ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.

ކަމަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާ ކަރަންޓުގެ ހާލަތާމެދު އޮތް ކަންބޮޑުވުމާއި ރަށުގައި ލޯކަލް ޓުއަރިޒަމް ތަރައްޤީވެ ގިނަ ބަޔަކު ރަށުގައި ދިރިއުޅުނު ނަމަވެސް ރަށަކީ އާބާދީ މަދު ރަށެއްކަމުގައިވާތީ އެރަށަށް ލިބޭ ވަސީލަތްތައް މަދުވީމާ ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ތާރުއަޅައިގެން މަގުހެދުމުގެ ބަދަލުގައި ރަށުގެ މަގުތަކުގައި ފެންހެދޭ މައްސަލަ ހައްލުކޮށްދެއްވައި މަގުގެ ބޭނުން ހިފޭގޮތަށް މަސައްކަތްކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކަމަދޫއަށް އިޤުތިޞާދީ މަންފާލިބޭގޮތަށް ބ.މަދިރިވާދޫ ކަމަދޫގެ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސައިދެއްވުމަށް އެދުމާއި ރަށުގެ އިޖުތިމާއީ ތަރައްޤީއަށް މުހިންމު ކަންތައްތައް ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކޮމިޓީއަށް އެކަށީގެންވާ ބަޖެޓު ނުލިބޭތީ ކުރިމަތިވާ ދަތިތައް ހިއްސާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ސަމާލުކަން ދެއްވައިގެން އެކަންކަން ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.