بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ލ. ގަމުގެ އަދި މިތަނަށް ވަޑައިގެން ތިއްބެވި އެހެން ރަށްތަކުގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސް، އަދި ވަޑައިގެން ތިއްބެވި އެހެނިހެން މުއައްސަސާތަކުގެ ވެރިންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ އެންމެހައި އެކިއެކި އިސްވެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ހުރިހާ އަޚުންނާއި އުޚުތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މާގިނަ ވަގުތެއް ވާހަކަ ދައްކާކަށް ނުއެއް ނެތް. އެހެން ނަމަވެސް، ތިޔަބޭފުޅުންނާ މިގޮތަށްވެސް ބައްދަލުވީމާ، އާދެ، ތިޔަބޭފުޅުން ވަގުތު ހުސްކުރައްވައިގެން، މި ޢީދު ބަންދުގައި އުފާފާޅުކުރައްވަމުން ގެންދަވަމުންވެސް ވަޑައިގެން ވަގުތު ހޭދަކުރައްވާ ކަމަށްޓަކައި ވަރަށް އުފާކުރަން. ތިޔަ ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ގަމުގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންތައްތަކެއްގެ ވާހަކަ، އަޅުގަނޑުމެން ވާނީ ކުރީގައި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދައްކާފައި. ވަޢުދުތަކެއްވެސް ވެފައި. އަދި ރަސްމީކޮށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، އެކަންކަން މިހާރު އެހެރީ ކަނޑައެޅިފައި. އެކަންކަމަށްޓަކައި އެކި މަރުޙަލާގައި މަސައްކަތްތައް ވަނީ މިހާރު ފެށިގެން ގޮސްފައި.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ގަމުގެ ތަރައްޤީގެ މަސައްކަތުގައި ޢަމަލީ ސިފަ ޖައްސައި، ޢަމަލީގޮތުން ނަތީޖާ ނެރެދޭނަން، ކޮންމެ ދާއިރާއެއްގައި ވިޔަސް. އެ ދާއިރާއެއްގައި ހުރި މި ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމަކީ، މި ފަސް އަހަރުގެ ތެރޭގައި ޢަމަލީގޮތުން ނިންމައިދީ ފުރިހަމަކޮށްދޭނެ ކަންކަމަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން. އެ ޔަޤީންކަން އަޅުގަނޑު ދެން. އެކަންކަން ކުރުމުގައި މިހާރުވެސް މަސައްކަތްތައް ފެށިފައި މިވަނީ.

މުޅި ރާއްޖޭގެ ތަރައްޤީއަށް ބަލާއިރުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މި ހައްދުންމަތި، މި އަތޮޅަކީ އިރާދަކުރެއްވިއްޔާ ތަރައްޤީގެ ވަރަށް މުހިންމު އަތޮޅަކަށް ވާނެ. މިދިޔަ ދިގު މާޒީގައި ގިނަ ކަންކަން މި އަތޮޅުގައި ނިސްބަތުން ނުކުރެވި އޮތުމުގެ ސަބަބުން، މި ފަހަތަށް ގޮސްފައިވާ ދިޔުން، އެކަންކަން ނިމުމަކަށް ގެނެސް، މުޅި އަތޮޅުގެ ތަރައްޤީ، ހުރިހާ ދާއިރާއެއް ހިމެނޭހެން އަދި އަމުދުން މި އަތޮޅުގައި މި އެންމެ ބިން ބޮޑު ރަށް ކަމުގައިވާތީ، އެހާ ޕޮޓެންޝަލް އޮވެ، ކަންކަން ކުރެވެން އޮވެ، ނުކުރެވިފައި އޮތުމާ އެކީގައި، މިކަންކަން ނިމުމަކަށް ގެނެސްދީ، ތަރައްޤީގެ މި މަސައްކަތުގައި ތިޔަބޭފުޅުން އުންމީދު ކުރައްވާ ގޮތަށް ކަންތައްތައް އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.

މިހާރު މިވަނީ އެކަމާ ގުޅޭ ގިނަ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދަން ފަށާފައި. އެންމެ މުހިންމު ކަމަކީ، ހުރިހާ ރައްޔިތުންނަށްވެސް ގެދޮރުވެރިކަން ހޯދައިދިނުން. މިހާރު ފެށިފައިވާ މަޝްރޫޢަކުންނެއް ނުފުދޭނެ. 100 ހައުސިންގ ޔުނިޓް، ނޫނީވިއްޔާ 100 ގެޔަކީ އެއީ، އެއްވެސްވަރަކަށް ފުދޭ މިންވަރެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑު ވަޢުދުވީ ފަދައިން ހަމަ އެކަން ކުރިއަށް ގެންދާނަން. ރަށްރަށުގެ ތަރައްޤީއަށް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެންމެ އިސްކަމެއް މިދެނީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރަން. ކުރަން ބަލާއިރުގައި އެންމެ އާބާދީ ބޮޑު، ނޫނީވިއްޔާ އެންމެ ބިން ބޮޑު، ޖާގަ އޮތް ތަނަކަށް އެކަމުގައި އިސްކަންދޭންޖެހޭ. އޭގެ ނަތީޖާއަކަށް ވާނީ، ދެން އެހެން ރަށްރަށުގެ ރައްޔިތުންވެސް، އެއްފަސްވުމުގެ ބޭނުމުގައި އެ ރަށްރަށަށް ހިޖުރަވެސް ކުރުން.

އެހެންވީމާ، އެ ވިސްނުމުގައި މި ގަމުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކަކީ، މުޅި ރާއްޖޭގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ ތެރޭގައި، އެންމެ ގިނަ މަޝްރޫޢުތައް ހިންގާ އެއް ރަށަށް ވާނެ. އެގޮތަށް އަޅުގަނޑުމެންގެ ސިޔާސަތު އޮތީވެސް. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އެހެންވީމާ، 100 ހައުސިންގ ޔުނިޓަކީ ފެށިފައި އޮތް މަޝްރޫޢު. އެއަށްވުރެ މާގިނައިން އަޅުގަނޑުމެންގެ ސިޔާސަތުގައި މިއޮތީ ކަނޑައެޅިފައި. މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ސާޅީސްހާސް ހައުސިންގ ޔުނިޓް މަޝްރޫޢު، ފަސް އަހަރު ތެރެއަށް ބަހާލައިގެން. އޭގެތެރޭގައި ހަމަ މުހިންމު ދައުރެއް އަދާކުރާނެ ރަށަކަށް މި ރަށް ވާނެ.

ހަމަ އެއާއެކީގައި، ޢުމްރާނީ ތަރައްޤީގެ ވަރަށްގިނަ ވަޢުދުތައް ހުންނާނީ އަޅުގަނޑު ވެފައި. އެއިން ކޮންމެ ކަމަކީވެސް ކުރިއަށް ގެންދަން ނިންމައި އަދި މި އަހަރުގެ ބަޖެޓުގެ ތެރެއިން ކޮންމެވެސްވަރަކަށް ޖާގަ ލިބިފައި ހުރި މަޝްރޫޢުތައްވެސް އެބަހުރި. ބަނދަރުގެ މަސައްކަތް ކަމަށްވަންޏާ އަދި އެކަހަލަ ބައެއް މަޝްރޫޢުތަކުގައި އެބަހުރި ޖާގަ. އަދި ޖާގަ ނެތް ނަމަވެސް، އިރާދަކުރެއްވިއްޔާ ދެން އަންނަ މަޖިލީހަކުން އަޅުގަނޑުމެންނަށް އެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދުގައި އަޅުގަނޑު މިހިރީ. ދެން ފާސްކުރެވޭ ބަޖެޓުތައް ވެގެންދާނީ މިގޮތަށް ހިންގަން ހުރި މަޝްރޫޢުތަކަށް އެ ދޭންޖެހޭ އިސްކަން ދެވިގެން ފާސްކުރެވޭ ބަޖެޓްތަކަކަށް. އޭގެ ނަތީޖާއަކަށް ވާނީ، މި ރަށުގެ ރައްޔިތުންނަށް މި ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔުން.

ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، އަޅުގަނޑު ވަޢުދުވީ ގޮތަށް، މިއީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ހިންގަން ތަރައްޤީ ކުރަން ނިންމާފައިވާ ހަތަރު ފަސް ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ. އެންމެމަތީ ފެންވަރުގައި ހިންގޭ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، މި ރަށުގައި އެގޮތަށްކަން، އެ ފެންވަރުގައި ކަން ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާނީ. އެހެންވީމާ، އެންމެމަތީ ފެންވަރުގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގައި ތިޔަބޭފުޅުން ކައުންސިލުން ކުރީގައިވެސް ކަންތައްތަކެއް ކޮށްފައިވޭ. އެހެން ނަމަވެސް، އެ ފެންވަރަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރެއިން މަސައްކަތް ފެށިފައި މިއޮތީ މިހާރު. އެހެންވީމާ، އެ ފެންވަރަށް ހޮސްޕިޓަލްގެ މަސައްކަތްތައް ތަރައްޤީވެގެން ދިޔުމަކީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތް.

ހަމަ އެއާއެކީގައި، އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް، އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ޤާއިމުކުރަން ވަޢުދުވީން. ރާއްޖޭގައި ވަރަށްބޮޑުވެފައި އޮތް މައްސަލައެއް މިއީ. އަޅައިނުލެވުމުގެ ސަބަބުން ޚާއްޞަކޮށް ޒުވާނުން ހަލާކުވެގެން އެބަދޭ. އެހެންވީމާ، އެއީ، އަޅުގަނޑުމެންގެ ވިސްނުމަކީ، އޭގެތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން ގެންދިޔުން. މި އަތޮޅަކީ، ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށްވާތީ، މެންޓަލް ހޮސްޕިޓަލާ އެކީގައި ޓޫރިޒަމް ގުޅުވާލައިގެން ކުރިއަށް ގެންދަން އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ، ނިންމާފައި މިއޮތީ.

އެހެންވީމާ، އެއާ އެކީގައި އަދި ޓަރޝަރީ ފެންވަރުގެ، އެންމެމަތީ ފެންވަރުގެ ހޮސްޕިޓަލަކަށް މިހާރުގެ ހޮސްޕިޓަލް އަޕްގްރޭޑް ކުރެވި، ފެންވަރު މަތިކުރުމާ އެކީގައި، ޞިއްޙީ ގޮތުން ވަރުގަދަ ނާރެހަކަށް އިރާދަކުރެއްވިއްޔާ މި ރަށް ހަދައިދޭނަން.

ހަމަ އެއާއެކީގައި، ދެންވެސް ވަރަށްގިނަ މަސައްކަތްތައް ކުރަން އޮތީ ކަނޑައެޅިފައި. ތަޢުލީމީ ދާއިރާގައިވެސް ވަރަށްގިނަ ވަޢުދުތައް ވެވިފައި ހުންނާނެ. އަދި ހަމަ އެއާއެކީގައި، ކުޅިވަރުގެ އެކިއެކި ފެސިލިޓީޒްތައް ޤާއިމުކުރުމަށްވެސް އެބަހުރި ވަޢުދުވެފައި. ސްޕޯޓްސް ކޮމްޕްލެކްސް ހެދުމާއި، އަދި އެކަހަލަ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި އަދި މިހާރު ހިނގަމުން ގޮސް މަޑުޖެހިފައި، ހުއްޓިފައި ހުރި މަސައްކަތްތައް އަޅުގަނޑުމެން މިގެންދަނީ ހަމަ ހުރިހާ ދިމާއެއްގައިވެސް، މި ރަށުގައިވެސް އެގޮތަށް ފެށޭތޯ މަސައްކަތް ކުރަމުން. ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރުމުގެ ސަބަބުން ހުއްޓިފައި ހުރި ގިނަ މަސައްކަތްތައް މިއީ. އެހެންވީމާ، މި ހުރިހާ ކަމެއް މި ބަލަނީ ވީހާވެސް ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ ގެންދެވޭތޯ.

ދެން ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށްވާއިރުގައި، ކައުންސިލުން މިއަދު އަޅުގަނޑާ ޙިއްޞާ ކުރެއްވި، ގޯތީގެ ވަރަށް މުހިންމު މައްސަލައެއް. ސައިޒް ބޮޑުކުރުމަށް ތިޔަބޭފުޅުން މީގެ އަހަރުތަކެއް ކުރިން ނިންމެވި، ދީފައި ހުރި ގޯތިތަކެއް. ދެ ގުނަޔަށް، ދެހާހުން ހަތަރުހާސް އަކަފޫޓަށް. އަޅުގަނޑު ޔަޤީންކަން ދިނިން، ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ ރައީސަށް. އަޅުގަނޑު މި ދަތުރަށްފަހު ގޮސް، އިރާދަކުރެއްވިއްޔާ އެކަމުގައި، ކަމާބެހޭ ވުޒާރާތަކާ އެކީގައި ވާހަކަ ދައްކައި، އެކަން އަވަސްކުރުވާނަމޭ ރައްޔިތުން ބޭނުންވާ ގޮތަށް. އަޅުގަނޑަށް ކުރިން އެ މަޢުލޫމާތު ލިބިފައެއް ނެތް. އެހެންވީމާ، ކައުންސިލްގެ ބައްދަލުވުމުގައި ދެއްވި މަޢުލޫމާތު ދެއްވި ހިސާބުން އަޅުގަނޑުމެން މަސައްކަތް ފަށާނަން. ވިދާޅުވި، 2019 ގައި ދޫކުރި ގޯތިތަކެކޭ. އެ ބަދަލުކުރުމަށޭ ބޮޑުކުރުމަށޭ ބޭނުންވަނީ.

އެހެންވީމާ، ރައްޔިތުން ބޭނުންވާ ގޮތަށް، ކައުންސިލުން އެ ހުށަހެޅި ގޮތަށް، ގޯތިތައް ބޮޑުކޮށް ދޫކުރުމަށްޓަކައި ސަރުކާރުން ދޭންޖެހޭ ހުއްދައެއް ވިއްޔާ އަޅުގަނޑުމެން ދޭނަން. އެކަން އަޅުގަނޑުމެން ކޮށްދޭނަން.

އެހެންވީމާ، ވަގުތު ކުޑަކޮށް އޮތީމާ ޖުމްލަކޮށް މި ދަންނަވަނީ، ކޮންމެ ދާއިރާއަކުންވެސް މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ތަރައްޤީއެއްގެ ކަމެއްގައި އަޅުގަނޑުމެން މިތިބީ ރައްޔިތުން އެދޭ މިންވަރަށް އެކަން ކޮށްދޭށޭ. އަބަދު މިހެން ޕޯޑިއަމްގައި ދައްކާ ވާހަކައަކަށް، ނޫނީ ފޮތެއްގައި ލިޔެފައި އޮންނަ ވާހަކައަކަށް ތަރައްޤީ ވިޔަކަ ނުދޭނަން އަޅުގަނޑުމެންގެ ސަރުކާރެއްގައެއް. އެއްވެސް ރައްޔިތަކަށް. އެއްވެސް ރަށެއްގެ. އެންމެ ކުޑަ ރަށުގެ ރައްޔިތަކަށްވެސް. އެއީ، 100 މީހުން އުޅޭ ރަށްރަށްވިޔަސް ހެޔޮ. ފޮތެއްގައި ލިޔެފައި އޮންނަ އެއްޗަކަށް، ދުލުން ބުނެލާ ބަހަކަށް ތަރައްޤީ، ހުއްޓުނަކަ ނުދޭނަން. ޢަމަލީގޮތުން އެ ތަރައްޤީ ގެނެސް، ރައްޔިތުން ބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނަން. އެއީ، އަޅުގަނޑުމެން ކުރަން ބޭނުންވާ ގޮތަކީ. އެ ނަތީޖާ ނެރެދިނުން. އަޅުގަނޑުމެން މެޓަރވާ ހުރިހާވެސް މުހިންމު އެއްޗަކީ ނަތީޖާ ނެރެދިނުން. ނަތީޖާ ނެރުމަށްޓަކައި މި ސަރުކާރުން ހުރިހާ މަސައްކަތެއް މިކުރަނީ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ލިބޭނެ. އަޅުގަނޑަށް ބޭނުންވަނީ އެއްބާރުލުން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ އެއްބާރުލުން ނުލިބި ޙަޤީޤަތުގައިވެސް ތަފާތުވާނެ ނެރެވޭ ނަތީޖާ. ފަހަތަށް ދާނެ، މަޑުޖެހޭނެ. ބާރުކުރެވެން އޮތީ އެއްބާރުލުން ލިބިގެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި، ފާގަތި މާދަމާއެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.