ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބިންހިއްކުމާއި، ހައުސިންގ އަދި ހޮސްޕިޓަލް މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ބޮޑު ކުނި ކޮށްޓެއް ބޭނުންވާކަމަށާއި، މާފަރަށް ހޮސްޕިޓަލެއް ބޭނުންވާކަމަށާއި، ދޯނި އެހެލާ ސަރަހައްދެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ރަށުގެ އެހެން މުވައްސަސާތަކުން ހުށަހެޅުއްވި ކަންކަމަށް އަލިއަޅުވާލައްވަމުން ކައުންސިލުން ވަނީ ސްކޫލު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރި ކަންބޮޑުވުން ކައުންސިލުން ހިއްސާކުރެއްވިއެވެ. އަދި އެއާޕޯޓްގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް ކައުސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކަނބަލުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.