަތުތަކެއް ނެތް. އެ ލިބޭ، ކައުންސިލްގެ ބަޖެޓުން އޮންނަ ފަސް ޕަސެންޓުގެ ތެރެއިން ހުރިހާ ކަމެއް ކުރަން މި އޮންނަނީ. އެއިން މުސާރަ، ނޫނީ އެލަވަންސްވެސް ދޭން މިޖެހެނީ. އަދި ބައެއް ރަށްރަށުގައި އާބާދީ ކުޑަވީމާ، އެ އޮންނަ ފޯރމިއުލަރއެއްގެ ތެރެއިން އެ ލިބޭ ބަޖެޓުން އަހަރު ދުވަހުގެ އެލަވަންސް ނުދެވޭ. ބައެއް ކައުންސިލްތަކާ އަޅުގަނޑާ ބައްދަލުވެއްޖެ. އާބާދީ ވަރަށްކުޑަ ރަށްރަށުގައި، އެ ފޯރމިއުލަރ އެޕްލައި ކުރީމާ ތިންމަހު އެލަވަންސް ދީފައި، ބާކީ މަސްތަކުގައި ނުދެވޭ. ހަމަހު ދެވިފައި، ބާކީ މަސްތަކުގައި އެލަވަންސް ނުދެވޭ. މިކަހަލަ ގޮތަކަށް މިއޮތީ މި ޤާނޫނާ އެއްޗެތި ހެދިފައި.

އޭގެއިތުރަށް، އެ ޑަބްލިޔޫ.ޑީ.ސީ.ތަކަށް، އެ ބޭފުޅުންނަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ނޯވޭ އެއްވެސްކަހަލަ ޢިނާޔަތްތަކުގެ ހައިސިއްޔަތެއް. ހައިސިއްޔަތު ނެތުމުގެ ސަބަބުން ޢިނާޔަތްތައް ނުލިބޭ. ރޯދަމަހުގެ އެލަވަންސް، ރޯދަމަސް ނިމުނީ. ނުލިބޭ. ވިހެއުމުގެ ޗުއްޓީ. އަންހެނުންނާ ގުޅޭ އެކަހަލަ ޚާއްޞަ ޗުއްޓީތަކެއް ނުލިބޭ.
އެ ލިބޭ އެލަވަންސްގެ ބޭނުންކޮށްގެންނެއް ލޯނެއް ނަގާކަށް ފުރުޞަތެއް ނުލިބޭ. މިހެންގޮސް ވަރަށްގިނަ ކަންތައްތައް މިހިރީ. އަޅުގަނޑު ވާނެ މީގެކުރިން ވަރަށްގިނަ ބައްދަލުވުންތަކުގައި މި ވާހަކަ ދަންނަވާފައި. އަޅުގަނޑު ގަސްތުކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބޭ ކަމުގައިވާނަމަ، ކުރިއަށް އޮތް ތާނގައި، މި ޤާނޫނު އިޞްލާޙު ކުރަން. ކޮށްގެން މި ދެންނެވި ހުރިހާ ކަމެއް ޙައްލުކޮށްދޭން. އަޅުގަނޑު މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ.

ދެން ހަމަ އެއާއެކީގައި އާމްދަނީ އިތުރުކުރުން. ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި ވަރަށްގިނަ ކަންކަމުގެ ވާހަކަ އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެންމެބޮޑު އެއްކަމަކީ، ދައުލަތަށް މި ލިބޭ އާމްދަނީ، ޓޫރިޒަމް ޓެކްސްއާއި އަދި އެކިކަހަލަ ޓެކްސްތަކުގެ ތެރެއިން އިންސައްތައެއް، ޓެކްސްގެ ޤާނޫނާއި، ކަމާގުޅޭ އެހެން ޤާނޫނުތައް އިޞްލާޙުކޮށްގެން ކައުންސިލްތަކަށް ސީދާ ޖަމާކޮށްދިނުން. އޭރުންވެސް އެ ކައުންސިލްތަކަށް ރަށުގެ ތަރައްޤީއަށް ކުރެވޭނެ ވަރަށްގިނަ ކަންތައް ހުންނާނެ.

މިކަހަލަ ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ފަސޭހަވާގޮތަށް ކޮށްދިނުމަށް އަޅުގަނޑު ބޭނުން. އަދި ކައުންސިލްތަކާއި، ރަށްރަށުގެ ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭގޮތަށް ފަޅުރަށްތައް ދޫކުރުންވެސް މިހާރު މިވަނީ ނިންމާފައި. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުން މުއްސަނދިކޮށްދޭން. ފުދުންތެރިކޮށްދޭން. މިކަންކަން ކުރެވޭނީ، މިކަން ކުރެވޭކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ފަހިވެގެން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް މިކަންކަމާ އެކީގައި ރައްޔިތުންނަށް ކަންކަން ފަހިކޮށްދެވޭނެ ކަމަށް.

މި ރަށުގެ ތަރައްޤީއަށްވެސް މިކަހަލަ މުހިންމު ކަންތައްތައް މިހިރީ ކުރަން ޖެހިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، ރައްޔިތުންނަށް މި ބޭނުންވާ މުހިންމު ކަންކަން ކުރެވިގެންދާނެ. އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިންވެސް ދެންނެވި ގޮތަށް، ނަތީޖާ ނެރުމުގައި، ބާރު ސްޕީޑްގައި ކުރިއަށްދާން. އެންމެ ދުވަހެއްވެސް ބޭކާރުނުވެ، އެންމެ ދުވަހެއްވެސް ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުން. އެހެންވީމާ، މިގޮތުގައި ކުރިއަށްދިޔުމަކީ، އަޅުގަނޑު ހިތުން ރައްޔިތުންވެސް އެދޭނެ ގޮތް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މި ޤައުމަކީ އަދަށްވުރެ ފަހި، ފާގަތި މުސްތަޤްބަލެއް ލިބިގެންވާ ޤައުމެއް ކަމުގައި މިންވަރުކުރައްވައި، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި ލެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.