بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ސިފައިން، ދިފާޢީ ވަޒީރު، ދައުލަތަށް ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެންމެހައި ފަޚުރުވެރި ޢިއްޒަތްތެރި، ދައުލަތުގެ ސިފައިންގޭގައި ކުރީގައި އެތައް ޚިދުމަތެއް ކުރައްވާފައިވާ ފަޚުރުވެރި ވެރިންނާއި ޚިދުމަތްތެރިން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. ﷲ އަށް ޙަމްދުކުރަން.

އަޅުގަނޑުމެންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އަމިއްލަ ބާރުވެރިކަމާ އެކީގައި، އަމިއްލަވަންތަކަމާ އެކީގައި އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގެ ބާރު ލިބިފައިވާ ބައެއް ކަމުގައި އަޅުގަނޑުމެން ވުމަށްޓަކައި މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ނިޢުމަތް ކުރައްވާފައިވާ ކަންކަމަށްޓަކައި އެކަލާނގެއަށް ޙަމްދުކުރަން. އަދި އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން ޤާއިމުކުރުމަކީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްކަން، ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރައްވައި، އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން. އަދި ދިވެހި ޢަސްކަރިއްޔާއިން ޚާއްޞަ ގޮތެއްގައި ތިޔަ ކުރައްވާ ބުރަ މަސައްކަތަށްޓަކައި އަޅުގަނޑު ފަޚުރުވެރިކަމާ އެކީގައި އުފާކުރަން.

އަޅުގަނޑަށް ލިބެނީ މިކަމުގައި ވަރަށްބޮޑު ފަޚުރުވެރިކަމެއް، އުފާވެރިކަމެއް، ހިތްހަމަޖެހުމެއް. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމުގެ ނިޢުމަތް އަޅުގަނޑުމެންނަށް ލިބިފައިވާތީ.

ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަކީ، ޤައުމުގެ އަމިއްލަވަންތަކަން ޙިމާޔަތް ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ޙައްޤެއްކަން އަޅުގަނޑުމެން ގަބޫލުކުރާ ކުރުމަކީ، އަޅުގަނޑަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުން. އެއީ، ކޮންމެ ދިވެއްސަކުވެސް ގަބޫލުކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން ކޮންމެ މީހަކީ، އެންމެ ފުރަތަމަ ދިވެއްސެއް. ފަޚުރުވެރި ދިވެހި ރައްޔިތެއް. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހަކު، އަޅުގަނޑުމެންގެ ފިކުރުގައި، ކޮންމެކަހަލަ ތަފާތުކަމެއް ހުރި ނަމަވެސް، އިސްކުރަންވީ، ދިވެހި ފިކުރުކަމާއި، ދިވެހިވަންތަކަން ކަން ގަބޫލުކުރުމަކީ، މިއަދު އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވީ ޙަޤީޤަތް.

މި ޤައުމަކީ ވަރަށްކުޑަ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އަމިއްލައަށް ގަބޫލުކުރަމުން އައި އައުމަކީ، ރަނގަޅު ގޮތެއް ނޫންކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. މިއީ ވަރަށްބޮޑު ޤައުމެއް. ނުވަލައްކަ އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ކަނޑުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް ހިމެނޭ ބޮޑު ޤައުމެއް. އެ ބޮޑު ސަރަޙައްދު މިވީހާ ދުވަހު އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމެއް ނެތިގެން ނުބެލެހެއްޓި އޮތުމަކީ، އަޅުގަނޑުމެން އެކަމަށްޓަކައި ކޮންމެހެން ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން. ﷲގެ ރަޙްމަތާ އެކީގައި، އަޅުގަނޑުމެން އެންމެންގެ ބުރަ މަސައްކަތުން މިއަދު އިރާދަކުރެއްވީތީ، އެ ބޮޑު ސަރަޙައްދު، މި ބޮޑު ޤައުމުގެ މި ބޮޑު ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް މިއަދު އެކަލާނގެ މިންވަރު ކުރައްވާފައިވާތީ، އަޅުގަނޑުމެން އެކަމަށްޓަކައި އުފާކުރަންޖެހޭ.

މި ބޮޑު ސަރަޙައްދަކީ، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންގެ މިހާރާއި މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ލިބިފައިވާ ބޮޑު ނިޢުމަތެއްކަން، ރަނުގެ ފުރުޞަތެއްކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި މި ސަރަޙައްދުން ކުރެވިދާނެ އެތައް ކަމެއް އެބަހުރިކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަން އެބަޖެހޭ. އެހެންވީމާ، މި ބޮޑު ސަރަޙައްދު ބެލެހެއްޓުމަކީ، އަޅުގަނޑުމެން އަމިއްލައަށް ކުރާ ކަމަކަށްވާންޖެހޭ. އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއް. މިނިވަން މުސްތަޤިއްލު ޤައުމެއް. އަމިއްލަ ސިޔާދަތީ ބާރު އަޅުގަނޑުމެންގެ ސަރަޙައްދަށް ހިނގާ، ހިނގަންޖެހޭނެ ޤައުމެއް.

އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމަކީ، އެހެން ބަޔަކު އެކަމަކާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން. ކަންބޮޑުވާނަމަ އެއީ، އަދި މާ ކަންބޮޑުވާން އަޅުގަނޑުމެން ޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ސަރަޙައްދު، އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ ބަލަހައްޓާނީ އަޅުގަނޑުމެން. މިއީ، އަޅުގަނޑުމެންގެ ޙައްޤެއް. ދިވެހި ރައްޔިތުން އެދެމުންދާ، އުންމީދު ކުރަމުން އައި ދުވަހެއް. އިރާދަކުރެއްވީތީ ﷲގެ ހެޔޮ ރަޙްމަތާ އެކީގައި، އަޅުގަނޑުމެންނަށް މިއަދު ޙަޤީޤަތަކަށް މި ހެދުނީ.

މިކަމުގައި އެންމެބޮޑު އެއްބާރުލެއްވުމެއް އަޅުގަނޑަށް ދެއްވީ، އިސްލާމީ އުންމަތް އެ ބޭފުޅަކަށް ފަޚުރުވެރިވާ، މިވަގުތު އިސްލާމީ އުންމަތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، އަޅުގަނޑުމެން އެންމެންނަށް ފެންނަ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން. އެ މަނިކުފާނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި، ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.

ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް، ދެ ހަފްތާ ނުވަނީސް، އެ ޤައުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވައި، އެ މަނިކުފާނު އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއާއި، ބެހެއްޓެވި ގާތްކަމަކީ، އަދި ދެއްވި ސަމާލުކަމަކީ، މިކަން މިއަދު ޙަޤީޤަތަކަށް ވުމުގެ އަޞްލު. މިތަނުން ތިން ޔޫ.އޭ.ވީ. ފެނުނު ނަމަވެސް، އިރާދަކުރެއްވިއްޔާ އެއަށްވުރެ މާގިނަވާނެ. އެ މަނިކުފާނާ އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮތް ގާތްކަމުގެ ތެރެއިން އަޅުގަނޑުމެންގެ ޢަސްކަރިއްޔާގެ ބާރުވެރިކަން އިތުރުވާނެ. އަދި މީގެ ގިނަ އާލާތްތަކަކީ، މި ގާތްކަމުގެ ތެރެއިން ދިވެހި ޤައުމަށް ހިލޭ ހަދިޔާ ކުރައްވާފައިވާ ތަކެތިކަންވެސް އަޅުގަނޑު ފަޚުރުވެރިކަމާ އެކީގައި ފާހަގަކުރަން.

އާދެ، ތުރުކީގެ ސަރުކާރުން ތުރުކީގެ ރައީސްގެ މި ގާތްކަމުގެ ތެރެއިން ބައިޑުކާރ ކުންފުނިން އެ ކުންފުނީގެ އިސް ދެ ބޭފުޅުން ސެލްޖުކާއި އަދި އޭނާގެ ބޭބެ ހަލުކް، މި ދެބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. ދެންމެ ވީޑިއޯގައިވެސް ފެނިގެންދިޔަ އެ ބައްދަލުވުމުގެ ކޮންމެވެސްވަރެއްގެ މަންޒަރެއް. އާދެ، މި ކުންފުންޏަކީ ދުނިޔޭގައި މިފަދަ އާލާތްތައް އުފެއްދުމުގައި މިހާރު ޓެކްނޯލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ކުންފުނި.

އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ މި ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ދިވެހި ޢަސްކަރިއްޔާއަށް މި ލިބިގެންދިޔަ ޤާބިލިއްޔަތު ކަމަކީ، އިރާދަކުރެއްވިއްޔާ މިއަދުގެ ޓެކްނޯލޮޖީގައި އެންމެމަތީ ފަންތީގައި ހިމެނޭ ޓެކްނޯލޮޖީގެ ޤާބިލުކަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތަކާއި، އިންސާނީ ސަލާމަތްތެރި ކަމަށްޓަކައި މިއަދު މި ފެށިގެން މިދަނީ ވަރަށްބޮޑު، ވަރަށްބިޔަ ޤައުމީ މަސައްކަތެއް، އެންމެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި. މީގެކުރިން މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ގޮތަކީ، އެހެން ބޭފުޅުންގެ، އެހެން ފަރާތްތަކުގެ، އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދަންޖެހުން. އެއީކީވެސް މައްސަލައެއް ނޫން. އޭރުގައި އަޅުގަނޑުމެންގެ އެ ކެޕޭސިޓީ ނެތީ. އެހެން ނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓީމާ، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެބަ ޔަޤީންވެގެންދޭ. ހާލުގައި ޖެހިގެން ހޯދަންޖެހޭ މީހާ ނުހޯދިގެން މީގެކުރިން އުޅެންޖެހުނުހާ ގިނަ ވަގުތު، ދެން އުޅެންނުޖެހޭނެކަން އިރާދަކުރެއްވީތީ ޔަޤީންވެގެން އެބަދޭ.

މި ދެންނެވި ނުވަލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ސަރަޙައްދަކީ، ދެން މީގެފަހުން ހަމަ ކޮންމެ ވަގުތުކޮޅެއްގައިވެސް އަޅުގަނޑުމެންގެ ސަރވޭލަންސްގެ ދަށުން ބެލެހެއްޓޭނެ ސަރަޙައްދެއްކަން، އެގޮތަށް ހާލުގައި ޖެހޭ މީހުން ހޯދުމުގައި، އިސާހިތަކު އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މި ލިބިގެންދިޔައީ.

އަދި ހަމަ އެއާއެކީގައި، ޑްރަގުގެ އެކިކަހަލަ މުޢާމަލާތްތައް، ކަނޑުމަގުން ކުރާ ކުރުމުގައި، އެކަންކަން ހުއްޓުވުމަށްވެސް މީގެކުރިން ޖެހެނީ، ކޮންމެވެސް އެހެން ފަރާތްތަކެއްގެ އެހީތެރިކަން ހޯދަން، އޭރުގެ ޙާލަތު ހުރިގޮތުން. މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރަށްރަށަށް ޑްރަގް އެތެރެކޮށް، ކަނޑުމަގުން އެތެރެކޮށް ހެދުމުގައި، މިހާރު ދެން މީގެފަހުން އަޅުގަނޑުމެންގެ ސަރވޭލަންސް ވަރުގަދަވެގެން ދިޔައިމާ، މި ޔޫ.އޭ.ވީ.ތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ އެކަން ހުއްޓިގެންދާނެ. އެހިސާބަށް ގެންދަން އަޅުގަނޑުމެން މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ.

އަދި ހަމަ އެއާއެކީގައި، މަސްވެރިކަން ކުރާ ފަރާތްތަކަށް މިރޭ މި ލޯންޗް ކުރެވުނު އެޕްލިކޭޝަންސްގެވެސް އެހީއާއެކީ، މި ޔޫ.އޭ.ވީ.ތަކުގެ ޕްރިސިޝަން ހުރި މިންވަރަކީ، މަސްއައިންތައްވެސް ރިއަލް ޓައިމްކޮށް މި ޔޫ.އޭ.ވީ.ތަކުން ބެލޭކަން. މި އެޕްލިކޭޝަންގެ ތެރެއިން ކޮންމެ ދުވަހެއްގެވެސް އެންމެ އަޕްޑޭޓަޑް ލޮކޭޝަންތައް، މި ބިޔަ ބޮޑު ސަރަޙައްދުން މަސް ދަތުރުކުރަމުންދާ، މަސްއައިންތައް އުޅޭ ސަރަޙައްދު ހޯދޭނެ.

އެހެންވީމާ، އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި ދެންނެވިން، މި ބިޔަ ބޮޑު ސަރަޙައްދު އެބަޖެހެޔޭ އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންކުރަން ފަށަން. ޚާއްޞަކޮށް، މަސްވެރިކަމާއި، ކަނޑުގެ އެކިކަހަލަ ރޯދި ހޯދުމުގައި. މި ބޮޑު އޯޝަނަކީ، މި ބޮޑު ކަނޑަކީ ވަރަށް ރިސޯސް ގިނަ، ވަރަށްގިނަ ބާވަތްތައް ހިމެނޭ، އަޅުގަނޑުމެންނަށް އެ ކަނޑުގެ އަޑީގެ ބޭނުން، ޤާނޫނީގޮތުން ހިފުމުގެ ޙައްޤު އޮތް ބޮޑު ސަރަޙައްދަކަށްވާއިރުގައި، މި ޔޫ.އޭ.ވީ.ތަކުގެ އެހީގައި ބެލެހެއްޓިގެންދާއިރުގައި، އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް، މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް ބަނދެ، މި ބޮޑު ސަރަޙައްދަށް މަސްވެރިކަން ފުޅާވެގެންދިޔުމަކީ، އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެންގެ ސިޔާސަތަކީ. އެކަން ވާނީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް ކަނޑައަޅާފައި.

އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މިހާރު މި ގެންގުޅޭ ސައިޒަށްވުރެ، އަދި ފެންވަރަށްވުރެވެސް މަތީ ފެންވަރުގެ މަސްދޯނިތައް ބަނދެ، މި ބިޔަ ބޮޑު ސަރަޙައްދުގައި، މަސްއައިންތައް އުޅޭ ސަރަޙައްދުތައް އެނގެން ފެށީމާ ނުކުމެ މަސްވެރިކަން ކޮށް، އަދި އެކިކަހަލަ އޯޝަން ރިސޯސަސްތަކުގެ ފުރިހަމަ ބޭނުންހިފަން އަޅުގަނޑުމެން ފަށާނެ. އެކަމަށްޓަކައި އަޅުގަނޑުމެން ކަމާބެހޭ ވުޒާރާއެއްވެސް އެވަނީ އުފައްދާފައި.

އެހެންވީމާ، ވަރަށް ފުޅާކޮށް އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން ފަށަން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ ބައެއްކަމާއި، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އިޤްތިޞާދު ނަގައި ކޮޅަށްޖަހައި، އަޅުގަނޑުމެންގެ މި ބޮޑު ސަރަޙައްދުގެ ބޭނުން ފުރިހަމަގޮތުގައި ހިފައިގެން، އިޤްތިޞާދީ ގޮތުންވެސް މިނިވަންކަން ލިބިގެންދާނެ ބައެއްކަން ގަބޫލުކުރަން ފަށަން އެބަޖެހޭ. އެއީ، ދިވެހިންނަށް ޙައްޤު މިންވަރަކީ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާންވީ އެހެންވެގެން. އަޅުގަނޑުމެން ކޮންމެ މީހަކީ ފުރަތަމަ ދިވެއްސެކޭ މި ދަންނަވަނީ، އަޅުގަނޑުމެން އެންމެން މިކަމަށްޓަކައި ފަޚުރުވެރިވުމުގައި، ސިޔާސީ ވިސްނުން އޭގެތެރެއަކަށް ވަންނާންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. ދިވެއްސަކަށް ވެފައި، ސިޔާސީ ފިކުރުވެސް އަންނަނީ.

އެހެންވީމާ، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަންކަން މި ހުންނަނީ. ޤައުމަށްޓަކައި، ޤައުމީ ފިކުރުގައި، ޤައުމުގެ މިނިވަން ކަމަށްޓަކައި، ޤައުމުގެ ސިޔާދަތަށްޓަކައި، ޤައުމުގެ އިސްތިޤްލާލް ޙިމާޔަތް ކުރުމަށްޓަކައި، ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމަށްޓަކައި އަޅުގަނޑުމެން އެންމެން ކިޔަންޖެހޭނީ އެކައްޗެއް. އެއް ލަވައެއް. އެއް ފޮތަކުން އަޅުގަނޑުމެން ކިޔަވަންޖެހޭނީ. ކިޔަންޖެހޭނީ. އެހެން ނޫނީވިއްޔާ، އަޅުގަނޑުމެން އަމިއްލަ ނަފްސަށް މި ބޭވަފާތެރިވަނީ. އަޅުގަނޑުމެން އަމިއްލަ ނަފްސަށް މި އޮޅުވާލަނީ. އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ މުސްތަޤްބަލް އަމިއްލައަށް ބަނަކޮށްލާނީ. އެހެންވާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ. އެހެން، ކަން ވާން ދޫކޮށްލާ ބަޔަކަށް އަޅުގަނޑުމެން ހަމަ ހިލާ ވެގެންނުވާނެ.

މިއަދު އަޅުގަނޑުމެންގެ ޢަސްކަރިއްޔާގެ ޤާބިލިއްޔަތު އިރާދަކުރެއްވީތީ އެއަރ ކޯ އުފެއްދިގެން ޤާއިމުވެގެންދާއިރު، އަދި ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި އިތުރު ގިނަ ކަންތައްތައް ޢަސްކަރިއްޔާގައި ޤާބިލް ކަމުގައި އިތުރުކުރެވިގެންދާނެ.

މި ގިނަ ދުވަސްތަކުގައި އެއްވެސް އަޅައިލުމެއްނެތި، އެއްވެސް ބެލުމެއްނެތި، މަރާމާތު ކުރުމެއް، ބެލެހެއްޓުމެއްނެތި ހުރި ޢަސްކަރީ އެކިއެކި ވަސީލަތްތައް، އަލުން އާބާތުރަ ފިލުވައި، ރަނގަޅު ފެންވަރަކަށް ގެނެސް، އެ ތަންތަނަކީވެސް ޢަސްކަރިއްޔާގެ ބޭނުންތަކަށް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހުންނަންޖެހޭ ފެންވަރުގައި ހުންނަންޖެހޭ ތަންތަނުގެ ގޮތުގައި ހެދުމަށް، ބަޖެޓުން އެކަމަށް ދޭންޖެހޭ އިސްކަންދީ، އެކަމުގެ ވަސީލަތްތައްވެސް މިހާރު ހަމަޖައްސައިދެވިފައި ވާނީ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެ މަސައްކަތްތައްވެސް ކުރަން ފެށޭނެ. ޢަސްކަރިއްޔާއަށްޓަކައި އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ދޭންޖެހޭ އެންމެ އިސްކަން އަޅުގަނޑުމެން ދޭނަން. ހުރިހާ މާނައެއްގައި އަޅުގަނޑުމެންގެ ދިވެހި ޢަސްކަރިއްޔާ އިރާދަކުރެއްވިއްޔާ ވެގެންދާނީ، އަބަދުވެސް އަޅުގަނޑުމެން ފަޚުރުވެރިވާ، އަދި އެއަށްވުރެވެސް ބޮޑަށް ކުރިއަށް އޮތް ތާނގައި ފަޚުރުވެރިވާނެ ފަދަ ބަޔަކަށްކަން އަޅުގަނޑު ޔަޤީންކުރަން. އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ކޮށްދޭނަން.

އާދެ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމު މިނިވަންކަންމަތީގައި ތާއަބަދަށް ބެލެހެއްޓުމުގައި މިކުރާ މަސައްކަތް ކާމިޔާބުވާނީ، އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އިން ފުރިހަމަގޮތުގައި އަމިއްލައަށް ބަލަހައްޓާ ބައެއް ކަމުގައި ވާންޖެހޭނެކަން އެންމެން ގަބޫލުކޮށްގެން. އެހެން ޤައުމެއްގެ ބާރު މިތާ އެތެރޭގައި ހިންގުމުގެ ފުރުޞަތު ނުދޭ ބަޔަކަށް އަޅުގަނޑުމެން ވެގެން.

މީގެކުރިން އަޅުގަނޑުމެންގެ ކަނޑުގެ އަޑި ދިރާސާ ކުރަންވެސް އެހެން ފަރާތްތަކުގެ އެހީ ހޯދަން ޖެހިފައި އޮތީ. އެހެން ނަމަވެސް، އެކަންވެސް އިރާދަކުރެއްވިއްޔާ ދެން ކުރިއަށް ގެންދާނީ، ޢަސްކަރިއްޔާގެ ފަރާތުން. އެކަމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަން، މާލީ ކަންކަން، ބަޖެޓުގެ ކަންކަން މިހާރުވާނީ އެމް.އެން.ޑީ.އެފް. އަށް ހަމަޖައްސައިދީފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހައިޑްރޮގްރަފީގެ މަސައްކަތްވެސް އެމް.އެން.ޑީ.އެފް.ގައި، އެ ކެޕޭސިޓީ ޤާއިމުކުރެވިގެން އަޅުގަނޑުމެން އަމިއްލައަށް ކުރަން ފަށާނީ.

އަދި ހަމަ އެއާއެކީގައި، ކަނޑުމަގުގައި މިހާރު މި ބޭނުންކުރާ ކޯސްޓްގާޑުގެ އުޅަނދުތަކުގެ ޙާލަތުވެސް ހުރީ ވަރަށް ދަށްކޮށް. ހަމައެކަނި އިމާރާތްތަކެއް ނޫން މަރާމާތުކުރަން ޖެހިފައި ހުރީކީއެއް. އާދައިގެ މެދު ސައިޒުގެ މިހުރި ވެސަލްތަކަކީ، ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދުތައް، ދިހަވަރަކަށް، ބާރަވަރަކަށް އުޅަނދު އޮތް ނަމަވެސް، ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ޙާލަތުގައި ހުރީ. މިއީ ހިތާމަހުރި ކަމެއް. އެތައް އަހަރެއް މިދިޔައީ މިކަންކަމަށް ސަމާލުކަން ނުދެވި. އެހެން ނަމަވެސް، މިއީ، ދިވެހި ޢަސްކަރިއްޔާ. މިއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ބަލައިގަންނަންޖެހޭނެ، ދިވެހިންނަށް ޙައްޤު މިންވަރެއް ނޫން.

އެހެންވީމާ، އަޅުގަނޑު ދޭ ޔަޤީންކަމަކީ، އަޅުގަނޑު ދަންނަވަން ބޭނުންވާ، އަދި މިތާ އިޢުލާނު ކުރަން ބޭނުންވާ ކަމަކީ، އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމޭއިރު، މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ، ދެގުނަޔަށް ބޮޑުކުރާނެކަން. އެކި ސައިޒްގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. މިހާރުވެސް އެ މަސައްކަތް އެބަ ހިނގާ. ކުރިން ދެންނެވި ފަދައިން، އަޅުގަނޑުމެންނާ ވަރަށް ގާތް ތުރުކީގެ ސަރުކާރާ އެކީގައި. އަދިވެސް އެކުވެރި ބައެއް ޤައުމުތަކާ އެކީގައި، އެ މުޢާމަލާތްތައް ކުރެވެމުންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީވެސް ދާނީ ދުވަހަކަށްވުރެ ދުވަހެއް މަތިކުރެވެމުން.

އެހެންވީމާ، ވައިގެ މަގުން އެއަރ ކޯރ މިރޭ އިޢުލާނު ކުރެވި، އިފްތިތާޙު ކުރެވިގެން ގޮސް، އެއަރ ކޯރއަށް އިރާދަކުރެއްވިއްޔާ އިތުރު އުޅަނދުތައް އިތުރުކުރެވި، ކަނޑުގެ މަގުން އިތުރު އާލާތްތައް އިތުރުކުރެވި އަދި އެއްގަމުގެ މަގުންވެސް، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި، އެކިކަހަލަ ޕްލެޓްފޯމްތައްވެސް އިތުރުކުރެވިގެންދާނީ. މީގެ ބޭނުމަކީ، އަޅުގަނޑުމެންނަކީ ފަޚުރުވެރިކަމާ އެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ފަޚުރުވެރި ދިވެހި ޤައުމެއްކަން އަޅުގަނޑުމެންނަށް އިޙްސާސް ވެގެންދިޔުން. އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޙައްޤަކަށްވާތީވެ. އެކަން ކުރުމަކީ އަޅުގަނޑުގެ އެންމެމަތީ ޒިންމާ ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

17 ނޮވެންބަރުގައި ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު އެންމެ ފުރަތަމަ ދެއްކި ވާހަކައިގައި، މި ވާހަކަ ދެއްކިން. ދިވެހިންގެ މިނިވަންކަމުގެ ރަތް ރޮނގު އަޅުގަނޑު ދަމާނީ ވަރަށް ފަލަކޮށޭ. އެ ރަތް ރޮނގުގެ އެތެރެއަކަށް ހަމަ އެއްވެސް ބަޔަކަށް ވަނުމުގެ ޙައްޤެއް ނޯންނާނެއޭ. އެކަން ކުރުމުގެ ފުރުޞަތެއް ހަމަ ހިލާ އިރާދަކުރެއްވިއްޔާ ނުދޭނަމޭ. އެތެރޭގައި ތިބި ބަޔަކުވިއްޔާ އިރާދަކުރެއްވިއްޔާ ބޭރުކުރާނަމޭ. އެއީ، އަޅުގަނޑު ދެއްކި ވާހަކަ. އަޅުގަނޑުގެ ޢަމަލާއި ބަހާ އިރާދަކުރެއްވިއްޔާ އަބަދުވެސް ދިމާވާނެ. އެކަމުގައި އެއްބާރުލުން ދެއްވަނީ ތިޔަ ލޮބުވެތި ރައްޔިތުން. އަޅުގަނޑުމެންގެ ޢަސްކަރިއްޔާއިން. އަޅުގަނޑުމެންގެ ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، މި ތިއްބެވި ޢިއްޒަތްތެރި ބޭފުޅުންނާއި، ހުރިހާ ބޭފުޅުން. ތިޔަ ދެއްވާ އެއްބާރުލުމާއި ތާއީދުގެ ސަބަބުން މިކަންކަން ޢަމަލާއި ބަހާ ދިމާކުރެވެނީ. އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަބަދުވެސް ޝުކުރުވެރިވަން.

އާދެ، މިކަން އަޅުގަނޑުމެން ކުރުމަކުން، ކުރިންވެސް ދެންނެވި ފަދައިން، އެއްވެސް ބަޔަކު ކަންބޮޑުވާނެ ކަމެއްނެތް. އަޅުގަނޑުމެންނަކީ ހުރިހާ ޤައުމުތަކާވެސް ގާތް ގުޅުން އޮންނާނެ ބައެއް. އަޅުގަނޑުމެންނަކީ އެއްވެސް ޤައުމެއްގެ ހަތުރުންނެއް ނޫން. އަޅުގަނޑުމެންނަށް މުހިންމުވެގެން މިއުޅެނީ، މި ފަޚުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި، މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަންމަތީގައި، ހުރިހާ މާނައެއްގައި. އެއީ، އިޤްތިޞާދީ ގޮތުންވެސް، ޢަސްކަރީ ގޮތުންވެސް މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ޤައުމެއްގެ ގޮތުގައި
މި ޤައުމު އޮވެގެން ނޫނީވިއްޔާ، މި ސަރަޙައްދަށްވެސް ހަމަޖެހުމެއް ނޯންނާނެ. އެއީ، އެންމެންވެސް ގަބޫލުކުރާނެ ޙަޤީޤަތް. ސްޓެބިލިޓީއާއި ޕީސް، ސަރަޙައްދެއްގައި ޤާއިމުކުރަންޏާ، ހުރިހާ ޤައުމެއްވެސް ވާންޖެހޭނީ، އެ ސަރަޙައްދަކަށް ނިސްބަތްވާއިރު، އެ ކޮންމެ ޤައުމަކީވެސް މި ދެންނެވި ގޮތަށް، ސްޓޭބަލް، ޕްރައިވިންގ އަދި މިނިވަންކަންމަތީގައި އޮންނަ ޤައުމުތަކަކަށް. އެކަން ކުރުމުގައި އަޅުގަނޑުމެންނަށް ފުރިހަމަ ޙައްޤު ޙަޤީޤަތުގައިވެސް އޮންނަންޖެހޭނެ. މިކަމުގައި ޚިޔާލުތަފާތުވުންތަކެއް އަޅުގަނޑުމެންގެ އެތެރޭގައި އޮތުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވެގެންވާނެ ގޮތެއް ނޫން.

އެހެންވީމާ، ތަކުރާރުކޮށްވެސް މި ދަންނަވަނީ، އަޅުގަނޑުމެން ކޮންމެ މީހަކީ އެންމެ ފުރަތަމަ ދިވެއްސެކޭ. މި މައުޟޫޢުގައި އެންމެން އެކައްޗެއް ކިޔަން އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ.

އާދެ، އެހެންވެގެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ މި ބިޔަ ބޮޑު ސަރަޙައްދުގައި، މި ހުރިހާ ރަށްތަކަކުން އިމަރޖެންސީގައި، މެޑިކަލް އިވެކުއޭޝަން ހެދުމުގައިވެސް އަމިއްލަ ބާރުވެރިކަން ޤާއިމުކުރަން ނިންމީ. އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހޭ ކަހަލަ ކަންކަމުގައި އެހީތެރިކަން ހޯދާނީ. މިކަހަލަ ކަންކަމަކީ، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމާ އެކީގައި ކުރެވެންޖެހޭނެ ކަންކަން ކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ އެހެންވެގެން.

މިހާރު އިރާދަކުރެއްވީތީ އެވަނީ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ އެކަމުގައި ޤާއިމުކުރެވިފައި. ޑޭޝް 8ގެ މަތިންދާބޯޓެއް އަދި ސީޕްލޭނެއް އެވަނީ މިހާރު އެއަރ އެމްބިއުލެންސް ސަރވިސް އަށް އިތުރުކުރެވިފައި. އަދި މި އަހަރު ނިމުމުގެ ކުރީގައި ޤާއިމުކުރެވިގެންދާ ހެލިކޮޕްޓަރ ސަރވިސްގެ ތެރޭގައިވެސް އަބަދު ބޭނުންކުރެވޭ، މެޑިކަލް އިވެކުއޭޝަނަށް ތައްޔާރުކުރެވިފައިވާ ހެލިކޮޕްޓަރެއްވެސް އޮންނާނެ.

އެހެންވީމާ، ތިން އުޅަނދު، އެއަރ އެމްބިއުލެންސް ސަރވިސްގެ ތެރެއަށް ލެވިގެން އިތުރުކުރެވިގެން ދިޔައިމާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ އެކަމުގައިވެސް ޤާއިމުކުރެވިގެން ދިޔައީ. މި ކުރެވޭ މަސައްކަތަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް އެކަމަކަށްޓަކައި ފަޚުރުވެރިވާނެ ކަމެއް.

އާދެ، މިކަންކަން މި ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެންނަށް ކުރެވިގެންދާކަމީ، އެކަމަކަށްޓަކައި އަޅުގަނޑު ހަމަ އިތުރަށް އުފާކުރާ، ﷲ އަށް ޙަމްދުކުރާ ކަމެއް. އަޅުގަނޑުމެންގެ މި ފަޚުރުވެރި، މި މާތް، މި މުޤައްދަސް މަސައްކަތް މިރޭ މި ފެށިގެން މިދިޔައީ، މި ބަރަކާތްތެރި ރަމަޟާން މަހު. އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ، އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަކޮށް، އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުމެ ހަނދާން ބަހައްޓައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމުގައި، އަޅުގަނޑުމެންގެ ޤައުމު ޙިމާޔަތް ކުރުމުގައި، އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމުގައި ކުރިއަށްދިޔުމަށް. އަޅުގަނޑުމެން އެއްގޮތަކަށްވެސް އެކަމުގައި ދެވަނަ ވިސްނުމަކަށް ދާކަށްނުޖެހޭ. އެކަމުގައި އެއްވެސް ކަހަލަ ސަބަބެއް، އެކްސްކިއުޒެއް، އެހެން ގޮތްތަކެއް ދައްކަންޖެހޭނެ ބައެއް ނޫން މިއީކީއެއް. މިއީކީ ކުޑަ ޤައުމެއް ނޫން.

އިރާދަކުރެއްވީތީ މިއަދަށްފަހު އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވީ، މިއީ ވަރަށްބޮޑު ޤައުމެއްކަމާއި، މި ބޮޑު ޤައުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި، ސަރަޙައްދު ބެލެހެއްޓޭވަރުގެ ކެޕޭސިޓީ ޤާއިމުވެފައިވާ ޤައުމެއްކަމާއި، އަޅުގަނޑުމެންގެ އިޤްތިޞާދު އިރާދަކުރެއްވިއްޔާ ފައިސާ ޗާޕްނުކޮށް، އަޅުގަނޑުމެންގެ ދަރަނިތައް ދައްކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދުގައި ބުންވަރު ޖައްސަމުން، އަޅުގަނޑުމެންގެ އިޤްތިޞާދުގައި އިންވެސްޓް ކުރާނެ ފަރާތްތަކަށް ޔަޤީންކަން ހޯދައިދެމުން، އިޤްތިޞާދު ފުޅާކުރަމުންދާނެ ޤައުމެއްކަމާއި، އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަމާއި، ހުރިހާ ކަމެއް ޔަޤީންކަމާއެކީ ޤާއިމުވެގެންދާނެ ޤައުމެއްކަން ގަބޫލުކުރުމާއި، އަޅުގަނޑުމެން އެންމެންނަކީ ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ބައެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭވަރުގެ ބައެއްކަން. އެއީ، އަޅުގަނޑުމެންގެ ޢަޒުމަކަށް މިއަދު ވާންވީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ، ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ މި ޤައުމު އަބަދުގެ އަބަދު، ތާއަބަދު މިނިވަންކަންމަތީގައި ލެހެއްޓެވުން.

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.