ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މަގު ހެދުމަށް ބޭންވާކަމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބަނދަރު މަރާމާތުކޮށްދެއްވުމަށާއި، މޫދަށް އެރޭނެ ރަނގަޅު ސަރަހައްދަކާއި، އޮޑި އެހިލާނެ ސަރަހައްދެއް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސައިޓް މިއުޒިއަމްގެ މަސައްކަތް ކުރިއަށްގެންދެވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ ސަރުކާރާ ގުޅިގެން ރަށް ތަރައްޤީކުރުމަށް ބޭނުންވާކަމުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކި އެލަވެންސް ލިބުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.