ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިލަދުންމަޑުލު ދެނުކުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ހުއްޓިފައި ހުރި މަޝްރޫޢުތައް އަވަހަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކެނދިކުޅުދޫގެ ފުއްޓަރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމާއި، ހައުސިންގ މަޝްރޫޢަކީ ރައްޔިތުންނަށް އެންމެ މުހިންމުވާ މަޝްރޫޢުތައް ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢާއި ޖޫނިއަރ ކޮލެޖުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށް 'ސްޕޯޓްސް ޓޫރިޒަމް' ކުރިއެރުވުމަށް ސަރުކާރުން، ކައުންސިލަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ކުނި ނައްތާލުމުގެ މަސައްކަތުގައިވެސް ސަރުކާރުން އެހީތެރިކަން ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް، މަސް ވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކައުންސިލުން ވަނީ 'އިކޯ-ޓޫރިޒަމް' ރަށުގައި ކުރިއަށްގެންދަވާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކެނދިކުޅުދޫ ކައުންސިލުން ފާހަގަކުރެއްވި ފަތުރުވެރިކަމުގެ ކަންކަން ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ތެރެއިން ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ކައުންސިލުން ފާހަގަކުރެއްވި އެހެން ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.