ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު ހިންނަވަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަމަށާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލާއި ބިންހިއްކާފައިވާ ސަރަޙައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި 50 ފްލެޓް އަދި 50 ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އެދުން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލު އިދާރާއަށް އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމާއި މިހާރުހުރި އޭޓީއެމްގެ އިތުރުން ބޭންކުގެ އައުޓްޕޯސްޓެއް ރަށުގައި ގާއިމުކުރުމާއި ރަށުގެ އިޤުތިޞާދީ އިޖުތިމާއީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.