ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. މުންޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ހައްދުންމަތީ ގަމު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ ދަތިކަމާއި ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލައިގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލްގެ ވިސްނުން ހުރިކަން މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މުންޑޫ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ މެންބަރުންނަކީ އެއިރެއްގައި އޮތް ސަރުކާރަކާ އެކީގައި މަސައްކަތްކޮށް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާނެ މެންބަރުންތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ ކޮމިޓީތަކުގެ އެލަވަންސް ފައިސާ ލިބުމުގައި ހުރި ދަތިތައް ކައުންސިލުން ހިއްސާ ކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.