ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު ރަށުގެ ރައްޔިތުން އެންމެ ބޭނުން ވެފައިވާކަމަކީ ބޯހިޔާވަހިކަން ލިބޭނެ ގޮތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ޒުވާނުނަށް ޚާއްޞަކޮށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ހެނބަދޫގެ އިހުތިސާސުގައި އޮތް ރަށުގައި އިންވެސްޓްކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އޭ.ޓީ.އެމްގެ ޚިދުމަތް ދިނުން އަވަސްކޮށްދެއްވުމަށާއި، ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރަތް އަވަހަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ނ އަތޮޅުގައި ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކައުންސިލަރުން ވަނީ ހެނބަދޫގެ އިހުތިސާސްގައިވާ ރަށް ތަރައްޤީކުރަން ބޭނުންވާގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހެނބަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.