بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދުވާފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ނައިބު ރައީސް، އަދި ކައުންސިލަރުންނާއި، ޑަބްލިޔު.ޑީ.ސީ. މެންބަރުން، މި ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން.

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިރަށަށް ވަރަށް ހޫނުގަދަ ވަގުތަކު މި އާދެވުނީ. އެހެންނަމަވެސް، ތިޔަބޭފުޅުން ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއް. އެކަމަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ހަމަ އެއާއެކު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ދުވާފަރުގެ ރައްޔިތުން ދެއްވި ތާއީދަށް، ކުރެއްވި އިތުބާރަށްވެސް ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، ކެމްޕެއިންގައި އަޅުގަނޑު ހުންނާނެ ވަޢުދުތަކެއް ވެފައި. އެ ވަޢުދުތައް މަތިން ހަނދާން އެބަހުރި. އެކަންކަން ހުންނާނީ ލިޔަންވެސް ލިޔެވިފައި. ހުރިހާ ވަޢުދަކީވެސް ފުއްދަން ވީ ވަޢުދު. ވޯޓް ހޯދަން ވީ ވަޢުދެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެންމެ ދިގުކޮށްވެސް، ކުރުކޮށްވެސް، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ.

ދެން މިއަދު ކައުންސިލް މީޓިންގގައި، ވަރަށް ގިނަ ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ.ންވެސް ވަރަށް ގިނަ ކަންކަން ފާހަގަކުރެއްވި. ވަރަށް ތަފްސީލުކޮށް، ވަރަށް ގިނަ ކަންތައްތައް ހިއްސާ ކުރެއްވި. މިއަދު މި ޖަލްސާގައި އަޅުގަނޑު އެ ހުރިހާ ވާހަކައެއް ވަކިވަކިން ނުދެންނެވި ނަމަވެސް، ދެންމެ މި ދިން ޔަޤީންކަމުގެ މަތީގައި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑު އެކަންކަން ކޮށްދޭނަން. ހިއްކިފައި އޮތް ބިމުގައި، އެ ބިމުން ފުރިހަމަ ނަފާ ތިޔަބޭފުޅުންނަށް ލިބޭގޮތް ހެދުން، ފެނާއި ނަރުދަމާ އަދި ކަރަންޓް ޤާއިމުކޮށްދީ، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ހިންގައިދިނުން އެއީ، އޭގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން.

ހަމައެއާއެކީގައި ތިޔަބޭފުޅުންނަށް ބޭނުންވާ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލެއް އަޅުގަނޑު ޤާއިމުކޮށްދޭނެ ކަމުގައި ދަންނަވަން. ހޮސްޕިޓަލް ޤާއިމުވަންދެންވެސް، ކައުންސިލުން، ޑަބްލިޔު.ޑީ.ސީ.އިން ޚާއްޞަކޮށް ފާހަގަކުރެއްވި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ނެތް ވާހަކަ. ކުޑަކުދިންގެ ޑޮކްޓަރެއް ނެތް ވާހަކަ. ނޫނީވިއްޔާ ދާއިމީ ގޮތެއްގައި ނެތް ވާހަކަ. މިވަރުގެ އާބާދީއެއްގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮންމެހެންވެސް ޑޮކްޓަރުން ހަމަޖެހެންވާނެ ދާއިރާތަކެއް އެއީ. ކައުންސިލް މީޓިންގގައި، އެވަގުތު ހެލްތު މިނިސްޓަރަށް އަޅުގަނޑު ދަންނަވާފައި ވާނެ، އެންމެ އިސްކަމެއް ދެއްވައިގެން، މި ރަށުގައި ދާއިމީ ގޮތެއްގައި ތިބޭގޮތަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމަށް.

އަދިވެސް ގިނަ ޚިދުމަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ޞިއްޙީ ޚިދުމަތަކީ ރައްޔިތެއްގެ ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ކަންތައް. ގެދޮރުވެރިކަމަކީ އެންމެ މުހިންމު ކަންތައް. ދެން ޞިއްޙީ ޚިދުމަތް ވަރުގަދަވެގެން ދިޔުން. ރަނގަޅު ތަޢުލީމެއް ލިބުން. ރަނގަޅު ވަޒީފާގެ ފުރުޞަތުތަކެއް ފަހިވެފައި އޮތުން. މި ހުންނަނީ ކޮންމެ ރައްޔިތަކަށްވެސް ކޮންމެހެންވެސް ކޮށްދޭން ޖެހޭނެ ކަންތައްތައް.

މި ރަށުގައިވެސް އެބަހުރި، މަޝްރޫޢުތަކެއް ފެށިފައި، ނުނިމި ގިނަދުވަސްވެފައި ހުރި ކަންތައްތަކެއް. ޕްރައިމަރީ ސްކޫލެއްގެ ނުނިމި ހުރި މަސައްކަތްތައް. ދެން މިހެންގޮސް ފެށިފައި، ނުނިމިހުރި ކުޅިވަރުގެ ދަނޑުތަކުގެ މަސައްކަތްވިޔަސް، ގިނަ ކަންތައްތައް އެބަހުރި. މިކަންކަން ހުރީ އަޅުގަނޑުމެންނާ ހަވާލުވިއިރުގައި މަޑުޖެހިފައި، ނޫނީވިއްޔާ ހުއްޓިފައި ގިނަ ރަށްތަކުގައި.

މިކަންކަން ހުއްޓެން މި ދިމާވި ސަބަބު އެއީ، އެންމެންނަށްވެސް އެނގޭ ކަންތައްތައް. ފައިސާ ނުދީ ހުރީމާ. އަޅުގަނޑު މި ދަންނަވަނީ ކޮންމެ ޖަލްސާއެއްގައިހެން މި ވާހަކަ. 9000 މިލިއަން ރުފިޔާގެ ބިލް ހުއްޓޭ، ވެރިކަން ބަދަލުވިއިރުގައި، ރައްޔިތުންގެ އެކިއެކި ބިލުތައް ނުދައްކާ. އޭގެ ތެރޭގައި، ރަށްރަށުގައި އަޅަން ފަށާފައި ހުރި ވޮލީ ކޯޓު ނުނިމިގެން، އެ ހުއްޓެން ޖެހުނު ސަބަބާއި، ސްކޫލްގެ އިމާރާތް ނުނިމިގެން ހުއްޓުނީ އެ ފައިސާ ނުދީގެންކަން އެބަ އެނގޭ. އެހެންވެގެން، އެ ބިލުތައް ނުދައްކައިގެންކަން ނުހިނގަނީ އެބަ އެނގޭ. އެ ބިލުތަކާއި، ބަނދަރުތަކާއި، ނަރުދަމާތަކާއި، މިސްކިތްތަކާ، ދެން މިހެންގޮސް އެކި ޒާތްޒާތުގެ ހުރިހާ މަސައްކަތްތަކެއް ފަށްޓުވާފައި، މަތިމައްޗަށް ސަބް ކޮންޓްރެކްޓްކޮށް، ކޮންޓްރެކްޓަރު ބަދަލުވެ، އަނެކަކަށް އަނެއްކާ އަނެއް 15 ޕަސެންޓް އެޑްވާންސް ދީ، މިކަހަލަ ޒާތަކަށް މުޅި ރާއްޖޭގައި މަސައްކަތްކޮށް، ޕެންޑިންގ ބިލްސްތަކުގެ ގޮތުގައި ކުންފުނިތަކުންނާއި، ސަރުކާރުގެ މިނިސްޓްރީތަކުން ދިވެހި ރައްޔިތުންނަށް 9000 މިލިއަން ރުފިޔާ ނުދައްކައި، މިދިޔަ ސަރުކާރު ނިމިގެންދިޔައީއޭ، ތަކުރާރުކޮށް ކޮންމެ ޖަލްސާގައި މި ދަންނަވަނީ. އެހެންވީމާ، މަސައްކަތް ނުހިނގާ އޮތީ.

އަޅުގަނޑުމެން މި ކުރާ ކަމަކީ، މި ފައިސާ ދައްކަމުން މިދަނީ. މިހާރު ކޮންމެ މިނިސްޓްރީއަކުން، ކޮންމެ މިނިސްޓަރެއްގެ ކިބައިން އައްސަވައިލެއްވިޔަސް ވިދާޅުވާނެ، ތިމަންނަމެން ހަވާލުވިއިރުގައި، މި މިނިސްޓްރީގައި މިހާ ފައިސާ ހުއްޓޭ. މިތައް ސަތޭކަ މިލިއަން ނުދައްކާ ހުއްޓޭ. އެ ފައިސާތައް ދެމުންނޭ މިދަނީ މިވެނި ކޮންޓްރެކްޓަރަކަށް. ދިނީމާ އެ މީހުން މިހާރު މޮބިލައިޒް ކޮށްފިއޭ މަސައްކަތް ނިންމަން. އެހެން ވިދާޅުވާނެ، ކޮންމެ މިނިސްޓަރަކު މިހާރު. ވަރަށް ގިނަ ރަށްރަށުގެ ސްކޫލްތައް ހުއްޓިފައި ހުރީ. އަޅުގަނޑު ހަނދާންވަނީ، ސަތޭކަ ތިރީސް ކޮންމެވެސް މިލިއަނެއް، އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދައްކައިފިހެން، އެއްކަލަ ޕެންޑިންގ ބިލްސްތަކުގެ ތެރެއިން. ދެއްކީމާ އެކި ރަށްތަކަށް މިހާރު މޮބިލައިޒް ކޮށްފި ކޮންޓްރެކްޓަރުން. އެގޮތަށް ހުރިހާ މިނިސްޓްރީއެއްގައިވެސް މަސައްކަތްތައް އެދަނީ.

ކުންފުނިތައްވެސް ހަމަ އެފަދައިން. ފެނަކަ އެންމެ ހާލުގައި އޮތީ. އެތައް ސަތޭކަ ބިލިއަން ރުފިޔާއެއްގެ ކޮންޓްރެކްޓް، ސަބް ކޮންޓްރެކްޓްކޮށް، މީހުން އަތުން އެއްޗެހި ގަނެ، ކުދިކުދި ދިވެހި ކުންފުނިތައް ބަނގުރޫޓްވެފައި. ފެނަކައިން އެ މީހުން ލައްވައި މަސައްކަތް ކުރުވާފައި. ފެނަކައަށްވެސް މިޖެހެނީ ސަރުކާރުން ފައިސާދޭން. އެހެންވީމާ، މި ހާލުގައި އޮތް އިޤްތިޞާދެއް އޮތީ އޭރުގައި. އެހެންވީމާ، ރައްޔިތުން ދެން ނިންމެވީ، ދެން އެބަޖެހޭކަން މިކަން ބަދަލުކުރަން. އެހެންވެ ރައްޔިތުން އެކަން އިންތިޚާބުގައި އެ ނިންމުން ނިންމެވީ.

އެހެންވީމާ، އަޅުގަނޑުމެން މިދަނީ މި ފައިސާތައް ދައްކަމުން. މިގޮތަށް ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢުތަކެއް ރަށްރަށުގައި ފެށޭތޯ މި ބަލަނީ. ބައެއް މަޝްރޫޢުތައް ހުރީ އޮޅުންބޮޅުން ވަމުން ވަމުން ގޮސް، ދެން ނުނިއުޅުވޭ ހިސާބުގައި. ދެންޖެހޭނީ ކޮންޓްރެކްޓް ބާޠިލްކުރަން. އެކަހަލަ މަޝްރޫޢުތަކެއް، އެއް ކޮންޓްރެކްޓަރަކަށް ދީފައިހުރި. ނަރުދަމާގެ އެތައް ރަށެއްގެ މަޝްރޫޢެއް ކޮންޓްރެކްޓަރުން އެބައުޅޭ. ދެން މިހެން ގޮސް ފެނުގެ. އެކިކަހަލަ މަޝްރޫޢުތައް އެބައުޅޭ. އެހެންވީމާ، މިކަންކަން ނިއުޅުވުމަކީ މާ ޚަރަދު ބޮޑު ކަމަކަށްވާ ހިސާބަށް ގޮސްފައި ހުރި މަޝްރޫޢުތައް އެބަހުރި.

އެހެންވީމާ، އަޅުގަނޑުމެން މި ޖެހެނީ ޑިޒިޝަންސްތަކެއް، ނިންމުންތަކެއް ނިންމަން. ނިންމާފައި، މި މަޝްރޫޢުތައް ހިނގައިގަންނަ ގޮތް ހަނދަން އެބަޖެހޭ. 90 ޕަސަންޓް ނިމިފައި ހުރި ނަރުދަމާ އެބަހުރި، އެތައް ރަށެއްގައި އެކަމަކު ދެން ކުރަން ހުރި މަސައްކަތް ނެތް ކުރެވޭކަށް. އެހިސާބުގައި އެބަހުރި، މި ދެންނެވި ގޮތަށް، ތާކުންތާކު ނުޖެހޭ ގޮތަށް، ކޮންމެވެސް އެހެން މަޤްޞަދެއްގައި. ދައުލަތުން ފައިސާ ހުސްވެފައި ހުރީ. އެހެންވީމާ، ފައިސާއަށް ވީގޮތް އެބަ އެނގޭ. މަޝްރޫޢު ނުނިންމައި ބިލްކޮށްފައި، ލާރި ބޭނުންކޮށްފައި.

މި ޒާތުގެ މަސައްކަތްތައް އެބަހުރި، މި ރަށުގައިވެސް ހުއްޓިފައި ހުރި ބައެއް ކަންކަމުގައި، މި ސަބަބު. މިއީ ޖުމްލަކޮށް އަޅުގަނޑު ދެންނެވި ވާހަކައެއް. ދުވާފަރަށް ޚާއްޞަ ވާހަކައެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަ ވާހަކައެއް މިއީ. މުޅި ރާއްޖޭގެ ރައްޔިތުންނަށް އާންމު ވާހަކައެއް މިއީ. ހުރިހާ ރަށެއްގައި ކަންކަން އޮތް ހާލަތު މިއީ.

މިދިޔަ 100 ދުވަސް، 14 ހަފްތާގެ ތެރޭގައި އަޅުގަނޑުމެން މި ބެލީ، މިހެން ނުދެއްކި، ދައްކަން ޖެހިފައި ހުރި ފައިސާ ރައްޔިތުންނަށް ދެވޭތޯ. ކުންފުނިތައް އަލުން އެކްޓިވޭޓް ކޮށްގެން ރަށްރަށަށް މޮބިލައިޒް ކޮށްގެން މިހެން ފެށެން ހުރި، ފަށަން ޖެހިފައި ހުރި މަޝްރޫޢުތައް ފެށްޓޭތޯ. އާދެ، އެހެންވީމާ މި ރަށުގައިވެސް ކުރަން ހުރި މިގޮތަށް ހުރި ގިނަ މަސައްކަތްތައް މިހުރީ.

އަޅުގަނޑު މި ދެންނެވި ފަދައިން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގެދޮރުވެރިކަމުގެ މަސައްކަތްތަކާއި، ޞިއްޙީ ނިޒާމު ވަރުގަދަކުރުމާއި، އަދި ކުޅިވަރުގެ އެކިކަހަލަ ވަސީލަތްތައް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް އެބަހުރި. ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ވާހަކަވެސް، ވަޢުދުވެފައި އޮންނާނެ. ބޭންކް ބްރާންޗެއް ޤާއިމުކޮށްދޭނެ ކަމަށް އަޅުގަނޑު ވަޢުދުވިން. އެކަންވެސް ކޮށްދޭނަން.

އާދެ، މި ރަށަކީ މަސްވެރިކަމުގެ ރަށެއް. މަސްވެރިކަން އެއީ، އަޅުގަނޑުމެން އިޢާދަކޮށް، ވަރުގަދަކޮށް، ފުޅާކުރަން ބޭނުންވާ އެންމެ ބޮޑު އެއް އިންޑަސްޓްރީ. މިހާރުވެސް މިއަދާ ހަމައަށް އައިއިރުގައިވެސް ގާތްގަނޑަކަށް 600 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއީ. އެ ފައިސާ ދޫކޮށްފިން. އަޅުގަނޑުމެން ހަވާލުވިއިރުގައި، 230 ކޮންމެވެސް މިލިއަނެއް، ނިމިދިޔަ ސަރުކާރުން ނުދައްކާ ހުރި. އެ ފައިސާތައް ދިނީ. ދެން މަސްވެރިކަން އިރާދަކުރެއްވިއްޔާ ރަނގަޅު. އެހެންވީމާ، މަސް ބާނާވަރަކަށް، މަސް ކިރާވަރަކަށް މިފްކޯއިން ލާރި ދޭންޖެހޭނެ.

އެހެންވީމާ، އެއްކަލަ 230ގެ އިތުރަށް އަދި ގާތްގަނޑަކަށް 400 މިލިއަން ދެވިއްޖެ މިހާރު. އަދިވެސް ޕެންޑިންގގައި އެބަހުރި. މަސްބާނާވަރަކަށް ފައިސާ ދޭންޖެހޭނެ. އެހެންވީމާ، ރޯދަމަސް އަންނަންވާއިރަށް މި ބަލަނީ ކޮންމެވެސްކަހަލަ ފައިނޭންސިންގ މެކޭނިޒަމެއް ޤާއިމުކުރެވޭތޯ. އެ މަސައްކަތް މިހާރު އެބަ ކުރަން. ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުގެ ބޮޑު ކުންފުންޏަކާ އެކީގައި މަސައްކަތް ކޮށްގެން، ހަމަޖެހިފައި އޮންނަ ޤާނޫނީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު މި ބަލަނީ ފައިސާ ހަމަޖައްސަން ރޯދަމަސް އަންނަންވާއިރަށް. އެގޮތަށް މަސައްކަތް މި ކުރަނީ. ވަރަށް ކުޑަ ދުވަސްކޮޅެއް މިއޮތީ. ވަޢުދެއް ނޫން މިއީކީއެއް. މަސައްކަތް އެބަ ކުރަން، މަސްވެރިންގެ ހުރިހާ ފައިސާއެއް ދީ ނިންމޭތޯ. އެ މަސައްކަތް ކުރާ ވާހަކަ ދަންނަވާލަން ބޭނުން. އަޅުގަނޑަށް ވަރަށް ޔަޤީންކުރެވޭ، އެކަން ކާމިޔާބުވާނެ ކަމަށް. ކާމިޔާބު ވެއްޖިއްޔާ، ރޯދަމަސް އަންނަންވާއިރަށް ހުރިހާ މަސްވެރިންނަށް ފައިސާދީ ނިންމޭނެ.

ދެން، އެހިސާބުން އަޅުގަނޑުމެން ބަލާނީ، އަޅުގަނޑު ވަޢުދުވީ ގޮތަށް ގެންދެވޭތޯ. އެއީ، 48 ގަޑިއިރުގެ ތެރޭގައި، ފައިސާ ދިނުން. އެ ހިސާބަށް ނުދެވިގެން އަދި މިއުޅެނީ. ބެކްލޮގްގައި މުޅިން މި އުޅެންޖެހެނީ. އެހެންވީމާ، ބެކްލޮގް ފިލުވައިލަން މި މަސައްކަތް ކުރަނީ. ފިލުވައިލާފައި ދެން އަޅުގަނޑުމެން ބަލާނީ، އަޅުގަނޑުގެ ވަޢުދާ އެއްގޮތަށް، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭތޯ.

އަޅުގަނޑު މިއީ ވަޢުދުވެފައި، ވަޢުދަށް ދޮގުހަދައި، އޮޅުވާލާނެ މީހެއް ނޫން. ދޮގު ހެދުމަކީ އަޅުގަނޑު ކުރާނެ ކަމެއްނޫން. ﷲ ގަންދީ ހުވާކޮށްގެން އަޅުގަނޑު މިހުރީ މިކަންކަމާ ހަވާލުވެ. އެއަށްވުރެ ބޮޑު ހުވައެއް ނޯންނާނެ ނޫންތޯ ކުރެވޭކަށް. އެ ހުވާގެ ކޮންމެ ލަފްޒެއް އަޅުގަނޑަށް މުހިންމު. މި ދުނިޔެމަތީގައިވެސް އެކަމުގައި އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނެ. އާޚިރަތް ދުވަހުންވެސް ޖަވާބުދާރީވާން ޖެހޭނެ. އެހެންވީމާ، އަޅުގަނޑަކީ ދޮގުހަދާނެ މީހެއް ނޫން. އެހެން މީހުން ދޮގު ހަދައިގެން، އަޅުގަނޑު ދައްކާ ވާހަކަ ޓުވިސްޓް ކުރަން އުޅޭނެ. ރޭގައިވެސް އެހެންވި. ދެންމެގައި މިނިސްޓަރ އާދަމް ޝަރީފް ކުޑަކޮށް އެ ބެއްލެވީ އެކަން އޮޅުންފިލުއްވައިދެއްވޭތޯ.

އަޅުގަނޑު ދެންނެވީ، ޓެކްސް ބޭސް ފުޅާކުރާށޭ މިއުޅެނީ. އެއީ، ރައްޔިތުންގެ މަޖިލީސް ހުޅުވި ދުވަހުވެސް އެ ވާހަކަ ދެއްކިން. އޭގެ ކުރިންވެސް އެ ވާހަކަ ދެއްކިން. ޓެކްސް ބޭސް ފުޅާކުރާ ވާހަކަ ދެއްކީމާ، ބައެއް ތަންތާނގައި ލިޔެފައި މި އޮންނަނީ، ފޭސްބުކް ޕޭޖްތަކުގައި ކަންނޭނގެ، އިތުރު ޓެކްސްއެއް ނަގަން އެބައުޅެޔޭ. ޓެކްސް ބޮޑުކުރަން އުޅެނިއްޔޭ. މިހެން އޮޅުވާލުން މިއޮތީ. ޓެކްސް ބޭސް ފުޅާކުރުމަކީ، މިހާރު ނަގަމުންދާ ޓެކްސްތައް، މިސާލަކަށް، ޓޫރިޒަމް ޓީ.ޖީ.އެސް.ޓީ. އަޅުގަނޑު މި ދަންނަވަނީ، ނުހެދި ހުރި ރިޒޯޓުތައް ހަދަން ފައިސާ ހޯދައިދީ، ނޫނީ މަގުތައް ފަހިކޮށްދިނީމާ އެ ރިޒޯޓުތައް ނިމޭނެ ވާހަކަ. އިތުރު އިންވެސްޓަރުން، ޓޫރިޒަމް އިންޑަސްޓްރީއަށް ގެންނާނީއޭ. ގެނެސްގެން ޓޫރިޒަމް ފުޅާވީމާ ޓީ.ޖީ.އެސް.ޓީ. ލިބޭލެއް ގިނަވާނެއޭ. އެ ފުޅާވީ. އެ ބޭސް ފުޅާވީ. އެގޮތަށް މިހާރު ނަގަމުންދާ ޓެކްސް، އެ ޓެކްސްތަކުން ލިބޭ އާމްދަނީ ގިނަކުރަން އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ކަނޑައަޅާފައޭ މިއޮތީ. އެ ވާހަކަ ދެއްކީމާ، އެވެސް އޮޅުވާލަން މަސައްކަތް ކުރަނީ.

އެހެންވީމާ، ދޮގުހަދާ މީހުންނަށް ހީވާނީ ދެންވެސް އެހެން މީހުންވެސް ހަދަނީ ދޮގޭ. އެކި ތަންތަނަށް އަރައި، މި ދައްކާ ވާހަކައަކީ އަޅުގަނޑު ދޮގުހަދަނީއޭ. އަޅުގަނޑެއް ދޮގެއް ނަހަދަން. އެއްވެސް ކަމެއްގައި ނޯންނާނެ މިހާތަނަށް ދޮގު ހަދާފައެއް. އިރާދަކުރެއްވިއްޔާ ނުވެސް ހަދާނަން.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހަމަ ހުރިހާ ކަމެއްގައި، ބޮޑެތި ކަންކަމުންގޮސް ކުދި ކަންކަމަށް، ކަންކަން ކޮށްދޭނަމޭ. މި ރަށުގެ ކަނބަލުން، ޢާއިލާތަކުން، ސްކޫލް ކުދިން ވަރަށް ބޮޑަށް އެދޭ، ސްކޫލް ބަސް ސަރވިސް ތަޢާރުފުކޮށްދިނުމަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ހަމަޖައްސައިދޭނަން.

އާދެ، ހަމަ އެއާއެކީގައި، ދެން ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެވޭތޯ ބަލާ ވާހަކަ، ރަށްރަށުގެ ރައްޔިތުންނަށް މުހިންމުވެފައި ހުރި. އެކަމެއް ކޮށްދިނީމާ ފަސޭހަވާނެ އެތައް ކަމެއް ކޮށްދެވޭތޯ މި ބަލަނީ. ކައުންސިލްތަކަށް އެގޮތުން ވަރަށް ގިނަ ކަންކަން ފަހިކޮށްދެވޭތޯ އެބަ ބަލަން. އެއްފަހަރާ މި އަހަރުގެ ތެރޭގައި މި ބަލަނީ، 50 ރަށެއްގައި، 50 ކައުންސިލެއްގެ ޢިމާރާތް އަޅަން ފެށޭތޯ. އެކަމުގެ މަސައްކަތް އެބަ ހިނގާ. އެންމެ ހާލުގައި ހުރި، އެންމެ ބޮޑަށް ހަލާކުވެފައި ހުރި، އެންމެ ގިނަ ދުވަސްވީ، އެންމެ ޖާގަ ކުޑަ، ކައުންސިލް ޢިމާރާތްތައް ބަލާފައި، އަދި އެންމެ ގިނަ ރައްޔިތުންނަށް ޚިދުމަތްދޭންޖެހޭ ކައުންސިލް ޢިމާރާތްތައް ބަލާފައި، އަޅުގަނޑުމެން 50 ރަށެއް ޚިޔާރުކޮށްފައި، އެ ޢިމާރާތްތައް އަޅަން ފަށަން ނިންމާފައި އެއޮތީ.

އަނެއްކަމަކަށް އަޅުގަނޑުމެން އޮންނާނީ މިހާރު އިޢުލާނުކޮށްފައި، މި އަންނަ މަހުން ފެށިގެން ކައުންސިލުން ކަރަންޓް ބިލް ދައްކާ ދެއްކުމުގައި، މިސްކިތްތަކަށް ދައްކަންޖެހޭ ބިލުގެ ޔުނިޓް ރޭޓް، ޑޮމެސްޓިކް ރޭޓަށް ވާނީ ކުޑަކުރަން ނިންމާފައިކަން. އޭރުންވެސް ވަރަށް ބޮޑު އެއްޗެއް ސޭވްވާނެ، ކައުންސިލްތަކުގެ އާމްދަނީން. ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ތެރެއިން. އަދި ރައްޔިތުންގެ މަޖިލީހުގައި، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް، އަޅުގަނޑުމެންގެ މެންބަރުންނަށް ތާއީދުކޮށް، ހޮވައިދީފިއްޔާ އަންނަ މަޖިލީހުގެ ތެރެއިން، އެއީ، މިހާރު އޮތް މަޖިލީހުން ކަމެއް ނުކޮށްދޭތީ ދަންނަވާ ވާހަކައެއް. މިހާރުވެސް ވަންޏާ ކުރަން ބޭނުން. ޑަބްލިޔޫ.ޑީ.ސީ.އަށް ރަނގަޅު ޙައްޤު މަގާމު ހޯދައިދޭން، ލާމަރުކަޒީ ޤާނޫނު އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން.

އޭރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ލިބޭ އެލަވަންސް މުސާރައަކަށް ބަދަލުވެ، އެ ލިބޭ ފަސް ޕަސެންޓަކީ، ހަމައެކަނި ހަރަކާތްތައް ހިންގަން އޮންނަ އެއްޗަކަށް ހަމަޖައްސައިދީ، މުސާރަދޭނީ މުޅި ކައުންސިލްގެ ބަޖެޓުން ކަމަށް ކަނޑައަޅައި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ރޯދަ އެލެވަންސްވެސް ލިބޭގޮތް ހަމަޖެހި، ވިހެއުމުގެ ޗުއްޓީއާއި، ދެންވެސް ހުންނަ މުވައްޒަފުންނަށް ލިބޭ ހުރިހާ ޗުއްޓީތަކެއް ހަމަޖެހި، އެ ލިބޭ މުސާރައަކީ، މުސާރައެއްގެ ގޮތުގައި ކަނޑައެޅުނީމާ، ބޭންކަށް ގޮސް ލޯނުތައް ނެގޭނެގޮތް ހަމަޖެހިގެންދާނީ. މި ހުރިހާ ކަމެއް ހަމަޖައްސައިދޭނަން އިރާދަކުރެއްވިއްޔާ.

އެހެންވީމާ، ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.ތައް ބާރުވެރިކުރުވަން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި، ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ ރައްޔިތުންގެ މަންދޫބުންނަކީ، ސަރުކާރާއި ރައްޔިތުން، ދުވަހުން ދުވަހަށް ގުޅުވައިދޭ ފަރާތް. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ވެރިކަމެއް ކުރަން. އަޅުގަނޑުގެ ވެރިކަމެއް ކުރާކަށް ނޫން ރައްޔިތުން އަޅުގަނޑާ ހަވާލުކުރީކީ. ރައްޔިތުންގެ ވެރިކަމެއް ކުރަން އަޅުގަނޑާ ހަވާލުކުރީ. އެހެންވީމާ، ރައްޔިތުންގެ ފަރާތުގައި އަބަދުވެސް އަޅުގަނޑު ހުންނާނީ.

އެގޮތަށް، އަނެއް ކަމެއްގެ ގޮތުގައި ވަރަށް ގިނަ ރަށްތަކުން އަންނަ ރިކްއެސްޓެއް މިއީ، ވަރަށް ގިނަ ކައުންސިލްތަކުންވެސް މި ގެންގުޅޭ ރަށު ޕިކަޕޭ މި ކިޔާ ބެޓެރީ އޮޕަރޭޓަޑް ބަގީސްތައް. ނޫނީ ރަށު ޕިކަޕް. އެއަށް އެބަ ނަގާ ސަރުކާރުން 1800 ރުފިޔާ، ފީއެއްގެ ގޮތުގައި. އެއީ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާ ވެހިކަލްތަކެއް. އެންވަޔަރަންމަންޓް ފުރެންޑްލީ ވެހިކަލްތަކެއް. އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ މުޖުތަމަޢަކީ ފެހިކަން ގަދަ، އެންވަޔަރަންމަންޓަލް ފުރެންޑްލީ މުޖުތަމަޢަކަށް ހަދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ މަހުން ފެށިގެން، ރަށު ޕިކަޕުގެ މި ނަގާ ފީ އެކީގައި އުވާލާނަން. އޭރުން އެ 1800 ރުފިޔާވެސް ސަލާމަތްވާނެ. އޭރުން އިންޖީނުލީ އެއްޗިއްސަށްވުރެ ބޮޑަށް، ބެޓެރީ އޮޕަރޭޓެޑް އިލެކްޓްރިކް ވެހިކަލްސްތަކަށް ދާންވެސްފަސޭހަވެގެންދާނެ. އާދެ، އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށްޓަކައި އަޅުގަނޑު ހަމަޖައްސައިދޭނަން. އެގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭތޯ އަޅުގަނޑު މި ބަލަނީ.

މިއަދު މި ބައްދަލުވީ ދުވާފަރު ކައުންސިލަކީ، މި ފެށުނު ދަތުރުތަކުގައި އަޅުގަނޑު ކައުންސިލްތަކުގެ ގާތަށްގޮސް ކައުންސިލަރުންނާ ބައްދަލުކުރަން މި ފެށި މަސައްކަތުގައި ބައްދަލުވި 103 ވަނަ ކައުންސިލް.

އެހެންވީމާ، ސަރުކާރަށް 100 ދުވަސްވީއިރު، 103 ކައުންސިލާ ބައްދަލުވީމާ އަޅުގަނޑު ވަރަށް އުފާކުރަން. ދެން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ބާކީހުރި ހުރިހާ ކައުންސިލަކާ ބައްދަލުކޮށް ނިންމައިލެވޭތޯ މި ބަލަނީ. އޭރުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މަސައްކަތް ފަށައިގަނެ، ކުރީކޮޅު އަޅުގަނޑު މި ބޭނުންވި ގޮތަށް، ހުރިހާ ކައުންސިލްތަކަކާ ބައްދަލުވީ. ހުރިހާ ޑަބްލިޔޫ.ޑީ.ސީ.އަކާ ބައްދަލުވީ.

އެހެންވީމާ، ދެން އަޅުގަނޑަށް ފަސޭހަވާނެ، ސީދާ އެ ރައްޔިތުން ބޭނުންވި ކަންތައް، އަޅުގަނޑަށް ސީދާ ހުށަހެޅިގެން، އެކަންކަމާއިގެން ސީދާ އަޅުގަނޑު އުޅެން. އަދި އަޅުގަނޑު އެ ކަންތައްތައް ކުރުމުގައި. މިހާރުވެސް ވާނީ، މި ގޮތަށް ބައްދަލުވި ކައުންސިލްތަކުން އެދުނު ކަންކަމުގެ ޢަމަލީ ސިފަ ގެންނަން މަސައްކަތް ފަށާފައި. ރައީސް އޮފީހުން، ކަމާގުޅޭ މިނިސްޓްރީތަކާއި، ކުންފުނިތަކަށް އެ ކައުންސިލްތަކުން، ކައުންސިލަރުން ހުށަހެޅި ކަންކަން ވާނީ ފޮނުވާފައި. އެކަންކަން ކޮށްދިނުމަށްޓަކައި މަގުފަހިކުރަން ފަށާފައި. އަދި އެކަންކަން މޮނީޓަރވެސް ކުރަމުންދާނެ. ކޮށް، އެކަމުގެ ނަތީޖާ ނެރެދޭނަން. އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއެއް މިހިރީ، އަމާޒެއް މިހިރީ، ނަތީޖާ ނެރެދޭން. އަޅުގަނޑު ކެމްޕެއިންގައި ދެންނެވިން، ރިޒަލްޓް އޮރިއެންޓަޑް، ނަތީޖާ ނެރުމަށް ފޯކަސްކޮށްގެން ހިންގާ ސަރުކާރެކޭ އަޅުގަނޑު ހިންގާނީ. ހުރިހާވެސް އެއްޗަކީ އަޅުގަނޑަށް ނަތީޖާ. ރައްޔިތުން ބޭނުންވާ ނަތީޖާ ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ނެރެދޭނަން.

އެކަން ކުރުމުގައި އަޅުގަނޑަށް ރައްޔިތުންގެ އެއްބާރުލުން ލިބުނީމާ ނިމުނީ. ރައްޔިތުންގެ އެއްބާރުލުން ދެވޭނެ އެތައް ގޮތެއް އޮވޭ. މިހާރު ތިޔަ ދެއްވާގޮތަށް ދެއްވުން. އަދި ސަރުކާރަށް އެންމެ އެހީތެރިކަން، ނޫނީވިއްޔާ ހުރަސްއެޅެން އޮންނަ ތަންތަނުން ރައްޔިތުން ބޭނުންވާ ގޮތަށް، ސަރުކާރަށް އެއްބާރުލުންދޭނެ މަންދޫބުން ހޮވައިދިނުން. އެ ގޮތްގޮތަށް ރައްޔިތުންނަށް އެއްބާރުލުން ދެވޭނެ. ވަރަށް އަވަހަށް އެބައާދޭ އެކަހަލަ އިންތިޚާބެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ދެން އިންތިޚާބުގެ ވާހަކަ މިހެން ދަންނަވާލެވުނީމާ، އަނެއްކާ އަނެއް ދޮގުގެ ވާހަކަ ދަންނަވާލަން އެބަޖެހޭ. އަޅުގަނޑުގެ ބޮލުގައި އަޅުވާ ބަދުނާމެއް.

އަޅުގަނޑު ތަޞްދީޤުކުރި ބިލް ތަޞްދީޤުކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް. ދެވަނަފަހަރުވެސް ހަމަ އެގޮތަށް ފާސްކުރީ. އޭގައި އޮތްގޮތުން، އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރު މިވަނީ، 21 އޭޕްރީލްގައި އިންތިޚާބު ބާއްވަން. އެ ދުވަސް މި ދިމާވަނީ އާދީއްތަ ދުވަހަކާ. އަޅުގަނޑަށްވެސް ފެނުނީ ނޫހުން. ގެޒެޓް ކޮށްފައި. މާފުކުރައްވާ. އެ ދުވަސް ކަނޑައަޅައިފިކަން އިލެކްޝަނުން އިޢުލާނު ކުރީ، 21 އޭޕްރީލް އާދީއްތަ ދުވަހެއް. އަޅުގަނޑުވެސް ހިތަށްއެރި، އާދީއްތަ ދުވަހަކަށް ކީއްވެބާއޭ މި ހެދީ. ދުވަހަކުވެސް ރާއްޖޭގައި ހެދިގޮތެއް ނޫން. ދެން އަޅުގަނޑުވެސް
މި ބެލީ. އެއީ، އިދިކޮޅު ޕާޓީގެ ބޭފުޅުން އަޅުގަނޑު ބަދުނާމުކޮށް ވާހަކަދައްކަން ފަށައިފި. ރައްޔިތުން ވޯޓުލިޔަ ނުދޭންވެގެން، ބަންދުނޫން ދުވަހަކަށް އެ ދުވަސް އަޅުގަނޑު ހަދައިފި ކަމަށް. ދެން އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގައި އަހައިފިން، ކިހިނެއްހޭ މިވަނީ؟ އެ ބޭފުޅުން ވިދާޅުވަނީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކުރި ގޮތުން، ތިމަންނަމެންނަށް ބޭއްވެން އޮތް ދުވަހަކީ އެޔޭ. ހޮނިހިރު ދުވަހަކަށް ހެދޭކަށްނެތޭ. ރޯދަމަސް ނިމި، 10 ދުވަސް ހަމަވެގެންނޭ ބޭއްވެން އަންނަނީ. އެހެންވީމާ، 10 ދުވަސް ހަމަވީމާ، ދެން ބޭއްވެން އޮތީ އާދީއްތައިގައި. ހޮނިހިރުގައި ބާއްވައިފިއްޔާ 9 ދުވަހަށް ވަނީ. އަނެއްކާ ޤާނޫނާ ޚިލާފުވީ ކަމަށް ވެދާނެ.

އެހެންވީމާ، އެ ބޭފުޅުން އާދީއްތަ ދުވަހަށް ހެދީ، އަޅުގަނޑަކާ މަޝްވަރާއެއް ކުރުމެއްނެތި. ޤާނޫނުގައި އޮތްގޮތްވީމަ، އެ ބޭފުޅުން އެގޮތަށް ހެދީކަމަށް ވަނީ. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ، ތިޔަބޭފުޅުން ތިގޮތަށް ނިންމައި އިޢުލާނުކޮށްފައޭ ތިއޮތީ. އެހެންވީމާ، ދެން އަޅުގަނޑު
އެ ދުވަސް ބަންދުކުރާނަމޭ. ދެން މިގޮތަށް ނިންމާފައި އޮއްވައިވެސް، އަޅުގަނޑު ގަސްތުގައި ރައްޔިތުން ވޯޓުލިޔަނުދީ، މަދުކުރުވަންވެގެން، އާދީއްތަ ދުވަހަކަށް ހަދާފައޭ މިއޮތީ. އެ ދުވަސް ބަންދުކުރާކަށްވެސް ގަސްތެއް ނުކުރެޔޭ. މިހެން ދޮގުހެދުން ނޫން ކަމެއް، ދޮގު ހަދަން އެކަނި އިނގޭ މީހުން މިއީ ކުރާ ކަމަކީ.

އަޅުގަނޑަކީ ކަންކަމުގައި ދޮގުހަދާ މީހެއް ނޫން. އަޅުގަނޑަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މީހެއް. ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާ މީހެއް. އެއްވެސް ކަމެއްގައި އަޅުގަނޑަށް ޖަވާބު ނުދެވޭ ކަމެއް އަޅުގަނޑަކާ ކުރިމައްޗެއް ނުކުރެވޭނެ އެއްވެސް މީހަކަށް. އެއްވެސް ނޫސްވެރިޔަކަށްވެސް.

އެހެންވީމާ، ޓްރާންސްޕޭރަންޓް، ދެފުށް ފެންނަ ސަރުކާރެއް ހިންގާނަމޭ، އަޅުގަނޑު ދެންނެވިން. ޙަޤީޤީ މާނައިގައި ދެފުށް ފެންނަ ސަރުކާރެއް ހިންގަނީ. އެއްވެސް ކަމެއް ނޯންނާނެ ފޮރުވިފައެއް. ހުރިހާ ކަމެއް ސާފުކޮށް ކިޔައިދެމުން މިދަނީ. ރައްޔިތުން ބޭނުން ސުވާލެއް އަޅުގަނޑަށް ކުރަން ފުރުޞަތު ދީފައި މިއޮތީ. އަޅުގަނޑަކަށް މައްސަލައެއް ނޫން. ކޮންކަމެއްތޯ އަޅުގަނޑު ފޮރުވަން އޮންނާނީ؟ އެހެންވީމާ، ކަންކަން ޙަޤީޤަތަށް ރައްޔިތުންނަށް ކިޔައިދީ، ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ ވެރިކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނީ. އެގޮތަށް ކުރުމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ހަމަ އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ދުވާފަރުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށަށް މި އާދެވޭ ކޮންމެ ފަހަރަކު ހަމަ ވަރަށް ބޮޑު އުފަލެއް ލިބޭ. އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް އަވަހަށް ތިޔަބޭފުޅުންނާ ބައްދަލުވާނެ ކަމަށް އުންމީދު ކުރަން. އަދި މިފަދަ، އަދި މިއަށްވުރެވެސް އުފާވެރި މާޙައުލަކަށް ވާނެ ކަމަށްވެސް އުންމީދު ކުރަން. އަދިވެސް އެއްފަހަރު، ދުވާފަރުގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން، ހާސިލުކޮށްދެވިގެން ދިޔުން. އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް އަޅުގަނޑުމެން އެންމެން މި ބޭނުންވާ ގޮތަށް، އަޅުގަނޑުމެންނަށް ކަންކަން ފަހިކުރެވިގެން ދިޔުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.