بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކުރެންދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ކުރެންދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި ހުރިހާ ވަޒީރުންނާއި، ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު މި ރަށަށް އައުމުން، ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ކުރެންދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން ވާނީ، ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.އާ ބައްދަލުކޮށްފައި.

އާދެ، އެ ބޭފުޅުން ވަނީ މި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ގިނަ ކަންތައްތައް، ހުރިހާ ކަމެއް ޙިއްޞާ ކުރައްވާފައި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެހާހަށްވުރެ ގިނަ ރައްޔިތުންގެ އާބާދީއެއް މިއީ. ބިން މިއޮތީ ހުސްވެފައި. ތަރައްޤީ ހޯދުމުގައި ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައި. ފަޅުތެރެއިންނެއް ނެތް ޙަޤީޤަތުގައި، މި ރަށުގެ ތަރައްޤީއަށް ބޭނުންވާނެވަރުގެ ޖާގައެއް އިތުރުކުރެވޭކަށްވެސް. އެއީ، މިހާރު ހިނގަމުންދާ 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢަކުންނެއް އެއްގޮތަކަށްވެސް ފުދޭވަރެއް ނުވާނެ. އަދި ބިން ހިއްކައިގެން އިތުރުވާ ޖާގަޔަކުންވެސް އެކަމެއް ފުދިގެނެއް ނުދާނެކަން އަޅުގަނޑަށް ގަބޫލުކުރެވޭ.

ހަމަ އެއާއެކީގައި، އިޤްތިޞާދީ ކުރިއެރުން ހޯދުމަކީ، ކޮންމެހެންވެސް ކޮންމެ ރަށަކަށްވެސް ކުރަންޖެހޭ، ހޯދައިދޭންޖެހޭ ފުރުޞަތެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ކައުންސިލްތަކަށްވެސް އެ ޖާގަ ދޭން. ފުރުޞަތު ދޭން. ކައިރިން ކޮންމެވެސް ރަށެއް ހުސްކޮށް އޮތިއްޔާ، އެ ރަށް ހޯދޭނެ ފުރުޞަތު ހޯދައިދީ، ނޫނީވިއްޔާ އެހެން ދިމާއަކުންވެސް އެކަހަލަ ފުރުޞަތެއް ހޯދެން އޮތިއްޔާ، އެކަމަށް ތަރުޙީބު ދޭން. އެއީ، ރަށްރަށަށް، ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދިނީމާ، ޙަޤީޤަތުގައި ރައްޔިތުންނަށް ފުދުންތެރިކަން ލިބިގެންދަނީ. ގެދޮރުވެރިކަމާއި، އިޤްތިޞާދީ ކުރިއެރުން. ދެ ކަންތައް އެކުއެކީގައި ލިބެންޖެހޭ.

އާދެ، އެހެންވީމާ، އަޅުގަނޑު ގަސްތުކުރަނީ، ރަށުގެ ކުރިމަގަށްޓަކައި، ދާއިމީ ތަރައްޤީއަކަށްޓަކައި، މިތާ މާދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުށްޓަކީ، މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް، އެކަން ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ. އަޅުގަނޑުވެސް އޭރުގައި ވަޒީރަކަށް ހުރި މިނިސްޓްރީގެ ތެރެއިން އެކިއެކި މުޢާމަލާތްތައް، އެގްރީމެންޓް ހެދިފައި އޮތް ރަށެއް އެއީ. އެހެންވީމާ، އަޅުގަނޑު ކައުންސިލްގެ ބައްދަލުވުމުގައި ދެންނެވި ގޮތަށް، އެ ހުރިހާ އެގްރީމެންޓްތަކަކުން އެ ރަށް ވަކިކޮށް، އޮންނަ އުޞޫލުތަކުގެ ތެރެއިން، ދައުލަތަށްވެސް އޭގެ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަން ކޮށް، މި ރަށުގެ ރައްޔިތުންގެ ޢާންމު މަޞްލަޙަތާއި، މި ދާއިރާގެ ތަރައްޤީގެ ޢާންމު މަޞްލަޙަތަށް، ތިޔަބޭފުޅުންގެ ކުރިމަގަށްޓަކައި، ދަރީންގެ ދަރީންގެ މުސްތަޤްބަލަށްޓަކައި، އެ ރަށް ވަކިކޮށް، ސަލާމަތްކޮށް، ޅޮސްއަލަފުށްޓަކީ ކުރެންދޫގެ ބައެއް ގޮތުގައި އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭން އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން ދެން. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން.

އާދެ، އެއީ، އެންމެ މުހިންމު ކަންތައް ތިޔަބޭފުޅުންނަށް މިހާރު. ބިން ހިއްކިދާނެ ކުޑަ މިންވަރެއް. އެކަން އަޅުގަނޑުމެންނަށް ކުރެވިދާނެ. އެކަމަކު އެއީ، ޙައްލެއް ކަމަކަށް ނުފެނޭ.

އާދެ، ބަނދަރުގެ މައްސަލަ ޙައްލުކުރަން މިހާރު މިނިސްޓްރީއާ އެކީގައި ކައުންސިލުން މަސައްކަތްތަކެއް އެބަ ކުރައްވާ. ކޮންސެޕްޓަށް ކުދިކުދި ބަދަލުތައް ގެނެސް، ވީހާވެސް އަވަހަކަށް އެކަން ނިންމަން މަސައްކަތްތަކެއް އެބަ ހިނގާ.

މަގު ހެދުމުގެ މަސައްކަތްތަކެއް، ބަޖެޓް ކުރެވިފައި އެބައޮތް. ފުޓްބޯޅަ ދަނޑުގެ ލައިޓްޖެހުން. ވޮލީކޯޓުގެ މަސައްކަތް ކުރުން. މިހެންގޮސް، އެންމެ މުހިންމު އެއްކަމަކީ، މިއަދު މި ސްކޫލް، އަޅުގަނޑުމެން މި ޖަލްސާ ބާއްވާ ތަން. މިއަދަށް 40 އަހަރު މި އަތޮޅު މަދަރުސާއަށް ފުރިފައި މިވަނީ. އެންމެ ފުރަތަމަ، އެކަމުގެ މުނާސަބަތުގައި، ސްކޫލްގެ ވެރިންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނަށް މަރުޙަބާ ދަންނަވަން. ތަހުނިޔާ ދަންނަވަން. ޝުކުރިއްޔާ.

އެހެން ނަމަވެސް، މިއީކީ އެކަށީގެންވާ ސްކޫލެއް ކަމަކަށް ނުފެނޭ. މިހާރު ވަނީ 12 ކްލާސްރޫމްގެ މަޝްރޫޢެއް ބަޖެޓް ކުރެވިފައި. 12 ކްލާސްރޫމާ އެކީގައި، މަލްޓި-ޕަރޕަސް ހޯލެއް ހެދުމަށް ހިނގަމުންދާ މަޝްރޫޢު ބާރު ސްޕީޑްގައި ގޮސް ނިންމުމާއި، އަދި ލައިބްރަރީއާއި، އެކިކަހަލަ ވަސީލަތްތައް އިތުރުވެގެން ދިޔުމަކީ، މި ސްކޫލަށް މުހިންމު ކަމެއް. އެހެންވީމާ، މި ދެންނެވި ދެ މަޝްރޫޢު ކުރިއަށްދާއިރުގައި، 12 ކްލާސްރޫމް ޢިމާރާތް ކުރަން، މަޝްރޫޢުގެ ތެރެއިން ބޮޑަށް ފަސޭހަވާނީވެސް. ދެން ބޭނުންވާ ވަސީލަތްތައްވެސް އިތުރުކުރެވި، މި ސްކޫލަށް އިރާދަކުރެއްވިއްޔާ ފުރިހަމަކަން ގެނެސްދޭނަން.

އެހެންވީމާ، ދެންމެ މި ދެންނެވި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު އެންމެ އިސްކަމެއް ދެން ދޭނީ، ސަރުކާރުގެ ތެރެއިން، ދެންމެ މި ދެންނެވި ގޮތަށް، ޅޮސްއަލަފުށި ހޯދުމުގެ ކަންތަކަށް. އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރުމަކީ، އެންމެ އިސްކަމެއްދޭނެ ކަންތައް. ދެން އެއާއެކީގައި، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދާނަން.

އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން. ރައްޔިތުން އެދޭ ކަންކަމަށް ފުރުޞަތު ފަހިކޮށްދީ، ރައްޔިތުންގެ ވިންދާއި، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ތެރެއިން ކަންކަން ފަހިކުރެވެން އޮތް އެންމެ ފުޅާމިނެއްގައި ފަހިކޮށްގެން، ރައްޔިތުން އެދޭ އަމާޒަށް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށް.

އެހެންވީމާ، ކައުންސިލްތަކާވެސް މި ބައްދަލުކުރަނީ. އިރާދަކުރެއްވިއްޔާ ހުރިހާ ކައުންސިލަކާ އަޅުގަނޑުމެން މިދާގޮތަށް ގޮސް ބައްދަލުކޮށް ނިންމޭނެ. މިއަދުގެ ނިޔަލަށް 150 ކައުންސިލާ އިރާދަކުރެއްވިއްޔާ ބައްދަލު އެބަވޭ. ދެން ބާކީ 35 ވަރަކަށް ކައުންސިލް. 37 ކައުންސިލް ގާތްގަނޑަކަށް މިއޮތީ. އަތޮޅު ކައުންސިލްތައް ލައިގެން.

އެހެންވީމާ، މި ހުރިހާ ކައުންސިލަކުން ވަޑައިގެން ވިދާޅުވަނީ، އެ ކައުންސިލަރުން ހޮއްވަވައި ދެއްވި ރައްޔިތުންގެ ފަރާތްޕުޅުން ވާހަކަތައް. އެހެންވީމާ، ޖުމްލަކޮށް ހުރިހާ ރައްޔިތުންގެ އިޙްސާސްތަކާއި، ކަންބޮޑުވުންތައް އަޅުގަނޑާ ހަމަޔަށް ސީދާ އެ ބޭފުޅުންނަށް އެ ގެނެސްދެވެނީ.

އަޅުގަނޑު ބޭނުންވަނީ އެގޮތަށް މަސައްކަތް ކުރަން. މި ރޯދަމަސް މި ފެށެނީ. ފެށޭއިރުގައި ނުދެވޭ ރަށްތަކަށް ދިޔުމުގެ ކަންތައް ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ކުރިއަށް ގެންދަން. މި އަތޮޅު ނިމުނީމާ އަދި ބާކީ އޮންނާނެ ހަތަރު އަތޮޅު އަޅުގަނޑު ދާންޖެހޭ، އަދި ނުދެވި އޮތް. އަރިއަތޮޅުގެ ދެބުރިއާއި، ފ. އަތޮޅާއި، ލ. އަތޮޅަށް. ދެން މާލެއަތޮޅުގެ އެއްބައި އަދި އެބައޮތް. އަދި އައްޑޫސިޓީ ހިތަދުއަށް ދާންޖެހޭ.

އެހެންވީމާ، މި ރަށްތަކަށް އަޅުގަނޑު ދާނީ، ރައްޔިތުން ކުރެން އަހައިގެން، ރޯދަމަހުގެ ތެރޭގައި ދަތިނުވާނެ ގޮތަކަށް. ރައްޔިތުން ބޭނުންވަންޏާ ރޯދައިގެ ފަހުން. އެއިން ކޮންމެ ގޮތަކުންވެސް އަޅުގަނޑު ބޭނުން ހުރިހާ އަތޮޅުތަކެއް ކަވަރުކޮށް ނިންމަން. ރައްޔިތުން އެދޭގޮތަށް ހުރިހާ މަސައްކަތްތަކެއް ކުރަން ބޭނުންވަނީ.

އަޅުގަނޑާ ދިމާއަށް އެއްވެސް މީހަކު އެއްޗެއް ބުނުމަކުންނެއް ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑުއަހަން. ކްރިޓިސައިޒްވެސް ކުރަންވާނެ. އެއީ، ޕޮޒިޓިވް، ހެޔޮ ނިޔަތުގައި، ކަންކަން ރަނގަޅު ކުރަން ވިދާޅުވާ އެއްޗެއްނަމަ، ވަރަށް ބޮޑަށް މަރުޙަބާވެސް ކިޔާނަން. އަދި ހިތްހަމަނުޖެހިގެން ވިދާޅުވާ އެއްޗެއްވިޔަސް ފިޔަވަޅެއް ނާޅާނަން.

މިހެން މި ދަންނަވަންޖެހުނީ، އިހަށްދުވަހު އަޅުގަނޑަށް ފެނުނީ ނޫހަކުން. ސަރުކާރު ކުންފުންޏަކުން ކޮންމެވެސް މުވައްޒަފަކަށް ފިޔަވަޅުއެޅީ ކަމަށް، އަޅުގަނޑާ ދިމާއަށް ކޮންމެވެސް އެއްޗެއް ސޯޝަލް މީޑިއާގައި ލިޔެގެން. އަޅުގަނޑު އެ ކުންފުނީގެ އެމް.ޑީ.އަށް ގުޅިން ވަގުތުން. ގުޅާފައި އެހިން، މިކަން ނޫހުން ފެނިގެންނޭ. މިއީ ތެދެއްތޯއޭ؟ އެއީ، އަޅުގަނޑު ބޭނުމެއް ނޫން، އަޅުގަނޑާ ދިމާއަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސްއިރެއްގައި. ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ބުނެވެން ވާނެ. އަދި ހިތްހަމަނުޖެހެންޏާ، ބޭނުން ހުރިހާ ވާހަކައެއް ދެއްކެންވާނެ. އެކަމަކު އަޅުގަނޑެއް ފިޔަވަޅެއް ނާޅާނަން. ދެން އެކަމަކު އެމް.ޑީ. ވިދާޅުވީ، އެކަހަލަ ކަމެއް ނޫނޭ. އެއަށްވުރެ މާ ސީރިއަސް ކަންތައްތަކޭ. ތިމަންނަމެން ކުންފުނީގެ އޮންނަ އުޞޫލުތަކާއި، ތިމަންނަމެން ކުންފުނީގައި އޮންނަ ޕޮލިސީގެ ތެރެއިން ކުރިއަށް ގެންދިޔަ ކަންތައްތަކެކޭ އޮންނާނީ ގެންގޮސްފައި. އަޅުގަނޑު ދަންނަވާފައި އޮންނާނެ އެމް.ޑީ. އަށް. ރައްޔިތުންނަށް ސާފުކޮށްދެއްވާށޭ ވީގޮތް.

މި ފެންނަނީ ވަރަށް ބޮޑަށް ޙަޤީޤަތް އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ތަން. ކަންކަން ސާފުކޮށްދެވެން އެބަޖެހޭ. ރައްޔިތުންނަށް އެނގެން އެބަޖެހޭ ޙަޤީޤަތް. އަޅުގަނޑުގެ ކިބައިން، އަޅުގަނޑުމެންގެ ސަރުކާރުގެ ކިބައިން، އަޅުގަނޑުމެންގެ މިނިސްޓަރުން، އެމް.ޑީ.ން، އަޅުގަނޑުމެންގެ އެމް.ޕީ.ން. މި ހުރިހާ ބޭފުޅުންގެ ކިބައިން ފެނިވަޑައިގަންނަވާނީ، ސާފުބަހުން، ތެދުބަހުން ވާހަކަ ދައްކާ ތަން. އޭގެ ޖަވާބުގައި، އެހެން ފަރާތްތަކުން ހަދަނީ ހުސްދޮގު. ތެދެއް ނެތް، ދޮގުތައް ހަދަމުންދަނީ.

އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ، ރައްޔިތުން ވިސްނާވަޑައިގެން، ސާފުބަހުން، ތެދުބަހުން ދައްކާ ވާހަކަ ޚިޔާރު ކުރައްވާށޭ. އެއީ، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުންވެސް ބޭނުންވަނީ، ސާފު ބަހުން، ސީދާ ބަހުން، ތެދުބަހުން ވާހަކަ ދައްކައިގެން، ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން. ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދޭނީ. އެއީ، އަޅުގަނޑު ކޮންމެހެން އެންމެ ބޭނުންވާ ގޮތް ކަމުގައިވެސް ނުވެދާނެ. ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް ކަންކަން ކޮށްދެވޭތޯ އަޅުގަނޑު ހުރިހާ ފަހަރެއްގައިވެސް ބަލާނީ. އަޅުގަނޑު ވަކިގޮތަކަށް ކަމެއް ކުރިއަށް ގެންދަން ބޭނުންވެދާނެ. އެކަމަކު ރައްޔިތުން އެގޮތް ބޭނުންނުވަންޏާ، ރައްޔިތުން އެދޭގޮތަށް އަޅުގަނޑު ފުރުޞަތު ދޭނަން. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ.

އެހެންވީމާ، އެގޮތުގައި ރައްޔިތުންނާ އެކީގައި މަސައްކަތްކޮށް ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ މި ރަށާއި، މި ދާއިރާގެ ތަރައްޤީއަށްވެސް ކުރަންހުރި ކަންކަމުގައި ރައްޔިތުންނާ އެކީގައި މަސައްކަތްކޮށް ކުލަޖައްސައިދޭނަން.

އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާ ތަހުނިޔާވެސް އަރިސްކުރަން. އަޅުގަނޑު އެދެނީ، މި މާތް މައްސަރަކީ، އަޅުގަނޑުމެންނަށް ހެޔޮކަމުގައި ވަގުތު ހޭދަކުރެވޭ މައްސަރަކަށް ވެގެންދިޔުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ހެޔޮގޮތްތައް މެދުވެރިވެގެންދިޔުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.