މާޅޮސްމަޑުލު ދެކުނުބުރީގެ ތަރައްޤީގެ އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ބ އަތޮޅު ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
ކައުންސިލުން ވަނީ އަތޮޅުފިހާރަތަކުގެ ކުލި ނުލިބޭ މައްސަލައާއި ބަޔޮސްފިޔަރ ރިޒާވް އަދި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި އަތޮޅު ކައުންސިލުގެ ދައުރު އޮންނަގޮތަށް ހަމަޖައްސަން ބޭނުންވާކަމަށާއި އަތޮޅުގައި އެކިކަންކަމަށް ދޫކޮށްފައިވާ ރަށްތަކުގެ މަޢުލޫމާތު އަތޮޅު ކައުންސިލާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އަތޮޅުކައުންސިލުން ވަނީ ގެދޮރު އިމާރާތްކުރުމަށް ލޯނު ހަމަޖައްސައިދިނުމާއި ފެރީނިޒާމު ޤާއިމުކުރުމާއި އަދި ކުނިމެނޭޖްކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުގައި ކުނިމެނޭޖްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަތޮޅު ކައުންސިލުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް އަތޮޅުކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުކަންތައްތައް އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއްދެއްވައިގެން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.