ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ކަމާގުޅޭ ޤާނޫނުތަކަށް އިސްލާޙް ހުށަހަޅުއްވަން ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެކްސްގެ ޤާނޫނަށް ގެނެވޭ އިސްލާހްތަކުގެ ތެރެއިން، ކުރިޔަށް އޮތްތަނުގައި، މީރާއަށް ޖަމާ ކުރެވޭ އާމްދަނީގެ ވަކިއިންސައްތައެއް ސީދާ ކޮންމެ ކައުންސިލަކަށް ލިބޭގޮތަށް ބައްޓަންކުރުމަށް ޤާނޫނަށް އިސްލާޙު ގެންނަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މައި ސަރުކާރުގެ ކަލެކްޓިން އެޖެންސީން ހުރިހާ ޓެކްސްއެއް ނެގުމުގެ ބަދަލުގައި މައި އިންޑަސްޓްރީތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް އިތުރުކުރުމަށްވެސް ކަމާގުޅޭ ހުރިހާ ޤާނޫނުތަކަށް އިސްލާޙް ގެންނަވާނެކަމުގައެވެ.

ރައީސުލްޖޫމްހޫރިއްޔާ ވިދާޅުވީ ބޭނުންފުޅު ވަނީ ހަޤީޤީ މާނައިގައި ލާމަރުކަޒުކޮށް ލިބޭ އާމްދަނީއަކުން ރައްޔިތުންނަށް ފައިދާވާގޮތަށް ހެދުމަށް ކަމުގައެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރަން ހޮވާފައި އޮންނަ ކައުންސިލުތައް ބާރުވެރި ކުރެވުމުން ސަރުކާރާއި މިނިސްޓްރީތަކުން ކުރަންޖެހޭ ޚަރަދުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކެޔޮދޫ ބިންހިއްކުމުގެ މަޝްރޫޢު މިއަހަރު ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ކުނިމެނޭޖްކުރުމުގެ ބޮޑު މަޝްރޫއެއް ވަރަށް ގިނަ ރަށްތަކުގައި ހިންގުމަށް ރާވަވަމުން ގެންދަވާކަމަށާއި އެމަޝްރޫޢުގެ ތެރެއިން ކެޔޮދޫއަށް ވެސް ސަމާލުކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލުގެ 4 ބުރީގެ އިމާރާތާއި ކުޑަކުދިންގެ ޕާކް އެޅުމުގެ މަސައްކަތަކާއި ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށްވެސް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.