بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިނގުރައިދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި މި ދާއިރާގެ އެހެން ރަށްތަކުގެ ކައުންސިލަރުން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހަވީރު މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައި، ދެއްވި ތާއީދަށްޓަކައިވެސް މި ދާއިރާގެ ހުރިހާ ރައްޔިތުންނަށް، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ކަންކަމަށް ބަލާއިރުގައި، ރަށެއްގެ ތަރައްޤީއަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މި ރަށުގައި ކަންކަން ނުކުރެވި ހުރީ. އެންމެ ދާއިރާއެއްވެސް މިސްނުވޭ ވިދާޅުވިއިރުގައި. އަޅުގަނޑުމެން ކައުންސިލްތަކާ ބައްދަލުކުރާއިރުގައި، ހުރިހާ ކަމެއް ޙިއްޞާ ކުރައްވާ. މިއަދު ދެން ވަގުތު އޮތް ގޮތުން، ކައުންސިލް ބައްދަލުވުން މިއޮތީ ފަހުން، ޖަލްސާގެ ފަހުން. އެހެން ނޫނީވިއްޔާ ގިނައިން ކައުންސިލް ބައްދަލުވުމަށްފަހު ޖަލްސާ ބާއްވަނީ. އެހެންވީމާ، ކައުންސިލްގެ ރައީސް ދެންމެ އެހާ ތަފްޞީލުކޮށް މިކަންކަން އެ ފާހަގަކުރެއްވީ.

އާދެ، މިކަންކަން މިހެން ހުރުމުން، މިއިން އެބަ ދޭހަވޭ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގެ ގިނަކަން. އަޅުގަނޑު ޔަޤީންކަންދެން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މީގެތެރެއިން ނިންމެންހުރި، އެއީ، ފެށިފައި ހުރި މަޝްރޫޢެއް ކަމުގައިވަންޏާ، ނިންމެންހުރި ހުރިހާ މަސައްކަތެއް ނިންމުމަށާއި، އަދި އަލަށް ފެށެންހުރި މަޝްރޫޢުތަކުގެ ތެރެއިންވެސް ވީހާވެސް ގިނަ މަޝްރޫޢަކަށް އިސްކަންދީގެން މަސައްކަތްތައް ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. އެ ޔަޤީންކަން ދެން. އަޅުގަނޑު ވަޢުދުވީ ކަންކަންވެސް ހުންނާނެ. އަދި ވަޢުދުނުވާ،
މި ރަށުގައި ހިނގަމުންދާ ވަރަށްގިނަ މަސައްކަތްތައްވެސް ހުންނާނެ. ކޮންމެގޮތެއްވިޔަސް އެ ހުރިހާ ކަންތައްތަކަކީ، މި ރަށުގައި ކުރަން ޖެހިފައި ހުރި ކަންކަން. ހަމަ އެގޮތަށް، މި ދާއިރާގެ އެހެން ރަށްތަކުގައިވެސް.

އެހެންވީމާ، މި ހުރިހާ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ ޢަމަލީ ސިފަ ގެނެސްދީ، އެއީ ޢުމްރާނީ ތަރައްޤީގެ ގޮތުން ބަނދަރު ހެދުން، މަގުހެދުން ކަމުގައިވިޔަސް، އަދި އެހެން މަޝްރޫޢެއް ކަމުގައިވިޔަސް، ތަޢުލީމީ ދާއިރާއިން ކުރަން ޖެހިފައި ހުރި މަސައްކަތްތައް ކުރާނަން. ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމުގެ ކަންކަން ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި. ކުޅިވަރުގެ ދާއިރާއިން، އިޖުތިމާޢީ ހުރިހާ ދާއިރާއަކުން، މިހެން ގޮސް ވަރަށްގިނަ ކަންކަން މި ރަށުގައި ހުރީ ނިންމަން ޖެހިފައި. އެހެންވީމާ، މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނެ ކަމަށް އަޅުގަނޑު މި ދަންނަވަނީ.

އާދެ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު މަސައްކަތް ކުރާނީ، މިކަންކަމަށް ޢަމަލީ ސިފަ ގެނެސްދޭން. މިދިޔަ ގާތްގަނޑަކަށް ފަނަރަވަރަކަށް ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން މަސައްކަތް މި ކުރީ މިހެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި. އެނގިވަޑައިގަންނަވާނެ ފަދައިން، ބަޖެޓުގައި ޖާގަ މާބޮޑަކަށް ނެތް، ބަޖެޓް ފާސްކޮށްދީފައި އޮތްއިރުގައި މިކަންކަން ނިންމާކަށެއް ފައިސާ ދީފައެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އެކަންކަން ކޮށްދޭނަން. ބަޖެޓުގައި ޖާގަ އެގޮތަށް ނެތަސް، ބަޖެޓުގެ ތެރެއިން، އެ އޮންނަ އުޞޫލުގެ ތެރެއިން އަޅުގަނޑުމެން އެކަން ހަމަޖައްސާނަން. އާމްދަނީ އިތުރުކުރުމަށްޓަކައި އެހެންވެގެން މިހާ އިސްކަމެއް ދީގެން މި މަސައްކަތް މިކުރަނީ.

އަޅުގަނޑުމެންގެ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ފުޅާކުރަން މި މަސައްކަތް ކުރަނީ އެހެންވެގެން. އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާނެ ހުރިހާ ގޮތްގޮތެއް ފަހިކުރަން މި މަސައްކަތް ކުރަނީ އެހެންވެގެން. މަސްވެރިކަމުގެ ދާއިރާވެސް ވެއްޓިފައި އޮތް އަނދަވަޅުން ނަގައި، މަސްވެރިކަމަކީ، ރާއްޖޭގައި އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކަށް ހެދޭ ހިސާބަށް ގެންދަން މި މަސައްކަތް ކުރަނީ އެހެންވެ. އަދި ހަމަ އެއާއެކީގައި، ދެންހުރި ހުރިހާ އިންޑަސްޓްރީތަކެއްވެސް ފުޅާކޮށް، ބާރު ސްޕީޑްގައި ގެންދަން މި މަސައްކަތް ކުރަނީ އެހެންވެގެން. އާމްދަނީ އިތުރުކުރުމަށްޓަކައި. އޭރުން މިގޮތަށް ނުނިމިހުރި ހުރިހާ މަސައްކަތްތަކާއި، އަދި ފަށަންވެފައި ހުރި ހުރިހާ މަސައްކަތްތަކެއްވެސް ރަށްރަށުގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. އާދެ، އިރާދަކުރެއްވިއްޔާ މި މަގުން އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް އިރާދަކުރެއްވީތީ މި ފަނަރަވަރަކަށް ހަފްތާގައިވެސް މިވަނީ ހާސިލުކުރެވިފައި. އެކަން އިންޓަރނޭޝަނަލް ކަމާގުޅޭ ހުރިހާ އިދާރާތަކުންވެސް އެދަނީ ފާހަގަކުރަމުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި، އޭގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ.

އާދެ، އެގޮތުން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޓޫރިޒަމް ފުޅާކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިންވެސް ހަމަ އެންމެ މުހިންމު އެއްކަމަކަށްވާނީ، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއަރޕޯޓުތައް ރާއްޖޭގައި ގިނަކުރުން. އަޅުގަނޑު ރާއްޖޭގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރަން ގަސްތުކުރަނީ ރަށްރަށުގެ ރައްޔިތުންނާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުވާފައި. އެހެންވެގެން ފުރަތަމަވެސް މި ބޭނުންވީ ރަށްރަށުގެ ރައްޔިތުންގެ ގާތަށް ސީދާ ދާން. އަޅުގަނޑަށްވެސް ވަރަށް ފަސޭހަވާނެ، މާލޭގައި މަޑުކޮށްލައިގެން ކައުންސިލްތައް މާލެއަށް ގެނެސް ވާހަކަ ދައްކާލަން. އެހެން ނަމަވެސް، އެއަށްވުރެ މާ އިފެކްޓިވްވާނެ، އެ ކައުންސިލެއް ގާތަށް، އެ ރަށަކަށް ގޮސް ވާހަކަ ދައްކަން. އެހެންވީމާ، މިކުރެވޭ މަސައްކަތަކީ، ކަންކަމުގައި ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުވުން.

މިއަދާ ހަމަޔަށް މިހާރު 103 ކައުންސިލާ މިވޭތުވެދިޔަ ތިންވަރަކަށް ހަފްތާގެ ތެރޭގައި މި ބައްދަލުކުރެވުނީ. އަދި މި ހަފްތާ ނިމޭއިރުގައި އިރާދަކުރެއްވިއްޔާ އެ ޢަދަދު 150 އާ ގާތްކުރާނެކަންނޭނގެ. ދެން ބާކީހުރި ކައުންސިލްތަކާ އެކީގައި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ބައްދަލުކޮށް ނިންމޭތޯ މި ބަލަނީ. އޭރުން އަޅުގަނޑަށް އެބަ ލިބޭ ފުލް ޕިކްޗަރއެއް. ފުރިހަމަ މަންޒަރެއް. ރައްޔިތުން ބޭނުންވާގޮތް، ސީދާ ރައްޔިތުންނަށް ދުވަހުން ދުވަހަށް ޚިދުމަތް ކުރުމަށްޓަކައި އެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ކިބައިން. އަދި ޑަބްލިޔޫ.ޑީ.ސީ. މެންބަރުންގެ ކިބައިން. އޭރުން އަޅުގަނޑަށް ވަރަށް ފަސޭހަވެގެން އެބަދޭ، ސީދާ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން ކަންކަން ފަހިކުރަން. މިހާރުވެސް މިދިޔަ ދެތިން ހަފްތާގެ ތެރޭގައި ލިބުނު މަޢުލޫމާތުގެ އަލީގައި، އެކްޝަން ނަގަން، ޢަމަލީ ސިފަ ގެންނަން ފަށައިފިން. ހުއްޓިފައި ހުރި ކަންކަން އަވަސްކުރެވޭނެ ގޮތްގޮތް. އަދި ދަތިތައް ދިމާވެފައި ހުރި ކަންކަމުން އެ ދަތި ފިލުވާނެގޮތް މިހާރުވެސް ބަލައި މަސައްކަތް ފަށައިފިން. ކައުންސިލަރުން ދެއްވި ޚިޔާލާއި، ދެއްވި މަޢުލޫމާތުގެ އަލީގައި.

އެހެންވީމާ، މި ދާއިރާއަށް، މި އަތޮޅުގެ ތަރައްޤީއަށް ދެން މި ބޭނުންވާ އެއަރޕޯޓުގެ ކަންތަކުގައިވެސް ރައްޔިތުން ބޭނުންވާގޮތް އެއީ، އަޅުގަނޑު ވަރަށް ބޮޑަށް ބަލާނެ ގޮތެއް. އަދި އަޅުގަނޑު ވެފައި ހުރި ވަޢުދުތަކަކީ، އަޅުގަނޑު ކޮންމެގޮތެއްވިޔަސް، އަޅުގަނޑު ދަންނަވާފައި ވާނީ، ވަޢުދަށް އަޅުގަނޑު އިޙްތިރާމު އަދާކުރާނަމޭ. އެހެންވީމާ، ރައްޔިތުން ކަންބޮޑުވެނުލައްވާ! މި އަތޮޅުގައި، މި އަތޮޅުގެ ދެކުނުގައި އަޅަންޖެހޭ އެއަރޕޯޓް އެއީ، ރައްޔިތުން އެދޭކަހަލަ އެއަރޕޯޓަކަށް އަޅުގަނޑު ހަދައިދޭނެ ކަމުގެ ޔަޤީންކަން ދެން. އާދެ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ވާނެ ކަމަށް އަޅުގަނޑަށް މިހާރުވެސް ގަބޫލުކުރެވޭ. އިޤްތިޞާދީ ގޮތުން އެތައް ވަޒީފާއެއް އުފެދި، ސަރުކާރަށް، ދައުލަތަށް، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެތައް ގުނަޔަކުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ހަމަ އެގޮތަށް، ދެންހުރި މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އާދެ، މި ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ. އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރިއަށް މިގެންދާ ހުރިހާ މަސައްކަތްތަކެއްގައި ޙަޤީޤީ ކުލަ ޖެހެމުންދާނެ. އަޅުގަނޑު ދެކެން ބޭނުންވަނީ ހުރިހާ މާނައެއްގައި އަޅުގަނޑުމެންނަކީ ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ރައްޔިތަކަށް ހަދަން. ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ރައްޔިތުންނަށް ވާނީ ޢުމްރާނީ ތަރައްޤީގެ ގޮތުންނާއި، އިޤްތިޞާދީ ތަރައްޤީގެ ގޮތުންނާއި، އިޖުތިމާޢީ ތަރައްޤީގެ ގޮތުން ފުދުންތެރިކަން ހާސިލުކުރެވުނީމަ. އެހެން ބައެއްގެ އަތްމަތީގައި އަޅުގަނޑުމެންގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލުކުރެވުނު ދުވަހަކުން. އެ މަގުން ކަންތައްތައް ގެންދެވޭތޯ މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ހާސިލުވެގެންދާނެ.

އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބޯތަކެތި މި އެތެރެކުރަންޖެހެނީ ހަމަ ގާތްގަނޑަކަށް ހުރިހާ އެއްޗެއް ބޭރުން. މި ރާއްޖޭގައި އުފެއްދޭ ތަކެތިވެސް ބޭރުން. އެހެން ނަމަވެސް، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، މި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ޤާއިމުކުރަން. އެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މިހާރު މިދަނީ. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އޭގައި އިސްކަންދީގެން، އަދި މުޅިން އަލަށް ޤާއިމުކުރެވޭ ދިމަދިމާގައި ސެންޓަރުތައް ޤާއިމުކޮށްގެން، އަޅުގަނޑުމެން ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް މިއޮތް ދެތިން އަހަރުގެ ތެރޭގައި މި ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނެ. އޭރުން އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގައި އުފެއްދޭ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭގޮތެއް ޤާއިމުކުރުން. އެ އަމާޒަށްވެސް މަސައްކަތް މިކުރަނީ މި ދެންނެވި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ރައްޔިތެއް ޤާއިމުކުރުމުގެ ބޭނުމުގައި. އަޅުގަނޑުމެންގެ އިޤްތިޞާދަށް އެތައް ގުނަޔަކުން ކުރިއެރުން އެއިން ލިބިގެންދާނެ އެކަން ކުރީމަ.

ހަމަ އެއާއެކީގައި، ދެވަނަ މަޤްޞަދެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް މި ބޭނުންވަނީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީއަށް ބޭނުންވާހާ ގިނަ ކާބޯތަކެތި. ބޭރުން އެތެރެކުރަނީ. އެހެންވީމާ، މީގެ ދެވަނަ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ ކާބޯތަކެއްޗެއް، ރިޒޯޓުތަކަށް ބޭނުންވާ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ތަކެއްޗެއްވެސް ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ޤާއިމުކުރަން. އެހެންވީމާ، މި ދެ ކަންތައް ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އެކަން ކުރުމަށްޓަކައި ވަކިން ޚާއްޞަކޮށް، އެގްރިކަލްޗަރ މިނިސްޓްރީއެއްވެސް އަޅުގަނޑުމެން މި ޤާއިމުކުރީ. އެ މިނިސްޓްރީގެ މައިގަނޑު އެއް ޓާސްކަކަށް، މަސައްކަތަކަށް މިއޮތީ ރާއްޖޭގައި ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީއާއި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ މިންވަރަށް އެކަން ކުރުން. ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް އުފެއްދުން.

އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކުރެވޭނީ، ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން. މިހެން ކުރާ ބިޔަ ބޮޑެތި ޓްރާންސްފޮމޭޝަނަލް ކަންކަމުގެ ނަތީޖާ ނުކުންނާނީ، ރައްޔިތުންގެ ފަރާތުން ހޮވާ މަންދޫބުންގެ ސަޕޯޓް ލިބިގެން. ރައްޔިތުންގެ މަންދޫބުން މި ތިބެނީ ރައްޔިތުންގެ މަޖިލީހުގައްޔާއި ކައުންސިލްގައި. ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެބައާދޭ.

އެހެންވީމާ، މި ދަނޑިވަޅަކީ މިގޮތަށް ކުރަންހުރި، ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމަށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް، ފުދުންތެރިކަން ޤާއިމުކުރުމަށްޓަކައި މިކުރާ ބޮޑެތި މަސައްކަތްތަކުގައި ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ދެއްވަންޖެހޭ ބައިވެރިވުން ދެއްވުމަށްޓަކައި ލިބޭ ފުރުޞަތެއް މި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ. މިއީ، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ފުރިހަމައަށް، މި ކަނޑައަޅާފައި އޮތްގޮތަށް، ވަޢުދުވީގޮތަށް، ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް ހަވާލުކުރި ގޮތަށް ކުރުމުގައި ވަރަށް ބޮޑަށް ބޭނުންޖެހޭ ކަމެއް. ބޭނުންޖެހިފައި އޮތް މުހިންމު ކަމެއް މިއީ.

އެހެންވީމާ، އެކަމުގައި އަޅުގަނޑު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ ވިސްނާވަޑައިގަތުމަށް. އޭރުން ރައްޔިތުންނަށްޓަކައި މިގޮތަށް ކުރަން މިހިރަ ހުރިހާ މަސައްކަތްތަކެއް ކުރުމުގައި އެއްބާރުލުންދޭނެ މަންދޫބުންތަކެއް، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮއްވަވައިފިއްޔާ، އިރާދަކުރެއްވިއްޔާ ފެނިގެންދާނީ ޙަޤީޤީ މާނައިގައި ކޮންމެ ދިވެހި ރައްޔިތަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ، މިނިވަންކަން ހާސިލުވެފައިވާ ފުދުންތެރި ރައްޔިތަކަށް ހެދޭތަން. އެ އަމާޒުގެ މަތިން ހުރިހާ ކަމެއް މިކުރަނީ. ގެދޮރުވެރިކަން ޔަޤީންކުރަންވެސް މި މަސައްކަތް ކުރަނީ އެ ބޭނުމުގައި. އެއީވެސް ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނެ އަމާޒެއް. އެހެން ހުރިހާ ދާއިރާއަކުންވެސް ފުދުންތެރި ރައްޔިތުން ޤާއިމުކުރުމަށްޓަކައި މިކުރާ މަސައްކަތަކީ އެކަމަށްޓަކައި ކުރެވޭ ކަންތައްތަކެއް.

އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދަކީ، އަޅުގަނޑުމެންގެ އަމިއްލަ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްކަން ޔަޤީންކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކާ، މި ހުރިހާ ކަމެއްވެސް މި ކުރެވެނީ، އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހި ރައްޔިތެއްކަން އަޅުގަނޑުމެންނަށް އިޙްސާސްވާވަރު ކުރުމަށްޓަކައި. އެހެންވީމާ، މި މަސައްކަތް ކުރުމުގައި، ރައްޔިތުން އެކަތިގަނޑަކަށް ވެވަޑައިގެން، ކުރިއަށް ވަޑައިގެން ދެއްވުމަކީ އަޅުގަނޑު އެދޭ ވަރަށްބޮޑު އެދުމެއް. އަދި އަޅުގަނޑު ޔަޤީންކުރަން، އެގޮތުގެ މަތިންކަން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން ކުރިއަށް ވަޑައިގެންދެއްވާނީވެސް.

އާދެ، އަޅުގަނޑު މި ވާހަކައާ އެކީގައި ނިންމާލަން ގަސްތުކުރަނީ. އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް އަދި މި ދާއިރާއަށްވެސް ބޭނުންވާ ތަރައްޤީގެ ހުރިހާ ކަންކަން އަޅުގަނޑުމެން ހާސިލުކޮށްދޭނަމޭ. މި ވެފައިވާ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ. އެއްވެސް ވަޢުދެއްގެ މަތިން ހަނދާނެއް ނުނެތޭ. ސިކުނޑީގައި އެބަހުރި. ލިޔެވިފައި އެބަހުރި. ފޮތެއްގެ ސިފައިގައިވެސް ތައްޔާރުކުރެވިފައި އެއޮތީ. އަދި އިލެކްޓްރޯނިކަލީ، ބޭނުންއިރަކު ރައީސް އޮފީހުގެ ވެބްސައިޓުންވެސް އެއޮތީ ފެންނަން. އަޅުގަނޑު އިންތިޚާބުގެ ތެރޭގައި، ދެއްކި ހުރިހާ ވާހަކައެއް، ފުރަތަމަ ބުރުގައި، ދެވަނަ ބުރުގައި ދެއްކި ހުރިހާ ވާހަކައެއް، ކޮންމެ ޖަލްސާއެއްގައި ދެއްކި ހުރިހާ ވާހަކައެއް، ރެކޯޑުކޮށްގެން އެ އަޑުއަހައިގެން، އެއިން ލިޔެގެން، އަކުރެއްވެސް ވައްޓާނުލައި އަޅުގަނޑު ބޭނުންވީ އެކަން ކުރަން. އެއީ، ރައްޔިތުންނަށް އޭރުން ޔަޤީންކަން އޮންނާނެ، އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް އެއޮތީ ފެންނަންކަން. ތިމަންނަމެންނަށް އެބައޮތްކަން ސުވާލުކުރުމުގެ ފުރުޞަތު އަޅުގަނޑު ދެއްކި އެއްވެސް ކަމެއްގައި ފަރުވާ އެބަ ކުޑަކުރެވޭތޯ، ހަނދާން ނައްތާލައިފިތޯ، ދޮގުހަދާތޯ، މިކަންކަމުގެ ސުވާލު ކުރުމުގެ ޖާގަ ދޭންވެގެން. އަޅުގަނޑު އެއްވެސް ކަމެއްގައި ފަރުވާކުޑައެއް ނުކުރާނަން. ހަނދާނެއްވެސް ނައްތައެއްނުލާނަން. އަދި އަމުދުން ދޮގެއް ނަހަދާނަން. އެހެންވީމާ، ރައްޔިތުންނަށް މިހާ ހާމަކަންބޮޑު ގޮތެއްގައި މިކަން ކުރަން އަޅުގަނޑު ގަސްތުކުރީ އެހެންވެގެން. ހުރިހާ ވަޢުދެއް ހަނދާން އެބަހުރި. އިރާދަކުރެއްވިއްޔާ އެކަންކަން ކުރާނަން. ކުރުމުގެ މަގުފަހިކުރުމުގެ ގޮތުން މިކުރާ ހުރިހާ މަސައްކަތެއް މިކުރަނީ. ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ މިކަމަށް އިތުބާރު ކުރައްވައި އެއްބާރުލުން ދެއްވުމަށް. އަޅުގަނޑަށް ޔަޤީން، އެކަން ކޮށްދެއްވާނެކަން.

އަދިވެސް އެއްފަހަރު އިނގުރައިދޫގެ ހުރިހާ ރައްޔިތުންނަށް އަދި މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ، މިއަދު މިއީ، މި ދަތުރަކީ، މި މަންޒިލަކީ މި ދަތުރުގައި، މި އަތޮޅުގައި އެންމެފަހު ޖަލްސާވީމަ، މި އަތޮޅަށް ޖުމްލަކޮށް މިހެން މި ދަންނަވާލީ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މި ޤައުމަކީ މިނިވަންކަންމަތީ އަބަދުމެ ދާއިމަށް ލެހެއްޓެވިގެންވާ ޤައުމެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.