މީޑިއާއަށް ހަމަލާދޭ ފަރާތްތަކާމެދު ސަރުކާރުން ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފެށުނު ރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމަހުގެ ކުރީކޮޅު ދިޓީވީއާއި ހަވީރު ނޫހުގެ ބައެއް މުވައްޒަފުންނަށް ބަޔަކު މީހުން ބިރުދައްކައި ހަމަލާދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިކަންކަން ކުރާ މީހުންނަކީ ގޭންގް މެންބަރުން ކަމުގައިވިޔަސް ނުވަތަ ގޭންގްތައް ކޮންޓްރޯލް ކުރާ ސިޔާސީ ފަރާތެއް ކަމުގައިވިޔަސް، މީޑިއާއަށް ހަމަލާދީ ނުވަތަ ހަމަލާދޭން ރާވާ ފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ކަމުގައި ވިދާޅުވިއެވެ.

ލިބިފައިވާ މިނިވަންކަމުގެ ތެރޭގައި މީޑިއާ ފަރާތްތައްވެސް މިހާރަށްވުރެ ޒިންމާދާރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވަމުން، ރާއްޖެފަދަ ކުޑަ މުޖުތަމަޢެއްގެ ތެރޭގައި ދޮގު މަޢުލޫމާތު ފަތުރައި، މީހެއްގެ އަބުރުނަގާލުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމުގައިވާ "އާޓިކަން 19" ގެ އެހީތެރިކަމާއެކު ސަރުކާރުން މިހާރުވަނީ ބްރޯޑްކާސްޓްކުރުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވަމުން، މި ބިލުގެ ސަބަބުން ބްރޯޑްކާސްޓް މީޑިއާގެ މިނިވަންކަމާއި ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.