ފަލިޖަހާ ކުޑަ ބޯޓެއްގައި އައްޑޫކަނޑު ހުރަސްކުރުމަށް ހަމަޖެހިފައިވާ ގީން ބެޓަންގެ ދަތުރަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ. ދުނިޔޭގެ ކުޅިވަރު މުބާރާތްތަކުގައި ފަލިޖެހުމުގައި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ގީން ބެޓަން ވާނީ، އެކަނިމާއެކަނި އައްޑޫކަނޑު ހުރަސްކުރާ ފުރަތަމަ ހުނަރުވެރިޔާ ކަމުގައެވެ. އޭނާ މިދަތުރުކުރައްވަނީ، މިއަދުން ފެށިގެން އޭޕްރިލް މަހުގެ ދެވަނަ ދުވަހާ ދެމެދުއެވެ.

ގީން ބެޓަންގެ ދަތުރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯދުން ހިމެނެއެވެ. އެކުވެރި ދައުލަތެއްގެ މިފަދަ ހުނަރުވެރިއަކު ރާއްޖެއަށް ޒިޔާރަތް ކުރައްވައި، މިފަދަ ޙަރަކާތެއް ހިންގަވާކަން އެއީ، ރާއްޖޭގެ އަންހެނުންނަށް ދެއްވާ ސަމާލުކަމާއި، ދެއްވާ ހިތްވަރު ފެނިގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

ގީން ބެޓަންއަކީ 2000 ވަނަ އަހަރާއި، 2003 ވަނަ އަހަރުގެ އޮލިމްޕިކް މުބާރާތުގައި ރިހި މެޑެލް ހޯއްދަވާފައިވާ ހުނަރުވެރިއެކެވެ. އަދި އިންގްލިޝް ޗެނަލް ހުރަސްކުރުމުގެ ދުނިޔޭގެ ރެކޯޑުވެސް އޭނާވަނީ ހޯއްދަވާފައެވެ.