ރަސްމާދޫ ތަރައްޤީއަށް އެރަށުގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރަސްމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އިނގުރައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމަށް ފްލެޓް ބޭނުންވާކަމާއި ކަރަންޓްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ފެން ހިންދާ ނިޒާމު ޤާއިމުކޮށް ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމަށާއި ރަށްގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ފެށުން ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ޓީމުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ