ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ މުޅި އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ނ އަތޮޅު ޑިޖިޓަލް ގަވަރނެންސް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދެއްވުމަށާއި، ކުނި މެނޭޖްކުރުން ނުވަތަ އިސްރާފު މަދުކުރުމަށް ކައުންސިލުން ބޭނުންވާ ގޮތް ތަފްޞީލީ ގޮތެއްގައި ވިދާޅުވެދެއްވިއެވެ. އަދި ސަރުކާރުން ބިނާރުތައް ޤާއިމުކުރާއިރު ވީ އެންމެ ކުޑަ ޚަރަދަކުން މަރާމާތު ކުރެވޭނެ ގޮތްތައް ބަލައި އެކަން އެގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މާފަރު އާބަން ސެންޓަރެއް ގޮތުގައި ތަރައްޤީކުރުމަށް ބޭނުންވާ ކަމަށާއި، މާފަރަށް އިންޓަރނޭޝަނަލް ފަސެންޖަރ ލައިން ތަޢާރަފުކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، އަތޮޅު ފެރީ އޮޕަރޭޓްކުރުމަށް ބޭނުންވާކަންކަން ތަފްޞީލީ ގޮތެއްގައި ކައުންސިލުން ހިއްސާކުރެއްވިއެވެ. އަދި، ނ އަތޮޅުގައި ހުރި ރަށްތަށް ބޭނުންކުރަން ބޭނުންވާ ގޮތްތައްވެސް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.