بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިއްގަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ރަށުގެ އެކިއެކި އިދާރާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު މި ގަޑީގައި އަޅުގަނޑުމެންނަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ދެންމެ ކައުންސިލްގެ ބައްދަލުވުމުގައިވެސް ފާހަގަކުރެވިގެންދިޔަ، ވަރަށް ތަފްޞީލު ގޮތެއްގައި، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތައް. އަދި ކުރިން ކެމްޕެއިން ތެރޭގައިވެސް އަޅުގަނޑު ވާނީ އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި. މި ރަށުގެ ތަރައްޤީއަށްޓަކައި މިކުރަން ހުރި ކަންކަމުގައި ޙަޤީޤީ ނަތީޖާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނެރެދޭނަން. ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި ބޭފުޅުން، ރައްޔިތުން މި ރަށުގައި ތިއްބެވީ. މި ރަށަކީ، ވަރަށް ގިނަ ކަންތައްތައް، ޚާއްޞަކޮށް، މަސްވެރިކަމުގެ ދާއިރާއިން ކުރަމުންގެންދާ ރަށެއް.

ބަނދަރުގެ މަސައްކަތް އެބައޮތް ކުރަން ޖެހިފައި. ބަނދަރު އިތުރަށް ބޮޑުކުރުން. ނޫނީވިއްޔާ އެހެން ސަރަޙައްދަކަށް ބަދަލުކުރަން ޖެހެންޏާ، އިތުރު ބަނދަރެއް ހެދުންވިޔަސް. ބަނދަރާ ގުޅޭގޮތުންވެސް މަސްވެރިންގެ އުންމީދުތަކެއް އެބަހުރި. އަދި ހިއްކި ބިމުގައި ގެދޮރު ބިނާކުރުމަށްޓަކައި، އެ ބިމަކީ ބޭނުންކުރެވޭ ތަނަކަށް ހެދުމަށް އެކިކަހަލަ ވަސީލަތްތައް، ފެނާއި ކަރަންޓާއި، ނަރުދަމާފަދަ ވަސީލަތްތައް ޤާއިމުކޮށްދޭންވެސްޖެހޭ. ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތައް ހިންގަންޖެހޭ. މިކަހަލަ ގިނަގުނަ މަސައްކަތްތަކެއް ހުރީ ކުރަން ޖެހިފައި. ސްކޫލްގެ މި ހޯލަކީ ކުޑަވެފައި އޮތް ތަނެއް. މަލްޓި-ޕަރޕަސް، ރަނގަޅު ފެންވަރުގެ ހޯލެއްވެސް ޤާއިމުކުރަންޖެހޭ. އަދި ހަމަ އެއާއެކީގައި، މަގުތައްވެސް މިވަނީ ހަދަން ޖެހިފައި. ޒުވާނުންނަށް ކުޅިވަރުގެ އެކިކަހަލަ ވަސީލަތްތައްވެސް ޤާއިމުކޮށްދޭންޖެހޭ. މިހެންގޮސް ގިނަ ކަންތައްތަކެއް މިހިރީ ކުރަން ޖެހިފައި.

ދެންމެ އަޅުގަނޑު މި ފާހަގަކުރި ހުރިހާ ކަމެއްވެސް، އެއިން އެއްވެސް ކަމެއް އުނިނުކޮށް ކުރަން ގަސްދުކުރަން. އަދި އޭ.ޓީ.އެމް.ގެ މަސައްކަތްވެސް އެބައޮތް. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، ދެންމެ މި ފާހަގަކުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

މީގެތެރޭގައި، އަޅުގަނޑަށް ދަންނަވާނުލެވި އެބައޮތް އެއް ވާހަކަ. ވަކިން ދަންނަވަން ވެގެން ނުދެންނެވީ. އެއީ، ޞިއްޙީ ނިޒާމުގެ ވާހަކަ. ޞިއްޙީ މަރުކަޒު، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދޭނަން. އެކަމަކު ހޮސްޕިޓަލަކަށް ހެދޭނީ ދުވަސްތަކެއްގެ ތެރެއިން، މަރުޙަލާތަކެއްގެ ތެރެއިން. އެ ޓާގެޓަށް މަސައްކަތްކޮށް، ފުރަތަމަ، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް އިތުރުކޮށް ކުރިއަށް ގެންގޮސް، މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކޮށްދޭ ވާހަކަ މި ދެންނެވީ.

އާދެ، މި ހުރިހާ ކަމެއް ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިގޮތަށް ހުރީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް. ހުރިހާ ކަމެއް ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އެއީ، މައިގަނޑު ގޮތެއްގައި މިދިޔަ 15، 16 ހަފްތާގައި އަޅުގަނޑުމެން މިކުރި ކަމަކީ. ކުރަމުންދިޔަ ކަމަކީ. އިޤްތިޞާދުގައި ހުރި މައްސަލަތައް ޙައްލުކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އިތުރުކުރެވޭތޯ މި ބަލަނީ.

މަސްވެރިކަމުގައި ވަރަށް މުހިންމު ރަށެއްވީމަ، މަސްވެރިންނަށް ވަރަށްގިނަ ފައިސާ ދޭންވެސް އެބަހުރި. އަދި ވީވަރަކުން މިއަދާ ހަމަޔަށް އައިއިރުވެސް ވަރަށްގިނަ ޢަދަދެއްގެ ފައިސާ ހަވާލުވެސް ކުރެވިފައި ވަނީ. އަދިވެސް ދޭންހުރި ފައިސާ އެބަހުރި. އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އަމާޒު، އަޅުގަނޑު ވަޢުދުވެފައި އޮތް އަމާޒަށް އަދި ނުދެވޭ. އެއީ، 48 ގަޑިއިރުގެ ތެރޭގައި، ނޫނީ ދެ ދުވަސް ތެރޭގައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަވާލުކުރާ ހިސާބަށް ގެންދިޔުން. އެ ހިސާބަށް އިރާދަކުރެއްވިއްޔާ ދާނެ. ގެންދަން މިކުރާ މަސައްކަތްތައް މި ކުރަނީ. މިފްކޯ ހަރުދަނާ ކުރުމާއި، އަޅުގަނޑުމެން އާމްދަނީ އިތުރުކޮށް، ދައުލަތުގެ ތެރެއިން ދޭންޖެހޭ ފައިސާތައް އަވަހަށް ހަވާލުކުރެވޭނެ ގޮތެއް ރާވައި، ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރަން.

އެހެންވީމާ، މަސްވެރިކަމުގެ އިންޑަސްޓްރީ ވަރުގަދަކުރުމާއި، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކުރުމާއި، ނިންމަން ހުރި އެއަރޕޯޓުތައް ނިންމައި، ޚާއްޞަކޮށް، މައި އެއަރޕޯޓް ނިންމައި، އިޤްތިޞާދު ފުޅާކުރުމަށް މި މަސައްކަތް ކުރަނީ. މި ރަށުގައި މިހިރަ ކަހަލަ، މިގޮތަށް މަސައްކަތް ކުރަން ނިންމަން ހުރި ހުރިހާ މަޝްރޫޢުތަކެއް، ފަށަންހުރި ހުރިހާ މަޝްރޫޢުތަކެއް ފަށައި، ރަށްރަށަށް އެ ދިރުން ގެނެސް، އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގެ ކަންކަން ކުރުމަށް މި މަސައްކަތް ކުރަނީ.

މި ރަށުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މި އަހަރު ފެށޭނެ. އަދި އޭގެއިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި މި އަންނަ އަހަރުގެ ތެރޭގަޔާ އެކީގައި، އިރާދަކުރެއްވިއްޔާ އިތުރު ހައުސިންގ ޔުނިޓުތަކުގެ މަޝްރޫޢުތައް ހިންގާނަން. ހަމަ އެއާއެކީގައި، އަމިއްލައަށް ގެދޮރުއެޅުމަށްޓަކައި އެކިކަހަލަ ލުއި ލޯނު ފެސިލިޓީތައް ފޯރުކޮށްދިނުން އެއީ، އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތެއް. މެނިފެސްޓޯގައި ހިމަނާފައިވާ އަދި މިހާރު އަޅުގަނޑުމެންގެ ރަސްމީ ސިޔާސަތެއް. އެކަމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. އެ ފެސިލިޓީތައް ހުޅުވާލީމަ އެއީ، ހުރިހާ ރައްޔިތުންނަށް ފުރުޞަތު އޮންނާނެ ކަމެއް. އެހެންވީމާ، އެ ފުރުޞަތުތައް ހުޅުވާލެވޭ ހިސާބުން ދެން އަމިއްލަ ގޯތީގައި، އަމިއްލައަށް ގެ އެޅޭނެ، ކަނޑައެޅިފައި އޮންނަ އުޞޫލެއްގެ ތެރެއިން، ގެ އެޅުމަށް ލުއި ފަސޭހަ ލޯނު ފެސިލިޓީތައް ލިބޭނެ.

އެހެންވީމާ، މިކަހަލަ ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިކަންކަމުގެ ފުރިހަމަ ކާމިޔާބީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހާސިލުކޮށްދިނުމަށް ކުރާ މަސައްކަތް.

އާދެ، އަޅުގަނޑު ހަމަ ވަރަށް ކުރުކޮށްވެސް މި ދަންނަވާލީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްގެ ވާހަކަ. އަދިވެސް ގިނަގުނަ ކަންތައްތައް ކުރަން އެބަހުރި. ރައްޔިތުން ބާރުވެރިކުރުވައިގެން، ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ބާރުދީގެން އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންވަނީ. އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ރައްޔިތުން ތެދުވެގެން ކުރިއަށްދާން އަޅުގަނޑު ބޭނުންވަނީ. އަމިއްލަ ވިޔަފާރިތަކަށް ފުރުޞަތު ދީގެން. އަމިއްލައަށް ވިޔަފާރީގެ ތެރެއަށް ވަދެ، އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް، ކައުންސިލްތަކާވެސް ގުޅިގެން އަދި އަމިއްލައަށްވެސް ކުރެވޭނެ ގޮތްތައް ފަހިކުރަން މި މަސައްކަތް ކުރަނީ. އެއީ، ޙަޤީޤަތުގައި ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދިނުމުގެ ބޭނުމަކީ. ބަނދަރެއް ހެދިޔަސް، މަގުހެދިޔަސް، ސްކޫލްގައި މަލްޓި-ޕަރޕަސް ހޯލް ހެދިޔަސް، އަދި ރައްޔިތުންނަކަށް އެ މުއްސަނދި ކަމެއް ނާދޭ. އެއީ، ޖަމާޢަތަށް، ރަށަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެންގެ ސިޔާސަތު މިހިރީ ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދެވޭނެ ގޮތްތައް ފަހިކުރުމުގެ މައްޗަށް.

އެހެންވީމާ، ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް، އެ ކައުންސިލެއްގެ އިޚްތިޞާޞް ތެރެއިން ވިޔަސް، އަދި ވަކިން ދުރުން، ތަންކޮޅެއް ދުރުންވިޔަސް، ފަޅު ރަށެއް ހޯދުމުގެ ފުރުޞަތުވެސް ދޭން ނިންމީ. އޭރުން އެ ލިބޭ ރަށުގެ ބޭނުންހިފައިގެން، އެ ރަށެއްގެ ރައްޔިތުން އެ ކައުންސިލާ ބައިވެރިވެގެން، އެ ރަށެއްގެ ރައްޔިތުން ވިޔަފާރިތަކުގައި ބައިވެރިވެގެން، މި ދެންނެވި ފަޅުރަށުގައި އެކިކަހަލަ އިންވެސްޓްމަންޓްތައް ހަދައިގެން މުއްސަނދިކަން ހޯދޭނީ. އެ ފުރުޞަތު އެވަނީ ހުޅުވާލާފައި މިހާރު. އެ ފުރުޞަތުގެ ތެރެއިން މިހާރު ގެޒެޓްކޮށްފައިވާ ލިސްޓަށް ރަށްތައް އިތުރުކުރަމުން އަޅުގަނޑުމެން ދާނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ ހަމަ ކައުންސިލްތަކަށްވެސް އަދި އެ ރަށެއްގެ ރައްޔިތުންގެ ކިބައިންވެސް، ކައުންސިލްތަކާ އެކީގައި މަސައްކަތް ކޮށްގެން، މީގެ ބޭނުންހިއްޕަވާށޭ. މިސާލަކަށް، މި ރަށުގެ އިޚްތިޞާޞް ތެރޭގައި ނެތީ ފަޅުރަށެއް. މި ރަށަށް ސީދާ އެޕްލައިވާ ކަމަކަށް، މި މިސާލު ނުވެދާނެ. އެކަމަކު އެކަހަލަ ވަރަށްގިނަ ރަށްތައް އެބަހުރި. ހުއްޓަސް، ތަންކޮޅެއް ދުރުންވިޔަސް، އަޅުގަނޑުމެން ފުރުޞަތު ދޭނަމޭ، އެކަހަލަ ފަޅުރަށެއް ހޯދަން. ހޯދައިގެން އެކިކަހަލަ އިންވެސްޓްމަންޓްތައް، މެދު ސައިޒުގެ، ސްމޯލް ޓު މީޑިއަމް، އެކިވަރުގެ އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ދޭން ނިންމާފައި މިއޮތީ. މިހާރު ގެޒެޓްކޮށްފައި އޮތް ގަވާއިދުގައި އޮންނާނީ، 10 އަހަރު ދުވަހަށް ފުރުޞަތު ދީފައި. އެހެން ނަމަވެސް، އަޅުގަނޑު އޮންނާނީ މިހާރު ނިންމާފައި. އެ ގަވާއިދު އަލުން އިޞްލާޙުކޮށްފައި، 25 އަހަރަށް އިތުރުކުރާގޮތަށް.

އެހެންވީމާ، އެ ލިބޭ ރަށުގައި ވިޔަފާރި ކުރުމުގައި ރަނގަޅު ފުރުޞަތުތަކެއް ލިބޭނެ. އެކި ދާއިރާތަކުން. މަސްވެރިކަމުގެ ދާއިރާއިން ވިޔަސް، އެކިކަހަލަ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ވިޔަސް، ދަނޑުވެރިކަން ކަމުގައި ވިޔަސް، އަތްތެރި މަސައްކަތް ވިޔަސް، ކޮންމެ ކަހަލަ މަސައްކަތެއް ވިޔަސް. ކައިރީގައި އޮންނަ ރިޒޯޓުތަކަށް އެކިކަހަލަ ތަކެތި ސަޕްލައި ކުރުމުގެ ވިޔަފާރި ވިޔަސް. ދެން ކިޔާނެ ކަމެއް ނެތް. ހަމަ ވަރަށްގިނަ މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެ، މި ފުރުޞަތުގެ ތެރެއިން.

މިގޮތަށް ބިން ހިއްކާފައި ހުންނަ ރަށްތަކުގައި، އެ ބިމުގައި އިޤްތިޞާދީ ޒޯންތައް ކަނޑައަޅައިގެން، ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ކަނޑައަޅައިގެން، އެ ތަންތަނަށްވެސް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނަން. އަޅުގަނޑުމެން ނުވާނަން ހިފަހައްޓާ ބަޔަކަށް. ކުރީގައި ގިނައިން ފެނިފައި ހުންނާނީ އެކަހަލަ ކަންކަން ކުރަންވީމަ، ވަރަށް އުނދަގުލުން ހުއްދަ ލިބޭނީ. އަޅުގަނޑު ބޭނުންވަނީ، އެ ހުއްދަ އެއީ، ފަސޭހައިން ލިބޭ ހުއްދައަކަށް ހަދަން. ޚާއްޞަކޮށް، މިދެންނެވިހެން އިޤްތިޞާދީ މަސައްކަތްތަކަށް ކުރާ ކަންކަމަށް.

އެހެންވީމާ، ރައްޔިތުންގެ އަތްޕުޅުގައި މިހާރު މިއޮތީ، އެ މުއްސަނދިކަން ހޯދުމަށްޓަކައި މަސައްކަތް ފެށުމުގެ ފުރުޞަތު. އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން. ފުރިހަމަ ފުރުޞަތުތައް ދޭނަން. އެކިކަހަލަ ވިޔަފާރިތައް ކުރަން. އެކިކަހަލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން. ކުދި ފަންތިއާއި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަންވީ. އަދި އުފައްދާ ތަކެތި އޮންލައިންކޮށް ވިއްކުމުގެ ފަސޭހަތައް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ ކަންކަން އެބަ ހިންގަން. މެނިފެސްޓޯގައި ކަނޑައަޅާފައި އެހެރީ ކަންތައްތައް. އެ ކަންކަން ތަންފީޒު ކުރުމަށްޓަކައި މިހާރު ވަރަށްގިނަ މަސައްކަތް އެބަ ކުރަން. އޮންލައިން ޕޭމަންޓް ގޭޓްވޭ ނިޒާމު ހަރުދަނާކޮށް، އޮންލައިން ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ވިއްކައި ގަތުމުގެ ކަންތައް. ބައިންގ އެންޑް ސެލިންގ، އިންޓަރނޭޝަނަލް އެކިކަހަލަ ޕްލެޓްފޯމްތައްވެސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިގެން، އެ މަސައްކަތް ކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތައް އެބަ ކުރެވޭ.

ޒުވާނުންގެ ތެރޭގައިވެސް ތިއްބަވާނެ، އެކިކަހަލަ ހުނަރު ހުރި ބޭފުޅުން. އެކިކަހަލަ ހުނަރު ވިއްކައިގެން، އެއިން އާމްދަނީ ހޯދޭނެ ކުދިން. ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރަން އަޅުގަނޑުމެން މި ބޭނުންވަނީ.

އެހެންވީމާ، ރައްޔިތުން މި ފުރުޞަތުގެ ބޭނުންހިފައިގެން، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މި ކުރަން ބޭނުންވާ، ރައްޔިތުން އެދޭ ވެރިކަން ކުރުމުގައި ރައްޔިތުން ބައިވެރިވެވަޑައިގަންނަވަންވީ. އޭރުން އަމިއްލަ ނަފްސަށް، އަމިއްލަ ޢާއިލާއަށް، އަމިއްލަ ރަށަށް މުއްސަނދިކަން ލިބިގެންދާނީ.

މިކަމުގައި ހިތްވަރު ދޭން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. މުޅި ރާއްޖޭގެ ރައްޔިތުން މިހާރު ފަށްޓަވަންވީ މި މަސައްކަތް. ސަރުކާރުގެ ތެރެއިން ހުރިހާ އެއްބާރުލުމެއް މިކަމުގައި ލިބޭނެ. އަޅުގަނޑު ބޭނުންވަނީ ހަމަ އެންމެ އިސްކަމެއްދީގެން، ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ކަންކަން ކޮށްދޭން.

އާދެ، މި ވާހަކަ ހަމަ ދަންނަވާލާފައި، އަޅުގަނޑު ނިންމާލަން ގަސްތުކުރަނީ. އަދިވެސް އެއްފަހަރު، ދިއްގަރުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ ކަމެއްގައި ހަމަ ކުރިން ދެންނެވި ފަދައިން، ޢަމަލީ ސިފަ ޖައްސައިދީ، ޙަޤީޤަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދާނަން. އެހެންވީމާ، އެ ވާހަކަޔާ އެކީގައި އަޅުގަނޑު ނިންމާލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.