ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، މިހާރު ސަޢޫދީޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރިޔާޒުގެ ގަވަރނަރ ޕްރިންސް ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލް ސަޢުދާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި، ސަޢުދީޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ގޮތުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ ގާތް އަޚްވަންތަ ގުޅުމަކީ އިސްލާމީ ރިވެތި އާދަތަކުގެ މަތީން އުފެދިފައިވާ ގުޅުމެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަޢޫދީޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢޫދީ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތު، ނައިބު ރައީސް ރިޔާޒުގެ ގަވަރނަރަށް އެރުއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރިޔާޒުގެ ގަވަރނަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެކި ރޮނގު ތަކުން އިތުރަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމު އަޚުންނަށް އެހީތެރިވުމަކީ ސަޢޫދީޢަރަބިއްޔާއިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ގަވަރނަރ ޕްރިންސް ސަލްމާން ވިދާޅުވިއެވެ. މީގެއިތުރުން، އިޤްތިޞާދީ އަދި ވިޔަފާރީގެ ރޮނގުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމަށް ޓަކައި ދެޤައުމުގެ ވިޔަފާރިވެރިންގެ ވަފްދުތަކުގެ ދަތުރުތައް ވަރަށް މުހިންމު ކަމުގައި ގަވަރނަރ ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ނުރައްކާތަކާއި، އެ ނުރައްކާތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތް ތަކުގެ މަޢުލޫމާތުވެސް ގަވަރނަރަށް ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުގެ މަތިން ކަންތައްތައް ކުރުމާއި، އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ނުދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބު ރައީސާއި ގަވަރނަރ ޕްރިންސް ސަލްމާން ވާހަކަފުޅު ދެއްކެވިއެވެ.