ސުވާލު:

އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އާއި ވާހަކަދައްކާލަން ބޭނުންވަނީ، ސުވާލެއް އަސްލުކޮށްލަން ބޭނުންވަނީ، އެއީ މަނިކުފާނު ވެރިކަމަށް އައުމުގެ ކުރިން އެތައް ފަހަރަކު ދައްކާފައި ހުރި ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދަކީ ވާނުވާގައި ތިބި މީހުން ދޫކޮށްލައްވާނެކަމަށް. ވާނުވާގައި ތިބި މީހުން ދޫކޮށްލާނަމޭ ބުނީމާ އަޅުގަނޑުމެން ވަރަށް ބޮޑު އިންތިޒާރެއްގައި މިތިބީ. ހަތަރު ކުދިން ގޮވައިގެން، ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ގޮވައިގެން ފިރިމީހާ ނެތީމާ ވަރަށް ނިކަމެތިވެފައި، ފިރިމީހާ އިނީ ތުހުމަތަކަށް ގެންގޮސްފައި. މިހާރު ދެ އަހަރު މިވަނީ. އެހެންވީމާ ނަގާފައި ހުރި ހެކިބަސްތަކާއި އެއްޗެހީގެ އަލީގައި ވެއްޖެއްޔާ އޭނާގެ ކުށެއް ނުވާކަމަށް އޮތީ. އެއީ ދެން އަޅުގަނޑު ކޮށްލަން ބޭނުންވާ އަސްލު ސުވާލަކީ.

ޖަވާބު:

އާދެ! ނަޝީދާ ޙަސަން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ކުރެއްވި ސުވާލަކީ ވަރަށް މުހިންމު ސުވާލެއް. އާދެ! ވާނުވާ މައްސަލަ ޙައްލުކުރުމަކީ އަޅުގަނޑު ވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް. މިހާރު އެކަމާއި ގުޅޭ ގޮތުން އިސްލާޙުތަކެއް ޤާނޫނަށް ގެނައުމާއި މިކަހަލަ ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އެހެންވީމާ އިރާދަކުރެއްވިއްޔާ ޤާނޫނީ ޙައްލެއް ތިޔަ މައްސަލައަށް ގެނެވޭނެ ގޮތްތަކަށް މަސައްކަތް ކުރަމުން މިގެންދަނީ އަދި ތަޙުޤީޤު މަރުޙަލާގެ ކަންތައްތައް ވެސް މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކާ މަސައްކަތްތަކެއް އެބަ ކުރެވޭ. އިރާދަކުރެއްވިއްޔާ ވާނުވާގެ މައްސަލައަށް ރަނގަޅު ދާއިމީ ޙައްލެއް ގެނެސްދޭނަން.