ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާތީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ "ހުވަދުއަތޮޅު ދެކުނުބުރި / ގދ. އަތޮޅު ތިނަދޫ ކައުންސިލް"، ޤާނޫނު ނަންބަރު 7/2010 ގެ 51 ވަނަ މާއްދާގެ (ރ) ގެ ދަށުން، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި، 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ "ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ، 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެން، "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ" ގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
Secretariat of the Thinadhoo City Council
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިފައިވާ ނަންބަރު 415 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.