ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު ނައިފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ނައިފަރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނުގެ ނިޒާމާއި ކަރަންޓުދިނުމުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ގެންނަން ބޭނުންވާކަމަށާއި މަގުތަކުގެ ހާލަތު ރަނގަޅުކުރުމާއި ޅ. އަތޮޅު ހޮސްޕިޓަލަށް ސްޕެޝަލިސްޓު ޑޮކްޓަރުން ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން ބިންހިއްކަން މިހާރު ކަނޑައަޅާފައިވާ ސަރަޙައްދު މިހާރަށްވުރެ ބޮޑުކުރުމަށް ބޭނުންވާކަމަށާއި ނައިފަރުގައި މަދަރުސީ ތަޢުލީމު އިތުރަށް ތަރައްޤީކުރުމަށް އައު ސްކޫލެއް ނުވަތަ ސްކޫލު އިމާރާތެއް ބިނާކުރުމުގެ މުހިންމުކަމާއި ޒުވާނުންގެ މަރުކަޒާއި މި ނޫންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައްވެސް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.