ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ އިބްރާހިމް އަލް އައްޞާފާއި، ޕްރިންސް ވަލީދު ބިން ޠަލާލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، މިމަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސާ ބެހޭ މަޢުލޫމާތު، ނައިބު ރައީސް މިނިސްޓަރަށް ދެއްވިއެވެ. އަދި، ސަޢޫދީޢަރަބިއްޔާއަކީ ރާއްޖެއަށް އަބަދުވެސް ވަރަށް ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވައި، ސަޢޫދީޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތަކަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ހިސާބާބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅުދައްކަވަމުން، ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ރާއްޖެއަށްވެސް ވަރަށް ބޮޑަށް ފޯރިކަމަށާއި، މިކަމުން އަރައިގަތުމަށް ސަރުކާރުން މިހާރު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގައި އެކުވެރި ޤައުމުތަކުގެ އެއްބާރުލެއްވުން ވަރަށް ބޭނުންތެރިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ޑޮކްޓަރ އިބްރާހިމް އަލް އައްޞާފް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބާއްވާ ޑޯނަރ ކޮންފަރެންސްގައި ސަޢޫދީ ޢަރަބިއްޔާއިން ބައިވެރިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ނައިބު ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ފިނޭންސް މިނިސްޓަރ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ނައިބު ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަޢޫދީ ފިނޭންސް މިނިސްޓަރުގެ އިތުރުން ނައިބު ރައީސް ވަނީ ސަޢޫދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމުގައިވާ އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާވެސް މިއަދު ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިދަތުރުފުޅުގެ ބޭނުންފުޅާބެހޭގޮތުންނާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަކީ "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.