ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފުރުޞަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދު މި ފާހަގަކުރެވެނީ ކޮމަންވެލްތުގެ ޗާޓަރުގެ ދަށުން ހިފަހައްޓާ އާންމު ހަމަތަކާއި އުސޫލުތަކާއި އަދި މުއްސަނދި ސަގާފީ ސިންދަފާތުތައްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.


ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި ކޮމަންވެލްތަކީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުމާއި އެކަމަށް ބޭނުންވާ ފައިނޭންސް ލިބުމަށް ލުއިފަސޭހަކޮށްދިނުމާއި މިންތީގެ ހަމަހަމަކަމާއި، ވިޔަފާރި އިތުރުކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއްކަމަށާ އަދި މިއަހަރުގެ ޝިޢާރު ކަމުގައިވާ "ވަން ރެސިލިއަންޓް ކޮމަން ފިއުޗަރ: ޓްރާންސްފޯމިންގ އަވަރ ކޮމަން ވެލްތް" މި ޝިޢާރަކީވެސް ރާއްޖޭއާ ވަރަށް ގުޅޭ ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.


ކޮމަންވެލްތުގެ 75 ވަނަ އަހަރީ ދުވަސް މިއަހަރު ފާހަގަކުރަމުންދާއިރު، އެކަމުން ހަނދާންކޮށްދެނީ، އެޖަމުޢިއްޔާ އެކަތިގަނޑެއްގެ ގޮތުގައި ދަތުރުކުރެވިފައިވާ ދުރު ރާސްތާކަން ފާހަގަކުރައްވައި އެގޮތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން ދެމެހެއްޓެނިވި ތަރައްޤީގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމުގައި ހެދުމަށް ވަރަށް ބޮޑުއެހީއެއް ލިބިގެންދިޔަކަން ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުމުން ހުށަހެޅިފައިވާ ނާޒުކު ހާލަތްތަކުން އަރައިގަނެވި އަދި ޤައުމުގެ ޙިއްސާ އަދާކުރެވޭ ގޮތްވުން ފަދަ އެތައް ފައިދާތަކެއް ގުޅިގެން މަސައްކަތްކުރުމުން ލިބިގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަހަރުގެ ފަހުކޮޅު ސަމޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނާއި، އޭގެ ފަހުންވެސް، ކޮމަންވެލްތުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ކޮމަންވެލްތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. . ކޮމަންވެލްތުގެ ޢާއިލާގެ ތެރޭގައި، ޢާންމު މުއްސަނދިކަމަށް އަދި އެއް މުސްތަޤްބަލަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާއިރު ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކޮމަންވެލްތާ ގުޅިގެން ދިވެހިރާއްޖެއިންވެސް ކުރަމުންގެންދާނެމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.

ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނީ 1 ފެބުރުވަރީ 2020ގައެވެ.